Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ރާޢޫތު 2 - ކިތާބުލް މުޤައްދަސާ


ރާޢޫތު ބޫޢަޒްއާ ދިމާވުން

1 ނުޢުމީގެ ފިރި އަލީމާލިކުގެ ގާތް ތިމާގެ ބޫޢަޒު އޭ ނަމަކަށް ކިއުނު މީހަކު ވިއެވެ. މި ބޫޢަޒު އަކީ ވަރަށް މުއްސަނދި އަދި އެރަށުގެ ބަސްވިކޭމީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.

2 އެއްދުވަހަކު ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިދަނީ ގޮވާން އެއްކުރުމަށް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ނުނެގި އުކާލެވިފައި ހުންނަ ގޮވާން ހޮވުމުގެ ހުއްދަ ދޭނޭ ދަނޑުވެރިޔަކު ފެނޭތޯ.⁠“ ނުޢުމީ ބުންޏެވެ. ”⁠އެންމެ ރަނގަޅު. ދޭ، މަގޭ ދަރިފުޅާ.⁠“

3 ދެން ރާޢޫތު ގޮސް ބާކީ ގޮވާން އެއްކުރުމުގެ ގޮތުން ދަނޑެއްގައި މަސައްކަތް ފަށައިފިއެވެ. ކަންދިމާވި ގޮތުން ރާޢޫތަށް މި ދެވުނީ ބޫޢަޒްގެ ދަނަޑަކަށެވެ. ބޫޢަޒްއަކީ އަލީމާލިކުގެ ތިމާގެ މީހެކެވެ.

4 ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.

5 އެވަގުތު ބޫޢަޒުގެ މަސައްކަތްތެރިންގެ ވެރިޔަކަށް ހުރި މީހާއަށް ބުންޏެވެ. ”⁠އެހެރަ ޒުވާން އަންހެން ކުއްޖާއަކީ ކާކުތަ؟⁠“

6 އެމީހާ ބޫޢަޒުއަށް ބުންޏެވެ. ”⁠އެއީ ނުޢުމީއާއި އެކު މުއާބުން އައި ކުއްޖެއް.

7 އޭނާ މިތަނަށް އައިސް އެދުނީ މަސައްކަތު މީހުންނަށް ނުނެގިފައި ހުންނަ ގޮވާން ނެގުމުގެ ހުއްދައަކަށް. އެއަށް ފަހު އޭނާ ދިޔައީ ދަނޑުގައި މަސައްކަތް ކުރަމުން. އިރުއެރީއްސުރެން ފެށިގެން ހިނދުކޮޅަކަށް ހިޔަލަކަށް ވެސް ވަދެ ނުލާ. ތަނެއްގައި ފޫވެސް ޖައްސާނުލާ.⁠“

8 އެވަގުތު ބޫޢަޒު ރާޢޫތުގެ ގާތަށް ގޮސް ބުންޏެވެ. ”⁠ފަރުވާވެ އަޑުއަހާތި ދަރިފުޅާ! އެހެން މީހެއްގެ ދަނޑެއްގައި މަސައްކަތް ކުރަން ނުދާތި. މިދަނޑުގައި މަސައްކަތް ކުރާ އެހެން އަންހެން ކުދިން ގާތަށް ގޮސް އެމީހުންނާ އެކުގައި އުޅޭ.

9 އެކުދިން އުޅޭ ތަނެއް ބަލައި އެމީހުންގެ ފަސްފަހަތުގައި އުޅޭ. އަހަރެން މިތާގައި މަސައްކަތް ކުރާ ފިރިހެނުންނަށް ކަލެއަށް އެއްވެސް ކަހަލަ ގޯނާއެއް ނުކުރުމަށް އަންގައިފިން. ކަލޭ ކަރުހިއްކައިގެންފި ނަމަ އެމީހުންގެ ފެން ރުނބާތަކުން ފެން ބުއިމުގެ ހުއްދަ ވެސް ކަލެއަށް ދީފިން.⁠“

10 ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“

11 ބޫޢަޒު ޖަވާބުގައި ބުންޏެވެ. ”⁠ކަލޭގެ ފިރިމީހާ މަރުވީއްސުރެ ކަލޭގެ މައިދައިތާ އާއި ދޭތެރޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ އަހަރެން އެހީމު. ކަލޭގެ ބައްޕަ އާއި މަންމަ ދޫކޮށް އަދި އަމިއްލަ ރަށް ވެސް ދޫކޮށް ނުދަންނަ ބައެއްގެ ތެރެއަށް ދިރިއުޅެން މައިދައިތައާ އެކު އައީމު.

12 އިސްރާއީލުގެ ވެރި މާތްރަސްކަލާނގެ ކަލޭ ތިކުރި ހެޔޮކަންތަކުގެ ބަދަލު ކަލެއަށް ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަން. އަދި ކަލޭ އެކަލާނގެ ރަސްކަންފުޅުން ރައްކާތެރިކަމަށް އެދި އައީމު. ވީމާ އެކަލާނގެ ކަލެއަށް ހެޔޮކޮށް ކަންތައް ހިންމެވުމަށް އެދި ވެސް އަހަރެން ދުޢާ ކުރަން.⁠“

13 ރާޢޫތު ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.⁠“

14 އެދުވަހުގެ ކެއުމުގެ ވަގުތުގައި ބޫޢަޒު ރާޢޫތު އަށް ބުންޏެވެ. ”⁠މިތަނަށް އާދޭ. އައިސް ރާހުތްކޮޅެއް ޖަހައިގެން ޕާންކޮޅެއް ކައި.⁠“ ރާޢޫތު އެވަގުތު އެހެން ވެސް މަސައްކަތްތެރިންނާއި އެކު ކެއުމަށް އިށީނދެއްޖެއެވެ. ދެން ބޫޢަޒު ރާޢޫތުއަށް ހަނާކުރި ގޮވާން އަތްގޮއްޓެއް ފޯރުކޮށްލިއެވެ. އެދުވަހު ރާޢޫތު ކާނެ ވަރަކަށް ކައިފައި ބާކީވާހާ ވެސް ގިނަ ކާތަކެތި ލިބުނެވެ.

15 ކައި ނިމިގެން ރާޢޫތު އެނބުރި މަސައްކަތަށް ދިއުމުން ބޫޢަޒު އޭނާގެ މަސައްކަތްތެރިންނަށް ބުންޏެވެ. ”⁠މިތާ އެއްކޮށްފައި ހުންނަ ގޮވާމުގެ ފުންޏަކުން އޭނާ ގޮވާންކޮޅެއް ނެގި ކަމުގައި ވިޔަސް ކަލޭމެން އޭނާ ނުހުއްޓުވާތި!

16 އޭނާ އެއްކުރުމަށްޓަކައި ގޮވާން ބޮޑިތަކުން ބައެއް ގޮވާން ގޮފިތައް ދަނޑު މައްޗަށް އޮއްސާފައި ބަހައްޓަން ވެސް ހަނދާން ކުރާތި. އަދި އޭނާއަށް އެއްވެސް ކަހަލަ އުނދަގުލެއް ނުކުރުމަށް އަހަރެން ކަލޭމެންނަށް އަމުރު ކުރަން.⁠“

17 ރާޢޫތު އެދުވަހުގެ ހަވީރުގެ ވަގުތާއި ޖެހެންދެން ދަނޑުގައި މަސައްކަތް ކުރުމަށް އުޅުނެވެ. އަދި ހަވީރު ވުމުން އޭނާ އެއްކޮށްފައިހުރި ގޮވާން ސާފުކުރި އިރު ބޮޑު ބަސްތާއެއް ފުރޭ ވަރުވިއެވެ.

18 ރާޢޫތު މިގޮވާން ގެއަށް ގެންގޮސް އޭނާ މިއަދު ކުރި މަސައްކަތުން އެއްކުރިހާ ގޮވާން ނުޢުމީއަށް ދެއްކިއެވެ. އަދި މެންދުރުގެ ކެއުމުން ބާކީވި ކާތަކެތި ވެސް ނުޢުމީއަށް ދިނެވެ.

19 ނުޢުމީ މިތަންދެކެ ބުންޏެވެ. ”⁠ދަރިފުޅާ! މިއަދު ދަރިފުޅު މަސައްކަތް ކުރީ ކޮންތާކުތަ؟ އެއީ ކާކުގެ ދަނޑެއް ތަ؟ ކަލެއާއި ދޭތެރޭ ތިޔަހާ ހެޔޮކޮށް ހިތި މީހާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާށި.⁠“ ދެން ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިއަދު މަސައްކަތް ކުރީ ބޫޢަޒު އޭ ނަމަކަށް ކިއުނު މީހެއްގެ ދަނޑުގައި.⁠“

20 ”⁠މާތްރަސްކަލާނގެ ބޫޢަޒަށް ރަޙުމަތް ލައްވާށި!⁠“ ނުޢުމީ ބުންޏެވެ. ”⁠އެކަލާނގެއީ ދިރިތިބި މީހުންނަށާއި މަރުވެފައިވާ މީހުންނަށް އޯގާވަންތަ ކަލާނގެ. ބޫޢަޒު އަކީ އަހަރެންގެ ގާތް ތިމާގެ މީހެއް. އަދި އޭނާ އަކީ އަހަރެމެންނަށް ބަލަދުއަރާ މީހުންގެ ތެރެއިން ވެސް ހިމެނޭ އެކަކު.⁠“

21 ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަދި އަހަރެން އޭނާގެ މަސައްކަތުގައި އުޅުނު އެހެން މީހުނާއިއެކު އެމީހުން ގޮވާން ހޮވާ ނިމެންދެން މަސައްކަތް ކުރުމުގެ ހުއްދަ ވެސް ދިން.⁠“

22 ނުޢުމީ ރާޢޫތަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! އޭނާގެ މަސައްކަތުގައި އުޅޭ އެހެން އަންހެން ކުދިންނާއިއެކު ދަރިފުޅަށް މަސައްކަތް ކުރެވޭގޮތް ތިޔަވީ ވަރަށް ރަނގަޅަށް. އެއީ އެހެން މީހެއްގެ ދަނޑުގައި މަސައްކަތް ކުރަނިކޮށް ދަރިފުޅަށް ދިމާވާނީ ކޮންފަދަ މުސީބާތެއްކަން އެނގޭނީ ވެސް ކާކަށް.⁠“

23 އެދުވަހުން ފެށިގެން ރާޢޫތު ގޮވާން ހޮވުމުގެ މަސައްކަތުގައި އުޅޭއިރު އެތާނގައި މަސައްކަތުގައި އުޅޭ ބޫޢަޒުގެ އެހެން އަންހެން ކުދިންގެ ފަސްފަހަތުގައި އޭނާ އުޅެމުން ގެންދިޔައެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ދޮނަޅައާއި ގޮދަނުގެ މޫސުން ވެސް ނިމިއްޖެއެވެ. އެހުރިހާ ދުވަހަކު ރާޢޫތު އުޅެމުން ދިޔައީ އޭނާގެ މައިދައިތައާ އެކުގައެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ