Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 9 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު ފަސްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އުޑުން ތަރިއެއް ބިމަށް ވެއްޓެނިކޮށް އަހަރެން ދުށީމެވެ. އަދި ފޫނެތް ފުން ވަޅުގަނޑުގެ ތަޅުދަނޑި އެ ތަރީގެ އަތަށް ދެވިފައި ވިއެވެ.

2 އެ ތަރި އެ ފޫނެތް ފުން ވަޅުގަނޑުގެ ދޮރު ހުޅުވިއެވެ. އަދި އެ ފުން ވަޅު ވެސް ވަނީ ދުމުން ފުރިފައެވެ. ބޮޑު ދުންހޮޅިއަކުން ދުން ނުކުންނަ ފަދައިންނެވެ. އެ ފޫނެތް ފުން ވަޅުން ނުކުތް ދުމުން އިރުގެ އަލިކަމާއި އަދި ވައި ވަނީ ބަނަ ވެފައެވެ.

3 އެ ދުންތަކުން ގޮއްފުޅަނގިތައް ބޭރުވެ ދުނިޔެއަށް ފޭބިއެވެ. ނަގުލަންދާށިތައް ފަދައިން ކަށިޖެހުމުގެ ބާރު އެތަކެއްޗަށް ވެސް ލިބިދީފައި ވިއެވެ.

4 ދުނިޔޭގެ ބިމުގައިވާ ވިނަތަކަށް ގެއްލުން ނުދިނުމަށް ގޮއްފުޅަނގިތަކަށް ވަނީ އެންގިފައެވެ. ނުވަތަ ބޮޑެތި ގަސްތަކާއި އަދި އެހެނިހެން ވެސް ކުދި ގަސްތަކަށް ވެސް މެއެވެ. ގެއްލުން ދިނުމަށް އެތަކެއްޗަށް އެންގިފައި ވަނީ މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ޖެހިގެންނުވާ މީސްތަކުންނަށް އެކަންޏެވެ.

5 މި ގޮއްފުޅަނގިތަކަށް މިފަދަ މީސްތަކުންނަށް ފަސް މަސްދުވަސް ވަންދެން ނަގުލަންދާށި ކަށި ޖެހުމުން ލިބޭ ފަދަ ގަދަ ވޭން ދިނުމަށް ހުއްދަ ކުރެވިފައި ވިއެވެ. ނަމަވެސް އެބައިމީހުން މަރާލުމަށް އެތަކެއްޗަށް ހުއްދަ ކުރެވިފައި ނުވެއެވެ.

6 އެ ފަސްމަސް ދުވަހުގެ މުއްދަތުގައި އެބައިމީހުން މަރުވެ ދިޔުމަށް އެދޭނެއެވެ. ނަމަވެސް އެބައިމީހުންނަށް މަރުވުމުގެ ކުޅަދާނަކަމެއް ނުލިބޭނެއެވެ. އެބައިމީހުން މަރުވާނޭ ކަމުގައި އުންމީދު ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ ކައިރީން މަރު ފިލައި ދާނެއެވެ.

7 މި ގޮއްފުޅަނގިތައް ސިފަކުރެވެނީ ހަނގުރާމައަކަށް ތައްޔާރުވެ ތިބި އަސްތަކެއް ފަދައިންނެވެ. އެތަކެތީގެ ބޮލުގައި ރަން ތާޖުތަކެއް ފަދަ އެއްޗެހިތަކެއް އެޅިގެންވިއެވެ. އަދި އެތަކެތީގައި އިންސާނީ މޫނުތަކެއް ފަދައިން މޫނުތަކެއް ލެވިފައި ވިއެވެ.

8 އެތަކެތީގެ އިސްތަށިގަނޑު އަންހެނެއްގެ ބޮލުގެ އިސްތަށިގަނޑު ފަދައިން ދިގެވެ. އަދި އެތަކެތީގެ ދަތްތައް ސިންގާއެއްގެ ދަތްޕިލަ އާއި އެއްފަދައެވެ.

9 އެތަކެތީގެ މޭމަތީގައި ދަގަނޑު ދަހަނާ ފަދަ އެއްޗެއް އެޅިފައިވިއެވެ. އެތަކެތީގެ ފިޔަތަކުގެ އަޑު، ހަނގުރާމަ ގާޑިޔާތަކުގެ ގިނަ ޢަދަދެއްގެ އަސްތަކެއް ހެލިފެލިވެ ހަނގުރާމައަށް އަވަސްވެގެން އުޅޭއިރު އިވޭ އަޑު ފަދައެވެ.

10 އެތަކެތީގެ ނަގޫ ނަގުލަންދާށީގެ ކަށިފަދައިން ވިއެވެ. އަދި ފަސްމަސް ދުވަސްވަންދެން އެތަކެތީގެ ކަށިތައް މީހުންގެ ގަޔަށް ޖެހުމުގެ ބާރު ވަނީ އެތަކެއްޗައް ދެއްވާފައެވެ.

11 އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.

12 ފުރަތަމަ ބިރުވެރިކަން ނިމުނީއެވެ. މިއަށް ފަހު އަންނާނޭ ދެ ބިރުވެރިކަން ވެއެވެ.

13 އެއަށް ފަހު، ހަވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލިއެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި ހުރި ޤުރުބާން ހުށައަޅާ މުޤައްދަސް ރަން އަށީގެ ހަތަރު ކަނުން އަޑެއް އަހަރެންނަށް އިވުނެވެ.

14 އެ އަޑު ހަވަނަ މަލާއިކަތާއަށް ވިދާޅުވިއެވެ. ”⁠ބޮޑުވެގެންވާ ފުރާތު ކޯރުގައި ބަނދެވިފައި ތިބި ހަތަރު މަލާއިކަތުން ދޫކޮށްލާ!⁠“

15 އެހެންކަމުން އެއަހަރުގެ އެމަހުގެ އެދުވަހުގެ އެގަޑިއަށް ތައްޔާރު ކޮށްފައިވީ ހަތަރު މަލާއިކަތުން ދޫކޮށްލެވުނެވެ. އެ މަލާއިކަތުން މިނިވަން ކުރެވިގެންވީ އިންސާނީ ދަރިފަސްކޮޅުގެ ތިން ބައިކުޅަ އެއްބައި މަރާލުމަށްވެސް މެއެވެ.

16 އަހަރެންނަށް ބުނެދީފައިވާ ގޮތުން ދުއިސައްތަ މިލިއަން އަސްވާރުން އެތާނގައި ވިއެވެ.

17 އަހަރެންނަށް ފެނިގެންވި އިލްހާމްގައި އެ އަސްތަކާއި އަދި އޭގެ އަސްވާރުންގެ މޭމަތީގައި އެޅިފައިވާ ދަހަނާ އަނގުރު އަލިފާން ފަދައިން ރަތްކުލައާއި، ނީލަމް ފަދަ ނޫކުލައާއި، އަދި ކައްސަނދުވާނި ފަދަ ރީނދޫ ކުލައިގައި ވިއެވެ. އެއަސްތަކުގެ ބޯތައް ސިންގާއެއްގެ ބޯ ފަދައިން ވިއެވެ. އަދި އެ އަސްތަކުގެ އަނގައިން އަލިފާނާއި، ދުމާއި، ކައްސަނދުވާނި ނުކުތެވެ.

18 އިންސާނީ ޙަޔާތުގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައީ އެތިން މުސީބާތްތަކުންނެވެ. އެއީ އެއަސްތަކުގެ އަނގައިން ނުކުމެ ނުކުމެ ހުރި އަލިފާނާއި ދުމާއި އަދި ކައްސަނދުވާނިންނެވެ.

19 އެ އަސްތަކުގެ ބާރު އެ ތަކެތީގެ އަނގައިގައްޔާއި ނަގުލުގައި ވިއެވެ. އެ ތަކެތީގެ ނަގޫ ބޯހުރި ހަރުފަތަކެއް ފަދައިން ވިއެވެ. އަދި އެތަކެތި ބޭނުން ކުރެވެނީ މީސްތަކުންނަށް އަނިޔާ ދިނުމުގައެވެ.

20 މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.

21 އަދި މީހުން މެރުމުންނާއި ފަންޑިތަ ހެދުމުންނާއި، އެބައިމީހުންގެ ޖިންސީ ފާޙިޝްކަމާއި ނުވަތަ އެބައިމީހުން ވައްކަންކުރުން ނުމެ ހުއްޓިއެވެ. އަދި އެބައިމީހުން ތައުބާ ވުމަކަށް އެދިގެން ނުމެވިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ