Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 8 - ކިތާބުލް މުޤައްދަސާ


ހަތްވަނަ ސިލު

1 ޅަކަންބަޅި ހަތްވަނަ ސިލު ހުޅުވާލި ހިނދު ގާތްގަނޑަކަށް ބައިގަޑި އިރު ހަނުހިމޭންކޮށް ސުވަރުގެ އޮތެވެ.

2 އެއަށް ފަހު، މާތްރަސްކަލާނގެ ކުރިފުޅު މަތީގައި ހަތް މަލާއިކަތުން ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތުންނަށް ހަތް ތާޅަފިލި ލިބުނެވެ.

3 ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.

4 އެއަށް ފަހު، ހުވަނދު ދުންކިބާގައި ހުރި ދުންތައް މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާ އާއި އެކުގައި އެމަލާއިކަތާގެ އަތްތިލަމަތިން މައްޗަށް ގެންގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވިއެވެ.

5 އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.


ހަތް ތާޅަފިލި

6 އެއަށް ފަހު، ހަތް ތާޅަފިލި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރުވެ ވަޑައިގަތެވެ.

7 އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަދި އަލިފާން ލެއާއި އެކު މަސްހުނިވެ ނުހަނު ގިނައިން ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.

8 ދެވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އަލިފާން ހިފާފައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއް ކަނޑަށް އެއްލާލެވުނެވެ. ކަނޑުގެ ތިން ބައިކުޅަ އެއްބައި ލެއަށް ބަދަލުވެގެން ދިޔައެވެ.

9 ކަނޑުގައި އުޅުނު ދިރޭ ތަކެތީގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައެވެ. އަދި ކަނޑުމަތީ އުޅަނދުފަހަރުގެ ތިން ބައިކުޅަ އެއްބައި ހަލާކުވެ ދިޔައެވެ.

10 އެއަށް ފަހު، ތިންވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ދަންމަރެއް ފަދައިން އަނދަމުން ދިޔަ ބޮޑު ތަރިއެއް އުޑުން ވެއްޓުނެވެ. އަދި އޭގެ ތިން ބައިކުޅަ އެއްބައި ކޯރުގެ ތެރެއަށާއި ފެންއާރުތަކުގެ ތެރެއަށް ވެއްޓުނެވެ.

11 މި ތަރީގެ ނަމަކީ ”⁠ހިތިރަހަ⁠“ އެވެ. އެ ހިނދު ތިން ބައިކުޅަ އެއްބައި ފެން ހިތި ރަހަޔަށް ބަދަލުވެ ދިޔައެވެ. އަދި ހިތި ރަހަޔަށް ބަދަލުވެފައި ވުމުގެ ސަބަބުން އެ ފެން ބުއި ގިނަ ބަޔަކު މަރުވެ ދިޔައެވެ.

12 އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.

13 އެއަށް ފަހު، އަހަރެން މައްޗަށް ބަލާލީމެވެ. އަދި ބާޒެއް ވައިގެ ތެރޭގައި އުދުހެމުން ހަރުއަޑުން ގޮވަމުން ދިޔައެވެ. ”⁠ހުރި ހިތާމައިގެ ބޮޑުކަމާއޭ! ބިރުވެރިކަމޭ! ބިރުވެރިކަމޭ! މި ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއޭ! ދެން ތިއްބެވި ތިން މަލާއިކަތުން ވެސް އެ މަލާއިކަތުންގެ ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރު ވެއްޖެ!⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ