Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 3 - ކިތާބުލް މުޤައްދަސާ


ސަރުދީސްގެ މަސީޙީ ޖަމާޢަތަށް ދެއްވި ޚަބަރުފުޅު

1 ”⁠ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅާއި ހަތް ތަރި ހިފަހައްޓައިގެންވާ ފަރާތުން ދިން ޚަބަރެއް. ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. މީހުން ދަންނަގޮތުގައި ތިޔަބައިމީހުންނީ ދިރިތިބި ބައެއް. ނަމަވެސް ޙަޤީޤަތުގައި ތިޔަބައިމީހުން ތިޔަތިބީ މަރުވެފަ.

2 މިހާރު ހޭލާ! ތިޔަބައިމީހުންގެ ކިބައިގައި ތިވާ ކުޑަ އީމާންތެރިކަން ވެސް މަރުވުމުގެ ކުރިން އޭގައި ބާރުޖައްސާ! ތިޔަބައިމީހުން ފުރިހަމައަށް އަހަރެންގެ ކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ނުވާކަން އަހަރެންނަށް ވަނީ ފެނިފަ.

3 ތިޔަބައިމީހުންނަށް އުނގެނި ދަސްވި ތަކެއްޗާއި އަޑު އިވުނު ތަކެއްޗާއި މެދު ހަނދާން ކުރޭ. އަދި އެއަށް ކިޔަމަންތެރިވޭ. ތިޔަބައިމީހުންގެ ފާފަވެރިކަމުން އެއްކިބާވެ ތައުބާވޭ. މި ގޮތަށް ތިޔަބައިމީހުން އަމަލު ނުކުރާނަމަ ވަގެއް ފަދައިން އެނގުމަކާއިނުލައި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް ދާނަން.

4 ނަމަވެސް ސަރުދީސްގެ މަސީޙީ ޖަމާޢަތުގެ ތެރެއިން ވަރަށް މަދު ބަޔަކު އެބައިމީހުންގެ އަންނައުނު ތާހިރުކޮށް ބެހެއްޓި. އެބައިމީހުންނަށް ސާފު ހުދު ހެދުމުގައި އަހަރެންނާއި އެކުގައި ހިނގޭނެ. ސަބަބަކީ އެބައިމީހުން އެކަމަށް އެކަށީގެންވާކަމުން.

5 ނަސްރު ހޯދާ މީހުންނީ ވެސް އެބައިމީހުންނާއިއެކު ހުދު ހެދުމުގައި ވާނޭ ބައެއްމެ. އަދި އަހަރެން އެބައިމީހުންގެ ނަން ޙަޔާތުގެ ފޮތުން ފުހެ ނުލާނަން. އެބައިމީހުންގެ ނަން އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައްޔާއި އަދި އެކަލާނގެ މަލާއިކަތުންގެ ޙާޟިރުގައި އަހަރެން އިޢުލާނު ކުރާނަން.

6 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތަށް ދެއްވި ޚަބަރުފުޅު

7 ”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.

8 ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. އަހަރެން އެއްވެސް ފަރާތަކަށް ނުލެއްޕޭނޭ ދޮރެއް ތިޔަބައިމީހުންގެ ކުރިމަތީގައި ތިޔަވަނީ ހުޅުވާފައި. ތިޔަބައިމީހުންގެ ކިބައިގައި ވަނީ ވަރަށް ކުޑަ ބާރެއްކަން އަހަރެންނަށް އެނގޭ. ނަމަވެސް ތިޔަބައިމީހުން އަހަރެންގެ އުނގަންނައިދިނުންތަކަށް ކިޔަމަންތެރިވީން. އަދި އަހަރެންނާ މެދަކު ތިޔަބައިމީހުން އިންކާރެއް ނުކުރޭ.

9 ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.

10 އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.

11 އަހަރެން އަވަހަށް އަންނާނަން. ތިޔަބައިމީހުންނަށް ލިބިފައިވާ ތަކެތީގެ މަތީގައި ގާއިމުވެ ތިބޭ. އޭރުން، ތިޔަބައިމީހުންނަށް ލިބިފައިވާ ތާޖު އެކަކަށް ވެސް ވަގަކަށް ނުގެންދެވޭނެ.

12 ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.

13 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށް ދެއްވި ޚަބަރުފުޅު

14 ”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.

15 ތިޔަބައިމީހުން ކުރަމުން ގެންދާ ކަންތައްތައް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުންނީ ފިނި ނުވަތަ ހޫނު ބައެއް ނޫންކަން ވެސް އަހަރެން ދަންނަން. ތިޔަބައިމީހުން ހޫނު ނުވަތަ ފިނި ބަޔަކަށް ވުމަށް އަހަރެން އެދެން.

16 ނަމަވެސް ތިޔަބައިމީހުން ވަނީ ތާފަނާފެން ފަދައިން. ތިޔަބައިމީހުންނީ ހޫނު ނުވަތަ ފިނިބައެއް ވެސް ނޫންކަމުން އަހަރެން މިހިރީ އިސާހިތަކު އަހަރެންގެ އަނގައިން ކުޅުޖަހާ ތިޔަބައިމީހުން ނެރެން ތައްޔާރުވެފަ.

17 ތިޔަބައިމީހުން ބުނޭ. ’⁠އަހަރެމެންނީ މުއްސަނދި އަދި ތަނަވަސްވާނޭ ބައެއް. އަހަރެމެންނަކަށް އެއްވެސް ކަމަކަށް ބޭނުމެއް ނުވޭ.⁠‘ ނަމަވެސް ތިޔަބައިމީހުންނަށް ހުރި ހިތްދަތިކަމާއި، ނިކަމެތިކަމެތިކަމާއި، ފަގީރުކަމާއި، ލޯކަނުކަމާއި އަދި ތިޔަބައިމީހުން ތިބި ބަރަހަނާ މިންވަރު ތިޔަބައިމީހުންނަށް އެނގިގެން ނުވޭމެ.

18 އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.

19 އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.

20 ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.

21 ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.

22 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ