ހާމަކޮށްދެއްވުންތަކެއް 22 - ކިތާބުލް މުޤައްދަސާޙަޔާތުގެ ކޯރާއި އަދި ޙަޔާތުގެ ގަސް 1 ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ. 2 ހަމައެހެންމެ އެ ކޯރު ދެމެމުން ދިޔައީ ސަހަރުގެ މަގުގެ މެދުންނެވެ. އެ ކޯރުގެ ކޮންމެ އަރިމައްޗެއްގައި އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހެއް ވެއެވެ. އެ ގަހުގައި އަހަރަކު ބާރަފަހަރު މޭވާ އަޅައެވެ. އެހެނީ ކޮންމެ މަހަކު އެއްފަހަރުއެވެ. އަދި އެ ގަސްތަކުގެ ފަތްތަކުން ޤައުމުތަކުގެ ބަލި ހެޔޮ ވެދެއެވެ. 3 އެ ސަހަރުގެ މީސްތަކުން ވަނީ މާތްރަސްކަލާނގެ ލަޢުނަތް ލެއްވުމުން ނަޖާ ކުރެވިފައެވެ. އެ ސަހަރުގައި މާތްކަލާނގެ އާއި ޅަކަންބަޅި އެ ފަރާތްތަކުގެ ތަޚުތުކޮޅުގައި އިށީނދެވަޑައިގެން ތިއްބަވާނެއެވެ. އަދި މާތްކަލާނގެ ޚާދިމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ގެންދާނެއެވެ. 4 އެބައިމީހުންނަށް އެކަލާނގެ މޫނުފުޅު ފެންނާނެއެވެ. އަދި އެކަލާނގެ ނަންފުޅު އެބައިމީހުންގެ ނިތްކުރިތަކުގައި ލިޔެވިގެން ވާނެއެވެ. 5 އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ. އަލްމަސީޙު ވަޑައިގަތުން 6 އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.“ 7 އީސާގެފާނު ވިދާޅުވިއެވެ. ”ދެކިބަލަ! އަހަރެން އަވަސް ގޮތެއްގައި އަންނާނަން! މި ފޮތުގައި ހުރި ޣައިބުގެ ޚަބަރުފުޅުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވޭ!“ 8 އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. 9 ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި، އަދި ތިބާގެ އަޚުން ކަމުގައިވާ ނަބީންނާއި، އަދި މިފޮތުގައިވާ ބަސްފުޅުތަކަށް ކިޔަމަންތެރިވާ މީހުން ފަދަ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރާން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް!“ 10 އަދި އެ މަލާއިކަތާ އިތުރަށް ވިދާޅުވިއެވެ. ”މިފޮތުގައިވާ ވަޙީ ބަސްފުޅުތައް ވަންހަނާ ނުކުރާތި. ސަބަބަކީ މި ފޮތުގައި ބަޔާންވެގެންވާ އެންމެހާ ކަންތައްތައް ވުމުގެ ވަގުތު މިވަނީ ކައިރިވެފައި. 11 ނުބައި ޢަމަލުތަކުގައިވާ މީސްތަކުން ނުބައި އަމަލުތައް ކުރުން މަތީގައި ދެމި ތިބޭނެ. އަދި ފާޙިޝް ވިސްނުމުގައިވާ ފަރާތްތަކުން ފާޙިޝް އަމަލުތައް ކުރުމުގައި ވާނެ. އަދި ސާލިޙު ފަރާތްތަކުން ހެޔޮ އަމަލުތައް ކުރުމުގައި ވާނެ. އަދި ހަމައެހެންމެ މާތްކުރެވިގެންވާ ފަރާތްތައް އަބަދުވެސް މާތް ކުރެވިގެންވާނެ.“ އީސާގެފާނު ވަޑައިގެން މަސީޙީ ޖަމާޢަތްތައް އިމްތިޙާނު ކުރެއްވުން 12 އީސާގެފާނު ވިދާޅުވިއެވެ. ”ދެކިބަލަ! އަވަސް ގޮތެއްގައި އަހަރެން އަންނާނަން! އަހަރެން އަންނާނީ އަހަރެންގެ ޖަޒާ ހިފައިގެންނެވެ. އަހަރެން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކު ކުރި އަމަލަކަށް ލިބެން ޙައްޤުވާ ޖަޒާ އެމީހަކަށް ދެއްވާނަން! 13 އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ. ހަމައެހެންމެ، ފެށުމާއި ނިމުން ވެސްމެ.“ 14 މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ. 15 ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ. 16 ”އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.“ 17 މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”އާދޭ!“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”އާދޭ!“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ! ނިންމުން 18 އަހަރެން، ޔޫޙަންނާ މިފޮތުގައިވާ އެންމެހާ ޣައިބުގެ ޚަބަރުފުޅުތައް އަޑުއެހި ހުރިހާ އެންމެންނަށް އިންޒާރު ކުރަމެވެ. މި ތަކެއްޗަށް ތިޔަބައިމީހުން އެއްވެސް އެއްޗެއް އިތުރުކޮށްފި ކަމުގައިވާނަމަ މި ފޮތުގައި ބަޔާންކުރެވިގެންވާ ނުބައި މުސީބާތްތައް އެ ފަރާތަކަށް މާތްރަސްކަލާނގެ އިތުރު ކުރައްވާނެއެވެ. 19 މި ޣައިބުގެ ވަޙީ ބަސްފުޅުތަކުން އެންމެ ބަހެއް އުނިކުރި ފަރާތަކަށް ވެސް މި ފޮތުގައި ބަޔާން ކޮށްފައިވާ މުޤައްދަސް ސަހަރާގައި ވާ އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހުން އެފަރާތަކަށް ލިބިދޭ ޙިއްސާ މާތްރަސްކަލާނގެ ނަންގަވާނެއެވެ. 20 މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ! 21 މާތްސާހިބާ އީސާގެފާނުގެ ނިޢުމަތްފުޅު ތިޔައެންމެނާއެކުގައި ވާށިއެވެ. އާމީން! |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.