Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 20 - ކިތާބުލް މުޤައްދަސާ


ޝައިތާނާ ބަނދެވިގެންވީ އެއްހާސް އަހަރު

1 އެއަށް ފަހު، މަލާއިކަތަކު ފޫނެތް ފުން ވަޅުގަނޑުގެ ތަޅުދަނޑިއާއި އަދި ބުރަދަން ހުރި ހިލިހިލާ ފައްޗެއް ހިފައިގެން އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ.

2 އެ މަލާއިކަތާ އެ ޑްރޭގަން އަތުލައިގަނެ އެއްހާސް އަހަރުވަންދެން ހިލިހިލާ ޖެހިއެވެ. އެ ޑްރޭގަނަކީ އެންމެ ގަދީމީ ހަރުފަވެސްމެއެވެ. އެއީ އިބިލީސް އަދި ޝައިތާނާގެ ނަމުން މުޚާތަބު ކުރެވޭ ފަރާތް ވެސްމެއެވެ.

3 އެ މަލާއިކަތާ ފޫނެތް ފުން ވަޅުގަނޑުގެ ތެރެއަށް ޑްރޭގަން އެއްލައިލިއެވެ. އަދި ތަޅުލައި ސިލު ޖެއްސިއެވެ. ވީމާ، އެއްހާސް އަހަރު ނިމުމަށް ދާންދެން އެ ޑްރޭގަނަށް ދެން އިތުރަށް ޤައުމުތައް މޮޔައެއް ނުހެއްދޭނެއެވެ. ނަމަވެސް އެއަށް ފަހު، ކުޑަ ދުވަސްކޮޅަކަށް އޭތި މިނިވަން ވާން ޖެހެއެވެ.

4 އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.

5-6 މިބައިމީހުންނީ މަރުވުމަށް ފަހު ފުރަތަމައަށް އަލުން ދިރިގެން އަންނަ މީސްތަކުންނެވެ. އަދި އެބައިމީހުންނީ ޚާއްސަ ގޮތެއްގައި ބަރަކާތްތެރި ކުރެވިގެންވާ ބައެކެވެ. އެބައިމީހުންގެ މައްޗަށް ދެވަނަ ފަހަރަށް މަރަކަށް ބާރެއް ނުފޯރުވޭނެއެވެ. އެބައިމީހުންނީ މާތްރަސްކަލާނގެ އާއި އަލްމަސީޙުގެ އިމާމުންނެވެ. އަދި އެބައިމީހުން މާތްރަސްކަލާނގެ އާއި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވެރިކަން ކުރައްވާނެއެވެ. ދެން މަރުވެފައި ތިބި އެހެން މީހުން އެ އެއްހާސް އަހަރު ނިމުމުގެ ކުރިޔަކުން އަލުން ދިރިގެންނެއް ނާންނާނެއެވެ.


ޝައިތާނާ މިނިވަންވެ، ހަލާކު ގެތެރެއަށް ވެއްޓުން

7 އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.

8 އަދި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތައް އޭނާގެ ކެހިވެރި ކަމުގައި ޖައްސުވަމުން އޭނާ ގެންދާނެއެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ އަހުލުވެރިން ވެސް މެއެވެ. ޝައިތާނާ އެ ހުރިހާ އެންމެން ހަނގުރާމައަށް ގެންނާނެއެވެ. އެބައިމީހުންގެ އަދަދު ގޮނޑުދޮށުގައި ހުރި ވެލިފަދައިން ގިނަވެގެންވާނެއެވެ.

9 އެބައިމީހުން މުޅި ދުނިޔޭގެ ތެރެއަށް ފެތުރިގެން ދާނެއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ވަށައިގެންނާއި އެކަލާނގެ ލޯބިވެ ވޮޑިގެންވާ ސަހަރުގެ ވަށައިގެން މިބައިމީހުން ތިބޭނެއެވެ. ނަމަވެސް އުޑުން އަލިފާން ބިމަށް ފޮނުއްވައި އެބައިމީހުންގެ ލަޝްކަރު ނެތިކުރައްވާނެއެވެ.

10 އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


ދުނިޔޭގެ މީސްތަކުންގެ މައްޗަށް އިންސާފު ކުރެވުން

11 އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.

12 އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ.

13 އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ.

14 އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.)

15 ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ