Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 18 - ކިތާބުލް މުޤައްދަސާ


ބާބިލް ހަލާކުވެ ދިއުން

1 މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ.

2 އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ. ”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ! އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި. ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.

3 އެހެނީ ހުރިހާ ޤައުމުތަކެއް ވަނީ އެއަންހެނާގެ ރާ ބޮއި މަސްތުވެފައި. އެއަންހެނާގެ ފާހިޝް ބާރުގަދަ ރަލުގެ ބުއިންތައް ބޮއިފައި. ދުނިޔޭގެ ރަސްރަސްކަލުން އެއަންހެނާއާއެކު ވަނީ ޒިނޭގެ ގުޅުން ހިންގާފައި. އެއަންހެނާގެ ނިމުމެއްނުވާ ލައްޒަތުން ދުނިޔޭގެ ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި.⁠“

4 ދެން އަހަރެންނަށް އުޑުން އެހެން އަޑެއް އިވުނު. ”⁠އަހަރެންގެ މީހުންނޭ، އާދޭ! އެއަންހެނާ ދޫކޮށް އެތަނުން ނުކުމޭ! އޭނާ ކުރާ ފާފައިގެ ތެރޭގައި ތިޔަބައިމީހުން ބައިވެރި ނުވާތި! އޭރުން އޭނާއަށް ލިބޭ އަޒާބު ތިޔަބައިމީހުންނަށް ނުލިބޭނެ!

5 އެހެނީ އޭނާގެ ފާފަތައް އެވަނީ މަތިމައްޗަށް އަރައި އުޑާހަމަޔަށް އުފުލިފައި. އޭނާ އުޅެމުން ދިޔަ ފާހިޝް އުޅުންތައް މާތްކަލާނގެ ހަނދުމަފުޅު އެބަހުރި.

6 ތިޔަބައިމީހުންނާ މެދު އޭނާ ކަންތައް ކުރިގޮތަށް ތިޔަބައިމީހުން ވެސް އޭނާއާ މެދު ކަންތައް ކުރޭ! އޭނާ ކުރި ކަންތަކަށް ދެގުނައަށް އަގު އަދާކުރޭ! އޭނާ ތިޔަބައިމީހުންނަށް އަޅައިދިން ތަށީގެ ރާތަކަށް ވުރެން ދެގުނައަށް ބާރުގަދަކޮށް އޭނާގެ ތައްޓަށް ރާ އަޅައިދީ!

7 އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’⁠އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!⁠‘

8 މިސަބަބަށްޓަކައި އެއްދުވަހަކުން އޭނާގެ މައްޗަށް މުސީބާތްތައް ފޮނުއްވޭނެ. ބަލިމަޑުކަމާއި ހިތާމައާއި ބަނޑުހައިހޫނުކަން ފޮނުއްވޭނެ. އަދި އޭނާ އަލިފާނުގައި އަންދާލެވޭނެ. އެހެނީ އޭނާގެ މައްޗަށް އިންސާފު ކުރައްވާ ސާހިބުވަންތަ ކަލާނގެ އަކީ ބާރުފުޅު ގަދަ ކަލެއް.⁠“

9 އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.

10 އެބައިމީހުން ދުރުގައި ވާނެއެވެ. އެއީ އޭނާގެ ވޭންތަކުގައި ޙިއްސާކުރުމަށް އެބައިމީހުން ބިރުވެތިވެގެން ވާތީއެވެ. އެބައިމީހުން ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ހުރި ނުތަނަވަސްކަމާއޭ! އޭ މަތިވެރި ސަހަރު ބާބިލޭ! އެންމެ ގަޑިއެއްގެ ތެރޭގައި ތިޔަ ސަހަރަށް ޢުޤޫބާތް ލިބިދިނީއޭ!⁠“

11 ދުނިޔޭގެ މުއްސަނދި ސައުދާގަރުން ވެސް އެސަހަރަށްޓަކައި ރޮއި ހިތްދަތިވެ އުޅޭނެއެވެ. ސަބަބަކީ މިހާރު އެބައިމީހުންގެ މުދާ އެއްވެސް މީހަކު ނުގަންނާތީއެވެ.

12 އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ.

13 އަދި ފޮނިތޮއްޓާއި، ހަވާދާއި، ހުވަނދާއި، ދުންއަޅާނޭ ހުވަނދާއި، މީރުވަސްދުވާ ތަކެއްޗާއި، މޭބިސްކަދުރުގެ ރަލާއި، އަދި ތެލާއި، ފުށާއި، ގޮދަނާއި، ކަންބަޅިއާއި، ގެރިއާއި، އަހާއި، އަސްގާޑިޔަލާއި، އަޅުންގެ ގޮތުގައި ވިއްކާ އިންސާނުންނާއި މިއިން އެއްވެސް އެއްޗެއް މީހަކު ނުގަންނާތީއެވެ.

14 ސައުދާގަރުން އެ ސަހަރަށް ބުނާނެއެވެ. ”⁠ތިބާގެ އަތުގައިވާ އެދެވިގެންވާ އެންމެހާ ތަކެތި ވަނީ ނެތި ގޮސްފަ. އަދި ތިބާގެ ލައްޒަތާއި އުޖާލާކަން ވަނީ ނެތިގޮސްފަ. އަދި ކުރިއަށް އޮތްތަނުގައި ތިބާއަށް އެތަކެތި އިތުރަށް ލިބިގެން ވެސް ނުވާނެމެ!⁠“

15 އެ ސަހަރުގައި ވިޔަފާރިކުރި ސައުދާގަރުން މުއްސަނދިވެ ދިޔައެވެ. އެމީހުން ތިބޭނީ މާ ދުރުގައެވެ. އެހެނީ އެސަހަރުގެ ވޭންތަކުގައި ޙިއްސާ ނުކުރެވިގެންނެވެ. އެބައިމީހުން ހިތްދަތިވެ ރޯނެއެވެ.

16 އަދި ބުނާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެސަހަރަށް ކުރިމަތިވި ނުތަނަވަސްކަމާއެ! އެ ސަހަރު ލައިއުޅުނީ މޮޅު ލިނެން ފޮތީގެ ދަނބުކުލައާއި ރަތްކުލައިގެ ފޭރާންމެ. އަދި ރަނުގެ ޒޭވަރުތަކުންނާއި، އަގުބޮޑު ޖަވާހިރުތަކުންނާއި މުތްތައް ފަދަ ތަކެތިން އެ ސަހަރު ޒީނަތްތެރި ކުރެވިފައިވި.

17 ނަމަވެސް އެ ސަހަރަށް ލިބިގެންވާ ތަނަވަސްކަން ހަމަ އެއްމެ ގަޑިއެއްގެ ތެރޭގައި ގެއްލިގެން ދިޔަ.⁠“ އެންމެހައި އާގުބޯޓު ފަހަރުގެ ކައްޕިތާނުންނާއި، ފަޅުވެރިންނާއި، ކަލާސީނުންނާއި، އެނޫންވެސް އެސަހަރުގެ ކަނޑުގެ މުއްސަނދިކަމުން ފައިދާ ނެގި މީހުން ވެސް ތިބޭނީ އެސަހަރާއި ދުރުގައެވެ.

18 އެސަހަރު އަނދައިގެން ދާހިނދު އަރަމުން ދާ ދުންތައް އެބައިމީހުންނަށް ފެނުމުން އެބައިމީހުން ހަރުއަޑުން ގޮވަމުން ދާނެއެވެ. ”⁠މިފަދަ މަތިވެރި އިތުރު ސަހަރެއް ނުވޭ!⁠“

19 އެބައިމީހުންގެ އަމިއްލަ ބޮލަށް ވެލި އުކަމުން ދާނެއެވެ. އަދި އެބައިމީހުން ހިތާމަކޮށް ރޮމުން މިފަދައިން ގޮވަމުން ދާނެއެވެ. ”⁠ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! މި މަތިވެރި ސަހަރަށް ހުރި ނުތަނަވަސްކަމުގެ ދެރަކަމާއޭ! މި ސަހަރަކީ އެންމެހާ ކަނޑު އުޅަނދުފަހަރުތަކުގެ ވެރިންނަށް އެއަންހެނާގެ މުއްސަނދިކަމުގެ ސަބަބުން މުއްސަނދި ކަން ގެނެސްދިން ސަހަރެއް! އަދި އެއްމެ ގަޑިއެއްގެ ތެރޭގައި އެ ހުރިހާ މުއްސަނދިކަމެއް ގެއްލިއްޖެ!⁠“

20 ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!

21 އެއަށް ފަހު، ވަރުގަދަ މަލާއިކަތަކު ބޮޑު ހިލައެއް ނަގައި މިފަދައިން ވިދާޅުވެ ކަނޑަށް އެއްލާލެއްވިއެވެ. ”⁠ހަމަ މިފަދަ ބާރަކާއެކު ކުއްލިއަކަށް މިމަތިވެރި ސަހަރު އެއްލާލެވޭނެ. އިތުރަށް ދެން މިސަހަރު ނުފެންނާނެ.

22 ލަވަ ކިޔުންތެރިންނާއި ހާޕްގެ މިއުޒިކާއި، ފުންމާއޮނާއި، ތާޅަފިލީގެ އަޑު މި ސަހަރުގެ މީހުން އިތުރަށް އަޑެއް ނާހާނެ. އެއްވެސް ގޮތަކުން ވިޔަފާރި ކުރާނޭ އަދި އެހެން ވެސް މަސައްކަތެއް ކުރާނޭ މީހަކު އެތަނުން ދެން ނުފެންނާނެ. އަދި ގޮދަން ކަނޑާ ބޮޑެތި ހިލަދައިތަކުގެ އަޑު އިތުރަށް ނީވޭނެ!

23 އިތުރަށް ބައްތީގެ އަލިކަމެއް އެތަނުން ލިބިގެން ނުވާނެ. އިތުރަށް އަލަތު ކައިވެނީގެ އަނބިންނާއި އަދި ފިރިންގެ އަޑު އެތަނަކުން ނީވޭނެ. އެއީ މި ސަހަރުގެ ސައުދާގަރުންނީ މުޅި ދުނިޔޭގެ އެންމެ ބާރުވެރި ފަރާތްތައް ވެސްމެ. އަދި މިސަހަރު އޭގެ ދޮގު ސިހުރުތަކުގެ މަޅީގައި ދުނިޔޭގެ މީސްތަކުން ޖެއްސި ވެސްމެ!

24 ބާބިލަށް މިޢުޤޫބާތް ދެއްވާ ސަބަބަކީ ނަބީބޭކަލުންގެ ލޭފޮދާއި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ލޭ ފޮދު މި ސަހަރުން ފެނިގެން ވުމުން. އާއެކެވެ. މުޅި ދުނިޔޭގައި ގަތުލުކުރެވުނު އެފަދަ މީހުންގެ ލޭފޮދު މި ސަހަރުން ފެނުމުންމެ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ