Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 15 - ކިތާބުލް މުޤައްދަސާ


އެންމެފަހުން ފޮނުއްވާނެ އާފާތްތަކާއި އެކުގައި މަލާއިކަތް ބޭކަލުން

1 އެއަށް ފަހު، އުޑުން އަލާމާތެއް އަހަރެން ދުށީމެވެ. އެއީ މަތިވެރި އަދި ޙައިރާން ކުރުވަނިވި ކަމެކެވެ. ހަތް މަލާއިކަތުން އެކަލާނގެ އެންމެފަހުން ފޮނުއްވާނޭ ހަތް މުސީބާތް ހިފަހައްޓަވައިގެން ތިއްބެވިއެވެ. ސަބަބަކީ އެއީ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވުމުގެ އެންމެ ފަހުގެ ތަސައްވުރު ވެސް މެއެވެ.

2 އެއަށް ފަހު، ސާފު ބިއްލޫރީގެ ކަނޑެއް ހެން ހީވާ ކަހަލަ އެއްޗެއް އަލިފާނާ އެކުވެފައިވާތަން އަހަރެން ދުށީމެވެ. އަދި ކަނޑު ދާއްބައާއި އޭތީގެ ސޫރައާއި ނަމްބަރުގެ މައްޗަށް ކާމިޔާބު ހޯދި ފަރާތްތައް އެ ފަރާތްތަކަށް މާތްކަލާނގެ ދެއްވި ހާޕްތައް ހިފައިގެން ކަނޑުގެ ކައިރީގައި ކޮއްޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ.

3 އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.

4 ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.⁠“

5 މިއަށް ފަހު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުގެ މުޤައްދަސް ފޭލިގެކޮޅު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ.

6 ހަތް އާފާތްތައް ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން މާތްކަލާނގެ ގެކޮޅުން ބޭރަށް ނުކުމެ ވަޑައިގަތެވެ. އެ މަލާއިކަތުން ތުރުކުރައްވައިގެން ތިއްބެވި ސާފު ލިނެން ފޮތީގެ ފޭރާން ކޮޅުތައް ބަބުޅަމުން ދިޔައެވެ. އެ މަލާއިކަތުންގެ މޭމަތިފުޅުގެ ވަށައިގެން ރަން ބާސްކީލިތަކެއް އެޅުވިގެން ވިއެވެ.

7 އެއަށް ފަހު، ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގަކު އެ ހަތް މަލާއިކަތުންގެ ތެރެއިން ކޮންމެ މަލާއިކަތަކަށް ރަނުގެ ބޯތައްޓެއް ދެއްވިއެވެ. މި ބޯތަށިތައް ފުރިފައި ވަނީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ކޯފާތަކުންނެވެ.

8 އިސާހިތަކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުންނާއި އެކަލާނގެ ބާރުފުޅުން ފޮނުއްވި ދުންތަކުން އެ ގެކޮޅު ފުރިގެން ވިއެވެ. މާތްރަސްކަލާނގެ އެ ހަތް މަލާއިކަތުންގެ އަތްޕުޅުގައި ވީ ހަތް މުސީބާތް ފޮނުއްވައި ނިމެންދެން އެއްވެސް މީހަކަށް މާތްކަލާނގެ ގެކޮޅުގެ ތެރެއަށް ނުވަދެވުނެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ