Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ހާމަކޮށްދެއްވުންތަކެއް 13 - ކިތާބުލް މުޤައްދަސާ


ދެ ދާއްބަ

1 އެއަށް ފަހު، ކަނޑުން ދާއްބައެއް އަރައިގެން އަންނަނިކޮށް އަހަރެން ދުށީމެވެ. އެދާއްބާގައި ހަތް ބޮލާއި ދިހަ ދަޅު ވިއެވެ. އޭގެ ކޮންމެ ދަޅެއްގައި ތާޖެއް ވިއެވެ. އަދި އޭގެ ކޮންމެ ބޮލެއްގައި ކުފުރު ނަމެއް ލިޔެވިފައިވިއެވެ.

2 މި ކަނޑު ދާއްބަ އެންމެ ވައްތަރުވަނީ ލައްޖެހި މިނިކާވަގަކާ އެވެ. އޭގެ ފައި ސާރިދޯޅެއްގެ ފައި ފަދައިންވިއެވެ. އަދި އޭގެ އަނގަ ސިންގާއެއްގެ އަނގަ ފަދައިންވިއެވެ. ޑްރޭގަނަށް ލިބިގެންވީ ބާރާއި، ތަޚުތާއި، އަދި ލިބިގެންވީ ގަދަ އަމުރުވެރިކަން މި ކަނޑު ދާއްބައަށް ދިނެވެ.

3 ކަނޑު ދާއްބައިގެ ބޯތަކުން އެއް ބޯ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެ މަރުވެފައިވާ ފަދައިންނެވެ. ނަމަވެސް އެ ޒަޚަމް ފަސޭހަ ވިއެވެ. މުޅި ދުނިޔެ އެކަމާއިމެދު އަޖާއިބުވެ ހައިރާންވިއެވެ. އަދި އެމީހުން އެ ކަނޑު ދާއްބައަށް ތަބާވިއެވެ.

4 ހުރިހާ އެންމެން ޑްރޭގަނަށް އަޅުކަން ކުރިއެވެ. ސަބަބަކީ އޭއްޗަށް ލިބިގެންވާ އަމުރުވެރިކަން ކަނޑު ދާއްބައަށް ދިނުމުންނެވެ. މީސްތަކުން ކަނޑު ދާއްބައަށް ވެސް މިފަދައިން ބުނެ އަޅުކަން ކުރިއެވެ. ”⁠ކަނޑު ދާއްބަ ވައްތަރުވަނީ ކޮން އެއްޗަކާހެއްޔެވެ؟ އެ އެއްޗާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނީ ކާކަށް ހެއްޔެވެ؟⁠“

5 މާތްރަސްކަލާނގެއަށް ކުފުރުބަސް ރައްދުކޮށް ފޮނިކެނޑުމަށް މި ކަނޑު ދާއްބައަށް ވަނީ ހުއްދަ ދެއްވާފައެވެ. އަދި އޭއްޗަށް ސާޅީސް ދެ މަސްދުވަސް ވަންދެން މި ބާރު ދެއްވާފައި ވިއެވެ.

6 އޭތީގެ އަނގަ ހުޅުވައި މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރު ބަސްތައް ބުނުމަށާއި، އެކަލާނގެ ނަންފުޅަށާއި، އެކަލާނގެ ވޮޑިގެންވާ ތަނަށާއި، އަދި ސުވަރުގޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ނުބައި ބަސްތައް ބުނުމަށެވެ.

7 މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭއްޗަށް ބާރު ލިބުނެވެ. އަދި އެބައިމީހުންގެ މައްޗަށް ފަތަޙަ ހޯއްދުމަށް ވެސް މެއެވެ. އަދި އެންމެހާ ގަބީލާތަކަށާއި، ނަސްލުތަކަށާއި، ބަހުރުވަތަކަށާއި، ޤައުމުތަކަށް އެފަދައިން އަމަލު ކުރުމަށްޓަކައި ވެސް އެ އެއްޗަށް ބާރު ލިބިގެން ވިއެވެ.

8 ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންގެ ތެރެއިން ދުނިޔެ ޚަލްޤު ކުރެއްވުމުގެ ކުރިން ޤަތުލުކުރެވިފައިވާ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެން ނުވާ ހުރިހާ ފަރާތްތަކެއް މި ކަނޑު ދާއްބައަށް އަޅުކަން ކުރާނެއެވެ.

9 ”⁠ކަންފަތް ހުރި މީހަކު ވާނަމަ މި ވާހަކަތައް އަޑުއަހާ!

10 އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“

11 އެއަށް ފަހު، އެހެން ދާއްބައެއް ބިމުން ނުކުތްތަން އަހަރެން ދުށީމެވެ. ޅަކަންބަޅިއެއް ފަދައިން އޭގައި ދެ ދަޅުވިއެވެ. ނަމަވެސް އޭތި ވާހަކަ ދައްކަނީ ޑްރޭގަނަކު ވާހަކަ ދައްކާ ފަދައިންނެވެ.

12 މި ބިމު ދާއްބަ ކަނޑު ދާއްބައަށް ލިބިގެންވާ ހުރިހާ ބާރެއް ކަނޑުދާއްބައަށްޓަކއި ބޭނުންކުރިއެވެ. ދުނިޔޭގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެން އެ ފަސޭހަނުވާފަދަ ޒަޚަމް ރަނގަޅުވެފައިވާ ކަނޑު ދާއްބައަށް އަޅުކަން ކުރުމަށް ބިމު ދާއްބަ މަޖުބޫރު ކުރިއެވެ.

13 އަދި ބިމު ދާއްބަ ވަރަށް ގަދަ މުޢުޖިޒާތްތައް ދައްކަމުން ގެންދިޔައެވެ. އޭތި ދުނިޔޭގައި ތިބި މީސްތަކުންގެ ކުރިމަތީގައި އުޑުން އަލިފާން ބިމަށް ފޮނުވިއެވެ.

14 ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.

15 ކަނޑު ދާއްބައިގެ ސޫރައަށް ދިރުން ދިނުމުގެ ބާރު ބިމު ދާއްބައަށް ލިބިދީފައި ވިއެވެ. އެއީ އެކަނޑު ދާއްބައިގެ ސޫރައަށް ވެސް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ދިނުމަށެވެ. އަދި އެ ސޫރަ އެއަށް އަޅުކަން ނުކުރި ހުރިހާ އެންމެން ގަތުލުކޮށްފާނެތީއެވެ.

16 އަދި ބިމު ދާއްބަ ހުރިހާ އެންމެންނަށް، އޭގެ ތެރޭގައި ދަށްމީހުންނާއި، މަތިވެރިފަރާތްތަކާއި، މުއްސަނދިންނާއި، ފަޤީރުންނާއި، މިނިވަނުންނާއި، އަދި އަޅުންގެ ކަނާއަތުގައި ނުވަތަ ނިތްކުރީގައި ފާހަގަ ޖެހުމަށް މީސްތަކުންނަށް މަޖުބޫރު ކުރިއެވެ.

17 އެއްވެސް މީހަކަށް ކަނޑު ދާއްބައިގެ ފާހަގަ ނުޖަހައި ގަނެވިއްކުމުގެ ހުއްދައެއް ނުވެއެވެ. މިފާހަގަ އަކީ އެދާއްބައިގެ ނަން ނުވަތަ އޭތީގެ ނަމުގެ ނަމްބަރެވެ.

18 އެ ދާއްބައިގެ ނަމްބަރު އުނގެނިގަތުމަށް އެދޭނަމަ ޙިކުމަތްތެރިކަން ބޭނުންވެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ވިސްނުން ތޫނު ކަމުގައި ވާނަމަ މި އަދަދު ބަލައި ހެދޭނެއެވެ. އަދި މި އަދަދު އެތުރިފައި ވަނީ އިންސާނެއްގެ ނަމަށް ނިސްބަތް ކޮށެވެ. އޭނާގެ ނަމްބަރަކީ 666 އެކެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ