ހާމަކޮށްދެއްވުންތަކެއް 11 - ކިތާބުލް މުޤައްދަސާދެ ހެކިވެރިން 1 އެއަށް ފަހު، އަހަރެންގެ އަތަށް މިންއަޅާނޭ ދަނޑިއެއް ދިނުމަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”ބައިތުލް މަޤްދިސްގައްޔާއި ޤުރުބާން ހުށަހެޅުމަށް ހުންނަ ޚާއްސަ އަށީގެ ވެސް މިން ނަގާ. އަދި ބައިތުލް މަޤްދިސްގައި އަޅުކަން ކުރަން ތިބި މީހުންގެ އަދަދު ވެސް ގުނާ. 2 ނަމަވެސް ބައިތުލް މަޤްދިސްގެ ބޭރުގައި ހުރި ގޯތީގެ މިން ނަގާނެކަމެއް ނެތް. އެ ގޯތި އެ އޮތް ގޮތަށް ދޫކޮށްލާ. ސަބަބަކީ އެތަނަކީ ޣައިރު ބަނީއިސްރާއީލުންނަށް ދެވިފައިވާ ތަނެއްމެ. އަދި އެބައިމީހުން ޤުދުސީ ސަހަރު ފުނޑުފުނޑުކޮށްލައި އެ ސަހަރުގެ މައްޗަށް އެބައިމީހުންގެ ބާރު ސާޅީސް ދެ މަސްދުވަސް ވަންދެން ހިންގާނެ. 3 އަދި އެ ދެ ހެކިވެރިން ހިތާމައިގެ ސުތުލިފޮތީގެ ހެދުމުގައި އަހަރެން ފޮނުވާނަން. އެބައިމީހުން އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަހު މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާނު ކުރައްވާނެ.“ 4 އެދެހެކިންނަކީ ދެ ޒައިތޫނި ގަހެވެ. އަދި އެއީ ދުނިޔޭގައި ވެރިކަން ހިންގަވާ މާތްރަސްކަލާނގެ ޙަޟްރަތުގައިވާ ދެ ބައްތި ވެސް މެއެވެ. 5 އެބައިމީހުންނަށް އަނިޔާވެރިވުމަށް އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ އެދެމީހުންގެ އަނގައިން އަލިފާން އަންނާނެއެވެ. އަދި އެ އަލިފާނުގައި އެ މީހުންގެ ޢަދުއްވުން އަނދައިދެއެވެ. އަދި އެ ދެ ހެކިވެރިންނަށް އަނިޔާވެރި ވުމަށް މަސައްކަތްކުރާ ކޮންމެ މީހަކު ވިޔަސް އެ ބަޔަކު ގަތުލު ވެދެއެވެ. 6 މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ. 7 މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ. 8 އެމީހުންގެ މާތްސާހިބާ ސަލީބަށް އެރުވިދިޔަ މަތިވެރި ސަހަރުގެ މަގުގެމަތީގައި މި ދެ ހެކިވެރިންގެ ހަށިގަނޑު ބޭއްވިފައި ވާނެއެވެ. އެ ސަހަރުގެ ރަމްޒީ ނަމަކީ ސަދޫމު އަދި މިޞްރެވެ. 9 އެންމެހައި ނަސްލުތަކުންނާއި، ޤަބީލާތަކާއި، ބަހުރުވަތަކުންނާއި އަދި ޤައުމުތަކުން އައި މީހުން އެ ދެ ހެކިންގެ ހަށިގަނޑަށް ތިން ދުވަސް ބައި ވަންދެން ބަލަން ތިބޭނެއެވެ. އަދި އެބައިމީހުން ވަޅުލުމަށް އިންކާރު ކުރާނެއެވެ. 10 އެ ދެމީހުން މަރުވުމުގެ ސަބަބުން ދުނިޔެމަތީގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެން އުފާކޮށް މަޖާކޮށް އުޅޭނެއެވެ. އެކަކު އަނެކަކަށް އެބައިމީހުން ހަދިޔާ ފޮނުވާނެއެވެ. އެއީ ދުނިޔެމަތީގައި ދިރިއުޅުނު ފަރާތްތަކަށް މި ދެ ނަބިއްޔުން ތަފާތު މުސީބާތްތައް ކުރިމަތި ކުރައްވާފައިވާތީއެވެ. 11 ނަމަވެސް ތިން ދުވަހާއި، ބައި ދުވަސް ފަހުން، މާތްރަސްކަލާނގެ އެ ދެ ނަބީބޭކަލުންގެ ފުރާނަ އަލުން އެޅުއްވިއެވެ. އަދި އެދެމީހުން ކޮޅަށް ތެދުވިއެވެ. އަދި އެދެމީހުން ފެންނަ ކޮންމެ މީހަކުމެ ބިރުވެތި ވިއެވެ. 12 އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވެ ދިޔަ އަޑު އެ ދެ ނަބީ ބޭކަލުންނަށް އިވި ވަޑައިގަތެވެ. ”މިތާ މައްޗަށް އާދޭ!“ އަދި އެބޭކަލުންގެ ޢަދުއްވުން ބަލަން ތިއްބައި ވިލާގަނޑެއްގައި އެބޭކަލުން ސުވަރުގެއަށް ވަޑައިގެންނެވިއެވެ. 13 ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ! 14 އެނިމިދިޔައީ ދެވަނަ ބިރުވެރިކަމެވެ. ތިންވަނަ ބިރުވެރިކަން އަވަސްކަމާއެކު އަންނާނެއެވެ. ހަތްވަނަ ތާޅަފިލި 15 އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“ 16 އެއަށް ފަހު މާތްރަސްކަލާނގެ ޙަޟްރަތުގައި ތަޚުތުތަކުގައި އިށީނދެ ތިބި ސައުވީސް ބޮޑުން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މިފަދައިން ވިދާޅުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ. 17 ”ސާހިބުވަންތަ މަތިވެރި ރަސްކަލާކޮ! އިނބަރަސްކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ ރަސްކަލާނގެމެ! އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު ހިންގަވާތީ އަޅުގަނޑުމެން ޝުކުރުވެރިވަން، އަދި އިނބަރަސްކަލާނގެ ވެރިކަން ކުރައްވަން ފެށުމުން ވެސްމެ! 18 ދުނިޔޭގައި ތިބި މީސްތަކުން ވަނީ ރުޅިން ފުރިފަ. ނަމަވެސް މިހާރު އިނބަރަސްކަލާނގެ ކޯފާގެ ވަގުތު އަތުވެއްޖެ. މިއީ މަރުވެފައިވާ ފަރާތްތަކަށް ޙުކުމް ކުރުމުގެ ވަގުތުމެ. އަދި އިނބަރަސްކަލާނގެ ޚާދިމުން ކަމަށްވާ ނަބިއްޔުންނާއި، އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި އިނބަރަސްކަލާނގެ ކިބަފުޅަށް ޤަދަރުކުރި ހުރިހާ އެންމެންނަށް ޘަވާބު ދެއްވާނޭ ވަގުތު ވެސްމެއެވެ. އޭގެތެރޭގައިވާ އެންމެ ނިކަމެތިންނާއި އެންމެ މަތިވެރި ފަރާތްތަކަށް ވެސްމެ. އެއީ ދުނިޔެ ފަނާކުރި މީސްތަކުން ފަނާކުރުމަށްވާ ވަގުތު. އެއީ އެބައިމީހުން ދުނިޔެ ފަނާކުރި ފަދައިން ވެސްމެ!“ 19 އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ. |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.