މައްތާ 9 - ކިތާބުލް މުޤައްދަސާއީސާގެފާނު ވާބަލި ޖެހިފައިވާ މީހެއްގެ ބަލި ހެޔޮކޮށްދެއްވުން 1 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ދޯންޏަށް އަރާވަޑައިގެން ކަނޑު ހުރަސްކުރެއްވުމަށް ފަހު، އެކަލޭގޭފާނު ދިރިއުޅުއްވާ އަވަށަށް ވަޑައިގަތެވެ. 2 އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!“ 3 އެ ހިނދު އެތަނުގައި ތިބި ބައެއް ދީނުގެ ދަންނަބޭކަލުން އެބައިމީހުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”މި މިހާ ކުފުރުވެއްޖެ! އޭނާ ވާހަކަ ދައްކަމުން އެ ގެންދަނީ ކަލާނގެ ކަމަށް ދެކިގެނެއް ނޫންތަ؟“ 4 އީސާގެފާނު އެބައިމީހުންގެ ވިސްނުން ހުރިގޮތް ދެނެވަޑައިގަންނަވާ އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔަފަދަ ނުބައި ގޮތަކަށް ވިސްނަނީ ކީއްވެ؟ 5 ’ތިބާގެ ފާފަތައް ފޮހެވިއްޖެއޭ‘ ނުވަތަ ’ތެދުވެ ހިނގާފައި ދާށޭ‘ މީގެ ތެރެއިން އޭނާއާއި ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟ 6 އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީސްތަކުންގެ ފާފަތައް ޢަފޫކޮށްދެއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން އަހަރެން ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.“ ދެން އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!“ 7 އެހިނދު އެ މީހާ ތެދުވެގެން ގެއަށް ދިޔައެވެ. 8 މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ. އީސާގެފާނުގެ އަސްޙާބީއަކަށް މައްތާ ހޮއްވެވުން 9 އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ. 10 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރިއްކުޅުއްވުމަށް ޓަކައި މައްތާގެ ގޭގައި ތިއްބެވިއެވެ. އެ ހިނދު އެގޭގައި ގިނަ އަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އަދި ފާފަވެރި އެތައް ބަޔަކު އައިސް އެކަލޭގެފާނާއި އަދި އަސްޙާބީންނާއި އެކުގައި ކައި ހެދިއެވެ. 11 ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟“ 12 އީސާގެފާނަށް އެ އަޑު އިވިވަޑައިގެން އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުންވާނީ ބަލިމީހުންނަށް. 13 ތިޔަބައިމީހުން ގޮސް މި އާޔަތުގެ މާނަ އޮޅުންފިލުވަބަލަ. ’ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން އޯގާތެރިވުމަށޭ.‘ އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އަހަރެން މި އައީ ފާފަވެރިންނަށް ގޮވާލުމަށް.“ ރޯދަޔާ މެދު ވިދާޅުވި ބަސްފުޅު 14 އެއްދުވަހަކު ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އަޅުގަނޑުމެންނާއި އަދި ފަރީސީން ވެސް ރޯދަ ހިފަން. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟“ 15 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ. 16 އެއްވެސް މީހަކު އާ ފޮތި ނުދޮވެ ބާ ހެދުމެއްގައި ވީ ބާގަނޑަކު ނާޅާނެ. އެފަދައިން އަމަލު ކޮށްފިނަމަ، އާ ފޮތިކޮޅު ކުޑަވެ ބާ ހެދުމުގައި ވީ ލޯވަޅު އިތުރަށް ހަލާކުވާނޭ. 17 އެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. އޭރުން މޭބިސްކަދުރުގެ ދިޔައާއި އަދި ހަން ވެސް ރަނގަޅު ޙާލަތުގައި ވާނެ.“ އަންހެން ކުއްޖެއްގެ ފުރާނަ އަޅުއްވައި، އަންހެނެއްގެ ބަލި ހެޔޮ ކޮށްދެއްވުން 18 އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“ 19 ދެން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ތެދުވެ ދީނީ މަރުކަޒުގެ ވެރިޔާ އާއި އެކުގައި ވަޑައިގަތެވެ. 20 އެބޭކަލުން ހިންގަވާ ވަޑައިގަންނަވަމުން ގެންދެވި ހިނދު، މެދުނުކެނޑި ލޭފައިބަމުން ދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ހެދުންކޮޅުގެ އަރިމަތީގައި އަތްލިއެވެ. 21 އެއީ އޭނާގެ ހިތަށް މިހެން އަރައިގެންނެވެ. ”އެކަލޭގެފާނުގެ ހެދުންކޮޅުގައި އަހަރެންނަށް އަތްލެވިއްޖެއްޔާ، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.“ 22 އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ. 23 ދެން އީސާގެފާނު ދީނީ މަރުކަޒުގެ ވެރިޔާގެ ގެއަށް ވަޑައިގެންނެވި ހިނދު އެ ގެއަށް އެއްވެފައި ތިބި މީސްތަކުންގެ ރުއިމުގެ އަޑުއިވި ޖަނާޒާގެ މިޔުޒިކު ކުޅެވެމުން ދާ ތަން އެކަލޭގެފާނު ދެކިވަޑައިގެންނެވިއެވެ. 24 އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”ހުރިހާ އެންމެން ބޭރަށް ނުކުމޭ! އެ އަންހެންކުއްޖާ އެ ވަނީ މަރުވެފައެއް ނޫން. އޭނާ އެވަނީ ނިދާފައި!“ އެމީހުން އީސާގެފާނާއި ދިމާލަށް ބަލައި ހޭންފެށިއެވެ. 25 އެމީހުން ބޭރަށް ނުކުތުމާއި އެކުގައި، އީސާގެފާނު އެ އަންހެން ކުއްޖާ އޮތްތަނަށް ވަދެވަޑައިގަތެވެ. އަދި އެ އަންހެން ކުއްޖާގެ އަތުގައި ހިއްޕެވުމުން އެކުއްޖާ ދިރިގެން ތެދުވިއެވެ. 26 26 މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ. ކަނު ދެ މީހަކު ފަސޭހަ ކުރެއްވުން 27 އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”އޭ ދާއޫދުގެފާނުގެ ދަރިކަލުން! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.“ 28 އީސާގެފާނު ގެއެއްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެ ލޯފަން ދެމީހުން ވެސް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެ ދެމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންނަށް ތިޔަބައިމީހުންގެ ބަލި ހެޔޮ ކޮށްދެވިދާނެ ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރަންތަ؟“ އެ ދެމީހުން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”އާދެ، މާތްސާހިބާ.“ 29 އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު އެ ދެމީހުންގެ ލޮލުގައި ބީއްސަވާލައްވައި ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އީމާންތެރިކަން އޮތް ގޮތެއްގެ މަތިން ތިޔަބައިމީހުންނާމެދު ކަންތައް ވެދާހުށި!“ 30 އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.“ 31 ނަމަވެސް އެބައިމީހުން އެތަނުން ގޮސް އީސާގެފާނު މި ކޮށްދެއްވި ކަންތަކުގެ ޚަބަރު މުޅި އެ ސަރަހައްދުގެ ތެރެއަށް ފަތުރައިލިއެވެ. މަންމަނަކު ފަސޭހަކުރެއްވުން 32 މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ. 33 ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.“ 34 ނަމަވެސް ފަރީސީން ބުންޏެވެ. ”އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.“ ގޮވާން ކަނޑާނެ މީހުން ވަރަށް މަދު 35 އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ. 36 އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ. 37 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ގިނަ ޢަދަދަކަށް ގޮވާން އެބަހުރި. ނަމަވެސް އެތަކެތި އެއްތަން ކުރުމަށް ޓަކައި ވަނީ ވަރަށް މަދު ބަޔަކު. 38 ވީމާ ގޮވާންތަކުގެ ވެރިފަރާތް، ސާހިބުވަންތަ ކަލާނގެ ކިބަފުޅަށް އެކަލާނގެ ގޮވާން ދަނޑަށް މަސައްކަތްތެރިން ފޮނުއްވައި ދެއްވުމަށް އެދި ދަންނަވާ.“ |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.