Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 6 - ކިތާބުލް މުޤައްދަސާ


ފަގީރުންނަށް ހޭދަ ކުރުން

1 ”⁠ތިޔަބައިމީހުން ހެޔޮ އަމަލުތައް ކުރުމުގައި ވާހިނދު، ދެއްކުންތެރި ގޮތުގައި އެފަދަ އަމަލުތައް ކުރުމަށް މަސައްކަތް ނުކުރޭ. އެހެނީ އެފަދަ އަމަލުތައް ކުރުމުން އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުން ޘަވާބެއް ނުލިބޭނެ.

2 ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، މުނާފިޤުން ފަދައިން އަމަލުނުކުރޭ. ދީނީ މަރުކަޒު ތަކުގައްޔާއި މަގުތަކުގެ ހަތަރުއަނގޮޅި ކަން މަތީގައި އެބައިމީހުން އަޑުގަދަކޮށް ތާޅަފިލި ފުމެ ހަދާ. އެއީ މީސްތަކުންނަށް އެބައިމީހުން ފެނި އެބައިމީހުންނަށް ހުޝާމަދު ކުރުވުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އެބައިމީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޘަވާބެއް ނުލިބޭނެ.

3 ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، އެއްވެސް މީހަކަށް އެކަން ނާންގާ. އެހެނީ، އެންމެ ކުޑަމިނުން ތިޔަބައިމީހުންގެ ކަނާއަތުން ކުރާ އަމަލުތައް ވައަތަށް ވެސް އެނގިގެން ނުވާނޭ ފަދައިން.

4 ތިޔަބައިމީހުން ޞަދަޤާތް ސިއްރުވެރި ގޮތުގައި ދީ. އެހެނީ ތިޔަބައިމީހުން ސިއްރުވެރި ގޮތުގައި ކުރި އަމަލު އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅު ދެނެވޮޑިގެންވޭ، އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.⁠“


ދުޢާ ދެންނެވުން

5 ”⁠ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.

6 ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު، ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިބެ ވަންހަނާގައި ތިޔަބައިމީހުންގެ ބައްޕާފުޅަށް އެދި ދުޢާ ދަންނަވާ. ވަންހަނާގައި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ބައްޕާފުޅު ދެނެވޮޑިގެންވޭ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އެކަމުގެ ޘަވާބު ދެއްވާނެ.

7 ތިޔަބައިމީހުން ދުޢާ ދަންނަވާހިނދު އެހެނިހެން ދީންތަކުގައިވާ ފަދައިން ބޭކާރު ބަސްތައް ތަކުރާރު ކުރާ ބައެއްގެ ގޮތުގައި ނުވޭ. އެފަދަ މީހުން ހީކުރަނީ އެމީހުން ކުރާ ދުޢާ އެކަލާނގެ އައްސަވަނީ އެ ދުޢާއެއްގެ ބަސް ގިނަވީ ވަރަކުން ކަމަށް.

8 އެފަދަ މީހުން ފަދައިން ތިޔަބައިމީހުން ނުވޭ. އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު، ތިޔަބައިމީހުން އެދުމުގެ ކުރިން ތިޔަބައިމީހުންގެ ބޭނުންތައް ދެނެވޮޑިގެންވޭ.

9 ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ: ’⁠އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!

10 އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވައިފާނދޭވެ! ސުވަރުގޭގެ އަހުލުވެރިން އިނބަރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރިވާ ފަދައިން މި ދުނިޔޭގެ މީސްތަކުން ވެސް ކިޔަމަންތެރިވާނެ ފަދައިން ހިންމަވާފާނދޭވެ.

11 އަޅަމެންނަށް މި ދުވަހުގެ ރޯދި މިއަދު ދެއްވާފާނދޭވެ!

12 އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!

13 އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘

14 އަނެކުންގެ ކުށްތަކަށް ތިޔަބައިމީހުން މަޢާފްކޮށްފި ނަމަ، އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ކުށްތައް ވެސް ޢަފޫ ކޮށްދެއްވާނެ.

15 އެކަމަކު އަނެކުންނަށް ތިޔަބައިމީހުން މަޢާފު ނުކުރާނަމަ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ވެސް ޢަފޫއެއް ނުކުރައްވާނެ.⁠“


ރޯދަ ހިފާނެ ފުރިހަމަ ގޮތް

16 ”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.

17 އޭގެ ބަދަލުގައި ތިޔަބައިމީހުންގެ މޫނު ދޮވެ ތާޒާކޮށްގެން ތިބޭ.

18 އޭރުން ތިޔަބައިމީހުން ތިބީ ރޯދައަށް ކަން އަނެކުންނަށް ނޭނގޭނެ. ނަމަވެސް ވަންހަނާގައި ތިޔަބައިމީހުން ކުރި އަމަލުތައް ވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ދެނެވޮޑިގެންވާނެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.⁠“


ޙަޤީޤީ ޚަޒާނާ

19 ”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ.

20 ނަމަވެސް ތިޔަބައިމީހުން ސުވަރުގޭގައި އެ ޚަޒާނާތައް ރައްކާތެރި ކުރުމުން ބަޅިނދުތައް ކައި ނޫނީ ދަބަރު ޖަހައި އަދި ވަގުން އައިސް ހަލާކު ކޮށްލައި އެ ވަގަކަށް ނުގެންދެވޭނެ.

21 ތިޔަބައިމީހުންގެ ހިތް ވާނީ ތިޔަބައިމީހުންގެ ޚަޒާނާ ހުންނަ ތަނެއްގާ.

22 ލޮލަކީ ހަށިގަނޑުގެ ބައްތި. ތިޔަބައިމީހުންގެ ލޯ ރަނގަޅު ކަމުގައި ވާނަމަ ތިޔަބައިމީހުންގެ ހަށިގަނޑަށް ފުރިހަމަ އަލިކަން ލިބިދޭނެ.

23 އެކަމަކު ތިޔަބައިމީހުންގެ ލޯ ނުބައިނަމަ، ތިޔަބައިމީހުން ފުރިގެންވާނީ ފުން އަނދިރިކަމުން. ތިޔަބައިމީހުންގެ ކިބައިގައި ހުންނަން ޖެހޭ އަލިކަން ވާނީ ތިޔަބައިމީހުންގެ ކިބައިން ގެއްލި ގޮސްފައި. އަދި ތިޔަބައިމީހުންގެ ކިބައިގައި ހަމައެކަނި ވާނީ އަނދިރިކަން. އެ އަނދިރިކަން ވާނީ ނުހަނު ބޮޑު ފުން އަނދިރިކަމަކަށް.

24 އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.⁠“


ކަންބޮޑުނުވޭ

25 ”⁠އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.

26 ދޫނިސޫފާސޫފިތަކަށް ބަލާލަބަލަ. އެ ތަކެތި ގޮވާން އިންދާ ނަހަދާ. އަދި ގޮވާން ކަނޑައެއް ވެސް ނަހަދާ. އަދި އެތަކެތި ގުދަނެއް ވެސް ނުކުރޭ. ނަމަވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު އެތަކެއްޗަށް ކާންދެއްވާ. އެފަދަ ދޫނިތަކަކަށް ވުރެން ތިޔަބައިމީހުންގެ އަގު މާ ބޮޑު.

27 ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެންމެ ގަޑިއެއްގެ އިރު ވެސް އެމީހެއްގެ ޙަޔާތަށް އިތުރު ކުރެވިދާނެ ތަ؟

28 ފޭރާމާއި މެދު ތިޔަބައިމީހުން ކަންބޮޑުވަނީ ކީއްވެ؟ މާމެލާމެލި ހެދި ބޮޑުވެދާ ގޮތް ނިކަން ދެކިބަލަ. އެތަކެތި އަންނައުނު ވިޔެ ހެދުމުގައި ބުރަ މަސައްކަތެއް ނުކުރޭ.

29 ނަމަވެސް އަހަރެން ބުނަން. ސުލައިމާނުގެފާނު، އެކަލޭގެފާނުގެ މަތިވެރިކަމުގައި އެކަލޭގެފާނުގެ އެންމެ އަގުބޮޑު ހެދުންކޮޅު ތުރުކުރެއްވިޔަސް އޭގެން އެންމެ މަލެއްގެ ރީތިކަމާއި ވެސް އެއްވަރު ނުވާނެ.

30 ވަލުތެރޭގައި ހުންނަ މާމެލާމެއްޔަށް ވެސް މާތްރަސްކަލާނގެ އެ ފަދަ ފޭރާންތައް އަޅުއްވައި ދެއްވާ. އެފަދަ ތަކެއްޗަކީ މިއަދު ތާޒާކޮށް ހުރެފައި މާދަމާ ހިކުނީމާ އުނދުނުގެ އަލިފާނަށް އެއްލާލެވޭނެ ތަކެތި. ވީއިރު އެކަލާނގެ ތިޔަބައިމީހުންނަށް އެއަށްވުރެ މާ ރަނގަޅަށް ފޭރާން އަޅުއްވައި ދެއްވާނެކަން ޔަޤީނެއް ނޫންތަ؟ ތިޔަބައިމީހުންގެ ކިބައިގައި އީމާންތެރިކަން އެހާ ކުޑައީ ކީއްވެ؟

31 އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.

32 އެތަކެތީގެ ފަހަތުން ދަހިވެތިވެ ދުވަނީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން. ތިޔަބައިމީހުންނަށް އެ ހުރިހާ ތަކެއްޗެއް ބޭނުންވާ ކަން ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެންވޭ.

33 ނަމަވެސް އެންމެ ފުރަތަމަ ހޯދަންވީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަދި ތިޔަބައިމީހުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރުމުގައިވޭ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ދެއްވާނެ.

34 ވީއިރު މާދަމާގެ ޙާލަތާއިމެދު ތިޔަބައިމީހުން ފިކުރު ބޮޑު ނުކުރޭ. މާދަމާ އައުމުން މާދަމާގެ ޙާލަތާމެދު ފިކުރު ކުރަން މަޑުކުރޭ. މިއަދު އުފުލަން ޖެހިފައިވާ އުނދަގޫ މިއަދަށް ފުދޭނެ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ