Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 5 - ކިތާބުލް މުޤައްދަސާ


ފަރުބަދަމަތީގައި ވިދާޅުވި ވަޢުޟު

1 އީސާގެފާނަށް އެއްވެފައި ތިބި މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ފަހު އިށީނދެ ވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައެވެ.

2 އަދި އެކަލޭގެފާނުގެ މިފަދައިން އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ.

3 ”⁠މާތްރަސްކަލާނގެ ބަރަކާތް ހުރީ ރޫޙާނީ ގޮތުން ފަގީރު މީހުންނަށް. އެހެނީ އެފަދަ މީހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނިގެންދާނެ.

4 މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތުގެ ވޭނުގައި ރޯން ތިބި މީހުންނަށް. އެހެނީ އެކަލާނގެ އެފަދަ މީހުންގެ ހިތްހަމަ ޖައްސަވައިދެއްވާނެ.

5 މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތްތިރި މަޑު މައިތިރި މީހުންނަށް. އެހެނީ މުޅި ދުނިޔެ އެ ފަދަ މީހުންނަށް ލިބިދޭނެ.

6 މާތްރަސްކަލާނގެ ބަރަކާތް ހުރީ ކެއުން ބުއިމަށް ހައިވެ ކަރުހިއްކާފައިވާ ފަދައިން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމަށް އެދޭ މީހުންނަށް. އެހެނީ އެފަދަމީހުން އެދޭ އެދުންތައް ފުރިހަމަވެ ހާސިލުވެގެން ދާނެ.

7 މާތްރަސްކަލާނގެ ބަރަކާތް ހުރީ ރަޙުމް ކުރާ މީހުންނަށް. އެހެނީ އެފަދަމީހުންނަށް އެކަލާނގެ ރަޙުމަތްލައްވާނެ.

8 މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތް ސާފު މީހުންނަށް. އެހެނީ އެފަދަމީހުންނަށް މާތްރަސްކަލާނގެ ފެންނާނެ.

9 މާތްރަސްކަލާނގެ ބަރަކާތް ހުރީ ސުލްޙަކުރުވާ މީހުންނަށް. އެހެނީ މާތްރަސްކަލާނގެ އެކަލާނގެ ދަރިންގެ ގޮތުގައި އެފަދަމީހުންނާއި މުޚާތަބު ކުރައްވާނެ.

10 މާތްރަސްކަލާނގެ ބަރަކާތް ހުރީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލު ކުރަމުން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް. އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު މިލްކުވެގެން ވަނީ އެފަދަމީހުންނަށް.

11 ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމުކޮށް، އަނިޔާވެރިވެ އަދި ތިޔަބައިމީހުންނާއި ބެހޭ ގޮތުން ހުރިހާ ބާވަތެއްގެ ނުބައިވެގެންވާ ވާހަކަތައް ވެސް ދައްކައި ހަދާނެ. ނަމަވެސް ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލިބިގެންވޭ.

12 އެކަމާމެދު އުފާފާޅުކޮށް ހިތްހަމަޖައްސައިގެން ތިބޭތި! ސުވަރުގޭގައި މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަތިވެރި އިނާމެއް ދެއްވާނެ. އެއީ ކުރީގައި އުޅުއްވި ނަބީބޭކަލުންނަށް ވެސް މީސްތަކުން އަނިޔާކުރީ އެފަދައިން.⁠“


ތިޔަބައިމީހުންނީ ލޮނާއި އަދި އަލިކަން

13 ”⁠ތިޔަބައިމީހުންނަކީ މި ދުނިޔޭގައިވާ މީހުންނަށް ލޮނުފަދަ ބައެއް. ނަމަވެސް ލޮނުން އޭގެ ލޮނުރަހަ ކެނޑިއްޖެނަމަ އޭގެ ތާސީރުކަން އަލުން އަނބުރައެއް ނުގެނެވޭނެ. އޭރުން އެ އުކާލައި އަދި އޭގެމަތީގައި ހިނގުން ފިޔަވައި އޭގެ އިތުރު ބޭނުމެއް ނޯންނާނެ.

14 ތިޔަބައިމީހުންނަކީ ދުނިޔޭގައިވާ އަލިކަން ފަދަ ބައެއް. ފަރުބަދައެއްގެ މަތީގައި ބިނާކުރެވޭ ސަހަރެއް ފޮރުވިގެން ނުވާނެ.

15 އަދި ބޯތައްޓެއްގެ ދަށަށްލައި މީސްތަކުން ބައްތިއެއް ނުފޮރުވާނެ. އެމީހުން އެ ބައްތި އަޅުވާނީ ބައްތި އަޅުވާ ހަރުގައި. އޭރުން ގޭގައި ތިބި ހުރިހާ އެންމެންނަށް އެ ބައްތީގެ އަލިކަން ލިބިދޭނެ.

16 މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


ތައުރާތުގެ މުހިންމުކަން

17 ”⁠އަހަރެން އައީ ތައުރާތާއި ނުވަތަ އެހެނިހެން ނަބީބޭކަލުން މެދުވެރިކުރައްވައި އެންގެވިފައިވާ ފަތްފުށްތައް މަންސޫޚު ކުރުމަށް ކަމުގައި ހީނުކުރޭ. އަހަރެން އައީ އެތަކެތި މަންސޫޚު ކުރުމަކަށް ނޫން. ނަމަވެސް އެތަކެތީގެ މަގުސަދު ފުރިހަމަ ކުރުމަށް.

18 އަހަރެން މިބުނަނީ ތެދެއް. އުޑާއިބިން ނެތި ދިއުމާއި ހަމައަށް މާތްރަސްކަލާނގެ ޤާނޫނުގެ ކުޑަ މިންވަރެއް ވެސް ނެތިގެން ނުދާނެ. އެ ޤާނޫނުތަކާއި ގަވާއިދުގައިވާ އެންމެ އަކުރެއް އަދި ނުކުތާއެއް ވެސް، މިބިމާއި އުޑު އޮތްހާ އިރަކު އޭގެ މަގުސަދު ފުރިހަމަ ނުވަނީސް އުވިގެންނެއް ނުދާނެ.

19 ވުމާއެކު، މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ ކުޑަ އަމުރުފުޅަކާއިމެދު ވެސް އިންކާރުކޮށް ކިޔަމަންނުވެ، އަދި އެއަމުރުފުޅަށް އިންކާރުކުރުމަށް މީސްތަކުންނަށް އުނގަންނައިދޭ މީހާއީ، މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ ދަށުދަރައިޖައިގައި ވާނޭ ފަރާތެއް. އެކަމަކު އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަދި މީސްތަކުންނަށް އެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް އުނގަންނައިދޭ މީހާއީ މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރި މީހާ.

20 އަހަރެން ތިޔަބައިމީހުންނަށް ބުނަން. ފަރީސީންނާއި އަދި ދީނުގެ އެހެނިހެން ދަންނަބޭކަލުންނަށް ވުރެން ބޮޑަށް ތިޔަބައިމީހުންނަށް ކިޔަމަންތެރިކަން އަދާނުކުރެވޭހާ ހިނދަކު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަކަށް ނުވަދެވޭނެ.⁠“


ރުޅިއައުމާއި މީހުން މެރުން

21 ”⁠ތިޔަބައިމީހުންގެ ކާބަފައިންނަށް މިފަދައިން ބުނެވިފައިވާ އަޑު ތިޔަބައި މީހުންނަށް ވާނީ އަޑުއިވިފައެވެ. ’⁠މީހުން ނުމަރާށޭ. އެއްވެސް މީހަކު މަރައިފި މީހަކު ނަމަ އަދާލަތުގެ ކުރިމަތީ ޖަވާބުދާރީ ވާން ޖެހޭނެޔޭ.⁠‘

22 އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.

23 ވީއިރު ތިބާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީއެއް ވެދުން ކުރަން ގޮސް އަށިމައްޗަށް ލުމުގެ ކުރީގައި ތިބާގެ އަޚާއާ މެދު ކުށެއް ކުރެވިފައި އޮތްކަން ހަނދާން ވެއްޖެނަމަ،

24 އެ ޤުރުބާނީ އޮތްތާ ބާއްވާފައި އަވަހަށް ގޮސް އެމީހަކާ ދޭތެރޭގައި ކުރެވިފައިވާ ގޯހަށް މައާފު އެދި ހައްލު ކުރަންވާނެ. އެއަށް ފަހު އައިސް އެ ޤުރުބާނީއެއް ހުށަހަޅާ!

25 ވަގުތު ފާއިތުވެ ކޯޓަށް ގެންދިއުމުގެ ކުރިން ތިބާގެ ދެކޮޅުވެރިޔާ އާއި މެދުގައި ރަޙުމަތްތެރިކަން އުފައްދާ. ނޫނީ ތިބާގެ ދެކޮޅުވެރިޔާ ގާޒީ އާއި ތިބާ ހަވާލުކުރާނެ. އަދި ގާޒީ ތިބާ ޖަލަށް ލުމަށް ޙަވާލު ކުރާނެ.

26 އަހަރެން މިބުނަނީ ތެދެއް. އެތަނުން ތިބާއަށް ނިކުމެވޭނީ އަދާކުރަންޖެހޭ ހުރިހާ އެއްޗެއް އަދާކުރުމަށް ފަހުގައި.⁠“


ޖިންސީ ފާފަވެރިކަން

27 ”⁠މިފަދައިން ވަޙީކުރެއްވިކަން ތިޔަބައިމީހުން ވާނީ އަޑު އަހާފަ. ’⁠ޒިނޭ ނުކުރާށޭ.⁠‘

28 އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.

29 ވީއިރު ތިބާއަށް އެ ފާފަ ކުރުވަން މެދުވެރިވީ ތިބާގެ ކަނާތު ލޯ ނަމަ އެ ލޯ ނަގައި އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކަޔަށް ހުށަހެޅި ދިއުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.

30 ތިބާގެ ކަނާތުން ފާފައަށް އަރައިގެންފިނަމަ، އެ އަތް ބުރިކޮށް އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކައިގައި ވުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.⁠“


ވަރިކުރުމާއި ޒިނޭ ކުރުން

31 ”⁠އަދި ހަމަ މިފަދައިން ބުނެފައިވޭ. ’⁠އެއް ވެސް މީހަކު އެމީހާގެ އަނބިމީހާ ވަރިކުރާނަމަ އެކަން ބަޔާންކޮށް ވަރިކުރި ކަމުގެ ލިޔުމެއް ދޭށޭ.⁠‘

32 އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ’⁠ތިޔަބައިމީހުންގެ އަނބީން، ޖިންސީ ފާފައެއް ނުކުރާހާ ހިނދަކު، ވަރިކޮށްގެން ނުވާނެޔޭ!⁠‘ އެހެނީ އެކަމުގެ ސަބަބުން އެ އަންހެނާއަށް ޒިނޭ ކުރެވެން މެދުވެރިވެދާނެ! އަދި އެއަންހެނާއާ އިންނަ ފިރިހެނާ ވެސް، މީހެއްގެ އަނތްބަކާއެކު ޒިނޭގެ ގުޅުން ހިންގާ މީހެއް ފަދައިން ވެދާނެ!⁠“


ވަޢުދަށް ފަރުވާތެރިވުން

33 ”⁠’⁠ހުވައެއް އުވާނުލުމަށާއި އަދި ތިބާ މާތްރަސްކަލާނގެ ކިބަފުޅަށް ވަޢުދެއް ކޮށްފިނަމަ އެ ވަޢުދެއް ދަމަހައްޓާށޭ.⁠‘ ތިޔަބައިމީހުންގެ ކާބަފައިންނަށް ބުނެވިފައިވާ ވާހަކަ އަޑުއަހައިފައިވާނެމެ.

34 އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެއްވެސް ހުވައެއް އެއްވެސް ފަރާތަކާއި އެކުގައި ނުކުރޭ. އަދި އުޑު ގަންދީ ވެސް ހުވާކޮށްގެން ނުވާނެ. އެހެނީ އުޑަކީ މާތްރަސްކަލާނގެ ތަޚުތުކޮޅު.

35 ދުނިޔެ ގަންދީ ވެސް ހުވާ ކޮށްގެން ނުވާނެ. ސަބަބަކީ ދުނިޔެ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް. ޖެރޫސަލަމް ގަންދީ ވެސް ހުވާ ކޮށްގެންނުވާނެ. އެހެނީ އެއީ މަތިވެރި ރަސްގެފާނަށް (މާތްރަސްކަލާނގެ ކިބަފުޅަށް) މިލްކުވެގެންވާ ރަށް.

36 ތިބާގެ ބޮލަށް އިޝާރާތްކޮށް ގަންދީ ހުވައި ނުކުރޭ. ސަބަބަކީ ތިބާގެ ބޮލުގައިވާ އިސްތަށި ކަޅުކޮށް ބަހައްޓަން އަދި ނުރަ ޖެހިޔަ ނުދިނުމަށް ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނުވޭ.

37 ވަޢުދެއް ކުރާނަމަ، ’⁠އާނއެކޭ⁠‘ ނުވަތަ ’⁠ނޫނެކޭ⁠‘ މިވަރު ބުނެލާ! މި ނޫން ވަރެއް ކުރާނަމަ އެއީ ޝައިތާނާގެ ކަމެއް.⁠“


ބަދަލު ނުހިފާ

38 ”⁠’⁠ލޮލަކަށް ލޮލެކޭ އަދި ދަތަކަށް ދަތެކޭ⁠‘ މިފަދައިން ވަޙީކުރެއްވިކަން ތިޔަބައިމީހުން ވާނީ އަޑު އަހާފަ.

39 ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ނުބައި މީހަކާއި ދެކޮޅަށް ބަދަލު ނުހިފާ. ތިބާގެ ކަނާތު ކަންކަށީގައި މީހަކު ޖަހައިފިނަމަ، ތިބާގެ ވާތްފަރާތު ކަންކަށީގައި ޖެހުމަށް ވެސް އޭނާއަށް ދައްކާ.

40 ތިބާގެ ގަމީސް ހޯދުމަށް ޓަކައި މީހަކު ތިބާ ކޯޓަށް ގެންދިޔަ ކަމުގައިވާނަމަ އެ މީހަކަށް ތިބާ ލައިގެން ހުރި ކޯޓު ވެސް ދީ.

41 މީހަކު އޭނާ އާއި އެކުގައި މޭލެއްގެ ދުރުމިނަށް ތިބާ ދިއުމަށް މަޖުބޫރު ކޮށްފިނަމަ ދެމޭލުގެ ދުރުމިނަށް އޭނާ އާއި އެކުގައި ދޭ.

42 މީހަކު ތިބާގެ ކިބައިން އެއްޗަކަށް އެދެފިނަމަ އެ އެއްޗެއް އެމީހަކަށް ދީ. މީހަކު ތިބާގެ އަތުން އަނބުރާ ދެއްކުމަށް އެއްޗެއް ނަގަން އެދޭނަމަ އެކަމަކަށް ފުރަގަސް ނުދީ.⁠“


ތިބާގެ ޢަދުއްވުން ދެކެ ލޯބިވޭ

43 ”⁠މިހެން ބުނާއަޑު ތިޔަބައިމީހުންނަށް ވެސް އިވިފައިވާނެ. ’⁠ތިބާގެ އަވަށްޓެރިން ދެކެ ލޯބިވާށޭ އަދި ތިބާގެ ޢަދާވާތްތެރިން ދެކެ ނަފްރަތު ކުރާށޭ.⁠‘

44 އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.

45 މިފަދައިން ތިޔަބައިމީހުން އަމަލު ކުރިކަމުގައިވާ ނަމަ، ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޤީޤީ ދަރިންކަމުގައިވާނެ. ނުބައި މީހުންނާއި ރަނގަޅު މީހުންނަށް އިރުގެ އަލިކަން އެކަލާނގެ ދެއްވާ. ނުބައި އަމަލުތަކުގެ މީހުންނަށާއި ހެޔޮ އަމަލުތަކުގެ މީހުންނަށް ވެސް އެކަލާނގެ ވާރޭ ފޮނުއްވާ.

46 ހަމައެކަނި ތިޔަބައިމީހުން ދެކެ ލޯބިވާ ބަޔަކު ދެކެ ތިޔަބައިމީހުން ވެސް ލޯބިވާނަމަ އެކަމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަންވީ ކޮން ޘަވާބެއް؟ ޓެކްސް ނަގާ މީހުން ވެސް އެފަދައިން ކަންތައް ކުރޭ.

47 އަދި ހަމައެހެންމެ، ތިޔަބައިމީހުންގެ ރަޙުމަތްތެރިންނަށް ތިޔަބައިމީހުން ތަހުނިޔާ ކިޔާ ކަމުގައިވާނަމަ، އަނެކުންނެކޭ ތިޔަބައިމީހުންނެކޭ އެއްވެސް ތަފާތެއް ނުވޭ. ބުދަށް އަޅުކަން ކުރާ މީހުން ވެސް ރަޙުމަތްތެރިންނާއި މެދު ލޯބިކޮށް ހިތާ.

48 ނަމަވެސް ތިޔަބައިމީހުން ވާންޖެހޭނީ ފުރިހަމަ ބައެއްގެ ގޮތުގައި. އެހެނީ ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ފުރިހަމަކަމާއި އެއްގޮތަށް.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ