Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 4 - ކިތާބުލް މުޤައްދަސާ


އީސާގެފާނަށް ވަސްވާސްތަކާއި ކުރިމަތި ކުރެއްވުން

1 އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.

2 އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.

3 ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“

4 އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“

5 ދެން އިބިލީސް އެކަލޭގެފާނު މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމަށް ގެންދަވައި ބައިތުލް މަޤްދިސްގެ އެންމެ އުސް ތަނަށް އެކަލޭގެފާނު އުފުއްލެވިއެވެ.

6 އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ⁠‘ އަދި ’⁠އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.⁠‘⁠“

7 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“

8 އެއަށް ފަހު އިބިލީސް އެކަލޭގެފާނު ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ގެންދެވިއެވެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ ވެރިކަމާއި، ތަނަވަސްކަމާއި، ރީތިކަމާއި އަދި މަތިވެރިކަން ކުއްލި މަންޒަރެއްގެ ސިފައިގައި ދެއްކުމަށް ފަހު

9 އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށް އަދި އަޅުކަންކޮށްފިނަމަ މި ހުރިހާ ޤައުމުތަކުގެ ވެރިކަން ކަލޭގެފާނަށް އަހަރެން ދޭނަން.⁠“

10 އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“

11 ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ކުރިއަށް ވަޑައިގެންނެވުން

12 ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ.

13 އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.

14 މިހެން މިކަންތައް ވުމުން ނަބީ ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ އެންގެވި މިބަސްފުޅުތައް އެފަދައިން ހިނގަދިޔައެވެ:

15 ޣައިރު ބަނީއިސްރާއީލު މީހުން ވެސް އުޅޭ ގަލީލީގެ ބިން ކަމަށްވާ ނަފްތާލީއާއި ޒަބޫލޫންއާއި، އެތަނުގެ ކަނޑާއި ދިމާލަށްދާ މަގާއި، އަދި އުރުދުން ކޯރާއި އެއަށްވުރެ ދުރުގައިވާ ހިސާބުތަކާއި،

16 އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ! މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް އަލިނޫރު ދިއްލިއްޖެއޭ!

17 އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“


މަސްވެރިންގެ ހަތަރު މީހަކު އީސާގެފާނު އަސްޙާބީން ކަމުގައި ޚިޔާރު ކުރެއްވުން

18 އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.

19 އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.⁠“

20 ދެން އެ ދެބެއިން ވަގުތުން ގެންގުޅުނު ދާތައް ދޫކޮށްލާފައި އެކަލޭގެފާނާއި އެކުގައި ކުރިޔަށް ދިޔައެވެ.

21 ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.

22 އިސާހިތަކު އެ ދެބެއިންގެ ބައްޕައާއި އަދި މަސްދޯނި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.


އީސާގެފާނު ހެޔޮޚަބަރުފުޅު އިއްވަވައި ބަލިތައް ފަސޭހަކުރެއްވުން

23 އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.

24 މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.

25 ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ