Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 28 - ކިތާބުލް މުޤައްދަސާ


އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން

1 ސަބަތުގެ ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަށް އަލިވިލެމުން ދިޔަ ހިނދު މަރިޔަމް މަގްދަލޭނާ އާއި އަދި މަރިޔަމް ކިޔާ އެހެން އަންހެނަކާއި ދެމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގައިވާ މަހާނަ ކައިރިއަށް ދިޔައެވެ.

2 ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.

3 އެ ހިނދު ވިދުވަރެއް ފަދައިން އެ މަލާއިކަތާ ވިދާ ބަބުޅަމުން ދިޔައެވެ. އަދި އެ މަލާއިކަތާގެ ފޭރާންކޮޅު ކަފަކޮޅެއްހާ ހުދެވެ.

4 އެ ފާރަވެރިން ބިރުން ގޮސް އެބައިމީހުން މަރުވެފައިވާ ފަދައިން ހޭނެތިއްޖެއެވެ.

5 މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.

6 އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނުގެ ހަށިކޮޅު ވެޑުވުނުތަނަށް ގޮސް ބަލަން އާދޭ.

7 އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’⁠އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.⁠‘⁠“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.⁠“

8 އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ.

9 ކުއްލިއަކަށް އީސާގެފާނު އެބައިމީހުންނާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”⁠އައްސަލާމް ޢަލައިކުމް.⁠“ އެ އަންހެނުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އަޅުކަން ކުރިއެވެ.

10 އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.⁠“


ޢަޝްކަރީ ފާރަވެރިން ދީނުގެ ވެރިންނަށް ޚަބަރު ދިނުން

11 އެ އަންހެނުން މި ޚަބަރު އީސާގެފާނުގެ އަސްޙާބީންނަށް ދިނުމަށް ދިޔަ ހިނދު އެ ޒިޔާރަތް ބެލެހެއްޓުމަށް ޓަކައި ތިބި ބައެއް ސިފައިންގެ ފާރަވެރިން ސަހަރުގެ ތެރެއަށް ގޮސް ހިނގާ ދިޔަ ޙާދިސާގެ ޚަބަރު ބޮޑު އިމާމުންނަށް ދިނެވެ.

12 ދެން ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްތަންވެ މަޝްވަރާކުރުމަށް ފަހު، އެބައިމީހުން ގިނަ ޢަދަދެއްގެ ފައިސާ އެ ފާރަވެރިންނަށް ދިނެވެ.

13 އަދި އެބައިމީހުން އެ ފާރަވެރިންނަށް ބުންޏެވެ. ”⁠ރޭގަނޑު ކަލޭމެންނަށް ނިދިފައި ތިބި ވަގުތެއްގައި އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނުގެ ހަށިކޮޅު ނަގައިގެން ގޮސްފި އޭ ކަލޭމެން މީސްތަކުންނަށް ބުނޭ.

14 މި ޚަބަރު ގަވަރުނަރާއި ހަމައަށް ގޮސްފި ނަމަ އަހަރެމެން އޭނާ ހިތްހަމަޖައްސައި ކަލޭމެންނަށް ކުރިމަތިވެދާނޭ މުސީބާތްތަކުން ކަލޭމެން ސަލާމަތްކޮށްދޭނަން.⁠“

15 ވީމާ އެސިފައިން އެ ފައިސާ ނެގުމަށް ފަހު އެބައިމީހުން އެދުނު ފަދައިން މީސްތަކުންނަށް ބުނެދިނެވެ. އަދި ބަނީއިސްރާއީލުންގެ ތެރެއިން ދުރު ހިސާބުތަކަށް އެ ޚަބަރު ފެތުރި ގެންދިޔައެވެ. ހަމައެހެންމެ އެބައިމީހުންގެ ތެރޭގައި އެކަކު އަނެކަކަށް އެ ވާހަކަ މިއަދާ ހަމައަށް ވެސް ދައްކައެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ކުރެއްވި އެންމެފަހު އަމުރުފުޅު

16 އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީންނަށް ދިއުމަށް ވިދާޅުވި ގަލީލީގައިވާ ފަރުބަދައަށް އެކަލޭގެފާނުގެ އަސްޙާބީން ދިޔައެވެ.

17 އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.

18 އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.

19-20 އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ