މައްތާ 19 - ކިތާބުލް މުޤައްދަސާކައިވެންޏާ ވަރިޔާ ބެހޭ 1 މި ހުރިހައި ތަކެއްޗެއް އުނގަންނަވައި ދެއްވުމަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުން ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް ވަޑައިގެންނެވިއެވެ. 2 އެ ހިނދު އެތަނުގައި ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި އެބައިމީހުންގެ ތެރޭގައިވާ ގިނަ ބައެއްގެ ބަލި އެކަލޭގެފާނު ރަނގަޅު ކޮށްދެއްވިއެވެ. 3 އީސާގެފާނު މަޅިއެއްގައި ޖެއްސުމުގެ އެދުމުގައި ބައެއް ފަރީސީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ފިރިމީހާ އޭނާ ބޭނުން އެއްވެސް ސަބަބަކާ ހުރެ އަނބިމީހާ ވަރިކުރުމަށް ހުއްދަ އޮވޭތޯ؟“ 4 އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި. 5 އަދި އެކަލާނގެ ވަޙީ ކުރައްވާފައިވޭ. ’ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި ވާންޖެހޭނޭ.‘ 6 ވީމާ އެއީ ދެ ހަށިގަނޑެއް ނޫން. ނަމަވެސް އެއް ހަށިގަނޑެއް. އެހެނީ މާތްރަސްކަލާނގެ އެ ދެ މީހުން އެކަކު ކަމުގައި ލެއްވި، އެއްވެސް މީހަކު އެ ދެމަފިރިން ވަކި ކޮށްގެން ނުވާނެ.“ 7 އޭގެ ޖަވާބުގައި ފަރީސީން ދެންނެވިއެވެ. ”ވަރީގެ ސެޓްފިކެޓެއް އަނބިމީހާއަށް ދިނުމަށް ފަހު، ވަރިކުރެވިދާނެ ކަމުގައި ތައުރާތުގައި މޫސާގެފާނު އަމުރު ކުރައްވާ އަންގަވާފައި ވަނީ ކީއްވެގެންތޯ؟“ 8 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މޫސާގެފާނު ތިޔަބައިމީހުންނަށް އަނބިމީހާ ވަރިކުރުމުގެ ހުއްދަ ދެއްވީ ތިޔަބައިމީހުންގެ ހުންނަ ހިތް ހަރުކަމާހެދި. އެކަމަކު އެންމެފުރަތަމައިން ވަރިކުރުން ހުއްދަ ކުރެވިގެންނުވޭ. 9 ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ އަނބިމީހާ ވަރިކުރުމަށް ފަހު އަދި އެހެން އަންހެނަކާއި ކައިވެނި ކުރިނަމަ އެއީ ކުށެއް. ހަމައެހެންމެ އެމީހަކަށް އެ ޒިނޭއަށް އަރައިގަނެވެނީ ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަމައެކަނި ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ޖިންސީ ގުޅުން ހިންގައިފި ކަމުގައިވާނަމަ.“ 10 އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނޭ ހަމައެކަނި ސަބަބަކީ އެއީ ކަމުގައި ވާނަމަ އެންމެ ރަނގަޅު ގޮތަކީ މީހަކާއި ކައިވެނި ނުކުރުން.“ 11 އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތި ބުނާގޮތަށް ހުރިހާ އެންމެންނަކަށް ކަންތަކެއް ނުކުރެއްވޭނެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވޭނޭ ބައެއްމީހުން މާތްރަސްކަލާނގެ ލެއްވެވި. 12 ބައެއް ފިރިހެނުން ކައިވެނި ނުކޮށް ތިބުމުގައި ތަފާތު ސަބަބުތަކެއްވޭ. ބައެއް މީހުން އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރޭ. އަދި ހޯޖާ ކޮށްފައިވާ ބަޔަކު ވެސް އުޅޭ. ނަމަވެސް ބައެއް މީހުން އެބައިމީހުންގެ ޖިންސީ އެދުންތަކުން އެއްކިބާވެތިބެ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ޚިދުމަތް ކުރުމުގައި ދެމިތިބޭ. މިފަދައިން އަމަލު ކުރުމުގެ ގާބިލުކަން ހުރި މީހަކުނަމަ މިގޮތުގައި ދެމި ތިބޭ.“ އީސާގެފާނު ތުއްތު ކުދިންނަށް ބަރަކާތްލެއްވުން 13 ބައެއްމީހުން އެމީހުންގެ ތުއްތު ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލައްވާ އެކުދިންގެ މައްޗަށް ދުޢާ ކުރެއްވުމަށް ޓަކައެވެ. އީސާގެފާނުގެ އަސްޙާބީން އެބައިމީހުންނަށް އެ ގޮތަށް ކަންތައްތައް ނުކުރުމަށް އެންގިއެވެ. 14 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ތުއްތު ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ. އެކުދިން އަހަރެންގެ ކައިރިއަށް އައުން މަނާނުކުރޭ. އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ ކުދިން ފަދައިންވާ މީހުންނަށް.“ 15 ދެން އެ ކުދިންގެ ގައިގައި އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވުމަށް ފަހު އެތަނުން ވަޑައިގެންނެވިއެވެ. މުއްސަނދި ޒުވާނާގެ ސުވާލު 16 އެ ހިނދު މީހަކު އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށް ޓަކައި އަޅުގަނޑު ކުރަންވީ ހެޔޮކަމަކީ ކޮބައިތޯ؟“ 17 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެންގެ ކައިރީގައި ތިބާ ހެޔޮވެގެން ވަނީ ކޮންކަމެއްހެއްޔޭ ތިޔައެހީ ކީއްވެ؟ ހެޔޮ ކަންވަނީ ހަމައެކަނި އެންމެ ފަރާތެއްގެ ކިބަފުޅުގައި. ނިމުމެއް ނުވާ ޙަޔާތެއް ލިބުމަށް ތިބާ އެދޭނަމަ މާތްރަސްކަލާނގެ ބާވައިލެއްވި އަމުރުފުޅުތަކަށް ކިޔަމަންތެރިވޭ.“ 18 އެމީހާ ދެންނެވިއެވެ. ”އެއީ ކޮން އަމުރުފުޅުތަކެއްތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި. 19 މައިންބަފައިންނަށް ގަދަރު ކުރާތި. އަދި ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާތި.“ 20 އެ ޒުވާނާ ދެންނެވިއެވެ. ”އަޅުގަނޑު ތިޔަ ހުރިހާ ކަމަކަށް ކިޔަމަންތެރިކަން މަތީގައިވަން. އޭގެ އިތުރުން އަޅުގަނޑު ކުރަންވީ ކޮންކަމެއްތޯ؟“ 21 އީސާގެފާނު ވިދާޅުވިއެވެ. ”ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.“ 22 އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ. 23 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. މުއްސަނދީންނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަކީ ނުހަނު އުނދަގޫ ކަމެއް! 24 މުއްސަންޖަކަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް ވުރެން ޖަމަލަކަށް ތިނޯހެއްގެ ފަގައިގެ ތެރެއިން ދިއުން ވެސް މާފަސޭހަ.“ 25 އީސާގެފާނުގެ އަސްޙާބީންނަށް މިވާހަކަ އަޑުއިވުމުން އެބޭކަލުން ވަރަށް ޙައިރާންވެތިބެ ދެންނެވިއެވެ. ”އެހެންވީއިރު ދެން ސަލާމަތްވާނީ ކާކުތޯ؟“ 26 އީސާގެފާނު އެބޭކަލުންނަށް ބައްލަވަން ހުންނަވާފައި ވިދާޅުވިއެވެ. ”އެއީ އިންސާނުންނަށް ކުޅެދިގެންވާ ފަދަ ކަމެއް ނޫން. ނަމަވެސް މާތްރަސްކަލާނގެއަށް ކޮންމެކަމެއް ވެސް ކުޅަދުންވަންތަ.“ 27 ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ. އަޅުގަނޑުމެން ކަލޭގެފާނާއި އެކުގައި ވުމަށް ޓަކައި އަޅުގަނޑުމެންގެ އަތުގައި ވާނަމަ ވީހައި ތަކެއްޗެއް ދޫކޮށްލީން. ވީމާ އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން އެއްޗެއްތޯ؟“ 28 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ. 29 ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ. 30 މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“ |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.