Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 16 - ކިތާބުލް މުޤައްދަސާ


ފަރީސީންނާއި ސާދުސީނުން މުޢުޖިޒާތީ އަލާމާތަކަށް އެދުން

1 ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.

2 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠އިރު އޮއްސެމުން ދާ ހިނދު ރަތްވިލާ ދަޅަ ފެންނަން ހުރުމުގެ ސަބަބުން މޫސުމް ރަނގަޅު ކަމުގައި ތިޔަބައިމީހުން ބުނާނެ.

3 އަދި ހެނދުނުގެ ވަގުތުގައި އުޑުމަތި ބަނަވެ ރަތްކޮށް އޮތްނަމަ ވާރޭ ވެހޭނޭ ކަމުގައި ތިޔަބައިމީހުން ބުނާނެ. އުޑުމަތިން މިފަދަ ނިޝާންތަކެއް ތިޔަބައިމީހުންނަށް ފެނުމުން މޫސުމާއި ބޭހޭ ގޮތުން ތިޔަބައިމީހުންނަށް އެނގިދޭ. ހަމަ އެހެންމެ އަހަރެން ކުރަމުން މިގެންދާ ކަންތައްތައް ތިޔަބައިމީހުންނަށް ފެނިގެންވޭ. އެހެނަސް އެކަންތައްތަކުގެ މާނައެއް ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.

4 ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.


ނުބައި ދަސްކޮށްދިނުންތަކަށް ސަމާލުވެ ތިބޭ

5 އީސާގެފާނުގެ އަސްޙާބީން ކަނޑުގެ އަނެއްފަރާތަށް ހުރަސްކުރި ހިނދު އެބޭކަލުން ހަނދާންނެތިގެން ބޯރޮށި ނުގެންދެވުނެވެ.

6 އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“

7 މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“

8 އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠އޭ އީމާންކަން ކުޑަ މީހުންނޭ! ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ ބަހުސް ކުރަނީ ކީއްވެ؟

9 ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ފަސް ބޯރޮށިން ފަސްހާސް މީހުންނަށް އަހަރެން ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރަށް ތިޔަބައިމީހުން ނެގީ ކިތައް ވަށިގަނޑު ކަން ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟

10 ހަތް ބޯރޮށިން ހަތަރު ހާސް މީހުންނަށް އަހަރެން ކާން ދިން ގޮތާއި، އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރުވި ވަށިގަނޑުތަކުގެ އަދަދު ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟

11 އަހަރެން ވާހަކަ ދައްކަމުން މިގެންދަނީ ކާނޭ އެއްޗަކާއި މެދު ނޫންކަން ތިޔަބައިމީހުންނަކަށް ނޭނގޭތަ؟ އަނެއްކާވެސް އަހަރެން ބުނަން. ފަރީސީންނާއި ސާދުސީންގެ ކަމީރު ކުރުމާ ދުރުވެ ސަމާލުވެ ތިބޭ!⁠“

12 އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އީސާގެފާނަކީ ކޮން ބޭކަލެއް؟

13 އީސާގެފާނަށް ކައިސަރިއާ ފިލިއްޕީގެ ސަރަހައްދަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނު އެކަލޭގެފާނުގެ އަސްޙާބީން ކުރެން އެއްސެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނާއި މެދު މީސްތަކުން ބުނަނީ ކީކޭ؟⁠“

14 އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.⁠“

15 އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”⁠ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟⁠“

16 ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.⁠“

17 އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.

18 އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.

19 މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތަޅުދަނޑިތައް އަހަރެން ތިބާއަށް ދޭނަން. އަދި ތިބާ މި ދުނިޔޭގައި ހުއްދަ ކުރާ ކޮންމެ ކަމެއް އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ހުއްދަ ކުރައްވާނެ. އަދި ތިބާ ހުއްދަ ނުކުރާ އެއްވެސް ކަމެއް އެކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެ.⁠“

20 ދެން އީސާގެފާނު އެކަލޭގެފާނީ އަލްމަސީޙު ކަން އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އަސްހާބީންނަށް އިންޒާރުކުރެއްވިއެވެ.

21 އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.

22 އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!⁠“

23 މިހެން ޕަތަރަސް ދެންނެވުމުން އެކަލޭގެފާނު އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ތިއުޅެނީ އަހަރެންގެ މަގަށް ހުރަސްއަޅަން. ތިބާގެ ތިޔަ ވިސްނުމަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ވިސްނުމެއް ނޫން. ތިއީ އިންސާނީ ވިސްނުމެއް.⁠“

24 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.

25 އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އެދޭ މީހުންނަށް އެބައިމީހުންގެ މުޅި ޙަޤީޤީ ދިރިއުޅުން ގެއްލޭނެ. އެހެނަސް އަހަރެންނަށްޓަކައި ފުރާނަ ދޭ މީހަކަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ.

26 މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟

27 އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.

28 އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ