މައްތާ 13 - ކިތާބުލް މުޤައްދަސާދަނޑުވެރިޔަކާ ބެހޭގޮތުން ވިދާޅުވެދެއްވި މާނަފުން ވާހަކަ 1 ހަމައެދުވަހު އީސާގެފާނު ގޭން ނުކުމެވަޑައިގެން ކަނޑުގެ އައްސޭރި ފަށުގައި އިށީނދެ ވަޑައިގެންނެވިއެވެ. 2 އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވުމުގެ ސަބަބުން އެކަލޭގެފާނު ދޯންޏަކަށް އަރާ ވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ. 3 އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ. 4 އޭނާ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށްތައް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި އެ އޮށްތައް ދޫނިތައް ކައި ހުސްކުރި. 5 އޭގެތެރެއިން ބައެއް އޮށްތައް ހިލަބިމުގެ މައްޗަށް އެޅުނު. ފަސްގަނޑު ތިލަކަމުން މި އޮށްތަކުން އަވަހަށް ގަސްފެޅި. 6 ނަމަވެސް އިރުގެ ހޫނުކަން ލިބުމުން ގަސްތަކުގެ މޫތައް ހިފަހައްޓާނޭ ފުންކަން ފަސްގަނޑުގައި ނެތުމުގެ ސަބަބުން ގަސްތައް މިލައި ހިކިގެން ދިޔަ. 7 އަނެއްބައި އޮށްތައް ކަށި ގަސްތަކުގެ ތެރެއަށް އެޅި ގަސް ފަޅަމުން ދިޔަ. ނަމަވެސް މި ކަށިގަސްތަކުގެ ސަބަބުން އެ ގަސްތައް ހެދި ބޮޑުވުމަކަށް ތަނެއް ނުދިން. 8 އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު. 9 ތިޔަބައިމީހުންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!“ މާނަފުން ވާހަކަތަކުގެ މަގުސަދު 10 އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟“ 11 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ. 12 މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ. 13 އެހެން ކަމުން އަހަރެން އެމީހުންނަށް އުނގަންނައިދެނީ މާނަފުން ވާހަކަތަކުން. އެމީހުންނަށް ފެންނާނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަކަށް ނުފެނޭ. އެމީހުންނަށް އަޑު އިވޭނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަށް ދޭހަވާ ގޮތެއްގައި ނިވޭނެ. 14 ވީމާ ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ފަދައިން މާތްރަސްކަލާނގެ ބަސްފުޅު ތެދުވެގެން ހިނގައްޖެ. ބަޔާންވެގެންވޭ: ’އަހަރެންގެ ބަސްތަކުގެ އަޑު ތިޔަބައިމީހުންނަށް އިވޭނެ އޭ. އެކަމަކު ތިޔަބައިމީހުންނަށް އެ ބަސްތަކުގެ މާނައެއް ނުވިސްނޭނޭ. ތިޔަބައިމީހުންނަށް އަހަރެންގެ އަމަލުތައް ފެނިގެން ވިޔަސް އެކަމުގެ މާނަ ތިޔަބައިމީހުންނަށް އެނގިގެންނުވެޔޭ. 15 އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުން ތިބެނީ ލޯމަރާގެންނޭ. އެހެންނޫންނަމަ އެމީހުންގެ ކަންފަތްތަކަށް އަޑުއިވޭނޭ. އަދި ހަމަ އެހެންމެ، އެމީހުންގެ ލޯތަކަށް ފެނިގެންވާނޭ. އަދި، އެމީހުންގެ ބުއްދިއަށް އެކަންތައްތައް ފުރިހަމައަށް ވިސްނެނޭ. އަދި ފަސޭހަ ކޮށްދެއްވުމަށް އެދި ދެންނެވުމުން އަހަރެން އެމީހުން ފަސޭހަކޮށްދޭނަން.‘ 16 ނަމަވެސް ތިޔަބައިމީހުންގެ ލޮލުން ދެކި އަދި ކަންފަތުން އަޑުއެހުމުން ތިޔަބައިމީހުންނަށް ބަރަކާތް ލެވިގެންވޭ. 17 އަހަރެން މިބުނަނީ ތެދެއް. ގިނަ ނަބީބޭކަލުންނާއި ސާލިޙުބޭކަލުން މިހާރު ތިޔަބައިމީހުން ދެކެމުން ދާ ތިޔަ ކަންތައްތައް ދުށުމަށް އެދިގެންވި. ނަމަވެސް އެފަދަ ކަންތައްތައް އެބޭކަލުންނަކަށް ނުފެނުނު. އަދި ތިޔަބައިމީހުން މިހާރު އަޑުއަހަމުން ގެންދާ ކަންތައްތައް އަޑުއެހުމަށް އެބޭކަލުން އެދިގެންވި. ނަމަވެސް އެބޭކަލުންނަކަށް ނުއިވުނު.“ ދަނޑުވެރިޔާގެ މާނަފުން ވާހަކައިގެ މާނަ 18 ”މިހާރު ދަނޑުވެރިޔާގެ މާނަފުން ވާހަކައިގެ މާނަ މި ބުނެދެނީ. އަޑުއަހާ. 19 މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް. 20 ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ ކޮބައި؟ އެ އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުތައް އުނގަންނައި ދެއްވުމުން އުފަލާއިއެކު އެބަސްފުޅު ގަބޫލުކުރި މީހުންގެ މިސާލު. 21 ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު. 22 އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން. 23 ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.“ ގޮދަނާއި އަދި ވިނާގެ މާނަފުން ވާހަކަ 24 އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް. 25 ނަމަވެސް އެއްރެއަކު އެންމެން ނިދާފައި ތިއްބާ އޭނާގެ ޢަދާވާތްތެރިއަކު އެ ދަނޑަށް އައިސް ގޮދަން އޮށްތަކުގެ ތެރޭގައި ވިނަ އޮށްތަކެއް އިންދި. 26 އޭގެފަހުގައި ގަސްތައް ހެދި ގޮދަންގަސްތަކުން މާގަނޑު ނުކުތް އިރު ގޮދަން ގަސްތަކުގެ ކައިރީގައި ވިނަގަސް ވެސް ފަޅާފައި ހުރި. 27 މިތަންފެނި، ދަނޑުވެރިޔާގެ ޚާދިމުންގެ ތެރެއިން ބަޔަކު ދަނޑުވެރިޔާގެ ކައިރިއަށް ގޮސް ބުނި. ’ސާހިބާ ރަނގަޅު އޮށްތައް އިންދި ބިމުގައި ވިނަގަސް ފަޅާ ފުރިފައި ވަނީ ކީއްވެގެންތޯ؟‘ 28 ދަނޑުވެރިޔާ ޖަވާބުގައި ބުނި. ’އެ ގޮތަށް ކަންތައް ކުރީ އަހަރެންގެ ޢަދުއްވެއް.‘ އެމީހުން ބުނި. ’އެހެން ވެއްޖިއްޔާ އަޅުގަނޑުމެން ގޮސް އެ ހުރިހާ ވިނަގަސްތައް އުފުރާލުމަށް ސާހިބާ އެދިލައްވަމުތޯ؟‘ 29 ދަނޑުވެރިޔާ ބުނި. ’ނޫން. ސަބަބަކީ ވިނަގަސްތައް އުފުރަމުން ދާހިނދު، ކަލޭމެންނަށް ގޮދަންގަސްތައް ވެސް އުފުރާލެވިދާނެ. 30 ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.“‘“ ރެވިއޮށާއި ކަމީރުގެ މާނަފުން ވާހަކަ 31 އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން. 32 މި އޮށަކީ އޮށްތަކުގެ ތެރެއިން އެންމެ ކުޑަ އޮށް. ނަމަވެސް މި އޮށުން ގަސްފަޅައި އަދި ބޮޑުވެ ދިއުމުން އެގަސް ވާނީ ބަގީޗާގެ ތެރޭގައިވާ އެންމެ ބިޔަ އެއް ގަސް ކަމަށް. އަދި ދޫނިތައް އައިސް އެގަހުގެ އޮފިތަކުގައި އެތަކެތީގެ ހާލިތައް ހަދާ.“ 33 އީސާގެފާނު އެހެން މާނަފުން ވާހަކަފުޅެއް ވެސް ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ އަންހެނަކު މޮޑުނު ބޮޑު ފުށްގަނޑެއްގެ ތެރެއަށް ލީ ކުޑަ ކަމީރު ކޮޅެއް ފަދައިން. ކުޑަ ހިނދު ކޮޅަކަށް ފަހު މުޅި އެ ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރު ފޯރާނެ.“ 34 އީސާގެފާނުގެ އުނގަންނަވައި ދެއްވި ދެއްވުންތަކުގައި މާނަފުން ވާހަކަފުޅު ބޭނުން ނުކުރައްވައި އެބައިމީހުންނަށް އެއްވެސް ވާހަކައެއް އުނގަންނަވައި ނުދެއްވައެވެ. 35 މީގެ ސަބަބުން ނަބީބޭކަލުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ ދެއްވި މި ވަޙީބަސްފުޅު ތެދުކަން ހާމަވެގެން ހިނގައްޖެއެވެ. ”އަހަރެން މީހުންނަށް މުޚާތަބު ކުރާނީ މާނަފުން ވާހަކަތަކުން. ދުނިޔެ އުފެއްދެވީއްސުރެން ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ބުނެދޭނަން.“ ވިނަގަސްތަކާއި ބެހޭ ގޮތުން ވިދާޅުވި މާނަ ފުން ވާހަކަ 36 އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟“ 37 އީސާގެފާނު ވިދާޅުވިއެވެ. ”ދަނޑުގައި ރަނގަޅު އޮށްތައް އިންދި މީހާ ބަޔާންކޮށްދެނީ އަހަރެންނަކީ އިންސާނާގެ ދަރިކަލުންކަމަށް. 38 ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން. 39 އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން. 40 ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް. 41 އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ. 42 އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ. 43 ސާލިޙު މީހުން އެމީހުންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި އިރު ފަދައިން ބަބުޅަމުން ދާނެ. ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ! ފޮރުވިފައިވާ ޚަޒާނާ 44 މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް. އަގުބޮޑު މުތުގެ މާނަފުން ވާހަކަ 45 ހަމައެހެންމެ މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ ރަންމުތްތަކެއް ހޯދަމުން ދިޔަ ވިޔަފާރިވެރިއެއް ފަދައިން. 46 އަދި ލިބުން ދަތި އެހާމެ ރަނގަޅު ރަންމުތެއް އޭނާއަށް ފެނުނު. އޭނާގެ އަތުގައިވާ ހުރިހާ ތަކެއްޗެއް ވިއްކާލާ އޭނާ އެ ރަންމުތް ގަތް.“ މަސްވެރިކަންކުރާ ދަލަކާއި ބެހޭ ގޮތުން ވިދާޅުވި މާނަފުން ބަސްފުޅު 47 ”މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު. 48 މުޅި ދާ މަސްތަކުން ފުރިފައިވުމުން އެ މަސްވެރިން ދާ ދަމާފައި ގޮނޑު ދޮށުގެ އައްސޭރިފަށަށް ދާ ގެނައި. އަދި އެތަނުގައި އިށީނދެ ތިބެ ރަނގަޅު މަސްތައް ވަށިގަނޑަށް އަޅަމުން ގެންދިޔަ. އަދި ބޭކާރު މަސްތައް އުކަމުން ގެންދިޔަ. 49 ދުނިޔެ ނިމޭހިނދު ކަންތައްތައް ހިނގައިދާނީ އެފަދައިން. މަލާއިކަތުން ވަޑައިގަންނަވާނެ. އަދި މީސްތަކުންގެ ތެރެއިން ނުބައިމީހުންނާއި ސާލިޙު މީހުން ވަކިކުރައްވާނެ. 50 އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.“ 51 އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.“ 52 އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“ ނާޒަރަތުގެ އަހުލުވެރިން ނުރުހުން 53-54 އީސާގެފާނު މި މާނަފުން ވާހަކަފުޅުތައް މިފަދައިން ވިދާޅުވެ ދެއްވާފައި އެ ސަރަހައްދު ދޫކުރައްވާ އަމިއްލަ ރަށް ކަމުގައިވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި ދީނީ މަރުކަޒުގައި އުނގަންނަވައި ދެއްވިއެވެ. އެ ހިނދު އެރަށުގެ މީސްތަކުން ޙައިރާންވެ ބުންޏެވެ. ”މި އިންސާނާއަށް މިފަދަ މަތިވެރި ޙިކުމަތެއް ލިބި އަދި މުޢުޖިޒާތްތައް ދެއްކެވުމުގެ ކުޅަދާނަކަން ލިބުނީ ކިހިނަކުންބާ؟ 55 އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟ 56 މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟ ވީއިރު މީނާއަށް މިހުރިހާ ކަމެއް މި ލިބުނީ ކޮންތާނކުން؟“ 57 އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.“ 58 އެބައިމީހުންގެ ކިބައިގައި އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އެރަށުގައި ދެއްކެވީ ވަރަށް މަދު މުޢުޖިޒާތަކެވެ. |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.