Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 12 - ކިތާބުލް މުޤައްދަސާ


ސަބަތުގެ ސާހިބާއަކީ އީސާގެފާނު

1 އޭރު ސަބަތުގެ ދުވަހެއްގައި އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގޮވާން ދަނޑެއްގެ ތެރޭގައި ހިންގަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ބަނޑުހައިވެފައި ވާތީ އެ ދަނޑުގެ ގޮވާން ގަސްތަކުގެ ކުރާގަނޑުތަކުން ގޮވާން ބިންދެގެން އެބޭކަލުން ކަމުން ގެންދިޔައެވެ.

2 ފަރީސީނުގެ ބަޔަކަށް މިތަންފެނި އީސާގެފާނަށް ދެންނެވިއެވެ. ”⁠ނިކަންދެކެބަލަ! ކަލޭގެ އަސްޙާބީން ކުރަމުން އެ ގެންދަނީ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް.⁠“

3 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟

4 ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.

5 ތިޔަބައިމީހުން ތައުރާތުން ނުކިޔަންތަ؟ އޭގައި ކޮންމެ ސަބަތުގެ ދުވަހެއްގައި އިމާމުން ބައިތުލް މަޤްދިސްގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ވާހަކަ އަންގަވާފައި ވޭ. ނަމަވެސް އެމީހުން ކުށްވެރިއެއް ނުކުރޭ.

6 އަހަރެން ތިޔަބައިމީހުންނަށް ބުނަން. މިތަނުގައި ބައިތުލް މަޤްދިސްއަށް ވުރެން މާ މަތިވެރި ފަރާތެއް ވޭ.

7 ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެންވޭ. ’⁠ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން ރަޙުމު ކުރުމަށެވެ.⁠‘ މިބަހުގެ މާނަ ތިޔަބައިމީހުންނަށް އެނގޭނަމަ، ތިޔަބައިމީހުން ކުށެއް ނެތް މަޢުސޫމު މީހަކަށް ތުހުމަތެއް ނުކުރާނެ.

8 އެހެނީ އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ދުވަހުގެ ވެސް ވެރިސާހިބާ.⁠“


ސަބަތުގެ ދުވަހުގައި އީސާގެފާނު މީހެއްގެ އަތް ރަނގަޅު ކުރެއްވުން

9 އީސާގެފާނު އެތަނުން ވަޑައިގަތުމަށް ފަހު، އެބައިމީހުންގެ ދީނީ މަރުކަޒަށް ވަދެވަޑައިގެންނެވިއެވެ.

10 އެތަނުގައި އެއް އަތް ވާވެފައި ހުރި ފިރިހެނަކު ހުއްޓެވެ. ފަރީސީން އީސާގެފާނުގެ ފަރާތްޕުޅުން ތުހުމަތު ކުރެވޭފަދަ ކަމެއް ފެނޭތޯ ބަލަމުން ދިޔައެވެ. ވީމާ އެބައިމީހުން އީސާގެފާނުގެ އަރިހުގައި މި ސުވާލު ކުރިއެވެ. ”⁠ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟⁠“

11 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އަތުގައި އޮތް ކަންބަޅިއެއް ސަބަތުގެ ދުވަހުގައި ފުން ވަޅެއްގެ ތެރެއަށް ވެއްޓިއްޖެނަމަ، އެ ކަންބަޅި އެވަޅުން ނުނަގާނީ ކާކުތަ؟

12 ޔަޤީނުން ވެސް އެފަދަ ކަންބަޅިއަކަށް ވުރެން އިންސާނާ މުހިންމުވާނެ. ސަބަތުގެ ދުވަހުގައި ހެޔޮކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެއް.⁠“

13 ދެން އެމީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެމީހާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަނެއް އަތެކޭ އެއްފަދައިން އެ އަތް ރަނގަޅުވެއްޖެއެވެ.

14 މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.


އީސާގެފާނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޚާދިމު

15 ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ.

16 ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.

17 މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެ ފަދައިން ހިނގާ ޙަޤީޤަތަށް ވުމަށެވެ. ލިޔެވިގެން ވެއެވެ:

18 ”⁠ތިމަންކަލާނގެ ޚިޔާރުކުރެއްވި ޚާދިމު މިހިރީ އެވެ. އެކަލޭގެފާނުދެކެ ތިމަންކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވަމެވެ. ތިމަންކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ފޮނުއްވާނަމެވެ. އަދި ތިމަންކަލާނގެ އިންސާފުވެރިކަން ޤައުމުތަކަށް އެކަލޭގެފާނު އަންގަވާދެއްވާނެ.

19 އެކަލޭގެފާނު އެއްވެސް މީހަކާއި ދިމާލަށް އަޑުލައި ނަހައްދަވާނެއެވެ. އަދި އެކަލޭގެފާނު މަގުތަކުގައި ހަޅޭފަޅޭ ނުލައްވާނެވެ.

20 އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.

21 އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެމީހުންގެ އުންމީދުތައް ބިނާކުރާނީ އެކަލޭގެފާނުގެ ނަންފުޅުގެ މައްޗަށެވެ.⁠“


އީސާގެފާނު ޝައިތާނާގެ ބާރުގެ ބޭނުން ކުރައްވާ ކަމުގައި ފަރީސީން ތުހުމަތު ކުރުން

22 އެއަށް ފަހު ބަޔަކު ޖިންނި އަވަލާފައި ހުރުމުގެ ސަބަބުން ލޯފަންވެ ވާހަކަ ނުދެއްކޭ މީހަކު އީސާގެފާނުގެ އަރިހަށް ގެނެސްފިއެވެ. އީސާގެފާނު އެމީހާއަށް ޝިފާދެއްވުމުން އޭނާއަށް ވާހަކަ ދެއްކެވި އަދި ލޯ އަލިވިއެވެ.

23 އެތާ ތިބި އެންމެން މިތަންފެނި ހައިރާންވެފައި ބުންޏެވެ. ”⁠ފަހަރެއްގައި މިއީ ދާއޫދުގެފާނުގެ ދަރިކަލުން ކަމުގައި ވެދާނެ!⁠“

24 ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“

25 އީސާގެފާނަށް ފަރީސީނުގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަން ރޫޅި ހިނގައިދާނެ. އަދި ރަށެއްގައި ވެސް އަދި އާއިލާއެއްގައި ވެސް އެބައެއްގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި ބައިބައިވެއްޖެނަމަ އެބައެއް ނެތި ހިނގައިދާނެ.

26 ހަމައެހެންމެ ޝައިތާނާ އޭނާގެ އަމިއްލަ ނަފްސާއި ދެކޮޅުވެރި ވެއްޖެނަމަ އޭނާ ބައިބައިވެ ހިނގައިދާނެ. އަދި އޭނާގެ ރަސްކަން ކުރިއަކަށް ނުގެންދެވޭނެ.

27 އަހަރެން ބަޢަލްޒެބޫލުގެ ބާރުން ޖިންނިތައް ނެރޭ ނަމަ ކަލޭމެންނަށް ތަބާވާ މީހުން ޖިންނިތައް ނެރެނީ ކޮން ބައެއްގެ ބާރުން ތަ؟ ވީއިރު ކަލޭމެންނާއި މެދު އިންސާފު ކުރާނީ އެބަޔަކު.

28 ނަމަވެސް އަހަރެން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ޖިންނިތައް ފައްސާލާ ކަމުގައިވާނަމަ، މިކަންތަކުން ސާބިތުކޮށްދެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ކަލޭމެންގެ ކައިރިއަށް ވަޑައިގެންފި ކަން.

29 ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދާތައް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައި ހުރި މުދަލާއި ތަކެތި ގެންދެވިދާނެ.

30 އަހަރެންނަށް ތާއީދު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅުވެރި މީހެއް. އަދި އަހަރެންނާއި އެކުގައި މަސައްކަތް ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅަށް މަސައްކަތް ކުރާ މީހެއް.

31 ވީމާ އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ފާފަތަކާއި ބުނާ މުރުތައްދު ބަސްތައް ވެސް ޢަފޫ ކުރައްވާނެ. އެކަމަކު މާތްރަސްކަލާނގެ މާތްރޫޙުފުޅާއި މެދު ދެކޮޅުވެރިވެ މުރުތައްދު ބަސްތައް ބުނެފި ކަމުގައިވާނަމަ އެކަން ޢަފޫއެއް ނުކުރައްވާނެ.

32 އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ބަސްބުނެހަދާ ފަރާތްތަކުގެ ފާފަތައް ޢަފޫކޮށްދެއްވާނެ. ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ބަސްބުނެ ހަދާ ފަރާތްތަކުގެ ފާފަތައް މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މައާފެއް ނުލިބޭނެ.⁠“


ގަހާއި މޭވާ

33 ”⁠ރަނގަޅު މޭވާ އަޅާނީ ރަނގަޅު ގަހެއްގައި. އަދި ނުބައި މޭވާ އަޅާނީ ނުބައި ގަހެއްގައި. އެހެނީ ގަހުގެ ބާވަތް އެނގޭނީ އޭގެ މޭވާއިން.

34 ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.

35 ރަނގަޅު މީހުންގެ ހިތުގައި ވާނީ ރަނގަޅު ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ރަނގަޅު ވާހަކަތައް. ނަމަވެސް ނުބައި ބައެއްގެ ހިތުގައި ވާނީ ނުބައި ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ނުބައި ވާހަކަތައް.

36 އަހަރެން ކަލޭމެންނަށް ބުނަން. ކޮންމެ މީހަކު ކޮންމެ ވިޔާނުދާ ބަހެއް ބުނި ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުގައި އެމީހަކު ބުނި ބަހާއި މެދު އެމީހަކު ޒިންމާވާން ޖެހޭނެ.

37 ކަލޭމެންގެ ބަސްތަކުން ކަލޭމެންނާއި މެދު ފައިސަލާ ކުރެވޭނެ. ކަލޭމެންގެ ބަސްތަކުން ކަލޭމެން ރަނގަޅު ކަމުގައި ސާބިތުކުރެވިދޭ. އަދި ކަލޭމެންގެ ބަސްތަކުން ކަލޭމެން ކުށްވެރިވެދޭ.⁠“


މުޢުޖިޒާތީ ޢަލާމާތެއް ދެއްކެވުމަށް އެދުން

38 އެއަށް ފަހު ދީނުގެ ދަންނަބޭކަލުންނާއި ބައެއް ފަރީސީން އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރު ކަލޭގެފާނު، އަހަރެމެން ބޭނުންވަނީ ކަލޭގެފާނު އަހަރެމެންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް.⁠“

39 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް.

40 ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ.

41 ޤިޔާމަތް ދުވަހު ނީނަވާގެ އަހުލުވެރިން ކަލޭމެންނާއި ދެކޮޅަށް ތެދުވާނެ. އަދި އެބައިމީހުން ކަލޭމެން ކުށްވެރި ކުރާނެ. ޔޫނުސްގެފާނު އެބައިމީހުންނަށް ވަޢުޡު އިއްވެވި ހިނދު އެބައިމީހުން މަޢާފަށް އެދި ތައުބާވެ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނު. އަހަރެން ކަލޭމެންނަށް ބުނަން. މިތަނުގައި މިހާރު މިވަނީ ޔޫނުސްގެފާނަށް ވުރެން މާމަތިވެރިވެގެންވާ ފަރާތެއް.

42 ޤިޔާމަތް ދުވަހު ދެކުނުގެ ރާނީ މި ޖީލާއި ދެކޮޅަށް ތެދުވާނެ. އެކަމަނާ ކަލޭމެންގެ ކުށްތައް ދައްކައިދޭނެ. ސަބަބަކީ ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަމުގެ ބަސްފުޅު އަޑުއެހުމަށް ޓަކައި އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވި. ކަލޭމެންނަށް އަހަރެން ބުނަން. މިތަނުގައި މިހާރު މިވަނީ ސުލައިމާނުގެފާނަށް ވުރެން މާމަތިވެރި ބޭކަލެއް.⁠“


ނުބައި ރޫޙެއް އެނބުރިއައުން

43-44 ”⁠ނުބައި ރޫޙެއް މީހެއްގެ ހަށިގަނޑުން ބޭރުވެ އެމީހާ ދޫކޮށްދާ ހިނދު އޭތި ހަނަފަސް ސަހަރާ ތެރެއަށް ގޮސް އެހެން މަންޒިލެއް ފެނޭތޯ ހޯދާ ބަލާނެ. ނަމަވެސް އެ ނުބައި ރޫޙަށް އެހެން ތަނެއް ނުފެނުމުން އެ ނުބައި ރޫޙު ބުނާނެ. ’⁠އަހަރެން އެނބުރި ދާނީ ނުކުމެގެން އައި ގެއަށޭ.⁠‘ އެ ނުބައި ރޫޙު އެނބުރި އަންނަ ހިނދު އެ ގެ ހުހަށް، އެއްވެސް މީހަކު ނެތި ސާފުކޮށް ތަރުތީބު ކުރެވިފައިވާތަން އެ އެއްޗަށް ފެންނާނެ.

45 ދެން އެ ނުބައި ރޫޙު ބޭރަށް ގޮސް އެ އެއްޗާއި އެކުގައި އެއަށް ވުރެން ނުބައި އިތުރު ހަތް ރޫޙު ގޮވައިގެން އައިސް އެ ގޭގައި ދިރިއުޅެން ފަށާނެ. އެ ފަދަ މީހާގެ ހާލު އަދި ކުރިޔަށް ވުރެން ނުބައިވާނެ. މި ޒަމާނުގައި ދިރިއުޅޭ ނުބައި މީސްތަކުންގެ މައްޗަށް ވެސް މި އުސޫލުން ކަންތައް ހިނގާނެ.⁠“


އީސާގެފާނުގެ ޙަޤީޤީ ޢައިލާ

46 އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ.

47 ކޮންމެވެސް މީހަކު އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ މަންމާފުޅާއި ކޮއްކޮމެން ބޭރުގައި އެބަތިއްބެވި. އެބޭފުޅުން ކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގަންނަވާ.⁠“

48 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެންގެ މަންމަ އާއި އަހަރެންގެ ކޮއްކޮމެންނަކީ ކޮންބައެއް؟⁠“

49-50 އެކަލޭގެފާނުގެ އަސްޙާބީންނަށް އިޝާރާތް ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ މަންމައާއި ކޮއްކޮމެން މިތިބީ! ޙަޤީޤަތުގައި އަހަރެންގެ ކޮއްކޮމެންނާއި އަދި އަހަރެންގެ މަންމައަކީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދި ވޮޑިގަންނަވާ ފަދައިން އަމަލުކުރާ ކޮންމެ މީހެއް.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ