Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މައްތާ 10 - ކިތާބުލް މުޤައްދަސާ


އީސާގެފާނު ބާރަ އަސްޙާބީން ޚިޔާރު ކުރެއްވުން

1 އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީން ހޮއްވަވައި އެކަލޭގެފާނުގެ އަރިހަށް އެބޭކަލުން ގެންނަވައި ނުބައިރޫޙުތަކުގެ ދަށުގައިވާ މީހުން ސަލާމަތް ކޮށްދެއްވުމަށާއި އެންމެހައި ބަލިމަޑުކަމަކުން މީސްތަކުންނަށް ޝިފާދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ.

2 އީސާގެފާނުގެ ބާރަ މަންދޫބުންގެ ނަންތަކަކީ މިއީއެވެ: ފުރަތަމަ ޝަމްއޫނު އެވެ. އޭނާއަށް ޕަތަރަސްގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ. ދެން އޭނާގެ ކޮއްކޮ އަންދުރާއި ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އާއި އޭނާގެ ކޮއްކޮ ޔޫޙަންނާ އާއި

3-4 ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


ބާރަ އަސްޙާބީންނަށް ދެއްވި އިރުޝާދު

5 މި ބާރަ އަސްޙާބީންނަށް އީސާގެފާނު އިރުޝާދު ދެއްވައި ފޮނުއްވިއެވެ: ”⁠ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހެއްގެ ކައިރިއަށް ނުދާތި. ނުވަތަ ސަމީރިއްޔާގެ މީހުން ދިރިއުޅޭ އެއްވެސް އަވަށަކަށް ނުދާތި.

6 ނަމަވެސް ބަނީއިސްރާއީލުންގެ މީސްތަކުންގެ ކައިރިއަށް ދޭ. އެބައިމީހުން ވަނީ ގެއްލިފައި ތިބި ކަންބަޅިތަކެއް ފަދައިން.

7 އަދި ތިޔަބައިމީހުން ގޮސް މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގައި ކަމުގައި ބުނެ ވަޢުޡު އިއްވާ.

8 ބަލިމީހުންނަށް ޝިފާ ދީ. މަރުވެފައިވާ މީހުންނަށް ދިރުން ވެސް ދޭތި. ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ހެޔޮ ކޮށްދޭތި. އަދި ޖިންނި އަވަލާފައިވާ މީހުންގެ ކިބައިން ޖިންނި ފައްސާލާ. މި ހުރިހާ ކަމެއް ކުރުމުގެ ބާރު ތިޔަބައިމީހުންނަށް އަހަރެން މި ދެނީ އަގަކާއިނުލައި. ވީމާ މިކަންތައްތަކުގައި އަނެކުންނަށް އެހީތެރިވެދޭ ހިނދު ތިޔަބައިމީހުން ވެސް އަގަކާއި ނުލައި މިކަންތައްތައް ކޮށްދޭތި.

9 ތިޔަބައިމީހުން ދާއިރު ފައިސާއަޅާ ދަބަހެއް ނުގެންދާތި.

10 އަދި ދަތުރަށް ޓަކައި އިތުރު އެއްވެސް އެއްޗެއް ނުގެންދާތި. ދަތުރު ދަބަހެއް ވިޔަސް ނޫނީ އިތުރު ހެދުމެއް ވިޔަސް، ނޫނީ ފައިވާނެއް ވިޔަސް ނޫނީ ހިނގާ މަގުގައި ބޭނުން ކުރާ އަސާއެއް ވިޔަސް ގެންގޮސްގެން ނުވާނެ. މަސައްކަތްތެރިންނަށް އެބައިމީހުންގެ ރޯދި ޙައްޤުވެގެން ވާނެ.

11 ތިޔަބައިމީހުން ސަހަރަކަށް ނުވަތަ އަވަށަކަށް ވަދެވުމުން އެތަނުން ތިޔަބައިމީހުންނަށް މެހުމާންދާރީ އަދާކުރާނޭ ފަދަ މީހަކު ހޯދާތި. އަދި ފުރަން ވެއްޖައުމަށް ދާންދެން އެ ގެއެއްގައި ތިބޭތި.

12 ތިޔަބައިމީހުން އެ ގެއަކަށް ވަދެގެންދާހިނދު އެގެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި.

13 އެ ގޭގައި ތިބި މީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅުން އެބައިމީހުންނަށް ބަރަކާތާއި ސުލްޙަވެރިކަން ދެއްވުމަށް އެދުމުން އެ ބަރަކާތް އެބައިމީހުންގެ މައްޗަށް ދެމިހުންނާނެ. އެކަމަކު އެބައިމީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ދެއްވުމަށް އެދި ދެންނެވި ބަރަކާތާއި ސުލްޙަވެރިކަން އެބައިމީހުންގެ ކިބައިން އަނބުރާ ނެންގުމަށް މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދަންނަވާ.

14 އަދި ގެއަކުން ނުވަތަ ސަހަރަކުން ތިޔަބައިމީހުންނަށް މަރުޙަބާ ކިޔުމަށް ނުވަތަ ތިޔަބައިމީހުންގެ އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، އެ ތަނަކުން ދަމުން ތިޔަބައިމީހުންގެ ފައިގައި ހުރި ހިރަފުސްތައް ފޮޅާލައިފައިދޭ.

15 އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އިންޒާރު ކުރެއްވުން

16 ”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.

17 މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ.

18 އަހަރެންގެ ސަބަބުން ވެރިންގެ ކުރިމައްޗަށާއި އަދި ރަސްރަސްކަލުންގެ ކުރިމައްޗަށް ތިޔަބައިމީހުން ދަމާ ގެންދާނެ. އެ ހިނދު އެބައިމީހުންނަށާއި ބަނީއިސްރާއީލު ނޫން ދަރިކޮޅުތަކުގެ މީހުންނަށް އަހަރެންނާއި ބެހޭގޮތުން ތިޔަބައިމީހުންނަށް ހެކިވޭ ބުނެދެވޭނެ.

19 ނަމަވެސް ތިޔަބައިމީހުން ހައްޔަރު ކުރުމުން ތިޔަބައިމީހުން ދައްކާނޭ ވާހަކަތަކާއި އަދި އެވާހަކަތައް ބުނެދޭނޭ ގޮތަކާއި މެދު ކަންބޮޑުނުވޭ. އެވަގުތު ތިޔަބައިމީހުން ބުނާނޭ ވާހަކަތައް ތިޔަބައިމީހުންނަށް ދެއްވާނެ.

20 ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ.

21 ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.

22 ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ.

23 ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.

24 އެދުރަކަށް ވުރެން ދަރިވަރަކު މޮޅެއް ނުވާނެ. އަދި ވެރިމީހަކަށް ވުރެން އަޅުމީހަކު މައްޗެއް ނުވާނެ.

25 އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


ބިރުވެތިވާންވީ ހަމައެކަނި މާތްރަސްކަލާނގެދެކެ

26 ”⁠ވީމާ މީސްތަކުންދެކެ ބިރުވެތި ނުވޭ. ފޮރުވިގެންވާ އެންމެހާ ކަމެއް ފައުޅުވެގެން ދާނެ. ހަމައެހެންމެ ވަންހަނާވެގެންވާ ހުރިހައި ކަމެއްމެ އެނގިގެން ދާނެ.

27 އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ.

28 ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.

29 އެންމެ ފައިސާ ފޮއްޗަކަށް ކުދި ދޫނީގެ ދެ ދޫނި ތިޔަބައިމީހުންނަށް ލިބޭ. ނަމަވެސް އެ ކުދި ދޫނިތަކުގެ ތެރެއިން އެންމެ ދޫންޏެއް ބިންމައްޗަށް ވެޓުނަސް ތިޔަބައިމީހުންގެ ބައްޕާފުޅު އެ ކަން ދެނެވޮޑިގެން ވޭ.

30 ހަމައެހެންމެ، ތިޔަބައިމީހުންގެ ބޮލުގައިވާ އިސްތަށީގެ އަދަދު ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.

31 ވީމާ ބިރުވެތި ނުވޭ! ގިނަ ކުދި ދޫނި ތަކަކަށް ވުރެން ތިޔަބައިމީހުން މާބޮޑަށް އެކަށީގެންވޭ.

32 އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުން އަހަރެންނަށް އީމާންވާ ކަމުގައި އެއްބަސްވާނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބަޔަކު ކަމުގައި އަހަރެން ދަންނަވާނަން.

33 އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.⁠“


ސުލްޙައެއް ނޫން، ކަނޑިއެއް

34 ”⁠އަހަރެން މި އައީ ދުނިޔޭގައި ސުލްޙަވެރިކަން ގާއިމުކުރުމަށް ކަމުގައި ހީ ނުކުރޭ. އަހަރެން އައީ ދުނިޔެއަށް ސުލްޙަވެރިކަން ގެނެސް ދިނުމަކަށް ނޫން. އެކަމަކު ބައިބައިކުރުމަށް.

35 އަހަރެން އައުމުން، ’⁠ފިރިހެން ދަރިފުޅު އޭނާގެ ބަފައިމީހާއާއި ދެކޮޅުވެރިވާނެ. އަންހެން ދަރިފުޅު މައިމީހާއާއި ދެކޮޅުވެރިވާނެ. ޅީ ދަރިފުޅު މައިދައިތަ އާއި ދެކޮޅުވެރިވާނެ.

36 ތިޔަބައިމީހުންގެ ދުޝްމަނަކީ ތިޔަބައިމީހުންގެ އަމިއްލަ އާއިލާގެ މީހުން ކަމުގައިވާނެ.⁠‘

37 އަހަރެންނަށް ވުރެން ބޮޑަށް މައިންބަފައިން ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. އަހަރެންނަށް ވުރެން ބޮޑަށް ފިރިހެން ދަރިފުޅާއި އަދި އަންހެން ދަރިފުޅު ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން.

38 އެއްވެސް މީހަކު އަހަރެންނަށް އީމާންވެ ސަލީބުގައި އޮވެ ނިމިދިއުމަށް ތައްޔާރުގައި ނުވާނަމަ، އެއީ އަހަރެންނަށް ތަބާވެގެންވާ މީހެއްގެ ގޮތުގައި ވުން އެކަށީގެންވާ މީހެއް ނޫން.

39 ތިޔަބައިމީހުންގެ އަމިއްލަ ފުރާނަ ހިފަހައްޓަން އެދޭ ފަރާތްތަކަށް އެބައިމީހުންގެ ޙަޤީޤީ ދިރިއުޅުން ގެލިގެންދާނެ. ނަމަވެސް އަހަރެންނަށް ޓަކައި ތިޔަބައިމީހުންގެ ފުރާނަ ދީފިނަމަ، ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުންނަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ.⁠“


ޚިދުމަތުގެ ޘަވާބު ލިބިދިނުން

40 ”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.

41 މާތްރަސްކަލާނގެ ފޮނުއްވި ނަބިއްޔަކަށް ވާތީ އެ ނަބިއްޔަކު ބަލައިގަންނަ ކޮންމެ މީހަކަށް އެނަބިއްޔަކަށް ހުރި ޘަވާބު ލިބޭނެ. އަދި ޞާލިޙުވަންތަ މީހަކަށް ވީތީ އޭނާ ބަލައިގަންނަ ކޮންމެ މީހަކަށް އެ ޞާލިޙުވަންތަ މީހާއަށް ހުރި އިނާމު ލިބޭނެ.

42 އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ