Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޔޫޙަންނާ 8 - ކިތާބުލް މުޤައްދަސާ

1 ނަމަވެސް އީސާގެފާނު ވަޑައިގެންނެވީ ޒައިތޫނި ފަރުބަދައަށެވެ.

2 އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.

3 އެވަގުތު ދީނުގެ ދަންނަބޭކަލުންނާއި، ފަރީސީނުގެ ބަޔަކު، ޒިނޭ ކުރުމުގެ ކުށުގައި ހައްޔަރު ކުރެވުނު އަންހެނަކު އެ އެންމެންގެ ކުރިމައްޗަށް ގެނައެވެ.

4 އެމީހުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު! މީނާއަކީ ހިލޭ ފިރިހެނަކާއި އެކު ޒިނޭކުރަނިކޮށް ފެނިގެން އަތުލައިގަނެވިފައިވާ އަންހެނެއް.

5 މޫސާގެފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ގަވާއިދާއި ޤާނޫނުގެ މަތިން މިފަދަ އަމަލެއް ހިންގައިފި އަންހެނަކަށް ޙައްޤުވާ އަދަބަކީ ރަޖަމު ކުރުން. މިކަމާ ދޭތެރޭ ކަލޭގެފާނު ވިދާޅު ވަނީ ކީކޭތޯ؟⁠“

6 އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.

7 އެކަމު އެމީހުން ކުރުނުކޮށް ހުއްޓުމެއް ނެތި އެކަލޭގެފާނުގެ ކިބައިން ޖަވާބަކަށް އެދެމުން ދިޔައެވެ. އެހެންކަމުން އެންމެފަހުން އީސާގެފާނު ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”⁠އޭނާގެ ގައިގައި ޖަހަން އެއްލާ އެންމެފުރަތަމަ ހިލަގަނޑު އެއްލަން ޖެހޭނީ މިތާނގައި ތިބި މީހުންގެ ތެރެއިން ދުވަހަކު ވެސް ފާފައެއް ކޮށްފައި ނުވާ މީހަކު.⁠“

8 ދެން އަނެއްކާވެސް އީސާގެފާނު ގުދުވެވަޑައިގެން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.

9 އީސާގެފާނުގެ މިބަސްފުޅު އިވުމުން އެތާނގައި ތިބި މީހުންގެ ތެރެއިން ފުރަތަމަ މުސްކުޅިން އޭގެ ފަހުން ޒުވާނުން އެތަނުން ދާން ފެށިއެވެ. މިހެން ދަމުން ގޮސް މަޑުމަޑުން އެތާނގައި ތިބި އެންމެންމެ އެތަނުން ހިނގައްޖެއެވެ. އޭރު އެތާނގައި އީސާގެފާނުގެ ކުރިފުޅުމަތީ ހުރީ ހަމައެކަނި އެ އަންހެންމީހާއެވެ.

10 ދެން އީސާގެފާނު ތެދުވެވަޑައިގެން އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”⁠އޭ އަންހެނާ! ކޮބައިތަ އެ އެންމެންތައް. އޭގެ ތެރޭން އެކަކު ވެސް ކަލޭ ކުށްވެރި ކުރަން ނޫޅެ ދިޔައީތަ؟⁠“

11 އަންހެންމީހާ ޖަވާބުގައި ދެންނެވިއެވެ. ”⁠ސާހިބާ، އެކަކު ވެސް އެކަމެއް ނުކުރި.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ކަލޭ ކުށްވެރިއެއް ނުކުރާނަން. ކަލޭ މިތަނުންދޭ. އެކަމަކު ދެން މީގެ ފަހުން ފާފަ ނުކުރާތި.⁠“


ދުނިޔޭގެ އަލިކަމަކީ އީސާގެފާނު

12 މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“

13 ދެން ފަރީސީނުގެ މީހުން ބުންޏެވެ. ”⁠ކަލޭ އަމިއްލައަށް ކަލެއާއި މެދު ތިޔަ ދައުވާ ކުރަނީ މުޅިން ދޮގުވާހަކަތަކެއް. އަހަރެމެން ތިޔަ ވާހަކަތަކެއް ގަބޫލެއް ނުކުރާނަން.⁠“

14 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާ މެދު މި ބަސްތައް ބުނެ އަހަރެން ހެކިދިން ނަމަވެސް މިއީ ތެދު ބަސްތަކެއް. އެއީ އަހަރެން މިއައީ ކޮންތަނަކުން ކަމާއި އަދި އަހަރެން ދާނީ ކޮންތަނަކަށް ކަން އަހަންނަށް އެނގޭތީ. އެކަމަކު އަހަރެން މިއައި ތަނެއް ވެސް އަދި ދާނެ ތަނެއް ވެސް ކަލޭމެންނަކަށް ނޭނގޭނެ.

15 ކަލޭމެން އަހަންނާމެދު ފާޑުކިޔަނީ އިންސާނީ ވިސްނުމަށް ބިނާކޮށް. އެކަމަކު އަހަރެން އެކަކާ މެދަކު ވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަން.

16 އެކަމަކު އަހަރެން މީހުންނާއި މެދު ހިސާބުބަލައި ގޮތެއް ނިންމައިފިނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނިންމި ގޮތެއް ވާނީ ރަނގަޅު ގޮތް ކަމުގައި. އެއީ އެފަދައިން ކަމެއް ނިންމާނީ އަހަރެން އެކަންޏަކު ނޫން. އެގޮތަކީ އަހަރެންނާއި އެކު އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު ވެސް ހިމެނޭތީ.

17 ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވެސް ދެމީހަކު އެއްގޮތަކަށް ހެކި ދީފިނަމަ އެބެލެވޭނީ މުޅިން ތެދުކަމުގައި.

18 އަހަރެންނާ މެދު މިބުނާ ބަސްތަކަށް ހެކިވާ އެއް ހެއްކަކީ އަހަރެން. އެކަމަށް ހެކިވާ އަނެއް ހެއްކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު.⁠“

19 އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެ ބައްޕައަކީ ކޮބައިތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.⁠“

20 އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.


އީމާންކަން ނެތް މީހުންނަށް އިންޒާރެއް

21 ދެން އަނެއްކާވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެން ދޫކޮށްލާފަ ދާނަން. އޭރުން ކަލޭމެން އަހަރެން ހޯދާނެ. ނަމަވެސް ކަލޭމެން މަރުވެދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވި. އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެ.⁠“

22 ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އޭނާ އެއުޅެނީ އަމިއްލައަށް މަރުވާންތަ؟ އެހެންވެތަ އޭނާ އެ ބުނަނީ ’⁠އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެއޭ.⁠‘⁠“

23 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ތިރީ ދުނިޔޭގެ މީހުން. އަހަރެން މިއީ މަތީ ދުނިޔޭގެ މީހެއް. ކަލޭމެންނަކީ މި ދުނިޔޭގެ މީހުން. ނަމަވެސް އަހަރެންނަކީ މިދުނިޔޭގެ މީހެއް ނޫން.

24 އަހަރެންނަކީ ކާކު ކަމާމެދު އަހަރެން މިބުނާ ބަސްތައް އަހާ ގަބޫލު ނުކޮށްފި ނަމަ ’⁠ކަލޭމެން މަރުވެ ދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވިއޭ⁠‘ އަހަރެން މިބުނަނީ އެހެންވެ.⁠“

25 ދެން އެމީހުން ބުންޏެވެ. ”⁠އެހެންވިއްޔާ ބުނެބަލަ ކަލޭ ތިއީ ކާކުތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން އައީ ފުރަތަމައިނުން ވެސް ކަލޭމެންގެ ގާތު އަހަރެން މީ ކާކުކަން ބުނަމުން. އަހަރެން ދެއްކީ އަހަރެންގެ ވާހަކަ.

26 ކަލޭމެން ކުށްވެރި ކުރުމަށް ބުނާނެ އެތައް ބަސްތަކެއް އަހަރެންނަށް އެނގޭ. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅުތަކަކީ ތެދު. އެހެންކަމުން އަހަރެން މިދުނިޔޭގެ މީސްތަކުންނަށް މިބުނެދެނީ ހަމައެކަނި އަހަރެން ފޮނުއްވި ފަރާތުން އަހަރެން އަހާފައިވާ ބަސްފުޅުތައް.⁠“

27 އެކަލޭގެފާނު އެ ވާހަކަ ފުޅު ދައްކަވަނީ ބައްޕާފުޅާ މެދުގައިކަމެއް އެމީހުންނަކަށް ނޭނގެއެވެ.

28 އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.

29 އަހަރެން ފޮނުއްވި ފަރާތް އަބަދުވެސް ވަނީ އަހަރެންނާއި އެކުގައި. އެފަރާތް އަހަރެން ދޫކޮށެއް ނުލައްވާ. އެއީ އަހަރެން އަބަދުވެސް ހުރިހާ ކަމެއް ވެސް ކުރަނީ އެފަރާތް އެދިވޮޑިގެންވާ ފަދައިން.⁠“

30 އީސާގެފާނުގެ މި ބަސްފުޅުތައް އެހި އެތައް ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވިއެވެ.


އިބްރާހީމްގެފާނު ދަރިކޮޅުގެ މީހުން

31 ދެން އީސާގެފާނު އެކަލޭގެފާނު ގަބޫލުކޮށް އީމާންވި ބަނީއިސްރާއީލު މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެންގެ ބަސްތައް އަހާ އެގޮތުގައި ދެމިތިބެއްޖެ ނަމަ ކަލޭމެންނަކީ ހަމަ ޔަޤީނުން ވެސް އަހަރެންގެ އަސްޙާބީން ކަމުގައި ވާނެ.

32 އަދި އޭރުން ކަލޭމެންނަށް ތެދަކީ ކޮބައިކަން ސާފުކޮށް އެނގޭނެ. އަދި އެތެދުގެ ސަބަބުން ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައިވާނެ.⁠“

33 އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން. އަޅުގަނޑުމެންނަކީ މި ދުނިޔޭގެ އެއްވެސް މީހެއްގެ އަޅުންނެއް ނޫން. ވީއިރު ’⁠ކަލޭމެން މިނިވަނުން ކަމުގައި ވާނެއޭ⁠‘ ތިޔަ ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“

34 އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ފާފަ ކުރާ ކޮންމެ މީހަކީ ފާފައިގެ އަޅެއް.

35 އަޅަކަށް ފުރިހަމަ އާއިލާގެ މެމްބަރަކަށް ނުވެވޭނެ. އެކަމަކު އެ އާއިލާއެއްގެ ފިރިހެން ދަރިއަކީ އަބަދުވެސް އެ އާއިލާގެ މީހެއް.

36 އެހެން ކަމުން އެފިރިހެން ދަރިފުޅު ކަލޭމެން މިނިވަން ކޮށްފިނަމަ ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައި ވާނެ.

37 ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންކަން އަހަރެންނަށް ވެސް އެނގޭ. އެހެންނަމަވެސް ކަލޭމެން އަހަރެން މަރާލަން ތިއުޅެނީ އަހަރެންގެ ބަސްތައް އަހައި އެ ގޮތަށް ކަންކުރަން ނޭދޭތީ.

38 އަހަރެން ކަލޭމެން ގާތު މިބުނަނީ އަހަރެންގެ ބައްޕާފުޅުގެ ކިބަފުޅުން އެނގި ދަސްވެފައިވާ ބަސްފުޅުތައް. ނަމަވެސް ކަލޭމެން ތިޔަ ކިޔަމަން ވަނީ ކަލޭމެންގެ ބައްޕަ ބުނާތީ އިވޭ ބަހަށް.⁠“

39 އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ބައްޕައަކީ އިބްރާހީމްގެފާނު.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންތީ އިބްރާހީމްގެފާނުގެ އަސްލު ދަރިންނަމަ ކަލޭމެން ވެސް އިބްރާހީމްގެފާނު ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރީސް.

40 އަހަރެން ކަލޭމެންގެ ގާތުގައި ބުނެފައިވާނީ ތެދުބަސްތައް. އެއީ މާތްރަސްކަލާނގެ ކިބަފުޅުން އަހަރެންނަށް އިވުނު ބަސްފުޅުތައް. އެކަމަކު ކަލޭމެން ތިއުޅެނީ އަހަރެން މަރާލަން. އެއަކީ އިބްރާހީމްގެފާނު ކަން ކުރައްވާނެ ގޮތެއް ނޫން.

41 ކަލޭމެން ތިޔަ ކަންތައްކުރަނީ އަމިއްލަ ބައްޕަ ކަންތައްތައް ކުރި ފަދައިން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން މީ ނަހަލާލު ދަރިންނެއް ނޫން. އަހަރެމެން އެންމެންގެ ވެސް ބަފަޔަކީ ހަމަ އެއްފަރާތެއް. އެއީ ޚުދު މާތްރަސްކަލާނގެ.⁠“


ޝައިތާނާގެ ދަރިން

42 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.

43 ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.

44 ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.

45 ކަލޭމެންނަށް އަހަރެންގެ ބަސް ގަބޫލު ނުކުރެވިގެން ތިޔަ އުޅެނީ އަހަރެން ތެދު ބުނާތީ.

46 ކަލޭމެންގެ ތެރޭން ކާކަށްތަ އަހަރެންގެ ކުށެއް ސާބިތު ކޮށްދެވޭނީ؟ އަހަރެން ބުނާ ތެދު ބަސްތައް ކަލޭމެން ގަބޫލު ނުކުރަނީ ކީއްވެ؟

47 މާތްރަސްކަލާނގެ މީހުން ނަމަ އެކަލާނގެ ބަސްފުޅުތައް އަޑުއަހާނެ. އެކަމަކު ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅެއް އަޑެއް ނާހާ. އެހެންކަމުން ކަލޭމެން ތިޔައީ މާތްރަސްކަލާނގެ މީހުންނެއް ނޫން.⁠“


އީސާގެފާނު އެކަލޭގެފާނާއި މެދު ވިދާޅުވި ބަސްފުޅެއް

48 އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“

49 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިހިރީ އަކީ ނުބައި ރޫޙެއްގެ ބާރުގެ ދަށަކުއެއް ނޫން. އަހަރެން އަހަރެންގެ ބައްޕާފުޅަށް އިޙުތިރާމުކުރަން. ނަމަވެސް ކަލޭމެން އަހަރެންނަކަށް އިޙުތިރާމެއް ނުކުރޭ.

50 އަހަރެން މިއުޅެނީ އަހަރެންގެ އަމިއްލަ ނަފްސު މަތިވެރި ކުރާކަށެއް ނޫން. ނަމަވެސް އެހެން ފަރާތަކުން އަހަރެން މަތިވެރި ކުރައްވައި އަހަންނަށް ރަނގަޅު ގޮތްތައް ވާން އެބަ ބޭނުންފުޅުވޭ.

51 އަހަރެން ބުނަންތަ؟ އަހަރެންގެ ބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރެއް ނުވާނެ.⁠“

52 ދެން ބަނީއިސްރާއީލު މީހުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނިމޮޔަވެފައި ކަން މިހާރު އަހަރެމެންނަށް ޔަޤީން. އިބްރާހީމްގެފާނާއި އެހެން ހުރިހާ ރަސޫލުބޭކަލުން ވެސް އަވަހާރަވެދިޔަ. އެކަމަކު ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސްތައް ގަބޫލު ކޮށް އެބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރު ނުވާނެ ކަމުގައި.

53 ހުރިހާ ނަބީބޭކަލުން ވެސް އަވަހާރަވި. އަހަރެމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ވެސް އަވަހާރަވި. ކަލޭ ތިޔަ ބުނަނީ ކަލޭތީ އިބްރާހީމްގެފާނަށް ވުރެން ވެސް މަތިވެރި ބޭކަލެކޭތަ؟ ކަލޭ ހީކުރަނީ ކަލޭ ތީ ކާކު ކަމަށްތަ؟⁠“

54 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން އަމިއްލައަށް އަހަރެން މަތިވެރި ކުރާނަމަ އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ނަމަވެސް އަހަރެންނަށް އެމަތިވެރިކަން ދެއްވާ އަހަރެން މަތިވެރި ކުރައްވަނީ އަހަރެންގެ ބައްޕާފުޅު. އެކަމަކު ކަލޭމެން ތިމަން މީހުންގެ ކަލާނގެއޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕާފުޅަށް.

55 ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.

56 ކަލޭމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ހުންނެވީ އަހަރެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އަހަރެންގެ މިދުވަސް ފެނުމުން އެކަލޭގެފާނު އުފާފުޅުވި.⁠“

57 ބަނީއިސްރާއީލު މީހުން ބުންޏެވެ. ”⁠ކަލޭގެ އުމުރުން އަދި ފަންސާސް އަހަރު ވެސް ނުވޭ. ކިހިނެއްތަ ކަލެއަށް އިބްރާހީމްގެފާނު ފެންނާނީ؟⁠“

58 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ ހަމަކަށަވަރުން، އިބްރާހީމްގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ މާކުރީން ވެސް އަހަރެން ހުރީމު.⁠“

59 އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ