Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޔޫޙަންނާ 6 - ކިތާބުލް މުޤައްދަސާ


އީސާގެފާނު ފަސްހާސް މީހުންނަށް ކާންދެއްވުން

1 ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.

2 ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.

3 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި ހުރި ކުޑަ ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގެން އިށީނދެވަޑައިގަތެވެ.

4 އޭރު ފަހަނަޅައި ދިއުމުގެ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ.

5 އެކަލޭގެފާނު އިންނެވި ތަނަށް މީސްތަކުންގެ ބޮޑު ބައިގަނޑެއް އަންނަތަން ފެނުމުން އީސާގެފާނު ފިލިޕުއަށް ވިދާޅުވިއެވެ. ”⁠މިއެންމެންނަށް ކާންދޭ ވަރަށް ކާތަކެތި ގަންނަށް ލިބޭނީ ކޮންތާނކުން؟⁠“

6 އީސާގެފާނު ފިލިޕު އާއި މި ސުވާލު ކުރެއްވީ އޭނާ ބުނާ އެއްޗެއް ބެއްލެވުމަށެވެ. އެއީ އީސާގެފާނު ވަނީ އޭރު ވެސް ކަންތައް ކުރައްވާނެ ގޮތް ނިންމަވާފައެވެ.

7 ފިލިޕު ދެންނެވިއެވެ. ”⁠މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.⁠“

8 އީސާގެފާނުގެ އެހެން އަސްޙާބީއަކު ކަމުގައިވާ އަންދުރާއި، ޝަމްއޫނު ޕަތަރަސްގެ ކޮއްކޮ، ބުންޏެވެ.

9 ”⁠ބާރަލީ ފުށުގެ ބޯ ފަސް ރޮއްޓާއި ކުޑަ ދެ މަސް މިތާނ ހުރި ފިރިހެން ކުއްޖެއްގެ އަތުގައި އެބައޮތް. އެކަމަކު އެއިން މި އެންމެންނަށް ކާންދޭނީ ކިހިނެއް؟⁠“

10 އީސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެން ގާތު މިތާނ އިށީންނާށޭ ބުނޭ.⁠“ އެތާނގެ ބިންމަތީގައި ވިނަ ހެދި ފެތުރިފައި ވިއެވެ. ދެން ހުރިހާ އެންމެން އިށީނދެއްޖެވެ. އެޖަމާޢަތުގައި ވީ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް ކަމުގައި ވިއެވެ.

11 ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ.

12 އެންމެން ބަނޑުފުރެންދެން ކައި ނިމުމުން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެންގެވިއެވެ. ”⁠ބާކީވެފައިވާ ހުރިހާ އެއްޗެއް އެއްކުރޭ. އެއްވެސް އެއްޗެއް އިސްރާފުކުރާނެ ކަމެއް ނެތް.⁠“

13 ދެން އެކަލޭގެފާނުގެ އަސްޙާބީން ބާކީވެފައި ހުރި އެއްޗެހި ވަށިގަނޑުތަކަށް އެޅިއެވެ. ބާރަލީ ފުށުގެ ފަސް ރޮށިން ބާކީވި އެއްޗެހިން ބާރަ ވަށިގަނޑު ފުރުނެވެ.

14 އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“

15 އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.


އީސާގެފާނު ފެންމަތީ ހިނގައިވަޑައިގަތް

16 އެދުވަހު ހަވީރު އީސާގެފާނުގެ އަސްޙާބީން ގަލީލީ ކަނޑުގެ ކައިރިއަށް ދިޔައެވެ.

17 އެދުވަހުގެ އިރުއޮއްސި އަނދިރި ވީއިރު ވެސް އީސާގެފާނު އެމީހުންގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީން ދޯންޏަކަށް އަރައިގެން ކަނޑު ހުރަސްކޮށް ކަޕަރުނައުމްއަށް ދިއުމަށް ދަތުރު ފެށިއެވެ.

18 އޭރު ވައި ބާރުވުމުގެ ސަބަބުން ރާޅުތައް ބޮޑެތިވެ ކަނޑުގަދަ ވެއްޖެއެވެ.

19 އެމީހުން ފަލި ޖަހާފައި ތިން ހަތަރު ވަރަކަށް މޭލަށް ގޮސްފައި ވަނިކޮށް ފެން މަތީގައި ހިންގަވާފައި އީސާގެފާނު އެމީހުންނާ ދިމާއަށް ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނުނެވެ. އެމީހުން އެތަން ދެކެ ވަރަށް ބިރުގަތެވެ.

20 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! މިއީ އަހަރެން.⁠“

21 ދެން އެމީހުން އުފަލާއިއެކު އެކަލޭގެފާނު ދޯންޏަށް އެރުވިއެވެ. ހަމައެވަގުތު އެމީހުން ދާން ދިޔަ ރަށުގެ ގޮނޑުދޮށަށް ދޯނި ލެފިއްޖެއެވެ.


ދިރިހުރުންދޭ ކާނާއަކީ އީސާގެފާނު

22 ކަނޑުގެ އެ ފަރާތު އައްސޭރީގައި ތިބި މީހުން އޭގެ އަނެއް ދުވަހު ބެލި އިރު، ކުރީދުވަހު އެތަނުގައި އޮތް ހަމަ އެކަނި ދޯނީގައި އަސްޙާބީން ފުރައިގެން ދިޔައީ އީސާގެފާނު ނުލައި ކަމާއި، އެކަލޭގެފާނު އެމީހުންނާއެކު ފުރާ ވަޑައިނުގަންނަވާ ކަން އެނގުނެވެ.

23 އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ.

24 އެތަނުގައި އީސާގެފާނު ވެސް އަދި އަސްޙާބީއަކު ވެސް ނެތްކަން އެނގުމުން އެމީހުން ދޯނިތަކަށް އަރައި އެކަލޭގެފާނު ފެނޭތޯ ކަޕަރުނައުމަށް ދާން ފުރައިފިއެވެ.

25 އެމީހުންނަށް އެކަލޭގެފާނު ކަނޑުގެ އަނެއްފަރާތު އައްސޭރީގައި ހުންނެވިތަން ފެނުމުން އެމީހުން ދަންނަވައިފިއެވެ. ”⁠އެދުރުކަލޭގެފާނު! މިތަނަށް ކަލޭގެފާނު ވަޑައިގަތީ ކޮން އިރަކުތޯ؟⁠“

26 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން.

27 ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“

28 ދެން އެމީހުން އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވާ ކަންތަކަކީ ކޮބައިތޯ؟⁠“

29 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.⁠“

30 މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.

31 އަޅުގަނޑުމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި މަންނާ ކައިހެދި. އެއީ ހަމަ ލިޔެވިގެންވީ ފަދައިން. ލިޔެވިގެން ވަނީ، ’⁠އެމީހުންނަށް މާތްރަސްކަލާނގެ ސުވަރުގެއިން ކާނާ ފޮނުއްވެވިއޭ⁠‘ މިހެން.⁠“

32 އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ މޫސާގެފާނު މީސްތަކުންނަށް ދެއްވި ސުވަރުގޭގެ ކާނާއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ދެއްވި އެއްޗެއް ނޫން. އަސްލު ސުވަރުގޭގެ ކާނާ ކަލޭމެންނަށް ދެއްވަނީ އަހަރެންގެ ބައްޕާފުޅު.

33 އެހެނީ ބައްޕާފުޅު ދެއްވާ ކާނާއަކީ ސުވަރުގެއިން މި ދުނިޔެއަށް ވަޑައިގަންނަވައި، މި ދުނިޔޭގެ މީސްތަކުންނަށް ދިރިހުރުން ދެއްވާނެ، ޚާއްސަ ފަރާތް.⁠“

34 އެމީހުން ބުންޏެވެ. ”⁠ސާހިބާ! އެހެންވިއްޔާ އެކާނާ އަބަދުވެސް އަޅުގަނޑުމެންނަށް ދެއްވާ.⁠“

35 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.

36 އެކަމަކު އަހަރެން ކުރިން ވެސް ބުނިހެން ކަލޭމެންނަށް އަހަރެން ފެނިއްޖެ. ނަމަވެސް ކަލޭމެން އަދިވެސް ގަބޫލެއް ނުކުރޭ.

37 އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.

38 އެއީ އަހަރެން ސުވަރުގެއިން އައިސް މިހިރީ އަހަރެންގެ އަމިއްލަ އެދުމަށް ކަންތައް ކުރާކަށް ނޫން. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން.

39 އަހަރެން ފޮނުއްވި ފަރާތުގެ އެދުމަކީ އެފަރާތުން އަހަރެންނަށް ދެއްވި އެއްވެސް މީހަކު ގެއްލިގެން ދިޔަ ނުދިނުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެ އެންމެން ވެސް އަލުން ދިރުއްވުން.

40 އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.⁠“

41 ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”⁠ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ⁠“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.

42 އެމީހުން ބުންޏެވެ. ”⁠އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’⁠ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ⁠‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟⁠“

43 ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެކަކު އަނެކަކަށް ޝަކުވާ ކުރުން ހުއްޓާލާ!

44 އަހަރެން ފޮނުއްވެވީ ބައްޕާފުޅު. އަހަރެންގެ ގާތަށް އާދެވޭނީ ބައްޕާފުޅު އަހަރެންގެ ގާތަށް ގެނެސްދެއްވި މީހަކަށް. އަދި އެންމެ ފަހުދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން.

45 ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.

46 މާތްރަސްކަލާނގެ ޙަޟްރަތުން އައި ޚާއްސަ މީހާއަށް ފިޔަވާ އެހެން އެއްވެސް މީހަކަށް ބައްޕާފުޅު ފެނިފައެއް ނުވޭ. ބައްޕާފުޅު ފެނިފައި ވަނީ ހަމައެކަނި އެމީހާއަށް.

47 އަހަރެން ޔަޤީން ކަމާއި އެކު ކަލޭމެންނަށް ބުނަން. އަހަރެން ގަބޫލުކޮށް އީމާންވެއްޖެ ކޮންމެ މީހަކީ މިހާރު ވެސް ނިމުންނުވާ ޙަޔާތް ލިބިފައިވާ މީހެއް.

48 ދިރިހުރުމުގެ ކާނާ އަކީ އަހަރެން.

49 ކަލޭމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި ވީހިނދު މަންނާ ކައި އުޅުނު. އެކަމަކު އެ އެންމެން ވެސް މިހާރު ވަނީ މަރުވެފައި.

50 ނަމަވެސް ސުވަރުގެއިން މި ފޮނުއްވޭ ކާނާ ކައިފި ނަމަ އެ މީހަކު މަރުވެ ނެތިގެން ނުދާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.

51 އަހަރެން މީ ސުވަރުގޭން ފޮނުވުނު ދިރިހުރުންދޭ ކާނާ. މިކާނާ ކައިފި މީހަކަށް ދާއިމީ ދިރިހުރުން ލިބޭނެ. އަހަރެން މިދޭ ކާނާއަކީ އަހަރެންގެ ހަށިގަނޑު. އަހަރެން މި ހަށިގަނޑު ހުށަހަޅަނީ ދުނިޔޭގެ މީހުންނަށް ދިރިހުރުން ދިނުމަށްޓަކައި.⁠“

52 މިބަސްތަކުގެ ސަބަބުން އެއްވެ ތިބި މީހުންގެ ރުޅި ގަދަވެގެން ޒުވާބު ކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ”⁠މި މީހާއަށް އޭނާގެ ހަށިގަނޑު އަހަރެމެންނަށް ކާންދެވޭނީ ކިހިނެއް؟⁠“

53 ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ކަލޭމެން އިންސާނާގެ ދަރިކަލުންގެ ހަށިގަނޑު ކާން ޖެހޭނެ. އަދި އޭނާގެ ލޭ ވެސް ބޯންޖެހޭނެ. އެ ގޮތަށް ކަންތައް ނުކޮށްފިނަމަ ކަލޭމެންނަކަށް ޙަޤީޤީ ޙަޔާތެއް ނުލިބޭނެ.

54 އަދި އަހަރެންގެ ހަށިގަނޑު ކައި އަހަރެންގެ ލޭ ބޯ މީހަކަށް ޔަޤީނުން ވެސް ނިމުންނުވާ ޙަޔާތް ލިބިއްޖެ. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން.

55 އެއީ މަގޭ ހަށިގަނޑަކީ އަސްލު ކާނާ. އަދި މަގޭ ލެޔަކީ އަސްލު ބުއިން.

56 މަގޭ ހަށިގަނޑު ކައި މަގޭ ލޭ ބޯ ކޮންމެ މީހަކުގެ ކިބައިގައި އަހަރެން ވާނަން. އަދި އެމީހަކު އަހަރެންގެ ކިބައިގައި ވާނެ.

57 އަހަރެން ދިރި މިހިރީ އަހަރެން ފޮނުއްވި ދިރި ވޮޑިގެންވާ ބައްޕާފުޅުގެ ބާރުފުޅުން. ހަމަ އެފަދައިން އަހަރެންގެ ހަށިގަނޑު ކައިފި ކޮންމެ މީހަކު ވެސް އަހަރެންގެ ސަބަބުން ދިރިހުންނާނެ.

58 ސުވަރުގެއިން ފޮނުއްވާ އަސްލު ކާނާއަކީ އަހަރެން. މި ކާނާއަކީ ކަލޭމެންގެ ކާބަފައިން ކޭ މަންނާ ފަދަ ކާނާއެއް ނޫން. އެކާނާ ކޭ މީހުން ފަހުން މަރުވެ ދިޔައީ. އެކަމަކު އަހަރެން މިދޭ ކާނާ ކައިފި މީހަކު ދާއިމަށް ދިރިދެމި ހުންނާނެ.⁠“

59 އެކަލޭގެފާނު މި ބަސްތައް ވިދާޅުވީ ކަޕަރުނައުމްގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުގައި ކިޔަވާވިދާޅުވެ ދެއްވަމުންނެވެ.


ނިމުމެއް ނުވާ ދިރުންދޭ ބަސްފުޅު

60 އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“

61 އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟

62 އިންސާނާގެ ދަރިކަލުން ހުރިތަނުގައި ހުރެފައި އުޑަށް އުފުއްލެވޭތަން ފެނިއްޖެނަމަ ކަލޭމެން ބުނާކީކޭތަ؟

63 ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.

64 އެކަމަކު ކަލޭމެންގެ ތެރެއިން ބައެއް މީހުން އަހަރެން ގަބޫލު ނުކުރާކަން އަހަރެންނަށް އެނގޭ.⁠“ އެއީ އީސާގެފާނަށް ފުރަތަމައިނުން ވެސް އެކަލޭގެފާނު ގަބޫލު ނުކުރާނީ ކާކުކަމާއި އަދި އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނީ ކާކުކަން އެނގިވަޑައިގެންވިއެވެ.

65 އަދި އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރިން ވެސް އަހަރެން ބުނި ފަދައިން، ބައްޕާފުޅު ގެނެސްދެއްވި މީހަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.⁠“

66 އެހެންވެ އެކަލޭގެފާނުގެ އެތައް އަސްޙާބީންނެއް އެކަލޭގެފާނާއި ވަކިވެ އެކަލޭގެފާނު ދޫކޮށްލާފައި ދިޔައެވެ.

67 ދެން އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވެސް އަހަރެން ދޫކޮށްލާފަ ދާން ބޭނުމީތަ؟⁠“

68 މީގެ ޖަވާބުގައި ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެން ދާންވީ ކާކުގެ ގާތަށް؟ ނިމުންނުވާ ޙަޔާތުގެ ބަސްފުޅު ވަނީ ކަލޭގެފާނު އަތްޕުޅުމަތީގައި.

69 އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“

70 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“

71 އެކަލޭގެފާނު މިހެން ވިދާޅުވީ ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް މުޚާތަބު ކުރައްވައެވެ. އެއީ ފަހުން އޭނާ އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެކަން އެކަލޭގެފާނު ދެނެވަޑައިގެން ވާތީއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ