ޔޫޙަންނާ 2 - ކިތާބުލް މުޤައްދަސާއީސާގެފާނު ދެއްކެވި ފުރަތަމަ މުޢުޖިޒާތް 1 އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައި ވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ. 2 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ. 3 ޖާފަތުގެ މެދުތެރޭ އެ ޖާފަތަށް ގެނެވިފައިހުރި މޭބިސްކަދުރުގެ ދިޔަ ހުސްވިއެވެ. ދެން އީސާގެފާނުގެ މަންމާފުޅު އީސާގެފާނަށް ދެންނެވިއެވެ. ”އެމީހުން އަތުގައި ހުރި ހުރިހާ މޭބިސްކަދުރުގެ ދިޔަ ހުސްވެއްޖެ.“ 4 އީސާގެފާނު ވިދާޅުވިއެވެ. ”ކުރަންވީ ކީއްކަން އަހަރެން ގާތު ވިދާޅު ނުވޭ. އަހަރެންގެ ވަގުތެއް އަދި ނުޖެހޭ.“ 5 ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.“ 6 ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ. 7 އީސާގެފާނު އެގޭގެ ނޯކަރުންނަށް އެންގެވިއެވެ. ”އެ ރުނބާތަކަށް ފެން އަޅާ ފުރާލާ.“ ދެން އެމީހުން އެ ހުރިހާ ރުނބާތަކުގެ ތުނބާ ހަމަޔަށް ފެން އެޅިއެވެ. 8 ދެން އީސާގެފާނު ވިދާޅުވިއެވެ. ”އޭގެ ރުނބަޔަކުން ފެންޖަގެއް ނަގައި މި ޕާޓީގެ އިސްވެރިޔަކަށް ހުރި މީހާއަށް ގެންގޮސްދީ.“ ދެން އެމީހުން އެކަލޭގެފާނު އެ އެންގެވި ގޮތަށް ކަންތައްކުރިއެވެ. 9 އެޖާފަތުގެ އިސްވެރިޔަކަށް ހުރި މީހާ އެއިން ރަހަބަލާލިއެވެ. އޭރު އެފެން ވަނީ މޭބިސްކަދުރުގެ ދިޔައަށް ބަދަލުވެފައެވެ. އެގޭގެ ނޯކަރުންނަށް ހުރިހާ ކަމެއް އެނގުނު ނަމަވެސް، މި މޭބިސްކަދުރުގެ ދިޔަ ލިބުނީ ކޮން ގޮތަކުން ކަމެއް އެ އިސްވެރިޔަކަށް ނޭނގެއެވެ. ދެން އޭނާ ކައިވެނިވީ އަލަތު ފިރިމީހާއަށް ގޮވާގެނެސް ބުންޏެވެ. 10 ”އެހެން މީހުން އަބަދުވެސް އެންމެ މޮޅު މޭބިސްކަދުރުދިޔަ މެހުމާނުންނަށް ދެނީ އެންމެ ކުރީކޮޅު. ދެން މީހުން މޭބިސްކަދުރުގެ ދިޔަ ބޯތާ އެތައް އިރެއްވާފަހުން އެމީހުން ދެން ދޭނީ ތަންކޮޅެއް އަގުހެޔޮ މޭބިސްކަދުރުގެ ދިޔައެއް. ނަމަވެސް ކަލޭ އެންމެ މޮޅު މޭބިސްކަދުރުގެ ދިޔަ ތިޔަ ބެހެއްޓީ އެންމެ ފަހަށް.“ 11 މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ. 12 މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ. އީސާގެފާނު ބައިތުލް މަޤްދިސް ސާފުކުރެއްވި 13 ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 14 އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެތާނގެ ގޯތިތެރޭގައި މީސްތަކުން ގެރި ބަކަރިއާއި، ކަންބަޅި ބަކަރިއާއި، ކޮތަރާއި ވިއްކަމުން ދާތަނެވެ. އަދި އެތާނގައި އެކިތަފާތު ޤައުމުތަކުގެ ފައިސާ މާރުކުރަން މޭޒުތައް ދޮށުގައި ތިބި މީހުން ވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 15 އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ. 16 ދެން ކޮތަރުތައް ވިއްކަން ތިބި މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއެއްޗެހިތައް ހަމަ މިހާރު މިތަނުން ނެރޭ! އަހަރެންގެ ބައްޕާފުޅުގެ ގެކޮޅު ގަނެވިއްކާ ބާޒާރަކަށް ހަދައިގެން ނުވާނެ!“ 17 މިތަން ފެނުމުން ފަތްފުށްތަކުގައިވާ މި ބަސްފުޅު އަސްޙާބީންނަށް ހަނދާންވިއެވެ. ”މާތްކަލާނކޯ! އިނބަރަސްކަލާނގެ ގެކޮޅާ މެދު އަހަރެން ހިތުގައިވާ ލޯބި ހުޅުފަޅައިގެން އަހަރެންގެ ހިތުގައި ރޯވެފައިވޭ.“ 18 ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!“ 19 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން ޢިމާރާތް ކުރާނަން!“ 20 ބަނީއިސްރާއީލުގެ ވެރިން ޖަވާބުގައި ބުންޏެވެ. ”މި ބައިތުލް މަޤްދިސް ބިނާކުރުމަށް ސާޅީސް ހަ އަހަރު ނެގި. އެކަމު ކަލޭ ތި ބުނަނީ ކަލެއަށް މިތަން ތިން ދުވަހުގެ ތެރޭގައި ބިނާކުރެވިދާނެއޭތަ؟“ 21 ނަމަވެސް އީސާގެފާނު ބައިތުލް މަޤްދިސް އޭ ވިދާޅުވެ ނިސްބަތް ކުރެއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅަށެވެ. 22 އީސާގެފާނު އަވަހާރަ ވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އަސްޙާބީން މިބަސްފުޅުތަކުގެ މަތިން ހަނދާން ވިއެވެ. ދެން އެމީހުން ބާވައިލެއްވުނު ފޮތްތަކުގައި މިކަންތަކާއި މެދު ލިޔެވިގެންވީ ކަންތައްތަކާއި އަދި އީސާގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ. މީސްތަކުންގެ ހިތުގެއަޑި އީސާގެފާނު ދެނެވަޑައިގެންވޭ 23 ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ. 24 ނަމަވެސް އީސާގެފާނު އެމީހުންގެ ބަސްތައް ގަބޫލު ކުރައްވައި އިތުބާރެއް ނުކުރެއްވިއެވެ. އެއީ މީސްތަކުންގެ ހިތުގައިވާ ކަންތައް ވެސް އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. 25 އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ. |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.