Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޔޫޙަންނާ 10 - ކިތާބުލް މުޤައްދަސާ


ރަނގަޅު ހެޔޮ ބަކަރި ހުއިހައްޕާ މީހާ

1 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެންގެ ގާތު ބުނަންތަ؟ ކަންބަޅި ބަކަރި ކޮއްޓަކަށް ދޮރު ނޫން އެހެން ދިމާއަކުން އަރައިގެން ވަންނާނީ ވައްކަންކުރަން ވަންނަ ވަގެއް.

2 އެހެނީ ދޮރުން ވަންނަން އަންނާނީ އެ ކަންބަޅިތައް ހުއިހައްޕާ މީހާ.

3 އެތަން ބަލަހައްޓާ ދޮރުވާނު އެމީހާ ވަނުމަށް ދޮރު ހުޅުވާދޭނެ. ހުއިހައްޕާ މީހާގެ އަޑު އޭނާގެ ކަންބަޅިތަކަށް އެނގޭނެ. އޭނާ އޭނާގެ ކަންބަޅިތަކަށް އޭގެ ނަމުން ގޮވާ އެތަނުން ނެރޭނެ.

4 އެކަންބަޅިތައް އެތަނުން ނެރެގެން އޭނާ އެ އެއްޗެހި ފަހަތުލައިގެން ދާނެ. އަދި އެކަންބަޅިތައް އޭނާގެ ފަހަތުން ދާނެ. އެއީ އެ އެއްޗެއްސަށް އޭނާގެ އަޑު އެނގޭތީ.

5 އެ ކަންބަޅިތައް އެއެއްޗެހި ނުދަންނަ މީހަކާއި އެއްކަކު ނުދާނެ. އެއެއްޗެހި އެ މީހަކާ ދުރަށް ދުވެ ހިނގައިދާނެ. އެއީ އެމީހާގެ އަޑަކީ އެ ކަންބަޅިތައް ނުދަންނަ އަޑަކަށް ވީމާ.⁠“

6 އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.


ރަނގަޅު ހެޔޮ ހުއިހައްޕާ މީހާއަކީ އީސާގެފާނު

7 އެހެން ކަމުން އެކަލޭގެފާނު މި ބަސްފުޅުތައް މާނަކޮށް ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ކަންބަޅި ބަކަރި ވަދެ ނުކުމެވާ ދޮރަކީ އަހަރެން.

8 އަހަރެންގެ ކުރިން އައި އެންމެންނަކީ ދޮގުވެރިން ފޭރި ވައްކަން ކުރަން އައި މީހުން. ނަމަވެސް ކަންބަޅި ބަކަރިތައް އެމީހުންގެ ބަހެއް ނޭހި.

9 އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ.

10 ވަގަކު ވަންނާނީ ވައްކަންކޮށް މަރައި ނެތިކުރަން. ނަމަވެސް އަހަރެން މިއައީ ދިރިހުރުން އޭގެ އެންމެ ފުރިހަމަ މާނައިގައި ދިނުމަށް.

11 ހަމަ އެހެންމެ އަހަރެން މިއީ ރަނގަޅު، ޙަޤީޤީ ހުއިހައްޕާ މީހާ. ރަނގަޅު ހުއިހައްޕާ މީހާ އޭނާގެ ކަންބަޅިތަކަށްޓަކައި އޭނާގެ ފުރާނަ ވެސް ދޭނެ.

12 ހުއިހެއްޕުމަށް އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ވަލުހިޔަޅެއް އަންނަތަން ފެންނައިރަށް ބަކަރިތައް ދޫކޮށްލާފައި ދުވެފިލާފާނެ. އެއީ އެ ކަންބަޅިތަކަކީ އޭނާގެ އެއްޗެއްސަށް ނުވާތީ. އަދި އެއީ އެ އެއްޗެހީގެ ޙަޤީޤީ ހުއިހައްޕާ މީހާ ނޫން ވީމާ. ދެން ވަލުހިޔަޅު ކަންބަޅިތަކާއި ޙަމަލާދީ އެ އެއްޗެތި ވިއްސިވިހަވާލި ކޮށްލާނެ.

13 އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ދުވެ ފިލާނީ. އެއީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ލިބޭ މުސާރައަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމުން. އެއީ އެކަންބަޅިތަކުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ރަޙުމެއް ނުވާތީ.

14 ހުއިހައްޕާ ޙަޤީޤީ މީހާއަކީ އަހަރެން. އަހަރެންގެ ކަންބަޅިތައް އަހަރެންނަށް އެނގޭ. އަދި އެ އެއެއްޗިހި އަހަރެން ވެސް ދަނޭ.

15 ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.

16 މިބައިގައި ނުހިމެނޭ އެހެން ކަންބަޅިތައް ވެސް އަހަރެންނަށް ލިބިގެންވޭ. އެ އެއްޗިހިވެސް އަހަރެންގެ ކައިރިއަށް އަހަރެން ގެންނާނަން. އެ އެއްޗެއްސަށް ވެސް އަހަރެންގެ އަޑު އެނގޭނެ. އޭރުން ހުންނާނީ އެންމެ ހުއިހައްޕާ މީހެއް. އަދި ތިބޭނީ ވެސް ކަންބަޅިތަކުގެ އެއްބައިގަނޑެއް.

17 އަދި އަހަރެންގެ ފުރާނަ އަނބުރާ ލިބިގަތުމަށްޓަކައި އަހަރެންގެ ފުރާނަ ދޫކޮށް ލާނޭތީ ބައްޕާފުޅު އަހަރެން ދެކެ ލޯބިވެވޮޑިގެންވޭ.

18 އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“

19 އީސާގެފާނުގެ މި ބަސްފުޅުތަކުގެ ސަބަބުން އަނެއްކާވެސް ބަނީއިސްރާއީލު މީހުންގެ މެދުގައި ބަހުސް އުފެދި ދެބަސްވުން އުފެދުނެވެ.

20 އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟⁠“

21 ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟⁠“


ބަނީއިސްރާއީލު މީހުން އީސާގެފާނާއި ދެކޮޅުވި

22 އީސާގެފާނު ހަނުއްކާހުގެ ޢީދުގެ ދުވަސްވަރު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.

23 އޭރު އެއީ ފިނިމޫސުމެވެ. މީގެ ތެރެއިން ދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައިވާ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔުނު ތަނުގައި ހިންގަވާ ވަޑައިގެންނެވިއެވެ.

24 އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”⁠ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.⁠“

25 އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނެފީމެންނު. އެކަމަކު ކަލޭމެން އަހަރެންގެ ބަހެއް ގަބޫލެއް ނުކުރޭ. އަހަރެން ބައްޕާފުޅުގެ ހުއްދަ އާއި ބާރާއި އެކު މިކުރާ ކަންތައްތަކުން ވެސް އަހަރެން މީ ކާކުކަން އެބަ ބުނެދޭ.

26 ނަމަވެސް ކަލޭމެން ތިޔައީ އަހަރެންގެ ބައެއް ނޫން. އެހެންވެ ކަލޭމެން އެ ކަންތަކެއް ގަބޫލެއް ނުކުރޭ.

27 އަހަރެންގެ މީހުންނަކީ ކަންބަޅި ތަކެއްފަދައިން އަހަރެންގެ އަޑު އަހައި ކިޔަމަންވާ ބައެއް. އަދި އަހަރެން ވެސް އެ މީހުން ދަންނަން. އެމީހުން އަހަރެންގެ ފަސްފަހަތުން ހިނގާނެ.

28 އަހަރެން އެމީހުންނަށް ނިމުންނުވާ ދިރިހުރުން ދެން. އެހެންކަމުން އެމީހުން އެއީ ފަނާވެދާނެ ބައެއް ނޫން. އަދި އެއްވެސް މީހަކަށް އެމީހުން އަހަރެންގެ އަތުން ޖަހައެއް ވެސް ނުގަނެވޭނެ.

29 އަހަރެންގެ ބައްޕާފުޅު ވަނީ އެމީހުން އަހަންނަށް ދެއްވާފައި. އެކަލާނގެއަކީ އެންމެ ބާރު ގަދަ ފަރާތް. އެކަކަށް ވެސް ބައްޕާފުޅުގެ އަތްޕުޅު ދަށުން އެމީހުން ޖަހައެއް ނުގަނެވޭނެ.

30 ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“

31 އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ.

32 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު އެންގެވި ގޮތުގެ މަތިން އަހަރެން ކަލޭމެންނަށް އެތައް ރަނގަޅު ކަންތަކެއް އަންގާދީ ދައްކައި ދިނިން. ވީއިރު ކަލޭމެން އަހަރެން މަރާލަން ތިޔަ އުޅެނީ އެކަންތައްތަކުގެ ތެރެއިން ކޮންކަމެއްގެ ސަބަބުންތަ؟⁠“

33 ”⁠އަހަރެމެން ކަލޭ މަރާލަން މި އުޅެނީ ކަލޭ ކުރި ހެޔޮ ކަމަކާ ހެދިއެއް ނޫން. އެއީ ކަލޭ ކުފުރުގެ ބަސްތައް ބުނީތީ! ކަލޭ ތީ ހަމަ އިންސާނެއް. އެކަމަކު ކަލޭ ތިޔަ އުޅެނީ ކަލާނގެ ކަމަށް ހެދެން!⁠“

34 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ފޮތްތަކުގައި ވެސް ލިޔެވިގެންވޭ. މާތްރަސްކަލާނގެ ކަލޭމެންގެ ވެރިން ކަމުގައި ވީ ބައެއް މީހުންނަށް ވެސް މިފަދައިން ވަޙީކުރެއްވި. ’⁠ކަލޭމެން ވެސް ތިޔައީ ކަލުންނޭ.⁠‘

35 އަހަރެމެންނަށް އެނގޭ ފަތްފުށްތަކުގައި ލިޔެވިފައިވާ ލިޔުންތަކަކީ ދުވަހަކު ވެސް ބަދަލެއް ނާންނާނެ ބަސް ފުޅުތަކެއްކަން. މާތްރަސްކަލާނގެ ވެސް ވަޙީކުރައްވާފައިވޭ، އެކަލާނގެ ބަސްފުޅު ދެއްވި މީހުން އެއީ ކަލުންނޭ.

36 އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟

37 އަހަރެންގެ ބައްޕާފުޅު އެންގެވި ފަދައިން އަހަރެން ކަންތައްތައް ނުކުރާނަމަ ކަލޭމެން އަހަރެންގެ ބަސްތައް ގަބޫލު ކުރާނެ ކަމެއް ނެތް.

38 ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“

39 ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.

40 އެތަނުން އެކަލޭގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ވަޑައިގެންނެވީ އެންމެ ފުރަތަމަ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ހިސާބަށެވެ. ދެން އީސާގެފާނު އެތާނގައި މަޑުކުރެއްވިއެވެ.

41 އެތައް ބަޔަކު އެކަލޭގެފާނާއިއެކު ވަޑައިގެންނެވިއެވެ. އެމީހުން ބުންޏެވެ. ”⁠ޔަޙުޔާގެފާނު އެއްވެސް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް އެކަލޭގެފާނު އީސާގެފާނާއި ބެހޭގޮތުން ވިދާޅުވި ހުރިހާ ކަމެއް ތެދަކަށް ވެއްޖެ.⁠“

42 އެތަނުން ވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ