Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޢިބްރާނީންނަށް ސިޓީ 4 - ކިތާބުލް މުޤައްދަސާ

1 އަހަރެމެންނަށް އަރާމުގެ މަންޒިލް ދެއްވާނެކަމަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އަދިވެސް ދެމެހެއްޓިގެން ވެއެވެ. އެހެންކަމުން އަހަރެމެންގެ ތެރޭން މީހަކު އެ ނިޢުމަތުން މަހުރޫމު ވެދާނެތީ ބިރުވެތިވެ ތިބޭށެވެ.

2 އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.

3 އަރާމުގެ މަންޒިލަށް ވަދެވޭނީ އީމާންކަން މަތީ ތިބި އަހަރެމެންނަށެވެ. އެނޫން މީހުންނާމެދު މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”⁠އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ. ’⁠އެމީހުން ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަމެވެ.⁠‘⁠“ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވީ، ދުނިޔެ އުފެއްދެވީއްސުރެން އެ މަންޒިލް ތައްޔާރު ކުރެވިފައި ވަނިކޮށެވެ.

4 ފަތްފުށްތަކުގެ ކޮންމެވެސް ތަނެއްގައި ވެއެވެ. ހަތްވަނައަށްވީ ދުވަހު އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވައި މާތްރަސްކަލާނގެ އަރާމު ކުރެއްވީއެވެ.

5 އެހެން ތަނެއްގައި މިހެން ވެސް ލިޔެވިފައިވެއެވެ. ”⁠ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް އެމީހުންނަކަށް ނުވަދެވޭނެއެވެ!⁠“

6 ހެޔޮޚަބަރުފުޅު ފުރަތަމަ އަޑު އެހި މީހުންނަކަށް އެ މަންޒިލެއް ނުލިބުނެވެ. އެހެނީ އެމީހުން މާތްރަސްކަލާނގެއަށް ކިޔަމަންތެރިއެއް ނުވިއެވެ. އެކަމަކު އެ މަންޒިލް ލިބޭނެ އެހެން ބަޔަކު ތިއްބެވެ.

7 އެމީހުންނަށް އެ އަރާމުގެ މަންޒިލަށް ވަދެވޭނެ އެހެން ދުވަހެއް މާތްރަސްކަލާނގެ އޭގެ ފަހުން ތަނަވަސް ކުރެއްވިއެވެ. އެދުވަހަކީ ”⁠މިއަދުއޭ⁠“ ކިއުނު އަނެއް ދުވަހެވެ. އޭގެ އެތައް އަހަރެއް ފަހުން ފަތްފުށްތަކުގައި ލިޔެވިފައިވާ މި ބަސްފުޅު ދާއޫދުގެފާނު މެދުވެރިކުރައްވައި އިއްވެވިއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ، ކަލޭމެން ބޯހަރު ނުކުރާށެވެ!⁠“

8 މާތްރަސްކަލާނގެ ދެއްވާނެކަމަށް ވަޢުދު ކުރެއްވި އަރާމުގެ މަންޒިލް ޔަޝޫޢުގެފާނަށް އިސްރާއީލުގެ މީހުންނަށް ހޯއްދަވައި ދެއްވިފައި ވީނަމަ، ފަހުން އަންނާނެ އެހެން ދުވަހެއްގެ ވާހަކަ މާތްރަސްކަލާނގެ ވަޙީ ނުކުރެއްވީހެވެ.

9 މާތްރަސްކަލާނގެ މީހުން އަރާމު ކުރުމަށް ސަބަތުގެ ހިތްފަސޭހަކަން ލިބިދޭ ދުވަހެއް އަދިވެސް ވަނީ ހަމަޖައްސަވާފައެވެ.

10 އެދުވަހު މާތްރަސްކަލާނގެ މީހުން މަސައްކަތް ހުއްޓާލައި އަރާމުގެ މަންޒިލަށް ވަންނާނެއެވެ. އެއީ ހަތްވަނަ ދުވަހު މާތްކަލާނގެ ވެސް މަސައްކަތްޕުޅު ހުއްޓަވާލައްވައި އަރާމު ކުރެއްވި ފަދައިންނެވެ.

11 އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.

12 މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.

13 ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


އީސާގެފާނަކީ އެންމެ އުއްތަމަ އިމާމު

14 އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.

15 އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.

16 އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ