Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޢިބްރާނީންނަށް ސިޓީ 10 - ކިތާބުލް މުޤައްދަސާ

1 މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ.

2 އެ އަޅުކަން ކުރާ މީހުންގެ ތެރޭން އެމީހުންގެ ފާފަތައް އަބަދަށްޓަކައި ފިލައިފިކަމުގެ ހިތްހަމަޖެހުން ލިބިފައިވާ ބަޔަކު ތިބިނަމަ އެމީހުންނަށް ކުށްވެރިކަމުގެ އިހުސާސް ކުރެވިގެން އަލުން ޤުރުބާނީ ހުށަހަޅަން ދިއުމުގެ ބޭނުމެއް ނެތެވެ.

3-4 ގެރިބަކަރީގެ ލެޔަކުން ފާފަތަކެއް ނުފިލުވޭނެއެވެ. އެކަންތަކުގެ ސަބަބުން ކޮންމެ އަހަރަކު އެމީހުންގެ ފާފަތަކުގެ މަތިން ހަނދާން އާކޮށްދިނުން ނޫންކަމެއް ނުވެއެވެ.

5 މި ސަބަބަށްޓަކައި އީސާގެފާނު ދުނިޔެއަށް ވަޑައިގެން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވަނީ ޖަނަވާރުތަކުގެ ޤުރުބާނީތަކާއި ވެދުންތަކެއް ނޫނެއް ނޫންތޯއެވެ؟ އެކަމަށްޓަކައި އިނބަރަސްރަކަލާނގެ މިއަޅާއަށް މިވަނީ ހަށިގަނޑެއް ދެއްވާފަ ނޫންތޯއެވެ؟

6 ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި އަންދައިގެން ކުރެވޭ ޤުރުބާނީތަކަކާ މެދު ވެސް އިނބަރަސްކަލާނގެ ރުހިވޮޑިގެންނެއް ނުވެއެއް ނޫންތޯއެވެ؟⁠“

7 އަދިވެސް އެކަލޭގެފާނު ދެންނެވިއެވެ. ”⁠މިއަޅާގެ ރަސްކަލާނކޯއެވެ! މިއަޅާ އައިސް މިހިރީ އިނބަރަސްކަލާނގެ ރުހިވޮޑިގެންނަވާ ކަންތައް ކުރުމަށެވެ. އެއީ ފަތްފުށްތަކުގައި ލިޔެވިފައިވާ ފަދައިން ވެސް މެއެވެ.⁠“

8 އީސާގެފާނު ފުރަތަމަ ވިދާޅުވީ މިހެންނެވެ. ”⁠ފާފައިގެ ކައްފާރާއެއްގެ ގޮތުން ކުރެވޭ ޤުރުބާނީތަކާއި، ޖަނަވާރުތައް ކަތިލައިގެންނާއި އަންދައިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން ކުރެވޭ އެފަދަ ޤުރުބާނީތަކަށް، އިނބަރަސްކަލާނގެ ބޭނުންފުޅުވެ އެކަމާ ރުހިވޮޑިގެންނެއް ނުވަމުއެވެ.⁠“ އެކަލޭގެފާނު މިހެން ވިދާޅުވީ މިހުރިހާ ކަންތައް އަމުރުކުރެވިފައިވާ ގޮތަށް ކަންވެ ނިމިފައިވާ ހިނދުގައި ވެސްމެއެވެ.

9 ދެން އެކަލޭގެފާނު ވިދާޅުވީ މިހެންނެވެ. ”⁠މިއަޅާގެ ރަސްކަލާނކޯއެވެ! މިއަޅާ އައިސް މިހިރީ އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންތައް ކުރުމަށެވެ.⁠“ މިހެންކަމުން ކުރީގައިއޮތް ގަވާއިދުތަކާއި ޤާނޫނުތައް ބާތިލު ކުރައްވައި އޭރު ކުރަމުން އައި ޤުރުބާނީތަކުގެ ބަދަލުގައި އީސާގެފާނުގެ ހަށިކޮޅު ޤުރުބާން ކުރައްވާ ގޮތަށް މާތްރަސްކަލާނގެ ހަމަ ޖެއްސެވީއެވެ.

10 އީސާގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގެންނެވި ފަދައިން ކަންތައް ކުރެއްވުމުގެ ސަބަބުން އަހަރެމެން އެންމެން މިވަނީ ސާފުވެ މުޤައްދަސް ވެފައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅު އެންމެ ފަހަރަކު ޤުރުބާން ކުރެއްވުމުން އިތުރު ޤުރުބާނީއެއް ވެދުން ކުރަން ނުޖެހޭނެތީއެވެ.

11 އިމާމުން ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތް ދުވަހުން ދުވަހަށް ކުރަމުން ދެއެވެ. އެކަމަކު އެމީހުން ޤުރުބާންކޮށް ތާއަބަދު އެތައް ފަހަރަކު އެކުރާހާ ޤުރުބާންތަކަކުން މީސްތަކުންގެ ފާފަތަކެއް ފޮހެވިގެންނެއް ނުދެއެވެ.

12 އެކަމަކު އަހަރެމެންގެ އުއްތަމަ އިމާމު ވެވަޑައިގެންނެވި ޤުރުބާނީއަކީ ހުރިހާ އިރަކަށް ފުދޭވަރުގެ ޤުރުބާނީއެކެވެ. އޭގެ ފަހުން އެކަލޭގެފާނު އިށީނދެވަޑައިގެން އެ އިންނެވީ މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.

13 މިއަދު އެކަލޭގެފާނު އެ އިންތިޒާރު ކުރައްވަނީ އެކަލޭގެފާނުގެ އަދާވާތްތެރިންތައް ނިކަމެތިކުރައްވައި އެކަލޭގެފާނުގެ ފައިންޕުޅު ލައްވާ ކުޑަގޮނޑިއެއްގެ ފަދައިން މާތްރަސްކަލާނގެ އެމީހުން ލައްވަވާވާނެ ދުވަހަކަށެވެ.

14 މި ކުރެވުނު ހަމައެކަނި ޤުރުބާނީގެ ސަބަބުން އެކަލޭގެފާނު ވަނީ މުޤައްދަސް ކުރެވުނު އެންމެހާ މީސްތަކުންގެ ކުށްފާފަތައް އެންމެ ފުރިހަމަގޮތުގައި ދާއިމަށް ފުއްސަވައި ތާހިރު ކުރައްވާ ފައެވެ.

15 މާތްރޫޙުފުޅު ވެސް މިކަމާ ހެކިވެ މިހެން އަންގަވާފައިވެއެވެ. ފުރަތަމަ އެރޫޙުފުޅު އެންގެވީ މިފަދައިންނެވެ.

16 ”⁠ވަގުތު ޖެހުމުން ތިމަންކަލާނގެ އެމީހުންނާ އެކު ޢަހުދުނާމާއެއް ގާއިމުކުރައްވައި، އެމީހުންގެ ސިކުނޑިތަކާއި ހިތުގައި ތިމަންކަލާނގެ އަމުރުފުޅުތައް ލިޔެ ދެއްވާނަން.⁠“

17 ދެން ވަހީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އެމީހުންގެ ފާފަތައް ހަނދުމަފުޅު ނައްތަވާލައްވާނަން. އެމީހުން ކުރި ނުބައިކަންތަކުގެ މަތިން ތިމަންކަލާނގެ ހަނދުމަފުޅެއް ނުބަހައްޓަވާނަން.⁠“

18 ފާފަތައް އަފޫކުރެވުމުން އަލުން ޤުރުބާނީއެއް ހުށަހެޅުމުގެ ބޭނުމެއް ނެތެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ދަމާހިނގާ

19 އަޚުންނާއި އުޚުތުންނޭވެ! އީސާގެފާނުގެ ލޭފޮދުގެ ސަބަބުން އަހަރެމެންނަށް އެންމެ މުޤައްދަސް މަޤާމުފުޅަށް މިއަދު ވެސް ބިރެއްނެތި ވާސިލުވެވޭނެ ކަމުގެ ހިތްވަރު ލިބިފައިވެއެވެ.

20 އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ހަށިކޮޅުގެ، ފަރުދާގެ ތެރެއިން ލައިގެން އާ ޙަޔާތަކާ ދިމާޔަށް ދެވޭނެ ރާސްތާ ހުޅުވިގެން ދިޔައެވެ. އެގޮތުން އެންމެ މުޤައްދަސް މަގާމުފުޅަށް އަހަރެމެންނަށް ދެވޭނެ މަގު ތަނަވަސްވިއެވެ.

21 މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް އުއްތަމަ އިމާމެއްގެ ގޮތުގައި މިހާރު ލައްވާފައި ހުންނެވީ ވަރަށް ވެސް މަތިވެރި ބޭކަލެކެވެ.

22 އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.

23 އަހަރެމެން މިގަބޫލު ކުރާ ކަމަށް މިބުނާ އެއްޗެއްގައި ނިކަން ބާރަށް ހިފަހައްޓައިގެން އެ އުންމީދު މަތީގައި ތިބެމާ ހިނގާށެވެ. އެހެނީ އަހަރެމެންނަށް މިއުންމީދު ދެއްވަނީ އިތުބާރު ކުރެވޭ ވަފާތެރި ކަލެއް ކަމުންނެވެ.

24 އަހަރެމެން އެކަކު އަނެކަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށާއި ލޯބިވުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ގޮތްތަކާމެދު ވިސްނަމާ ހިނގާށެވެ.

25 މިހާރަކަށް އައިސް ބައެއް މީހުން އަޅުކަމުގެ ބައްދަލުވުންތަކަށް ނާންނަން ފަށައިފިއެވެ. އެކަމަކު އަހަރެމެން އެ ގޮތަށް ހަދައިގެން ނުވާނެއެވެ. އަހަރެމެން އެކަކު އަނެކެއްގެ ހިތްވަރު އާލާކޮށް ދޭންވާނެއެވެ. އެހެނީ އީސާގެފާނު ވަޑައިގަންނަވާ ދުވަސް މިވަނީ ކައިރިވެފައިކަން އަހަރެމެންނަށް އެބަ އެނގެއެވެ.

26 ޙަޤީޤަތް އޮޅުން ފިލުމަށް ފަހު އަހަރެމެން ގަސްތުގައި ކުރަމުން މިގެންދާ ފާފައިން ސަލާމަތްވެވޭނެ ފަދަ އެއްވެސް ޤުރުބާނީއެއް ނެތެވެ.

27 އެފަދަ އަމަލުތައް ކުރާ މީހުންނަށް އޮތީ އަންނަންއޮތް އަދާލަތާމެދު ބިރުވެތިވެ މާތްރަސްކަލާނގެއާ ދެކޮޅުވެގަތް މީހުން ނައްތަވާލެވޭނެ ގަދަފަދަ އަލިފާނަށް އިންތިޒާރުކޮށްކޮށް ތިބުމެވެ.

28 މީހަކު މޫސާގެފާނުގެ އަމުރުފުޅަކާ ޚިލާފުވެއްޖެކަމަށް ދެތިންމީހަކު ހެކިދީފިނަމަ އެއްވެސް ރަޙުމެއްނެތި އެމީހަކު މަރާލަން ޖެހެއެވެ.

29 އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟

30 މިފަދައިން ވަޙީ ކުރެއްވީ ކޮންފަރާތަކުންކަން އަހަރެމެންނަށް އެނގެއެވެ: ”⁠ތިމަންކަލާނގެ އެކަމުގެ ބަދަލު ހިއްޕަވާނަމެވެ.⁠“ އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާ މެދު އިންސާފު ގާއިމު ކުރައްވާނެއެވެ.⁠“

31 ދިރި ދެމިވޮޑިގެންވާ ކަލާނގެ ކޯފާއަށް ހުށަހެޅިގަތުމަކީ ބިރުހުރި ކަމެކެވެ.

32 ކަލޭމެން އީމާންކަމުގެ ތެރެއަށް ނުވަދެ ތިއްބާ ހިދާޔަތުގެ ނޫރު އަލަށް ލިބުނު ދުވަސްވަރު ކަލޭމެން އުފުލަން ޖެހުނު ދަތިވޭނުގެ މަތިން ފަހަރެއްގައި ވެސް ހަނދާން ނައްތާ ނުލާށެވެ. އޭރު ވެސް ކަލޭމެން އީމާންކަން ދޫކޮށެއް ނުލިއެވެ.

33 ބައެއް ފަހަރު އާންމުންގެ ކުރިމަތީގައި ލަދުގަންނަވައި ކަލޭމެންގެ ގައިގައި ތަޅައި އަނިޔާ ކުރަމުން ވެސް ގެންދެވުނެވެ. އަނެއް ބައިފަހަރު ވޭން ލިބޭ މީހުންނާ ބައިވެރިވާން ވެސް ކަލޭމެން ތައްޔާރަށް ތިއްބެވެ.

34 އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.

35 ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެއާ މެދު އޮންނަ އިތުބާރު ގެއްލުވާ ނުލާށެވެ. އެކަމުގެ ޘަވާބު މަތިވެރިވާނެކަން ވެސް ހަނދާނުގައި ބަހައްޓާށެވެ.

36 މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.

37 ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”⁠ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.

38 ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.⁠“

39 އަހަރެމެންނަކީ ފުރަގަސްދީ ގޮސް ގެއްލުމުގެ ތެރެއަށް ހުރަހެޅިގަންނަ މީހުންނެއް ނޫނެވެ. އަހަރެމެން ތިބޭނީ އީމާންކަން މަތީގައެވެ. އެހެންކަމުން އަހަރެމެންނަކީ ސަލާމަތް ކުރައްވާނެ ބައެކެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ