ފެށުން 46 - ކިތާބުލް މުޤައްދަސާޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުން 1 ޔަޢުޤޫބުގެފާނު (އިސްރާއީލުގެފާނު) އެކަލޭގެފާނުގެ އެންމެހާ މުދަލަކާއިގެން މިޞްރަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގެ މަގުމަތީގައި އެކަލޭގެފާނު ބިއުރުސަބްޢައަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނުގެ މަތިވެރި ރަސްކަލާނގެ މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވިއެވެ. 2 އެރޭގެ ވަގުތެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ނިދާ ފޮނުއްވައި މިފަދައިން އެކަލާނގެ ބަސްވަޙީ ކުރެއްވިއެވެ. ”ޔަޢުޤޫބު ޔަޢުޤޫބު.“ އަދި ޔަޢުޤޫބުގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”އަޅާ މިތަނުގައި ހުރީމު.“ 3 އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން. 4 ތިބާއާ އެކުގައި ތިމަންކަލާނގެ ވެސް މިޞްރަށް ދާނަމު. އަދި އޭގެފަހުގައި ތިބާ މިޞްރުން ބޭރު ކުރައްވާނަމު. ތިބާ މަރުވާ ހިނދު ތިބާގެ ލޯ ޔޫސުފުގެފާނުގެ އަތުން ލައްޕުވައި ދެއްވާނަން.“ 5 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިލްކުވެގެންވީ އެންމެހާ ތަކެއްޗާއިގެން ބިއުރުސަބްޢައިން ދަތުރަށް ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެންމެހައި ދަރިންނާއި އެބައިމީހުންގެ ކުދި ޅަ ދަރިންނާއި އަނބިން ދަތުރު ކުރަމުން ގެންދިޔައީ ސަވާރީގެ ގޮތުގައި މިޞްރުގެ ރަސްގެފާނު ދެއްވި އަސްގާޑިޔާތަކުގައެވެ. 6-7 ހަމައެހެންމެ، ކަންޢާނުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އެންމެހައި ޖަނަވާރުތަކާއި މިލްކުގައި ވީ އެންމެހާ ތަކެތި އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މުޅި އާއިލާ އާއިގެން މިޞްރަށް ވަޑައިގަތެވެ. ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުން 8 ޔަޢުޤޫބުގެފާނުގެ ދަރިންގެ ތެރެއިން މިޞްރަށް ދިޔަ އެކަލޭގެފާނުގެ ދަރިންނަކީ މިއީއެވެ: ރައޫބައިން އަކީ ޔަޢުޤޫބުގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. 9 ރައޫބައިންގެ ދަރިންނަކީ ޙަނޫކު، ފައްލޫ، ޙަޞްރޫން، އަދި ކަރްމީ އެވެ. 10 ޝިމްޢޫންގެ ދަރިންނަކީ ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ޝާއޫލް އެވެ. (ޝާއޫލްގެ މަންމައަކީ ކަންޢާނުގެ އަންހެނެކެވެ.) 11 ލާވީގެ ދަރިންނަކީ ޖަރްޝޫން، ޤަހާތު، އަދި މަރާރީ އެވެ. 12 ޔަހޫޛާގެ ދަރިންނަކީ ޢީރު، އޫނާން، ޝީލަތު، ފާރަޞް، އަދި ޒާރަޙުއެވެ. (ނަމަވެސް ޢީރު އާއި އޫނާން ވަނީ ކަންޢާނުގައި ނިޔާވެފައެވެ.) ފާރަޞްގެ ދަރިންނަކީ ޙަޞްރޫން އާއި ޙާމޫލްއެވެ. 13 ޔައްސާކަރުގެ ދަރިންނަކީ ތޫލާޢު، ފުއްވަތު، ޔޫބު، އަދި ޝިމްރޫން އެވެ. 14 ޒަބޫލޫންގެ ދަރިންނަކީ ސާރަދު، އީލޫން، އަދި ޔާޙިލްއީލް އެވެ. 15 މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނަށާއި ލައިއަތުއަށް މެސޮޕޮޓޭމިއާގައި ލިބިފައިވާ އަންހެން ދަރިފުޅު ދީނާގެ އިތުރުން ލިބިފައިވީ ދަރިންނެވެ. ޔަޢުޤޫބުގެފާނުގެ އާއިލާގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ އަދަދު މިހާހިސާބަށް ޖުމުލަ ތިރީސްތިނެއް ކަމުގައި ވެއެވެ. 16 ޖާދުގެ ދަރިންނަކީ ޞިފްޔޫން. ޙައްޖީ، ޝޫނީ، އަޞްބޫން، ޢައިރީ، އަރޫދީ، އަދި އަރްއީލީ އެވެ. 17 އަޝީރުގެ ދަރިންނަކީ ޔިމްނަތު، ޔިޝްވަތު، ޔިޝްވީ، ބަރީޢަތު އަދި އެބައިމީހުންގެ އުޚުތު ސާރަޙު އެވެ. ބަރީޢަތުގެ ދަރިންނަކީ ޙާބަރު އާއި މަލްކީއީލް އެވެ. 18 މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާން އޭނާގެ އަންހެން ދަރި ލައިއަތުއަށް ދިން އަޅު އަންހެން ކުއްޖާކަމުގައިވާ ޒިލްފާއާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ދަރިންނެވެ. މިބައިގައި މުޅި އެކުޖުމުލަ ސޯޅަ ދަރިން ލިބިފައިވެއެވެ. 19 ޔަޢުޤޫބުގެފާނާއި ރާޙީލްއަށް ލިބިވަޑައިގެންފައި ވަނީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. 20 ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގަތީ ދެ ދަރިކަލުންނެވެ. އެއީ މަނައްސާ އާއި އަފްރާއީމް އެވެ. މި ކުދިންގެ މަންމައަކީ އޫނުގެ ފާދިރީ ފޫޠީފާރަޢުގެ އަންހެން ދަރިފުޅު އަސްނާތު އެވެ. 21 ބަންޔާމީންގެ ދަރިންނަކީ ބާލަޢު، ބާކަރު، އަޝްބީލް، ޖީރާ، ނަޢުމާނު، އީޙީ، ރޫޝް، މުއްފީމު، ޙުއްފީމް، އަދި އަރުދު އެވެ. 22 މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނާއި އެކަލޭގެފާނު އަނބިކަނބަލުން ރާޙީލްއަށް ލިބިވަޑައިގެންނެވި ދަރިން ކަމުގައިވާ ޔޫސުފުގެފާނާއި ބަންޔާމީނަށް ލިބިފައިވީ ކުދިންނެވެ. މި އާއިލާގައި ސާދަ މީހުން ހިމެނިގެންވެއެވެ. 23 ދާނުއަށް ލިބުނު ދަރިފުޅުގެ ނަމަކީ ޙޫޝީމް އެވެ. 24 ނަފްތާލީއަށް ލިބުނު ދަރިންނަކީ ޔާޙަޞްއީލު، ޖޫނީ، ޔަޞްރު، އަދި ޝިއްލީމު އެވެ. 25 މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާންގެ އަންހެންދަރި ރާޙީލްއަށް ދިން އަޅު އަންހެންކުއްޖާ ބިލްހާ އަށާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ކުދިންނެވެ. މި އާއިލާގައި ހަތް ކުދިން ވެއެވެ. 26 ވީމާ، ޔަޢުޤޫބުގެފާނާއި އެކުގައި މިޞްރަށް ވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ޢަދަދަކީ ފަސްދޮޅަސް ހަޔެކެވެ. މިއީ އެކަލޭގެފާނުގެ ޅީ ދަރިން ނުހިމަނައެވެ. 27 ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގެންނެވި ދެ ދަރިކަލުން ވިއެވެ. ވުމާއެކު، މިޞްރުގައި ވީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ޖުމުލަ މީހުންގެ އަދަދު ހަތްދިހަ ކަމުގައި ވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އާއިލާ ޖާސާންގައި 28 ޔޫސުފުގެފާނުގެ އަރިހަށް ޖާސާންއަށް ދާންވީ މަގު އަހައި އޮޅުން ފިލުމަށްޓަކައި އެންމެންގެ ކުރިން ޔަހޫޛާ ފޮނުވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުން ޖާސާންއަށް ވަޑައިގަތުމުން 29 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ. 30 އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިހާރު މި ދުނިޔެ ދޫކޮށް ދިއުމަށް ތައްޔާރުގައިވަމު. އެއީ އަހަރެންނަށް ތިޔަ ދަރިކަލުންގެ މޫނުފުޅު ފެނިއްޖެމެ. އަދި ތިޔަ ދަރިކަލުން ދުނިޔޭގައި ހުރިކަން މިހާރު އަހަރެންނަށް އެނގުނީތީ ވެސްމެ.“ 31 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާގެ ހުރިހާ އެންމެންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިތަނުގައި ތިބި ޚަބަރު އަހަރެން ގޮސް ރަސްގެފާނަށް ދަންނަވާނަން. އަހަރެން މިފަދައިން ދަންނަވާނަމު. ’އަހަރެންގެ އަޚުންނާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާ ކަންޢާނު ދޫކުރައްވައި އަހަރެންނާއި އެކުގައި ދިރިއުޅުމަށްޓަކައި މި ރަށަށް އަތުވެއްޖެޔޭ. 32 އެބައިމީހުންނަކީ ބަކަރި ހުއިހައްޕާ ބައެކޭ، އަދި އޮޅު ޖަނަވާރު ބެލެހެއްޓުމުގެ މަސައްކަތްތެރި ބައެކޭ. ހަމައެހެންމެ އެބައިމީހުން މި ރަށަށް އައި އިރުގައި އެބައިމީހުންގެ މިލްކުގައި ވީ އެންމެހާ ތަކެތި ހިފައިގެން އައި ކަމުގައި އަހަރެން ދަންނަވާނަން.‘ 33 ރަސްގެފާނު ތިޔަބައިމީހުންނާއި ބައްދަލު ކުރައްވައި މިފަދައިން އައްސަވާނެ. ’ތިޔަބައިމީހުން ކުރަނީ ކޮންމަސައްކަތެއްހޭ؟‘ 34 އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“ |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.