Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ފެށުން 31 - ކިތާބުލް މުޤައްދަސާ


ޔަޢުޤޫބުގެފާނު ލަބާނަށް ފިއްލަވައިގެން ވަޑައިގަތުން

1 އެއްދުވަހަކު ލަބާންގެ ފިރިހެން ދަރިން މިފަދައިން ވާހަކަ ދެއްކި އަޑު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވިއެވެ. ”⁠އަހަރެމެންގެ ބައްޕަގެ މިލްކުގައި ވީ ހުރިހާ މުދަލެއް ޔަޢުޤޫބު ނަގައިފި. އެފަދަ މުއްސަނދި ކަމެއް އޭނާއަށް ލިބިފައި އެވަނީ އަހަރެމެންގެ ބައްޕަގެ މުދަލުން!⁠“

2 އަދި ކުރީގައި އޮތްފަދަ ގާތް ގުޅުމެއް މިފަހަކަށް އައިސް ލަބާން އެކަލޭގެފާނާއިމެދުގައި ނުބާއްވާ ކަން ޔައުޤޫބުގެފާނަށް ފާހަގަ ކުރެވުނުމެއެވެ.

3 އެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޔަޢުޤޫބުގެފާނަށް މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިބާގެ ކާބަފައިންނާއި ގާތްތިމާގެ މީހުންގެ ރަށަށް އެނބުރި ދޭ. ތިމަންކަލާނގެ ތިބާއާ އެކުގައި ވޮޑިގެން ވާހުށީމު.⁠“

4 އެހެންވެ ރާޙީލް އާއި ލައިއަތުއަށް ޔަޢުޤޫބުގެފާނު ކަންބަޅި ބަކަރިތައް ހުއިހެއްޕެވުމަށް ހުންނެވި މައިދާނަށް އައިސް އެކަލޭގެފާނާއި ބައްދަލު ކުރުމަށް އެންގެވިއެވެ.

5 އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ.

6 ތިޔަ ދެކަނބުލޭގެ ބައްޕައަށް އަހަރެންގެ ހުރިހާ ހަކަތައަކުން އަހަރެން މަސައްކަތް ކޮށްދިންކަން ތިޔަ ދެކަނބުލޭގެއިން ދަންނާނެ.

7 އެހެނަސް އޭނާ އަހަރެންނަށް މަކަރުހަދައި އަހަރެންގެ އުޖޫރައަށް ދިހަފަހަރު ބަދަލު ގެނައި. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއް އަހަރެންނަށް ލިބުމަށް މާތްކަލާނގެ އެދިވޮޑިގެންނެއް ނުވޭ.

8 ތިޔަ ދެކަނބުލޭގެ ބައްޕަގެ އަތުގައި ހުރި ލައްޖެހިފައި ހުރި ހުރިހާ ކަންބަޅިއަކާ ބަކަރިއެއް އެއީ އަހަރެންގެ އުޖޫރަ ކަމުގައި ބުނި ހިނދުން ފެށިގެން އެތަކެތި ވިހޭނަމަ ވިހޭ ކޮންމެ އެއްޗެއްގެ ހަށިގަނޑުގައި ލައް ހުރި. އަދި އެންމެހާ ކަންބަޅިތަކުގެ ތެރެއިން ރޮނގު ދިގަށް ހުރި ކަންބަޅި އެއް ވާނަމަ އެއީ ވެސް އަހަރެންގެ އުޖޫރަ ކަމުގައި އޭނާ ބުނި ހިނދުން ފެށިގެން އެ ކަންބަޅިތައް ވިހޭ ކޮންމެ ޅަ ކަންބަޅިއެއްގެ ހަށިގަނޑުގައި ދިގަށް ރޮނގު ހުރި.

9 ތިޔަ ދެކަނބަލުންގެ ބައްޕަގެ އަތުގައި ހުރި ކަންބަޅި ބަކަރިތައް މި ގޮތުގެ މަތިން މާތްކަލާނގެ އަހަރެންނަށް ދެއްވައި އަދި އަހަރެންނަށް މުއްސަނދިކަން ދެއްވި.

10 ކަންބަޅިތައް ޖިމާޢުވަމުން ދިޔަ ދުވަސްވަރު އަހަރެންނަށް ހުވަފެނެއް ފެނުނު. އަހަރެންނަށް ހުވަފެނުގައި ފެނުނީ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) އެތަކެތީގެ ތެރެއިން ޖިމާޢުވި ހުރިހާ ގިތެލެއްގެ ހަށިގަނޑުގައި ލައް ނޫނީ ނިޝާނެއް ނުވަތަ ރޮނގު ދެމިގެންވާތީ.

11 އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘

12 އެ ހިނދު އެމަލާއިކަތާ މިފަދައިން ވިދާޅުވި. ’⁠ކަލޭގެފާނު ނިކަން ދެކިބަލާށޭ، ޖިމާޢުވަމުން ދިޔަ އެންމެހާ ގިތެޔޮތަކުގެ ތެރެއިން ޖިމާޢުވީ ހަމައެކަނި ރޮނގު ދެމި ތަކެއްޗާއި ލައްޖެހިފައިވީ ތަކެއްޗާއި އަދި ނިޝާނެއް ހުރި ތަކެއްޗޭ. މިފަދައިން އެކަންވުމަށް ތިމަންކަލާނގެ މެދުވެރި ކުރުވި ސަބަބަކީ ތިބާއާއި މެދު ލަބާން ކަންތައް ކުރަމުން ދާ ގޮތް ތިމަންކަލާނގެ ދެކެވޮޑިގަންނަވާތީއޭ.

13 ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“

14 ލައިއަތުއާއި ރާޙީލް ޖަވާބުގައި ދެންނެވިއެވެ. ”⁠ތިޔަގޮތާ އަހަރެމެން ރުހެމު. އަހަރެމެންގެ ބައްޕަގެ ތަރިކައިން އަހަރެމެންނަށް ލިބިދޭނޭ އެއްވެސް އެއްޗެއް ނުވޭމެ.

15 އަހަރެމެންނާއިމެދު ބައްޕަ އަމަލުކުރަނީ ދުރުހިލޭ މީހުންނާއިމެދު އަމަލުކުރާ ފަދައިން. ބައްޕަ، އަހަރެމެން ކަލޭގެފާނަށް ވިއްކާލެއްވި. އަދި އަހަރެމެންނަށް ލިބިދޭންޖެހޭ ކައިވެނީގެ ރަނަށް ލިބުނުހާ ފައިސާ ބައްޕަ ބޭނުންކުރީ ބައްޕަގެ އަމިއްލަ ބޭނުމަށް.

16 މާތްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ކަލޭގެފާނު އަމަލު ކުރައްވާ. އަހަރެމެންގެ ބައްޕަގެ މުދައުވެރިކަމުން ނަންގަވައި އެކަލާނގެ ކަލޭގެފާނަށް ދެއްވި ތަނަވަސްކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޙައްޤެއް. މާތްކަލާނގެ ކަލޭގެފާނާމެދު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރައްވާ.⁠“

17-18 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ރަށް ކަމުގައިވާ ކަންޢާނުއަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި އަނބިންނާއި އެންމެހާ ދަރިން ޖަމަލުތަކުގެ މައްޗަށް އަރުވައި، މެސޮޕޮޓޭމިއާއިން އެކަލޭގެފާނަށް ލިބިފައިވާ އެންމެހާ ކަންބަޅި ބަކަރިތަކާއި އަދި އެނޫން ވެސް ތަކެތި އެކަލޭގެފާނުގެ ކުރީގައި ބަހައްޓަވައިގެން ކުރިއަށް ދެވޭ ގޮތުގެ މަތިން ޔަޢުޤޫބުގެފާނު ދަތުރަށް ފެއްޓެވިއެވެ.

19 އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ.

20 އަދި އެބައިމީހުން މަކަރުވެރިގޮތުގައި ސިއްރިއްޔާތުން ދަތުރަށް ތައްޔާރުވެ ލަބާންއަށް އެނގުމަކާ ނުލައި ފުރައިގެން ދިޔައެވެ.

21 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.


ލަބާން ޔަޢުޤޫބުގެފާނު ހޯދުން

22 ޔަޢުޤޫބުގެފާނު ފިއްލަވާ ވަޑައިގެންނެވިކަން މީހެއްގެފަރާތުން ލަބާންއަށް އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ.

23 އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ.

24 ނަމަވެސް އެރޭ ލަބާންއަށް ހުވަފެނުގައި މާތްކަލާނގެ މިފަދައިން ވަޙީކުރައްވައި އިންޒާރު ދެއްވިއެވެ. ”⁠ޔަޢުޤޫބާ ކަލޭ މުޚާތަބު ކުރާއިރު ސަމާލުވޭ! އެއްވެސް ގޮތަކުން ޔަޢުޤޫބަށް އަނިޔާވެރިނުވާތި.⁠“

25 ޔަޢުޤޫބުގެފާނު ފޭލިގެ ޖެއްސެވީ ޖިލްޢާދުގެ ފަރުބަދަތަކުގެ މަތީގައެވެ. އަދި ލަބާން ވެސް ޖިލްޢާދުގެ ފަރުބަދަތަކާއި ކައިރީގައި އޭނާގެ ގާތްތިމާގެ މީހުންނާއެކު ފޭލިގެ ޖެހިއެވެ.

26 ލަބާން ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠ތިބާ އަހަރެންނަށް މަކަރު ތިޔަހެދީ ކީއްވެ؟ އަދި ހަނގުރާމައިގައި އަސީރު ކުރެވޭ އަންހެނުން ފަދައިން އަހަރެންގެ އަންހެންދަރިން އަސީރު ކޮށްގެން ތިޔަ ގެންދަނީ ކީއްވެ؟

27 އަހަރެންނަށް ޚަބަރު ނުކޮށް ތިބާ ފިލައިގެން ތިޔަ އައީ ކީއްވެ؟ ތިބާ އަހަރެންގެ ގާތު ދިއުމަށް އެދުނުނަމަ، ތިބާގެ މަގުގައި ކުރިއަށް ދިއުމަށް އަހަރެން އެދޭނީ އޫދާއި ތާރައިގެ މިޔުޒިކުން ލަވަކިޔައި އުފާފާޅުކުރުމާއެކު.

28 އަހަރެންގެ ކާފަދަރިންނާއި އަންހެން ދަރިންނަށް ވަދާޢުގެ ބޮސްދިނުމުގެ ފުރުސަތު ވެސް އަހަރެންނަށް ތިބާ ނުދިނީމު. ޙަޤީޤަތުގައި ތިޔަކުރީ ވަރަށް ތާކުންތާކު ނުޖެހޭ މޮޔަ ކަމެއް.

29 އަހަރެންނަށް ފަސޭހަކަމާއެކު ތިބާގެ މައްޗަށް އަނިޔާވެރި ވެވިދާނެ. ނަމަވެސް ތިބާގެ ބަފައިކަލުން އަޅުކަންކުރައްވާ ކަލާނގެ، މާތްކަލާނގެ އަހަރެންނަށް އިންޒާރު ކުރެއްވީ ތިބާއަށް އެއްވެސް ގޮތަކުން އަނިޔާވެރި ނުވުމަށާއި ވަޢުދެއް ކުރުވައި ބިރުދައްކައި ނުހެދުމަށް.

30 ތިބާގެ ބަފައިކަލުންގެ އަރިހަށް ރަށަށް ދިއުމުގެ ޝައުގުވެރިކަން ތިބާގެ ހިތުގައިވާ މިންވަރު އަހަރެން ދަންނަމު. ނަމަވެސް ތިބާ އަހަރެންގެ ކަލާނގެތައް ވަގަން ނެގީ ކީއްވެ؟⁠“

31 ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ސިއްރިއްޔާތުގައި ފިލައިގެން ދާންޖެހުނު ސަބަބަކީ ތިބާގެ އަންހެންދަރިން އަހަރެންނާއި އެކުގައި ދިޔުމަށް ތިބާ އިންކާރު ކޮށްފާނޭ ކަމުގެ ބިރު އަހަރެންނަށް ހީވުމުން.

32 ނަމަވެސް މިތަނުގައި ވީ ހުރިހާ އެންމެންގެ ތެރެއިން އެއްވެސް ފަރާތެއްގެ އަތުން ތިބާގެ ގޭގައި ބެހެއްޓިފައިހުރި ތިބާގެ ކަލާނގެ ތައް ފެނިއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް ޙައްޤުވާނެ! މިކަމުގައި މިތަނުގައި މިތިބަ އަހަރެމެންގެ ގާތްތިމާގެ ފަރާތްތައް ހެކިކުރަމު. އެންމެހާ ތަކެތި ބަލާ. އަދި ތިބާއަށް މިލްކުވެގެންވާ މުދަލެއްވާނަމަ އެ މުދަލެއް ތިބާ ގެންދޭ.⁠“ މި ހިނދު ރާޙީލް ލަބާންގެ ކަލާނގެތައް ވަގަށް ނެގިކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގެންނެއް ނުވެއެވެ.

33 އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ.

34 ރާޙީލްގެ ފޭލިގެއަށް ލަބާން އައުމުގެ ކުރިން އެތަކެތި ނަގައި އެތާ އޮތް ޖަމަލުއަސްދާނު ގޮނޑިއެއް ދަށުގައި ކޮތަޅަކަށްލައި ފޮރުވުމަށް ފަހު އޭގެ މައްޗަށް އަރައި ރާޙީލް އިށީނދެ އިނެވެ. ލަބާން މުޅި އެ ފޭލިގެތެރެ ބަލައި ހޯދުމުން ވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.

35 އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”⁠އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.⁠“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.

36 ލަބާންގެ މި ޢަމަލުތަކާ މެދު ޔަޢުޤޫބުގެފާނު ކޯފާވެ ވަޑައިގަންނަވާ މިފަދައިން ޝަކުވާކުރެއްވިއެވެ. ”⁠އަހަރެން ޖަރީމާއެއް ނޫނީ ތިބާއާއި މެދު އަހަރެން ފާފަވެރި ޢަމަލެއް ހިންގިންތަ؟ މުޖުރިމަކު ހޯދަން އަންނަފަދައިން އަހަރެންގެ ފަސްފަހަތުން ތިޔަ އައީ ކީއްވެ؟

37 އަހަރެންގެ މިލްކުގައި ވާނަމަ ވާހައި ތަކެއްޗެއް ތިބާ ހޯދައިފި. އެ ތަކެތީގެ ތެރެއިން ތިބާގެ އެއްޗެއް ފެނުނުތަ؟ ތިބާގެ އެއްޗެއް އަހަރެންގެ މުދަލުގެ ތެރޭގައިވާނަމަ މިތާނގައި ތިބި އަހަރެމެން ދެމީހުންގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި ނެރެ ހާމަ ކޮށްދީ. އޭރުން އަހަރެމެން ދެމީހުންގެ ތެރެއިން ތެދުހަދަނީ ކާކުތޯ އެމީހުން ނިންމާނެ.

38 އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން މިދިޔަ ވިހި އަހަރު ދުވަހުގައި ތިބާގެ ކަންބަޅިބަކަރިތަކާ މެދު ފަރުވާތެރިވެ އެދެވޭ ގޮތުގައި އެތަކެތި ބަލަހައްޓައިދީފައި ވާނެ. އެއެއްޗެހި ސިއްޙަތު ރަނގަޅު ދަރިންތައް ވިހޭ. އަދި އަހަރެންގެ ކާނާއަށް އެތަކެތީގެ ތެރެއިން ޅަކަންބަޅިއެއް ކަތިލައި އޭގެ މަސް ބޭނުންކޮށްފައެއް ވެސް ނުވާނެ.

39 ތިބާގެ ޖަނަވާރަކަށް ވަލުޖަނަވާރެއް ޙަމަލާދީ މަރާލެވުނު ކޮންމެ ފަހަރަކު އެ މަރުވި ޖަނަވާރެއް ތިބާއަށް ދައްކާފައެއް ނުވާނެ. ނަމަވެސް އެކަމުގެ ގެއްލުން އަހަރެން ތިބާއަށް ފޫބައްދާދީފައިވާނެ. ދުވާލުގައި ނޫނީ އަދި ރޭގަނޑުގައި ވިޔަސް ތިބާގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެއް މީހަކު ވަގަށްނެގި ކަމުގައި ވިޔަސް އޭގެ ފުރިހަމަ އަގު އަހަރެންގެ އަތުން ތިބާ އަތުލީމު.

40 ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ފިނީގައި ނިދިން މަޙުރޫމުވެ ހުރެ އެތަކެއް ވޭން އަހަރެން އުފުލީމު.

41 މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!

42 ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


ޔަޢުޤޫބުގެފާނާއި ލަބާންގެ އެއްބަސްވުން

43 ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”⁠ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް.

44 ވީމާ، ތިބާ އާއި އަހަރެންނާއި ދެމެދުގައި ސުލްޙައިގެ މުޢާހަދާއަކަށް އައުން އަހަރެން އެދެމު. އަދި މި މުޢާހަދާގެ ޝަރުތުތައް މާތްކަލާނގެ ހެކިވަނިވި ގޮތުން ދެފަރާތުން ކުރުމަށް އެއްބަސްވަމު.⁠“

45 އެގޮތުން ޔަޢުޤޫބުގެފާނު ހިލައެއް ގެންނަވައި އެތަނުގައި އެ ހިލަ ތަނބެއްހެން ކޮޅަށް ޖެއްސެވިއެވެ.

46 އަދި އެ އެހިލައިގެ ބުޑަށް އިތުރަށް ހިލަ އެޅުމަށް އެތަނުގައި ތިބި އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް އެންގެވިއެވެ. އެއަށް ފަހު ލަބާން އާއި ޔަޢުޤޫބުގެފާނު އެ ހިލައިގެ ކައިރީގައި ތިބެ ކައިބޮއި ހެދިއެވެ.

47 އަދި ލަބާން އޭނާގެ ބަސްކަމުގައިވާ އަރަމައިކް ބަހުން އެތަނަށް ”⁠ޔަޖަރް ސަހްދޫޘާ⁠“ ގެ ނަމުން ނަންދިނެވެ. އަދި ޔަޢުޤޫބުގެފާނުގެ ބަސްފުޅު ކަމުގައިވާ ޢިބްރާނީ ބަހުން އެތަނަށް ”⁠ޖަލްޢީދު⁠“ ގެ ނަމުން ނަން ދެއްވިއެވެ.

48 އެއަށް ފަހު ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން މިއަދު އެއްބަސްވި ސުލްޙައިގެ މުޢާހަދާގެ މަތިން މި ހިލަފުނި އަހަރެމެންނަށް ހަނދާންކޮށްދޭނެ⁠“ މިތަނަށް ޖަލްޢީދު ގެނަމުން ނަންދެވުނީ މިހެންވެއެވެ.

49 އަދި ލަބާން މިފަދައިން ބުނިވެސް މެއެވެ. ”⁠މި ހިލަފުނި މާނަކޮށްދެނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ވަކިވެގެން ދިޔަކަމުގައިވިއަސް މި ސުލްޙައިގެ މުޢާހަދާއަށް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވާނެކަން.⁠“ މިތަނަށް ”⁠މިޞްފާތު⁠“ އޭ ވެސް ކިޔައެވެ.

50 ލަބާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”⁠ތިބާ އަހަރެންގެ ދެ އަންހެން ދަރިންނަށް އިހާނެތިކޮށް ހިތައި އެހެން އަންހެނަކާއި ކައިވެނި ކުރިޔަސް އަހަރެންނަކަށް ނޭނގޭނެ. ނަމަވެސް ހަނދާންކުރާތި، އަހަރެމެން ދެމީހުންނާއިމެދު ހެކިވަނިވި ގޮތުގައި މާތްކަލާނގެ ބައްލަވާވޮޑިގެންވާނެ!

51-52 މި ހިލަތަކާއި އަދި މި ހިލަ ތަނބަށް ބަލާ. މި ތަނބަކާއި ގާފުނި އަހަރެމެންނަށް ހަނދާންކޮށްދެނީ މި އިން ހުރަސްކޮށް ގޮސް އެކަކު އަނެކަކަށް އަނިޔާވެރި ނުވުމަށް.

53 އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.

54 އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.

55 ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ލަބާން އޭނާގެ ދެ އަންހެން ދަރިންނާއި އަދި ކާފަ ދަރިންނަށް ބޮސްދީ ވަދާޢުގެ ސަލާމްކުރުމަށް ފަހު އޭނާގެ ސަހަރަށް ދިއުމަށް ފުރައިފިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ