Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ފެށުން 27 - ކިތާބުލް މުޤައްދަސާ


އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ރަޙުމަތްލެއްވުން

1 އިސްޙާޤުގެފާނު މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ވަނީ ބަލިކަށިވެފައެވެ. އެހެންވެ އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށެއް ފެނިވަޑައެއް ނުގަންނަވައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން ޢީސޫއަށް ”⁠މަގޭ ދަރިފުޅާ⁠“ އޭ ވިދާޅުވެ ގޮވާލެއްވިއެވެ. އެ ހިނދު ޢީސޫ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އާދެ، ބައްޕާފުޅާ، އަޅުގަނޑު ބައްޕާފުޅަށް ކޮށްދޭންވީ ކޮންކަމެއްތޯ؟⁠“

2 އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިއަދު މިވަނީ މުސްކުޅިވެފަ. މަރުވާނީ ކޮން ދުވަހަކުންކަމެއް ވެސް ނޭނގެ.

3 އެހެންވީމާ ދަރިފުޅު ދުނިދަނޑި ހިފައިގެން މައިދާނުގެ ތެރެއަށް ގޮސް ވަލު ޖަނަވާރެއް ޝިކާރަކޮށްގެން އާދޭ.

4 އަދި އޭގެ މަހުން އަހަރެންނަށް މީރު ގޮތަށް ކެއުމެއް ކައްކައިގެން ދަރިފުޅު އަހަރެންނަށް ގެނެސްދީ. އަހަރެން މަރުވުމުގެ ކުރިން އެ ކެއުން ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް ދަންނަވާނަން.⁠“

5 އިސްޙާޤުގެފާނު މިފަދައިން ޢީސޫއަށް ވިދާޅުވިއިރު ރިފްޤާ ހުންނެވީ އަޑު އައްސަވާށެވެ. ދެން ޢީސޫ ޝިކާރަ ކުރުމަށް ދިޔައެވެ.

6 އެ ހިނދު އެކަމަނާގެ ދަރިކަލުން ޔަޢުޤޫބުގެފާނަށް ވިދާޅުވިއެވެ. ”⁠އަޑުއަހާ! ދަރިފުޅުގެ ބޭބެއަށް ދަރިފުޅުގެ ބައްޕާފުޅު މިފަދައިން ވިދާޅުވެލެއްވި އަޑު މަންމަ އަހައިފީމު.

7 ’⁠ޝިކާރައެއް ހިއްޕަވައިގެން އައިސް ބައްޕާފުޅަށް މީރު ކެއުމެއް ކައްކަވައިގެން ގެނެސް ދެއްވުމަށް އެދިވަޑައިގެންނެވި. އެއީ ބައްޕާފުޅު އަވަހާރަވުމުގެ ކުރިން ޢީސޫއަށް މާތްރަސްކަލާނގެ ޙަޟްރަތުން ބަރަކާތް ލެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދެންނެވުމަށް ކަމުގައި ވެސް ވިދާޅުވި.⁠‘

8 އެހެންވީމާ، މަގޭ ދަރިފުޅާ މަންމައަށް ކިޔަމަންވޭ. އަދި މަންމަ މި އެދޭފަދައިން އަމަލުކުރޭ.

9 އަހަރެމެންގެ ބަކަރިތައް ކައިރިއަށް ގޮސް އެ ބަކަރިތަކުގެ ތެރެއިން އެންމެ ރަނގަޅު ޅަ ދެބަކަރި ކަތިލައިގެން މަންމަގެ ގާތަށް ގެނެސްދީ. އަހަރެން ދަރިފުޅުގެ ބައްޕާފުޅު އެންމެ ރުހިވަޑައިގަންނަވާ މީރު ފަރިއްކޮޅު ކައްކާނަން.

10 އެއަށް ފަހު ދަރިފުޅު އެ ފަރިއްކޮޅު ބައްޕާފުޅަށް ވެދުމަށް އަރުވާ. އޭރުން ބައްޕާފުޅު އަވަހާރަ ވުމުގެ ކުރިން ދަރިފުޅަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާނެ.⁠“

11 ”⁠އަޅުގަނޑުގެ ބޭބެ ޢީސޫ އަކީ އިސްތަށިގިނަ މީހެއް. އަޅުގަނޑަކީ ގައިގެ ހަން އޮމާން މީހެއް.

12 ބައްޕާފުޅު އަޅުގަނޑުގެ ގައިގައި އަތް ބީއްސަވާލައްވައި، އަޅުގަނޑު ބައްޕާފުޅަށް އޮޅުވާލައްވަނީ ކަން އެނގިވަޑައިގެން، އަޅުގަނޑަށް ބަރަކާތް ލެއްވުމުގެ ބަދަލުގައި އަޅުގަނޑުގެ މައްޗަށް ބަދު ދުޢާފުޅެއް ކުރައްވައިފާނެ.⁠“ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިކަމަނާއަށް ހަނދުމަ ކޮށްދެއްވިއެވެ.

13 މައިކަމަނާ އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ބައްޕާފުޅު ބަދު ދުޢާއެއް ކުރައްވައިފިނަމަ އެ ބަދުނާމު މަންމަ ބަލައިގަންނާނަން. މަންމަ މިބުނާ ފަދައިން ކަންތައް ކުރޭ. ގޮސް ބަކަރި ގެނެސްދީ!⁠“

14 އެހެންވެ ޔަޢުޤޫބުގެފާނު ވަޑައިގެން މައިކަމަނާއަށް ޅަ ދެބަކަރި ގެނެސްދެއްވިއެވެ. ދެން އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ އަދި އެކަލޭގެފާނަށް އެންމެ މީރު ފަރިއްކޮޅު އެ ތަކެތިން ކައްކުވައިފިއެވެ.

15 އެއަށް ފަހު ރިފްޤާ، އެގޭގައި ހުރި އެކަމަނާގެ ދޮށީ ދަރިކަލުން ޢީސޫގެ އެންމެ މޮޅު ހެދުން ގެނެސް އެކަމަނާގެ ހަގު ދަރިކަލުން ޔަޢުޤޫބުގެފާނު ތުރުކުރެއްވިއެވެ.

16 އަދި ޔަޢުޤޫބުގެފާނުގެ ގައިގެ ހަމުގައި ފާޅުވެފައިވާ ހިސާބުން އަތްޕުޅާއި ކަރުފުޅު ބަކަރި ކެހެރީން ފޮރުވައި ދެއްވިއެވެ.

17 އެއަށް ފަހު އެކަމަނާ ތައްޔާރު ކޮށްދެއްވި މީރު ފަރިއްކޮޅާއި އަދި އެކަމަނާ ފިއްސެވި ބޯފޮޅި އެކަމަނާގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ އަތްޕުޅަށް ދެއްވިއެވެ.

18 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވުމަށް ފަހު މިފަދައިން ދެންނެވިއެވެ. ”⁠ބައްޕާފުޅާ!⁠“ އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެންގެ ދެދަރިކަލުންގެ ތެރެއިން ތިޔައީ ކޮން ދަރިކަލެއްތަ؟⁠“

19 ޔަޢުޤޫބުގެފާނުގެ ރައްދުގައި ދެންނެވިއެވެ. ”⁠މިއީ ބައްޕަގެ ދޮށީ ފިރިހެންދަރިފުޅު ޢީސޫ. އަޅުގަނޑު މިއައީ ބައްޕަ ވިދާޅުވި ފަދައިން ކަންތައް ކޮށްގެން. ތެދުވެ ވަޑައިގެން އަޅުގަނޑު ތައްޔާރު ކޮށްގެން މިގެނައި ތަކެތި ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކޮށްދެއްވާ.⁠“

20 އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠މަގޭ ދަރިފުޅާ. ޝިކާރަ ކުރައްވާނެ ޖަނަވާރެއް މިހާ އަވަހަށް ހޯއްދެވީ ކިހިނެއް؟⁠“ ޔަޢުޤޫބުގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ބައްޕާފުޅުގެ ވެރި މާތްރަސްކަލާނގެ އަޅުގަނޑުގެ މައްޗަށް އޯގާވަންތަވެ ވޮޑިގެންނެވުމުން.⁠“

21 އެއަށް ފަހު އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ، ކައިރިއަށް އާދޭ. ތިޔައީ ޢީސޫތޯ ފާހަގަ ކުރުމަށް ބައްޕަ ދަރިފުޅު ގައިގައި އަތްލާން ބޭނުން.⁠“

22 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ކަރިއަށް ވަޑައިގަތުމުން ޔަޢުޤޫބުގެފާނުގެ ގައިކޮޅުގައި އަތްޕުޅު ބީއްސަވާ ލެއްވުމަށް ފަހު އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ އަޑު ހީވަނީ ޔަޢުޤޫބުގެ އަޑުހެން. އެހެނަސް ދަރިފުޅުގެ އަތުގައި ތިޔަވަނީ ޢީސޫ ފަދައިން އިސްތަށި ފަޅާފަ.⁠“

23 އެއަށް ފަހު އިސްޙާޤުގެފާނު، ޢީސޫ ކަމަށް ހީކުރައްވާ ޔަޢުޤޫބުގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.

24 އިސްޙާޤުގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ތިޔައީ ޙަޤީޤަތުގައި ވެސް ހަމަ ޢީސޫތަ؟⁠“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠އާދެ، ބައްޕާ. އަޅުގަނޑަކީ ހަމަ ޢީސޫ.⁠“

25 ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅު ތިޔަގެނައި ކެއުން ބައްޕައަށް ދީ. އެ ތަކެތި ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް އެދި ބައްޕަ ދުޢާ ކޮށްދެއްވާނަމު.⁠“ ދެން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ފަރިއްކޮޅު އެރުވިއެވެ. އަދި އެތަކެތި އިސްޙާޤުގެފާނު ފަރިއްކުޅުއްވުމުން މޭބިސްކަދުރުގެ ދިޔަ ވެސް އެރުއްވިއެވެ. ދެން އިސްޙާޤުގެފާނު އެ ދިޔަ ފޮދު ވެސް ހިއްޕެވިއެވެ.

26 އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ބައްޕަގެ ކައިރިއަށް މިތަނަށް އައިސް ބައްޕަގެ ގައިގައި ދަރިފުޅު ބޮސް ދީ.⁠“

27 އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނަށް ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިއަށްޖެހި ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނަށް ޢީސޫގެ ހެދުމުގެ ވަސްދުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލެއްވުމަށް އެދި މިފަދައިން ދެންނެވިއެވެ. ”⁠އާހ، ދަރިފުޅުގެ ހެދުމުގެ ވަސް އަހަރެންނަށް ދުވި ހިނދު، މާތްރަސްކަލާނގެ ބަރަކާތް ލައްވާފައިވާ ތާޒާ މައިދާނެއް ފަދަ.

28 މާތްކަލާނގެ އެ މައިދާނުގައި ފުރިހަމައަށް ގޮވާން އަޅާނެ ފަދައިން ގިނައިން ވާރޭ ފޮނުއްވާނެ. އެގޮތުން ދަރިފުޅުގެ މައިދާނުގައި ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ހެދޭނެ.

29 އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“

30 އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނުގެ މައްޗަށް ބަރަކާތް ލެއްވުން އެދި ދުޢާކުރައްވައި ނިންމެވިއެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނުގެ އަރިހުން ވަޑައިގެންނެވިއެވެ. އެ ހިނދު ޢީސޫ ޝިކާރަ ކޮށްގެން އަތުވެއްޖެއެވެ.

31 އަދި އެކަލޭގެފާނު ވެސް ވަރަށް މީރު ފަރިއްކޮޅެއް ތައްޔާރު ކުރައްވައިގެން ބަފައިކަލުންނަށް ވެދުމަށް އެރުވުމަށް ވަޑައިގެންނެވުމަށް ފަހު ދެންނެވިއެވެ. ”⁠ބައްޕާފުޅާ، ތެދެވެވަޑައިގަންނަވާ، އަދި ބައްޕާފުޅުގެ ދަރިފުޅުގެ ޝިކާރައިން ގެނައި ފަރިއްކޮޅުން ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތަށް އެދިވަޑައިގެން ދުޢާކޮށްދެއްވާ!⁠“

32 އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ތިޔައީ ކާކުތަ؟⁠“ ޢީސޫ ޖަވާބުދިނެވެ. ”⁠މިއީ ބައްޕަގެ ދޮށީ ފިރިހެން ދަރިފުޅު ޢީސޫ!⁠“

33 އެ ހިނދު އިސްޙާޤުގެފާނު ތުރުތުރުއަޅާ ޙާލުކޮޅުގައި ވިދާޅުވިއެވެ. ”⁠އެހެން ކަމަށް ވާނަމަ ދަރިފުޅު އައުމުގެ ކުރިން ޝިކާރަ ކުރެވުނު ޖަނަވާރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުމެއް މިތަނަށް އެ ގެނައީ ކާކު؟ ދަރިފުޅު މިތަނަށް އައުމުގެ ކުރިން އަހަރެން އެ ކާނާ ކައިފިން. އަދި އެ މީހަކަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްފީމު. ހަމަކަށަވަރުން އެމީހަކަށް ބަރަކާތް ލެވިގެންވާނެ.⁠“

34 ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލަކުންގެ މިވާހަކަތައް އަޑުއިވި ހިތްދަތި ކަމާއެކު އަޑުންއަޑުނަގާ ރޮމުން އެކަލޭގެފާނުގެ ބަފައިކަލުންނަށް ދެންނެވިއެވެ. ”⁠މަގޭ ބައްޕާފުޅާ، އަޅުގަނޑަށް ވެސް ބަރަކާތް ލެއްވުމަށް އެދި ދަންނަވައި ދެއްވާ!⁠“

35 އެހެނަސް އިސްޙާޤުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ ކޮއްކޮ މަކަރުވެރިގޮތުގައި މިތަނަށް އައިސް ދަރިފުޅަށް ލިބިދޭންޖެހޭ ބަރަކާތް ލިބިގެންފި.⁠“

36 ޢީސޫ ދެންނެވިއެވެ. ”⁠ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!⁠“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟⁠“

37 އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ޔަޢުޤޫބުއަށް އަހަރެން ދީފިން. އަދި އެކަލޭގެފާނުގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުންނަކީ އެކަލޭގެފާނުގެ ޚާދިމުން ކަމުގައި ވުމަށް ނިންމައިފިން. އަދި އެކަލޭގެފާނަށް ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ދެއްވުމަށް އެދި ދެންނެވިއްޖެ. މަގޭ ދަރިފުޅާ. ދަރިފުޅަށް ދިނުމަށް އިތުރު އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވޭ؟⁠“

38 ނަމަވެސް ހުއްޓާނުލައި ޢީސޫ އާދޭސްކޮށް ދަންނަވަމުން ގެންދެވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ބައްޕާފުޅު އެއްފަހަރު ނަމަވެސް ބަރަކާތް ނުލައްވާނުތޯ؟ އަޅުގަނޑަށްޓަކައި ބަރަކާތް ލައްވަވާ!⁠“ މިހެން ބުނުމާއެކު ކަރުނައަޅާ ރޯންފެށިއެވެ.

39 އެ ހިނދު އިސްޙާޤުގެފާނު މިފަދައި ދެންނެވިއެވެ. ”⁠ދަރިފުޅު ދިރިއުޅެމުން ގެންދާނީ އެ މައިދާންތަކަކަށް ފެން ލިބުން މަދު އަދި ގޮވާންކުރުން ދަތި މައިދާންތަކުގަ.

40 ދަރިފުޅުގެ ދިރިއުޅުން ބިނާވާނީ ދަރިފުޅުގެ ކަނޑީގެ ބޭނުން ކޮށްގެން. އަދި ދަރިފުޅު ވާނީ ދަރިފުޅުގެ ކޮއްކޮގެ ޚާދިމެއްގެ ގޮތުގަ. ނަމަވެސް ދަރިފުޅަށް ކެތްނުވެގެން ދެކޮޅުވެރިވެގަތުމުން އެކަލޭގެފާނުގެ އަތްދަށުން ދަރިފުޅު ސަލާމަތް ވެދާނެ.⁠“

41 މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“

42 ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލެއްވުމުގެ ރޭވުން ޢީސޫ ރާވަމުން ގެންދާކަން މީސްތަކުންނަށް އެނގުމުން އެބައިމީހުން ރިފްޤާއަށް މި ޚަބަރު ދިނެވެ. އެއަށް ފަހު އެކަމަނާ ޔަޢުޤޫބުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠އަޑުއަހާ، ދަރިފުޅުގެ ބޭބެ ދަރިފުޅުގެ މައްޗަށް ބަދަލުހިފުމުގެ ގޮތުން ދަރިފުޅު މަރާލުމުގެ ރޭވުން އެބަރާވާ.

43 އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.

44 ޢީސޫގެ ނަފްރަތު ކުރުން ދަރިފުޅުގެ މައްޗަށް ހުއްޓެން ދެން އޭނާގެ ގާތު ދުވަސްކޮޅަކު މަޑުކުރޭ.

45 ދަރިފުޅު ޢީސޫ އާއިމެދު ކުރިކަންތައް ހަނދާންނެތި އަދި އެކަލޭގެފާނުގެ ރުޅިވެރިކަން ދަރިފުޅުގެ މަތިން ފިލައި ދިއުމުން ގެއަށް އައުމަށް މަންމަ އަންގާނަން. ތިޔަ ދެބެއިން އެކުގައި ނިމި ދާކަށް މަންމައެއް ނޭދެމު.⁠“

46 އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”⁠މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ