Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ނެރުއްވުން 32 - ކިތާބުލް މުޤައްދަސާ


ރަނުގެ ގެރި

1 މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“

2 އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“

3 ދެން އެމީހުން ގޮސް އެތަކެތި ހާރޫނުގެފާނަށް ގެނެސް ދިނެވެ.

4 ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”⁠އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!⁠“

5 ހާރޫނުގެފާނަށް އެމީހުން އުފާވިވަރު ފެނި ވަޑައިގެން އެ ގެރި ކުރިމަތީ ޤުރުބާނީ އައްޓެއް ތައްޔާރު ކުރެއްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާދަމައަކީ މާތްރަސްކަލާނގެއައްޓަކާ ޢީދެއް ފާހަގަ ކުރަންވާ ދުވަސް!⁠“

6 އޭގެ އަނެއް ދުވަހު ފަތިހާ މީހުން ތެދުވެގެން މި ގެރިއަށް އަންދައި ކުރާ ޤުރުބާނީއާއި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ހުށަހަޅަން އަތުވެއްޖެއެވެ. އެމީހުން އައިސް ޢީދު ފާހަގަކޮށް ޖާފަތް ހަދައި ބުއިންތައް ބޮއެ ހުރިހާ ބާވަތެއްގެ ހަޑިހުތުރު ފާހިޝް ކަންތަކެއް ކުރަން ފަށައިފިއެވެ.

7 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.

8 އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’⁠އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.⁠‘⁠“

9 ދެން މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މިމީހުންގެ ބޯހަރުކަމާއި ދެކޮޅުވެރިކަން އަހަރެންނަށް އެބަ ފެނޭ.

10 އަހަރެންގެ ގަދަފަދަ ރުޅީގެ އަލިފާން އެމީހުންގެ މައްޗަށް ބޭލިޔަދީ. އަހަރެން އެ އެންމެން ނައްތާލާނަން. އެއަށް ފަހު ކަލެއާއި ކަލޭގެ ދަރިކޮޅުން ބޮޑު ޤައުމެއް ހަދައިދޭ ނަން.⁠“

11 އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟

12 މިޞްރު މީހުން އޭރުން ބުނާނެ، ’⁠އެމީހުންގެ ކަލާނގެ މިރަށުން އެމީހުން ނެރުއްވީ ފަރުބަދަތަކުގެ ތެރެއަށް ގެންގޮސް އެމީހުން މަރާލައި އެމީހުންގެ ވަސް މިބިންމަތިން ފިލުވާލުމަށޭ ނޫންތޯ؟⁠‘ ތިޔަ ކޯފާ މަޑު ކުރައްވާ! އިނބަރަސްކަލާނގެ އެމީހުންނާމެދު ތިޔަގޮތަށް ކަންތައް ކުރެއްވުން ހުއްޓަވާ ލައްވާ! އެވަރުގެ ގަދަފަދަ ކޯފާއެއް އިނބަރަސްކަލާނގެ މީހުންގެ މައްޗަށް ނުފޮނުއްވާ!

13 އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“

14 ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.

15 މޫސާގެފާނު ދެން ފަރުބަދައިގެ ތިރިއަށް ވަޑައިގެންފިއެވެ. އޭރު އެކަލޭގެފާނު އަތްޕުޅުގައި ޢަހުދުނާމާ ލިޔެވިފައިވާ ދެހިލަފޮތި އޮތެވެ. އެހިލަފޮތީގެ ދެފުށުގައި އެ ޢަހުދުނާމާ ލިޔެވި ބިންވަޅު ނެގިފައި ވެއެވެ.

16 މި ހިލަ ފޮތިތަކުގައި ވާ ލިޔުމަކީ ސީދާ މާތްކަލާނގެ އަތްޕުޅުން ލިޔުއްވައިފައިވާ އަމުރުފުޅުތަކެކެވެ.

17 ޔަޝޫޢުގެފާނަށް ފަރުބަދައިގެ ތިރިން މީސްތަކުންގެ ހަޅޭކުގެ އަޑު އިވި ވަޑައިގަތުމުން ވިދާޅުވިއެވެ. ”⁠ހީވަނީ ފޭލިގެތަކުގެ ތެރޭގައި ހަނގުރާމައެއް ކުރެވެނީހެން!⁠“

18 އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”⁠ނޫން. އެއަކީ ފަތަޙައިގެ ނަޣަރާއެއް ނޫން. އެއީ ނާކާމިޔާބީގެ ރުއިމުގެ އަޑެއް ވެސް ނޫން. އަހަންނަށް އިވެނީ ވަރުގަދަ އުފާފާޅު ކުރުމެއްގެ އަޑެއް.⁠“

19 އެބޭކަލުން ފޭލިގެތަކާ ހަމަޔަށް ވަޑައިގެން ބެއްލެވި އިރު މީސްތަކުން ގެރިއެއްގެ ކުރިމަތީގައި ނަށަން ތިބިތަން ފެނި ވަޑައިގެން އެކަލޭގެފާނުގެ ގާތަށް އަލިފާންފަދަ ކޯފާއެއް އަތުވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ގެންނެވި ހިލަފޮތިތައް ބިމާލާ ޖައްސަވައި ފަރުބަދައިގެ ބުޑަށް ފުނޑުފުނޑު ކޮށްލައްވައިފިއެވެ.

20 ދެން ވަޑައިގެން އެމީހުން ގެންގުޅުނު ގެރި އަންދަވައިލައްވައިފި އެވެ. އަދި އެ އެއްޗެހި ހިމުން ފުށަށް ހައްދަވައި ފެނަށް ގިރައި އެ ފެން އެމީހުންނަށް ގަދަކަމުން ބޯން ދެއްވިއެވެ.

21 އެންމެފަހުން އެކަލޭގެފާނު ހާރޫނުގެފާނާ ދިމާއަށް އެނބުރި ވަޑައިގެން އެއްސެވިއެވެ. ”⁠އެމީހުންގެ މައްޗަށް މިހާބޮޑު ފާފައެއް ކަލޭ ކުރިމަތި ކުރީ އެމީހުން ކަލެއަށް ކުރި ކޮންކަމަކާ ހެދިތަ؟⁠“

22 ”⁠ސާހިބާ، އަޅުގަނޑު ދެކެ ކޯފާ ނުވޭ.⁠“ ހާރޫނުގެފާނު ދެންނެވިއެވެ. ”⁠މި ވިޔާނުދާ މީހުންގެ ކަންތައް ހުންނަ ގޮތް ކަލޭގެފާނަށް ވެސް އެނގި ވަޑައިގަންނަވާނެ.

23 އެމީހުން އަޅުގަނޑުގެ ގާތުން އެދުނީ އެމީހުންނަށް މަގު ދައްކާނެ އިލާހެއް ހަދައި ދިނުމަށް. އެމީހުން ބުނި ’⁠މިޞްރުން ތިމަންމެން ނެރެގެން ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް ނޭނގުނޭ⁠‘.

24 އެހެންވެ އަޅުގަނޑު ބުނިން. އެމީހުންގެ ތެރޭން މީހެއްގެ އަތުގައި ރަނެއް ޖަވާހިރެއް ހުރިއްޔާ އެއެއްޗެއް ގެންނާށޭ. އެއެއްޗެހި ގެނެސް އަޅުގަނޑު އަލިފާނަށް ލުމުން އެއިން ނުކުތީ މި ގެރި!⁠“

25 ހާރޫނުގެފާނު އެމީހުން މަގުފުރައްދަވައި މޮޔަ ހައްދަވައިފިކަން މޫސާގެފާނަށް ފެނި ވަޑައިގަތެވެ. އަދި އެމީހުންގެ ދުޝްމިނުން އެމީހުންނަކީ ތާކުން ތާކު ނުޖެހޭ ބައެއް ކަމަށް ދެކޭނެ އަމަލުތައް ކުރިޔަ ދީފި ކަން މޫސާގެފާނަށް އެނގިވަޑައިގަތެވެ.

26 އެހެންވެ އެކަލޭގެފާނު ފޭލިގެތަކުގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއާ އެކީގައި ތިބިއްޔާ ތިބިހާ ބަޔަކު އަހަރެންގެ ގާތަށް އާދޭ.⁠“ ދެން ލާވީންގެ ދަރިކޮޅުގެ މީހުން އެކަލޭގެފާނުގެ ގާތަށް އައިސް ޖަމާ ވެއްޖެއެވެ.

27 މޫސާގެފާނު ވިދާޅުވިއެވެ. ”⁠މިއީ މާތްރަސްކަލާނގެ، އިސްރާއީލީންގެ އިލާހުގެ ވަޙީބަސްފުޅު: ކަލޭމެން ކަނޑި ހިފައިގެން ފޭލިގެތަކުގެ އެއްކޮޅުން އަނެއްކޮޅަށް ވަދެ އެ އެންމެން މަރާލާ. އެކަކު ވެސް ދިރި ބަހައްޓާނެ ކަމެއްނެތް. އެއީ ކަލޭމެންގެ އެއްބަނޑު އެއްބަފާ މީހެއްވިޔަސް، ރައްޓެއްސެއް ވިޔަސް އަވަށްޓެރިއެއް ވިޔަސް ހެޔޮ.⁠“

28 ލާވީންގެ ދަރިކޮޅުގެ މީހުން މޫސާގެފާނުގެ އަމުރުފުޅަށް ކިޔަމަންވިއެވެ. އެމީހުން ގޮސް އެދުވަހު ތިންހާހެއްހާ މީހުން މަރާލިއެވެ.

29 ދެން މޫސާގެފާނު ލާވީންނަށް ވިދާޅުވިއެވެ. ”⁠މިއަދު ކަލޭމެން ތިޔަ ކުރީ މާތްރަސްކަލާނގެ އަށްޓަކައި ކުރި ހެޔޮކަމެއް. އެއީ ކަލޭމެންގެ ދަރިންނާއި ކޮއްކޮއިން މަރަން ޖެހުނު ކަމުގައިވިޔަސް ކަލޭމެން އެކަލާނގެއަށް ކިޔަމަންތެރި ވީތީ. އެހެންކަމުން ކަލޭމެން ތިޔަ ހާސިލުކުރީ މަތިވެރި ރަޙުމަތެއް.⁠“


މޫސާގެފާނު އިސްރާއީލީންގެ ދިފާއުގައި

30 އޭގެ އަނެއް ދުވަހު މޫސާގެފާނު އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަނީ ބޮޑުވެގެންވާ ފާފައެއް ކޮށްފައި. އެކަމަކު އަހަރެން މާތްރަސްކަލާނގެ ޙަޟްރަތަށް ފަރުބަދަ މައްޗަށް ދާނަން. ފަހަރުގައި އަހަރެންނަށް އެކަލާނގެ ޙަޟްރަތުން ކަލޭމެންނަށް އަފޫއާންމެއް ހޯދައި ދެވިދާނެ.⁠“

31 ދެން މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ދެންނެވިއެވެ. ”⁠އެމީހުން އެކުރީ ކޮންފަދަ ފާފައެއް! އެމީހުން އަމިއްލައަށް ރަނުން އިލާހަކު ހަދައި އެއަށް އަޅުކަން ކޮށްފި.

32 ނަމަވެސް އެމީހުންގެ މި ފާފައަށް މައާފު ކޮށްދެއްވުމަށް މިއަޅާ އިނބަރަސްކަލާނގެ ކިބަފުޅަށް އާދޭސް ދަންނަވަން. އިނބަރަސްކަލާނގެ އެމީހުންނަށް މަޢާފު ނުދެއްވާނެ ނަމަ އިނބަރަސްކަލާނގެ ފޮތުން އަޅުގަނޑުގެ ނަން ކަނޑާލަ ދެއްވާ!⁠“

33 އެކަމަކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ނޫން! އަހަރެންނާމެދު ފާފަ ކުރި އެންމެންގެ ނަންތައް ފޮތުން ކަނޑާލާނަން!

34 މިހާރު ދޭ. ގޮސް އަހަރެން އެންގި ތަނަށް އެމީހުން ގެންދޭ. ނިކަން ބަލާ! އަހަރެންގެ މަލާއިކަތާ އެ ދަނީ ކަލެއަށް މަގު ދައްކައިދޭން. އަހަރެން ހިސާބު ބަލަން އެމީހުން އެއްކުރާ ދުވަހަކުން ފާފަ ކުރި މީހުން އެކަމަށް ޒިންމާ ކުރުވާނަން.⁠“

35 ދެން މާތްރަސްކަލާނގެ ބަނީއިސްރާއީލުންގެ މައްޗަށް ބޮޑުވެގެންވާ ބަލިމަޑު ކަމެއް ފޮނުއްވިއެވެ. އެއީ ހާރޫނުގެ ފާނު ލައްވައި ގެރިއެއް ހައްދައި އެއަށް އެމީހުން އަޅުކަން ކުރީތީއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ