Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ނެރުއްވުން 21 - ކިތާބުލް މުޤައްދަސާ


އަޅުންނާމެދު އިންސާފުވެރިވުން

1 ”⁠މި އެންގުންތައް އިސްރާއީލީންނަށް އަންގާ!

2 ކަލޭމެން ޢިބްރާނީންގެ އަޅަކު ގަނެފިނަމަ އޭނާ ހަ އަހަރަށް ވުރެން ގިނަ ދުވަހު ގެންގުޅެގެން ނުވާނެ. ހަތްވަނައަށްވާ އަހަރު އޭނާ މިނިވަން ކުރަން ވާނެ. އޭނާ މިނިވަން ވުމަކަށް އަގެއް ދައްކާކަށް ނުޖެހޭނެ.

3 ކަލޭމެން ގަތް އިރު އޭނާ އަކީ ހުސްހަށިބައި މީހެއް ނަމަ އޭނާ ދާން ވާނީ ވެސް އެގޮތުގައި. އެކަމަކު އޭނާގަތް އިރު އޭނާގެ އަނތްބެއް ހުރިނަމަ އޭނާއާއެކު އަނބިމީހާ ވެސް މިނިވަން ކުރަން ވާނެ.

4 އޭނާގެ ވެރިމީހާ އޭނާއަށް އަނތްބަކު ދީ އަދި އެ އަނބިމީހާގެ ފަރާތުން އޭނާއަށް ދަރިން ލިބިފައިވާނަމަ، ހަތްވަނަ އަހަރު އޭނާ މިނިވަން ވާއިރު މިނިވަން ވާނީ އަޅުކަލޭގެ އެކަނި. އެ އަނބިމީހާއާއި ދަރިންނަކީ ސާހިބުމީހާގެ މިލްކެއް.

5 އެކަމަކު އަޅުކަލޭގެ އޭނާގެ ސާހިބުމީހާއާއި އަނބިމީހާއާއި ދަރިންދެކެ ލޯބިވާތީ މިނިވަންވެގެން ދާން ބޭނުން ނުވެއްޖެނަމަ،

6 އެމީހާ ތިމަންކަލާނގެ ޙަޟްރަތަށް ކުއްތަން ކުރުވައި އަޅުކަމުގެ މަޤާމަށް ގެންގޮސް ސާހިބުމީހާ އޭނާގެ ކަންފަތުގައި ފުއްކަށްޓަކުން ލޯވަޅެއް އަޅަން ވާނެ. އޭރުން އޭނާއަކީ މުޅި އުމުރަށް އޭނާގެ މިލްކެއް ކަމުގައިވާނެ.

7 މީހަކު އޭނާގެ އަންހެން ދަރިއަކު ވިއްކައިފިނަމަ ހަ އަހަރު ފުރުނަސް ފިރިހެން އަޅުން ފަދައިން އެ ކަނބުލޭގެ މިނިވަނެއް ނުވާނެ.

8 ސާހިބުމީހާ އަމިއްލައަށް ހޮވި އަޅު އަންހެނާ އާމެދު ހިތްހަމަ ނުޖެހުނަސް ހިލޭ މީހަކަށް އެކަނބުލޭގެ ވިއްކާލައިގެން ނުވާނެ. އޭނާ ވިއްކާލަން ޖެހޭނީ އޭނާގެ ބައްޕައަށް. އެހެނީ އެ ދެމެދުގައި ކުރެވުނު އެއްބަސްވުމާ ޚިލާފުވި މީހަކީ އެ ގަތް މީހާ.

9 އެކަމަކު ވެރިމީހާގެ ފިރިހެން ދަރިފުޅާ އެކަނބުލޭގެ ކައިވެނި ކުރުވައިފިނަމަ އެ ކަނބުލޭގެއާ މެދު ކަންތައް ބަހައްޓަން ޖެހޭނީ އޭނާގެ ދަރިއެއްގެ ގޮތުގައި.

10 އަޅުއަންހެނަކާ އިނދެގެން ހުރެ އެހެން މީހަކާ ކައިވެނި ކުރިއަސް ދޮށީ އަނތްބަށް ދޭން ޖެހޭ ކާނާއާއި ހެދުންތަކާއި ޖިންސީ ގުޅުން ނުހިންގައި އިހާނާތްތެރިވެގެން ނުވާނެ.

11 މިބުނި ކަންތައް ފުރިހަމަ ނުކޮށްދޭނަމަ އިތުރު އުޖޫރައެއް ދެއްކުމަކާނުލައި އެކަނބުލޭގެ މިނިވަންކޮށްދޭން ޖެހޭނެ.⁠“


އަނިޔާތަކާ ބެހޭ ގަވާއިދު

12 ”⁠މީހަކު މީހަކަށް ހަމަލަދީ ގަސްތުގައި މަރާލައިފިނަމަ އެމީހަކު މަރާލަން ޖެހޭނެ.

13 އެކަމަކު އެއީ ގަސްތަކާނުލައި، އަހަރެންގެ އިޒުނައާއެކު، ދިމާވިކަމެއް ނަމަ ތިމަން މާތްކަލާނގެ އޭނާއަށް ތަނެއް ދައްކައި ރައްކާތެރިކަމުގައި އުޅެވޭނެ ގޮތް ތަނަވަސް ކޮށްދޭނަން.

14 އެކަމަކު ގަސްތުގައި މީހަކު މަރައިފިނަމަ އެމީހާ ހިމާޔަތް އެދި އަހަރެންގެ އަޅުކަމުގެ މަޤާމަކަށް ގޮސް ވަނަސް، އެތަނަކުން ނެރެގެން ގޮސް އޭނާ މަރާލަން ވާނެ.

15 އެކަކު ވެސް ބައްޕައާއި މަންމަ ގައިގައި ޖަހައިފިނަމަ އެމީހަކަށް މަރު ގެ ޢުޤޫބާތް ދޭން ވާނެ.

16 ގަދަކަމުން މީހުން އަތުލައިގަންނަ މީހުން ވެސް މަރާލަން ޖެހޭނެ. އެއީ އެ އަތުލައިގަތް މީހުން އޭނާ ގެންގުޅުނު ކަމުގައިވިޔަސް ނުވަތަ ވިއްކާލި ކަމުގައިވިޔަސްމެ.

17 އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.

18-19 ތަޅާފޮޅުމެއް ހިންގާއިރު މީހެއްގެ ގައިގައި ގަލަކުން ނުވަތަ ގޮށްމުށުން ޖެހުމުން އެމީހަކު މަރު ނުވާނަމަ އޭނާއަކަށް އަދަބެއް ދޭނެ ކަމެއް ނެތް. އެކަމަކު އެ ކަންތަކުގައި އަނެކާ އެނދުމަތިވެ އޮންނަން ޖެހިއްޖެނަމަ، އަދި ފަހުން އަސައެއްގެ އެހީގައި ހިނގާ ބިނގާ އުޅެވޭ ވަރުވެއްޖެނަމަ، އެމީހަކަށް އެ ބަލިވެ އޮތް މުއްދަތަށް އަގުދޭން ޖެހޭނެ. އަދި އެމީހާ މުޅިން ގަދަވަންދެން ޚަރަދުކުރަން ޖެހޭނެ.

20 މީހަކު އޭނާގެ އަޅު އަންހެނާ ނުވަތަ އަޅު ފިރިހެނާގެ ގައިގައި ދަނޑިބުރިއަކުން ތެޅުމުގެ ސަބަބުން އޭން މީހަކު މަރުވެއްޖެނަމަ އެ ތެޅި މީހާއަށް އަދަބު ދޭން ޖެހޭނެ.

21 އެކަމަކު އެ އަޅުކަލޭގެ ދެތިން ދުވަހަކުން ގަދަވެއްޖެނަމަ، އެ ތެޅި މީހާއަށް އަދަބުދޭކަށް ނުޖެހޭނެ. އެހެނީ އަޅު މީހާއަކީ އޭނާގެ މިލްކެއް.

22 ދެމީހަކު ތަޅާފޮޅަނިކޮށް ބަލިވެއިން އަންހެނެއްގެ ގައިގައި ޖެހިގެން އޭނާ ދުވަސް ނުފުރައި ވިހައިފިނަމަ، އަދި އިތުރު އެހެން ގެއްލުމެއް ނުލިބުނަސް އޭނާގެ ފިރިމީހާ އެދޭވަރަކަށް ނުވަތަ ފަނޑިޔާރަށް ފެންނަވަރަކަށް ބަދަލު ދޭން ޖެހޭނެ.

23 އެކަމަކު އިތުރު ގެއްލުމެއް ވެއްޖެނަމަ އެވީ ގެއްލުމަކާ އެއްވަރުގެ ގެއްލުމެއް އެމީހާއަށް ދޭން ވާނެ. އެކަން އޮންނަ ގޮތަކީ: ފުރާނައަކަށް ފުރާނައެއް.

24 ލޮލަކަށް ލޮލެއް، ދަތަކަށް ދަތެއް، އަތަކަށް އަތެއް، ފަޔަކަށް ފަޔެއް.

25 ފިއްސާލުމަކަށް ފިއްސާލުމެއް، އަދި ޒަޚަމަކަށް ޒަޚަމެއް ތަދަކަށް ތަދެއް.

26 މީހަކު އޭނާގެ ފިރިހެން އަޅެއް ނުވަތަ އަންހެން އަޅެއްގެ ލޮލުގައި ޖަހައި އެ ލޯ ކަނު ވެއްޖެނަމަ އެކަމުގެ ބަދަލުގައި އެމީހާ މިނިވަން ކޮށްދޭން ޖެހޭނެ.

27 މީހަކު ޖަހައިގެން އޭނާގެ އަޅު ފިރިހެނާ ނުވަތަ އަޅު އަންހެނާގެ ދަތެއް ވެއްޓިއްޖެނަމަ އޭގެ ބަދަލުގައި އޭނާ މިނިވަން ކޮށްދޭން ޖެހޭނެ.

28 ގެރިއެއްގެ ހަމަލައަކުން މީހެއްގެ ފުރާނަ ހިނގައްޖެނަމަ އެގެރި ގަލުން ތަޅައި މަރާލަން ޖެހޭނެ. އަދި އޭގެ މަސް ކައިގެން ވެސް ނުވާނެ. އެހެނަސް އެގެރީގެ ވެރިމީހާއަށް އެކަމުގެ އަދަބު ދީގެންނުވާނެ.

29 އެކަމަކު އެ ގެރިޔަކީ މީހުންނަށް ހަމަލަދީ އުޅޭ އެއްޗެއް ކަން ވެރިމީހާއަށް އިންޒާރު ދެވިފައިވާ އިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާ ހުއްޓާ އެގެރީގެ ހަމަލައަކުން މީހަކު މަރުވެއްޖެނަމަ ގެރި އާއެކު އޭގެވެރި މީހާ ވެސް މަރާލަން ޖެހޭނެ.

30 އެކަމަކު މަރުވި މީހާގެ އާއިލާއިން އެދޭނަމަ ގެރީގެ ވެރިމީހާ އެމީހުންނަށް މަރުގެ ދިޔަ ދިނުމުން އޭނާ މަރާނުލައި ދޫކޮށްލެވޭނެ.

31 ގެރީގެ ހަމަލައެއްގައި ފިރިހެން ކުއްޖަކު ނުވަތަ އަންހެން ކުއްޖަކު މަރުވިޔަސް އަމަލު ކުރަންޖެހޭނީ މި ގަވާއިދާ އެއްގޮތަށް.

32 އެކަމަކު ގެރީގެ ހަމަލައެއްގައި މަރުވީ އަންހެން އަޅެއް ނުވަތަ ފިރިހެން އަޅެއް ނަމަ ޖަނަވާރުގެ ވެރިޔާ އެ އަޅުގެ ވެރިޔާއަށް ތިރީސް ރިހި ފައިސާފޮތި ދޭން ޖެހޭނެ. އަދި ގެރި ގަލުންތަޅައި މަރާލަން ވާނެ.

33 މީހަކު ވަޅެއް ކޮނެފައި އެވަޅުގެ މަތިނާޅާ ހުއްޓާ ގެރިއެއް ނުވަތަ ހިމާރެއް އެ ވަޅަށް ވެއްޓިއްޖެ ނަމަ،

34 ވަޅު ކޮނުނު މީހާ އެ ޖަނަވާރުގެ ވެރިމީހާއަށް ފުރިހަމަ އަގު ދޭން ޖެހޭނެ. އެކަމަކު މަރުވި ޖަނަވާރު ލިބެން ޖެހޭނީ އަގުދިން މީހާއަށް.

35 މީހެއްގެ ގެރިއެއް އަވަށްޓެރިޔެއްގެ ގެރިއަކަށް ހަމަލަދީގެން އޭތި މަރުވެއްޖެނަމަ ގެރީގެ ވެރިމީހާ އެ ގެރި ވިއްކާލާފައި ލިބުނު ފައިސާއެއް ދެމީހުންގެ މެދުގައި ހަމަޔަށް ބަހަން ވާނެ. އަދި މަރުވި ގެރީގެ މުޅަމަސްގަނޑު ދެމީހުން މެދުގައި ހަމަޔަށް ބަހަން ވާނެ.

36 އެކަމަކު އެ ގެރިޔަކީ އެހެން އެއްޗެއްސަށް ހަމަލަދީ އުޅޭ އެއްޗެއްކަން އެނގިފައިވާނަމަ އަދި ވެރިމީހާ އޭތި ބަނދެ ހައްޔަރު ކޮށް ނަހަދައި އޮތްނަމަ އޭނާ އެގެރީގެ ފުރިހަމަ އަގު ދައްކަން ޖެހޭނެ. އެކަމަކު އެ މަރުވި ގެރި އަގު ދެއްކި މީހާއަށް ލިބެން ޖެހޭނެ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ