Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

އެފޭސުސްގެ މަސީޙީންނަށް ސިޓީ 6 - ކިތާބުލް މުޤައްދަސާ


ދަރިންނާއި މައިންބަފައިން

1 ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.

2 މާތްރަސްކަލާނގެ ބާވައިލެއްވި ދިހަ އަމުރުފުޅުގެ ތެރެއިން އެކަލާނގެ އެންމެ ފުރަތަމައިން ވަޢުދުފުޅަކާއި އެކުގައި ވަޙީ ކުރެއްވި އަމުރުފުޅަކީ ”⁠ތިޔަބައިމީހުންގެ މައިންނާއި އަދި ބަފައިންނަށް ކިޔަމަންތެރިވާށޭ.

3 އަދި އޭރުން ތިޔަބައިމީހުން އުފާ ފާގަތި ކަމާއެކު ދިގުޢުމުރެއްގައިވާނޭ.⁠“ މި އަމުރުފުޅެވެ.

4 ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.


ސާހިބުންނާއި އަޅުނޯކަރުން

5 އަޅުންނޭވެ. ތިޔަބައިމީހުންގެ ސާހިބުންނާއި މެދުގައި މި ދުނިޔޭގައި ބިރުވެތިވެ، ހިތުގެ ފުންމިނުން އިޙުތިރާމާއެކުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އަލްމަސީޙަށް ކިޔަމަންތެރިވެ ޚިދުމަތްކުރާ ފަދައިންނެވެ.

6 ސާހިބުންނަށް ތިޔަބައިމީހުން ކިޔަމަންތެރިކަން އަދާކުރަންވީ ތިޔަބައިމީހުން ކުރާ މަސައްކަތް އެބައިމީހުން ބަލައި ތަޢުރީފުކުރާ ހިނދުގައި އެކަންޏެއްނޫނެވެ. ނަމަވެސް ތިޔަބައިމީހުން ކުރާ މަސައްކަތްތައް މުޅިހިތުން މާތްރަސްކަލާނގެ އެދިވޮޑިންނަވާ ފަދައިން ކުރާށެވެ. ސަބަބަކީ ތިޔަބައިމީހުންނަކީ އަލްމަސީޙުގެ ޚާދިމުން ކަމުގައިވުމުންނެވެ.

7 ތިޔަބައިމީހުންގެ ޚިދުމަތަކީ މީސްތަކުންނަށް ކޮށްދޭ ޚިދުމަތެއް ކަމުގައި ނުދެކި މާތްސާހިބާއަށް ކޮށްދެވޭ ޚިދުމަތެއް ކަމުގައި ބަލައި ފޯރިއާއިޖޯޝްގައި ޚިދުމަތް ދޭށެވެ.

8 ހަނދާންކުރާންވީ އެމީހަކު ކުރި ހެޔޮ ޢަމަލެއްގެ ޖަޒާ މާތްސާހިބާ ދެއްވާނެކަމެވެ. އެއީ މިނިވަނެއްކަމުގައި ވިޔަސް ނޫނީ އަޅު ނޯކަރަކު ކަމުގައި ވިޔަސް މެއެވެ.

9 ހަމަ މިގޮތުގެމަތިން ސާހިބުންނޭވެ. ތިޔަބައިމީހުންގެ އަޅު ނޯކަރުންނާއިމެދު މި އުސޫލުން އަމަލުތައް ބަހައްޓާށެވެ. އެ ނޯކަރުންނަށް ބިރު ނުދައްކާށެވެ. ހަނދާންކުރާންވީ، އަޅުންނާއި ސާހިބުންގެ ވެސް ވެރިފަރާތަކީ އުޑުގައިވާ ސާހިބާ ކަމެވެ. އަދި އެކަލޭގެފާނީ ވަކި މީހަކަށް ތަފާތު ކުރެއްވުމެއްނެތި އިންސާފު ކުރައްވާނެ ފަރާތެވެ.


ޝައިތާނާ އާއި ދެކޮޅަށް ހަނގުރާމަކުރުން

10 އަހަރެން ތިޔަބައިމީހުންނަށް ބުނާ ފަހުބަހަކީ މިއީއެވެ. މާތްސާހިބާއާ ގުޅިފައިވެ އެކަލޭގެފާނުގެ ހަކަތައިން ތިޔަބައިމީހުން ބާރުހޯދާށެވެ.

11 މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ. އޭރުން ޝައިތާނާގެ މަކަރުވެރި ނުބައި ރޭވުންތަކާއި ދެކޮޅަށް ތެދުވެ ސާބިތުވެ ތިބުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިދޭނެއެވެ.

12 އަހަރެމެން ހަނގުރާމަ ކުރަމުން މިގެންދަނީ މަހާއި ލެއިން އެކުލެވޭ އަދާވާތްތެރިންނަކާއެއް ނޫނެވެ. އެއީ ނުފެންނަ ދުނިޔެއެކެވެ. އަހަރެމެން ހަނގުރާމަ ކުރަނީ އެއަނދިރި ދުނިޔޭގެ ޝައިތާނީ ވެރިންތަކާއި ބާރުވެރިންނާއި އުޑުތަކުގައިވާ ނުބައިވެގެންވީ ގަދަފަދަބާރުތަކާއި ރޫޙުތަކާ ދެކޮޅަށް ވެސް މެއެވެ.

13 އެހެންވީމާ، މިހިނދުގައި ވިޔަސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ! އޭރުން ޝައިތާނާގެ ޙަމަލާ އަންނަ ދުވަހުގައި ދިފާޢު ކުރުމުގެ ކުޅަދާނަކަން ލިބި އެގޮތުގައި ހުރިހައި ކަމެއް ކޮށް ނިމިގެން ތިޔަބައިމީހުންނަށް ސާބިތުވެ ތިބެވޭނެއެވެ.

14 ތެދުވެރިކަން ތިޔަބައިމީހުން އުނަގަނޑުގައި ކަމަރެއް ފަދައިން އަޅައިގެން ތައްޔާރުވެ ތިބޭށެވެ. އަދި ޞާލިޙުކަން ތިޔަބައިމީހުންގެ މޭމަތި ރައްކާތެރިކޮށްދޭ ދަހަނާއެއް ފަދައިން އަޅާށެވެ.

15 ދެން ތިޔަބައިމީހުން ހެޔޮޚަބަރުފުޅުން ގެނެސްދޭ ސުލްޙަ މަސަލަސްކަމުގެ ފައިވާނަށް އަރާށެވެ. އޭރުން ތިޔަބައިމީހުން ތިބޭނީ އެޚަބަރުފުޅު ގެނެސްދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ.

16 މީގެ އިތުރުން އެންމެހާ ވަގުތުތަކުގައި އީމާންތެރިކަން އައްޑަނައިގެ ގޮތުގައި އުފުލާށެވެ. ޝައިތާނާ ދެމުންގެންދާ އަލިފާން ތީރުގެ ކޮންމެ ޙަމަލާއެއް ދިފާޢުކުރުމުގެ ކުޅަދާނަކަން އެ އައްޑަނައިން ލިބިދޭނެއެވެ.

17 އަދި ދިންނެވުމަކީ ތިޔަބައިމީހުންގެ ބޮލުގައި ހެލްމެޓެއް ފަދައިން އަޅާށެވެ. މާތްރަސްކަލާނގެ ބަސްފުޅުގެ ބޭނުންކުރާށެވެ. އެބަސްފުޅަކީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅުން ލިބިދެއްވާ ކަނޑިއެއް ފަދައެވެ.

18 ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.

19 އަދި އަހަރެންނަށްޓަކައި ވެސް ދުޢާ ކޮށްދޭށެވެ. އެއީ ބަސްބުނުމަށް އަހަރެން ތައްޔާރުވާހިނދު ބިރުވެތިނުވެ ހެޔޮ ބަސް ބުނުމުގެ ކުޅަދާނަކަން މާތްރަސްކަލާނގެ ދެއްވުމަށެވެ. އޭރުން ހެޔޮޚަބަރުފުޅާއި މެދުގައި ވީ ސިއްރު ފައުޅުކުރުމުގެ ހިތްވަރު އަހަރެންނަށް ލިބިދެއްވާނެއެވެ.

20 އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.


އެންމެ ފަހު ބަސް

21 އަލްމަސީޙަށް ޚިދުމަތްކުރުންމަތީގައިވާ އިތުބާރު ކުރަނިވި ޚާދިމު އަހަރެމެންގެ ލޮބުވެތި އަޚު ތިޚީކުސް އަހަރެންނާއިމެދުގައި ވީ ޚަބަރުތައް ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ. އޭރުން ތިޔަބައިމީހުންނަށް އަހަރެންގެ ހާލު އޮޅުންފިލައި އަހަރެން ކުރަނީ ކޮންކަމެއްކަން އެނގޭނެއެވެ.

22 ތިޔަބައިމީހުންގެ ގާތަށް އަހަރެން އޭނާ ފޮނުވީ އަހަރެމެންގެ ހާލު ތިޔަބައިމީހުންނަށް އޮޅުން ފިލުވައި ދިނުމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް އޭނާގެ ވާހަކަތަކުން ހިތްވަރު ދިނުމަށެވެ.

23 މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށާއި އީމާންތެރިކަމުގައި ވީ ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ދެއްވާށިއެވެ. އަދި އަލްމަސީޙާއި މެދު ލޮބިވެތިވެ އީމާންތެރިކަމާއެކުގައި ކުރިޔަށް ދިއުމަށް މިންވަރު ކުރައްވާށިއެވެ.

24 މާތްސާހިބާ އީސާ އަލްމަސީޙާއި މެދު ނިމުމެއް ނުވާ ފަދައިން ލޮބުވެތި ގޮތުގައިވާ ހުރިހާ އެންމެންނަށް މާތްރަސްކަލާނގެ ނިޢުމަތްފުޅު ލިބިދެއްވާށިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ