Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4 - ކިތާބުލް މުޤައްދަސާ

1 ސާހިބުންނޭވެ! ތިޔަމީހުންގެ އަޅު ނޯކަރުންނާއިމެދު އަޅާލައި އިންސާފާއެކު އެމީހުންނާމެދު އަމަލުތައް ބަހައްޓާށެވެ. ތިޔަ ސާހިބުންނަށްޓަކައި ވެސް ސުވަރުގޭގައި ސާހިބަކު ވަޑައިގެން ވާކަން ހަނދާން ބަހައްޓާށެވެ.


އިރުޝާދު

2 ޝުކުރުވެރި ހިތަކުން ސަމާލުވެތިބެ ދުޢާކުރުންމަތީގައި ދެމިތިބޭށެވެ.

3 އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.

4 އަހަރެންނަށް އެ ޚަބަރުފުޅުތައް ވީހާ ވެސް ސާފުކޮށް މީހުންނަށް ބަޔާންކޮށް އުގަންނައި ދޭންޖެހޭ ގޮތަށް އުނގަންނައި ދެވޭތޯ އެދި ދުޢާ ދަންނަވާ ދޭށެވެ.

5 އީސާގެފާނަށް ތަބާނުވާ މީހުންގެ ތެރޭގައި އުޅެމުން ދާން ވާނީ ޙިކުމަތްތެރިކަމާ އެކުގައެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފުރިހަމަޔަށް ހިފާށެވެ.

6 ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ފަހު ތަހުނިޔާ

7 އަހަރެމެންނާއި އެކުގައި މާތްސާހިބަށް އީމާންތެރިކަމާއެކު ޚިދުމަތްކުރުން މަތީގައިވާ ޚާދިމު، އަދި އަހަރެމެންގެ ލޮބުވެތި އަޚު، ތިޚީކުސް އަހަރެމެންގެ ހާލުއަހުވާލު ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ.

8 ތިޔަބައިމީހުންގެ ގާތަށް އަހަރެން އޭނާ ފޮނުވީ އަހަރެމެންގެ ހާލު ތިޔަބައިމީހުންނަށް އޮޅުން ފިލުވައި ދިނުމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް އޭނާގެ ވާހަކަތަކުން ހިތްވަރު ދިނުމަށެވެ.

9 އޭނާގެ މި ދަތުރުގައި އަހަރެމެންގެ ލޮބުވެތި ވަފާދާރު އަޚު، އޮނެސިމަސް ބައިވެރިވާނެއެވެ. އޭނާއަކީ ތިޔަ ރަށުގެ އަހުލުވެރިއެއް ވެސްމެއެވެ. އެމީހުން ހުރިހާ ވާހަކައެއް ތިޔަބައިމީހުންނަށް ކިޔާދޭނެއެވެ.

10 އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.

11 އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.

12 ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.

13 ތިޔަބައިމީހުންނަށާއި ލަވުދީކިޔާ އާއި ހީރާޕުލިސްގެ އެންމެހާ މަސީޙީންނަށް އެހީތެރިވުމަށްޓަކައި އޭނާ ނުހަނު ބުރަ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޔަޤީންކަން އަހަރެން ތިޔަބައިމީހުންނަށް ދެމެވެ.

14 އަހަރެމެންގެ ލޮބުވެތި ހަކީމު، ލޫކާސްގެ އިތުރުން ދެމާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ.

15 އަދި ލަވުދީކިޔާގެ އެންމެހާ މަސީޙީންނަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދިނުން އެދެމެވެ. ޚާއްސަކޮށް ނިމްފާއަށް އަހަރެންގެ ތަހުނިޔާ ރައްދު ކޮށްދޭށެވެ. އަދި އެކަނބުލޭގެ ގޭގައި ބައްދަލުވެ ހެދި މަސީޙީންނަށް ވެސްމެއެވެ.

16 މި ސިޓީ ކިޔުމަށް ފަހު ތިޔަބައިމީހުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށް މި ސިޓީ ފޯރުކޮށްދޭށެވެ. އަދި އަހަރެން އެމީހުންނަށް ލިޔާ ސިޓީ ތިޔަބައިމީހުން ވެސް ކިޔަން ވާނެއެވެ.

17 އަދި އަރުޚިއްޕުސް ގާތު މިފަދައިން ބުނެދޭށެވެ. ”⁠މާތްސާހިބާ ޙަވާލުކުރެއްވި މަސައްކަތް ފުރިހަމަޔަށްކޮށް ނިންމައިދޭށޭ.⁠“

18 އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ