Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ކުލޫއްސީގެ މަސީޙީންނަށް ސިޓީ 3 - ކިތާބުލް މުޤައްދަސާ


އާ ޙަޔާތެއްގައި ކުރިއަށް ދިއުން

1 ތިޔަބައިމީހުން ތިޔަ ވަނީ އީސާއަލްމަސީޙާއެކު އަލުން ދިރުވާފައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ވެސް ތިޔަ ވަނީ އާ ދިރުމެއް ލިބިފައެވެ. ތިޔަބައިމީހުން ސުވަރުގޭގައިވާ ކަންކަމަށް ހިތްއެދި ތިބޭށެވެ. އެތަނަކީ އީސާގެފާނު މިއަދު މާތްކަލާނގެ ކަނާތްޕުޅުގައި އިންނަވާ ތަނެވެ.

2 ތިޔަބައިމީހުންގެ ސަމާލުކަން ހުއްޓުވަން ޖެހޭނީ އެތަނަށެވެ. މިދުނިޔޭގައި ހުރި ކަންކަމަކަށް ނޫނެވެ.

3 އެހެނީ ތިޔަބައިމީހުން ތިޔަތިބީ މިދުނިޔެއަށް މަރުވެފައެވެ. ތިޔަބައިމީހުންގެ އަސްލު ޙަޔާތް ވަނީ އަލްމަސީޙާއެކު މާތްކަލާނގެ ކިބަފުޅުގައި ރައްކާތެރި ކުރެވިފައެވެ.

4 އަސްލުގައި ތިޔަބައިމީހުންގެ ޙަޔާތަކީ އަލްމަސީޙު އެވެ. އަދި އެކަލޭގެފާނު ފައުޅުވެ ވަޑައިގަންނަވާ ހިނދު އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ޖަލާލަތުކަމާއެކު ފެނިގެންދާނެއެވެ.

5 އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.

6 މިފަދަ ކަންކަމުގެ ސަބަބުން މާތްކަލާނގެ ކޯފާ އިންސާނުންގެ މައްޗަށް ފޮނުއްވާނެއެވެ.

7 މާޒީގައި ތިޔަބައިމީހުން ވޭތުކުރި ދުނިޔެވީ ޙަޔާތުގައި މިފަދަ ފާޙިޝް އަމަލުތައް ކުރުންމަތީ ތިޔަބައިމީހުން ވެސް ވޭތި ކުރީމުއެވެ.

8 ނަމަވެސް މިހާރު ތިޔަބައިމީހުން ތިބެންޖެހޭނީ ރުޅިވެރިކަމާއި، ރުޅިއައިސް ހަމައިން ނެއްޓުމާއި، ނަފްރަތު ކުރުމާއި ދެބައޮޑުވުމާއި ހަޑިހުތުރު ބަސްތަކުން އެއްކިބާވެގެންނެވެ.

9 އެކަކު އަނެކަކަށް ދޮގު ނަހަދާށެވެ. އެހެނީ ތިބައިމީހުންގެ ފާފަވެރި ތަބީޢަތުގައި ހުރި ހުރިހާ ނޭދެވޭ ކަންތަކެއް މިހާރު ތިޔަބައި މީހުން ވަނީ ކަނޑައި އެއްލާލާފައެވެ.

10 އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ގައިގައި މުޅިން އާ ތަބީޢަތެއް ލެވި އާވަމުން ދާނެއެވެ. ތިޔައިމީހުން އުފެއްދެވި ޚާލިގުވަންތަ ކަލާނގެ ތިޔަބައިމީހުން އެކަލާނގެ ސޫރަފުޅާ އެއްގޮތްވާ ގޮތުގެ މަތިން އާ ކުރައްވަމުން ދާނެއެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ އަކީ ކޮބައިކަން ފުރިހަމަޔަށް އަންގަވައި ދެއްވުމަށެވެ.

11 މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.

12 ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.

13 އަނެކާއާމެދު ކުރާނެ ޝަކުވާއެއް އޮވެއްޖެނަމަ އެކަން ބަރުދާސްތުކޮށް މަޢާފު ކުރާށެވެ. މާތްކަލާނގެ ތިޔަބައިމީހުންނަށް ވެސް މަޢާފުކޮށްދެއްވި ފަދައިން އެކަކުއަނެކާއަށް ތިޔަބައިމީހުން ވެސް މަޢާފު ކުރާށެވެ.

14 މި ހުރިހާ ކަމަކަށް ވުރެން ވެސް ބޮޑަށް ތިޔަބައިމީހުންގެ ކިބައިގައި ލޯބީގެ ފޭރާމުން ފޭރާން ލާށެވެ. އެއީ އަހަރެމެން އެންމެން އެކަކުއަނެކަކާއެކު ފުރިހަމަ ގޮތުގައި އެކުލަވައިގެން ތިބެވޭނެ ގޮތް ވުމަށެވެ.

15 އަލްމަސީޙުގެ ފަރާތްޕުޅުން ލިބޭ ހިތްހަމަޖެހުން ތިޔަބައިމީހުންގެ ހިތްތަކުގެ މައްޗަށް ބާރުވެރި ކުރުވާށެވެ. އެހެނީ ތިޔަ އެންމެންނަށް ވެސް ގޮވާލެވުނީ އެއް ހަށިގަނޑެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ވީމާ އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ.

16 އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.

17 ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


ގެވެހި ދިރިއުޅުން

18 އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.

19 ފިރިންނޭވެ! ތިޔަބައިމީހުންގެ އަނބިންނަށް ލޯބި ދޭށެވެ. އެކަނބަލުންނާ މެދު ހަރުކަށި ނުވާށެވެ.

20 ދަރިންނޭވެ! އަބަދުވެސް މައިންބަފައިންގެ ކިޔަމަނުގައި ވާށެވެ. މާތްސާހިބާ އެދިވަޑައިގަންނަވާ ގޮތަކީ އެއީއެވެ.

21 ބަފައިންނޭވެ! ދަރިން ލަދުގަންނަވައި ރުޅިނާރުވާށެވެ. އެހެންނޫނީ އެކުދިންގެ ހިތްވަރު އެލިދާނެއެވެ.

22 އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.

23 ކުރާކޮންމެ ކަމެއް ނިކަން ގަޔާވެގެން ކުރާށެވެ. އެކަމަކީ މާތް ސާހިބާއަށްޓަކައި ކުރާ ކަމެއްކަމަށް ހިތައިގެންނެވެ. އެއީ އިންސާނުންނަށް ކޮށްދޭ ކަމެކޭ ނުހިތާށެވެ.

24 އެކަމުގެ ބަދަލުގައި މާތްސާހިބާގެ މީހުންނަށް ދެއްވަން ބަހައްޓަވާފައިވާ އިނާމުތައް ތިޔަބައިމީހުންނަށް ވެސް ދެއްވާނެއެވެ. އެހެނީ ތިޔަބައިމީހުންގެ އެޚިދުމަތް ރައްދުވަނީ މާތްސާހިބާ އީސާ އަލްމަސީޙަށެވެ.

25 ނުބައި ގޮތުގައި ކަންތައް ކުރާ މީހާއަށް އެކަމުގެ ސަޒާ ވެސް ލިބޭނެއެވެ. މާތްކަލާނގެ ޙަޟްރަތުގައި ވަކިމީހަކަށް ވަކިތަފާތެއް ނޯންނާނެއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ