Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ކުލޫއްސީގެ މަސީޙީންނަށް ސިޓީ 2 - ކިތާބުލް މުޤައްދަސާ


ބަލަންވީ ފަލްސަފާއަކަށް ނޫނެވެ. އަލްމަސީޙަށެވެ.

1 އަހަރެންގެ އެދުމަކީ ތިޔަބައިމީހުންގެ އިތުރުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށާއި އަދި އަހަރެންނާ ބައްދަލުނުވެ ތިބި އެންމެނަށްޓަކައި އަހަރެން މިކުރާ ބުރަ މަސައްކަތާއި އުފުލަމުން މިގެންދާ ވޭންތައް ތިޔަ އެންމެން ދެނެގަތުމެވެ.

2 އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.

3 އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.

4 އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ. މީސްތަކުންގެ ދޮގުފަތުވާތަކުގެ މަކަރުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެބައިމީހުން ދައްކަނީ ކިތައްމެ ބުއްދި ޤަބޫލުކުރެވޭ ކަހަލަ ވާހަކަތަކެއް ކަމުގައި ވިޔަސް މެއެވެ.

5 އަހަރެން ތިޔަބައިމީހުންނާ ކިތަންމެ ދުރެއްގައި ހުރި ކަމުގައި ވިޔަސް އަހަރެންގެ ރޫޙު މިވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަދި ތިޔަބައިމީހުން އެއްބައިވަންތަކަމާއެކު އަލްމަސީޙަށް ތެދުވެރިވެ އީމާންތެރިކަން މަތީ ސާބިތުވެ ތިބީތީ އަހަރެން އުފާކުރަމެވެ.


ފުރިހަމަ ޙަޔާތަކަށްޓަކައި އީސާގެފާނު

6 ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.

7 ބިމަށް މޫލާފައިވާ ގަހެއް ފަދައިން އެކަލޭގެފާނުގެ ކިބަފުޅުގައި ތިޔަބައިމީހުން މޫލައި ހަރުލައްވާ ތިޔަބައިމީހުންގެ ދިރިއުޅުން އެކަލޭގެފާނުގެ މައްޗަށް ބިނާކުރުމަށެވެ. އަދި ދަސްކޮށްދެވިފައިވާ ފަދައިން ތިޔަބައިމީހުންގެ އީމާންކަން ވަރުގަދަ ކުރާށެވެ. އަދި ޝުކުރުން ފުރިގެންވާށެވެ.

8 އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.

9 އެހެނީ އެކަލޭގެފާނުގެ އިންސާނީ ހަށިކޮޅުގައި މާތްކަލާނގެ ކައުވަންތަކަން ފުރިހަމަޔަށް އެކުލެވިފައި ވެއެވެ.

10 އަދި އަމުރާއި އިޚުތިޔާރުގެ ވެރިފަރާތް ކަމަށްވާ އަލްމަސީޙާއި ގުޅުމުގެ ސަބަބުން ތިޔަބައިމީހުންގެ ދިރިއުޅުން ތިޔަވަނީ ފުރިހަމަވެފައެވެ.

11 ތިޔަބައިމީހުން އަލްމަސީޙަށް އީމާންވުމުން ތިޔަވަނީ ޚިތާނު ކުރެވިފައެވެ. ނަމަވެސް ޖިސްމާނީ ގޮތަކުން ނޫނެވެ. އެއީ އަލްމަސީޙު ރޫޙާނީގޮތުން ކުރެއްވި ޚިތާނު ކުރެވުމެކެވެ. އެއީ ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑައި ލެއްވުމެވެ.

12 ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނެވޭހިނދު އަލްމަސީޙާއި އެކުގައި ތިޔަބައިމީހުން ވެސް ވަޅުލެވެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ދިރުނު ފަދައިން އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ދިރިގެން އައިސްފައެވެ. އެއީ އީސާގެފާނު އަވަހާރަވުމަށް ފަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅުން އެކަލޭގެފާނަށް އަލުން ދިރުން ދެއްވިކަމަށް ތިޔަބައިމީހުން އީމާންވާކަމުންނެވެ.

13 މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.

14 އަދި އަހަރެމެން ކުށްވެރިވާނެ ފަދައިން ދަރާފައިވާ ދަރަނީގެ ލިޔުންތައް އެކަލާނގެ މުޅީން ނައްތަވާ ލެއްވީއެވެ. އެކަންތައް އެކަލާނގެ ކުރެއްވީ އަލްމަސީޙު ސަލީބަށް ނެގިއިރު ޖެހުނު މޮހަރާ އެކުގައެވެ.

15 އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ.


އިންސާނީ އުސޫލުތަކަށް ނުބަލާށެވެ.

16 އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ.

17 މިކަންތަކަކީ އަންނަން އޮތް ޙަޤީޤަތުގެ ހިޔަނިތަކެކެވެ. އަސްލު ޙަޤީޤަތަކީ އަލްމަސީޙުއެވެ.

18 ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.

19 އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.

20 ތިޔަބައިމީހުން ތިޔަވަނީ އީސާއަލްމަސީޙު އަވަހާރަވުމާ ގުޅިގެން މަރުވެ ގޮސްފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަކަށް ކާއިނާތުގެ ބަދު ރޫހުތަކުގެ ބާރެއް ނުހިނގާނެއެވެ. އެހެންވީ އިރު މި ދުނިޔެމަތީގެ ބައެއް ފަދައިން ތިޔަބައިމީހުން އުޅެމުން ދާންވީ ކީއްވެހެއްޔެވެ؟ އެފަދަ ޤާނޫނުތަކަށް ތިޔަބައިމީހުން ތަބާވާންވީ ކީއްވެހެއްޔެވެ؟

21 ”⁠އަތްނުލާށެވެ! ރަހަ ނުބަލާށެވެ! ނު ބީހޭށެވެ!⁠“

22 މިފަދަ އަމުރުތަކަކީ އިންސާނީ ބުނެދިނުން ތަކެވެ. އެއީ ބޭނުންކުރުމުން ނެތިގެންދާ ފަދަ ތަކެއްޗާމެދު އޮންނަ ޤާނޫނުތަކެވެ.

23 ފެންނަފެނުމުގައި ހީވަނީ މިފަދަ ޤާނޫނުތަކަކީ ޙިކުމަތްތެރި އެއްޗެއްހެންނެވެ. އެއީ އަމިއްލަ ގޮތް ހަދައި ކުރާ އަޅުކަންތަކާއި، ދެއްކުމުގެ މަޑުމޮޅިކަމާއި، ހަށިގަނޑަށް ވޭން ދިނުމަށް ކުރާ އަނިޔާތަކެއް ކަމަށްވާތީއެވެ. ނަމަވެސް އޭގައި އެއްވެސް ޙަޤީޤީ އަގެއް ނުވެއެވެ. ޖިސްމާނީ އެދުންތައް ހުއްޓުވުމަށް ލިބޭ އެހީތެރިކަމެއް ވެސް އެއަކު ނޯވެއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ