Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މަންދޫބުންގެ މަސައްކަތް 24 - ކިތާބުލް މުޤައްދަސާ


ޕައުލް އާއި ދެކޮޅަށް ކުރެވުނު ޝަރީއަތް

1 މީގެ ފަސްވަނައަށް ވީ ދުވަހު އުއްތަމަ އިމާމު އަނާނިޔާހު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާ އަދި ތަރުތުލުސް އޭ ކިޔުނު ވަކީލަކު ގޮވައިގެން ކައިސަރިޔާއަށް އައެވެ. އެމީހުން ގަވަރުނަރު ފެލިކުސްގެ އަރިހަށް އައިސް ޕައުލް އާއި މެދު އެމީހުން ކުރާ ދަޢުވާ ހުށައެޅިއެވެ.

2 އެތަނަށް ޕައުލް ހާޒިރު ކުރެވުމުން ވަކީލު ތަރުތުލުސް އެމީހުން ޕައުލް އާއި މެދު ކުރަ ދަޢުވާ މި ފަދައިން ހުށައެޅިއެވެ. ”⁠އިއްޒަތްތެރި ގަވަރުނަރު ފެލިކުސް. ތިޔަބޭފުޅާގެ ވެރިކަމުގެ ދަށުން އަޅުގަނޑުމެންގެ ޤައުމުގެ ސުލްޙަ އާއި އަމާންކަން ވަނީ ފެތުރިފަ. އަދި ތިޔަބޭފުޅާގެ ވިސްނުންފުޅުގެ ދަށުން އަޅުގަނޑުމެންގެ ޤައުމަށް އެތައް ފައިދާ ހުރި ބަދަލުތަކެއް ވެސް ވަނީ ގެންނަވާފަ.

3 މިހުރިހާ ކަމަކަށްޓަކައި އަޅުގަނޑުމެން ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.

4 ތިޔަބޭފުޅާގެ އަގުހުރި ވަގުތު ނަގާލަކަށް އަޅުގަނޑު ނޭދެން. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅާގެ އަރިހުން އެދެނީ ދީލަތިކަމާއި އެކު އަޅުގަނޑުމެންގެ މި ކުޑަ ވާހަކަކޮޅު އަޑު އައްސަވާލަ ދެއްވުން.

5 އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިމީހާ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ބަނީއިސްރާއީލު މީހުން ރޯމުގެ ސަރުކާރާއި ދެކޮޅު ކުރުވާ، މީސްތަކުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދަމުން ދާ މީހެއް. އަދި މީނާއަކީ ނަޞާރާދީނުގެ މީހުންގެ ވެރިޔާ ވެސްމެ.

6 މީނާ ބައިތުލް މަޤްދިސް ވެސް ނުތާހިރު ކުރަން އުޅުނު. އަޅުގަނޑުމެން މީނާ ހައްޔަރު ކުރީ އެހެންވެ. {

7 އަޅުގަނޑުމެން ގަސްތު ކުރީ މީނާއާއި މެދު އަޅުގަނޑުމެންގެ އަމިއްލަ ގަވާއިދާއި ޤާނޫނުގެ މަތިން ޝަރީއަތް ކުރުމަށް. ނަމަވެސް ކޮމާންޑަރު ލިސިޔާހު މީނާ ގަދަކަމުން އަޅުގަނޑުމެންގެ އަތުން އަތުލައިގެން ގެންދިޔަ. އަދި ކޮމާންޑަރު ލިސިޔާހު އަޅުގަނޑުމެންނަށް އެންގީ އަޅުގަނޑުމެން މީނާއާއި ދޭތެރޭ ކުރާ ޝަރީއަތް ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ހުށައެޅުމަށް.}

8 ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލުކޮށް ބެއްލެވުމުން އަޅުގަނޑުމެންގެ މިހުރިހާ ތުހުމަތުތަކަކީ ތެދުކަން އެނގިވަޑައި ގަންނަވާނެ.⁠“

9 ދެން އެތާނގައި ތިބި ބަނީއިސްރާއީލުގެ އެންމެން ވެސް މިހުރިހާ ވާހަކަތަކަކީ ތެދު ކަމުގައި ބުނެ ހެކިދިނެވެ.


ޕައުލް ގަވަރުނަރު ފެލިކުސްގެ ކުރިފުޅުމަތީގައި ކުރި ދިފާއު

10 ދެން ގަވަރުނަރު ފެލިކުސް އަތުން އިޝާރާތް ކުރައްވާ ޕައުލް އަށް ވާހަކަދެއްކުމަށް އެންގެވިއެވެ. ޕައުލް މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”⁠ތިޔަބޭފުޅާއަކީ މި ސަރަހައްދުގެ ވެރިކަން ކުރައްވާތާ އެތަން އަހަރެއް ވެފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. އެހެން ކަމުން އަޅުގަނޑު ތިޔަބޭފުޅާގެ ކުރިފުޅުމަތީ އަޅުގަނޑުގެ ދިފާއު މި ހުށައަޅަނީ ޔަޤީންކަމާއި އެކުގަ.

11 މީގެ ބާރަދުވަސް ކުރިން އަޅުގަނޑު ބައިތުލް މަޤްދިސްގައި އަޅުކަމުގެ ކަންތައްތައް ކުރުމަށް ޖެރޫސަލަމަށް އައިން. މިއީ ތެދެއް ކަން ތިޔަބޭފުޅާއަށް ވެސް ވަރަށް ފަސޭހައިން ހޯދިދާނެ.

12 އަޅުގަނޑު ބައިތުލް މަޤްދިސްގެ ތެރޭގައި އެއްވެސް މީހަކާއި ބަހުސެއްކޮށް ޒުވާބެއްކޮށް ހެދިތަނެއް އެއްވެސް މީހަކު ނުދެކޭނެ. އަދި އެމީހުންގެ ދީނީ މަރުކަޒުތަކުގައި ވެސް އަޅުގަނޑު މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެ ރަށުގެ މަގުތަކުގައި ވެސް އަޅުގަނޑު އެ ފަދަ ކަމެއް ނުކުރަން.

13 އެމީހުން އަޅުގަނޑާއި މެދު ދަޢުވާކޮށް އެކުރާ ތުހުމަތުތަކުގެ ތެރެއިން އެންމެ ކަމެއްގެ ހެއްކެއް ވެސް އެމީހުންނަކަށް ނުދެއްކޭނެ.

14 އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.

15 މާތްރަސްކަލާނގެ އީމާންވެގެން ވީ މީހުންނާއި އަދި އީމާން ނުވާ މީހުން ވެސް މަރުވުމަށް ފަހު އަލުން ދިރުއްވާނެ ކަން ހަމަ އެމީހުންނެކޭ އެއް ފަދައިން އަޅުގަނޑު ވެސް ގަބޫލު ކުރަން.

16 އެހެން ކަމުން އަޅުގަނޑު އަބަދުވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީގައާއި އަދި މީސްތަކުންގެ ކުރިމަތީގައި ވެސް ލަދުގަންނަން ނުޖެހޭފަދައިން ތެދުނިޔަތުގައި ހުރިހާކަމެއް ވެސް ކުރަން.

17 ޖެރޫސަލަމުން ބޭރުގައި އެތައް އަހަރެއް ވުމަށް ފަހު އަޅުގަނޑު އެނބުރި ދިޔައީ އަޅުގަނޑުގެ މީސްތަކުންނަށް ފައިސާގެ އެހީވުމަށާއި އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށްޓަކައި.

18 އަޅުގަނޑާއި މެދު ދަޢުވާކުރާ މީހުން ބައިތުލް މަޤްދިސްގައި އަޅުގަނޑު ސާފުތާހިރު ވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރަނިކޮށް ދެކޭނެ. އެތާކު އަޅުގަނޑުގެ ވަށައިގެން މީހުން އެއްވެފައެއް ނުވޭ. އަދި އެތާކު އެއްވެސް ހަމަނުޖެހުމަކާ ބަޣާވާތެއް ވެސް ނުހިނގާ.

19 އޭރު އެތާނގައި ތިބި ބައެއް އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު ބަޔަކު ވި. އަޅުގަނޑު އެއްވެސް ނަހަމަ ކަމެއް ކުރިނަމަ އަޅުގަނޑާ ދޭތެރޭ ދަޢުވާ ކުރަން ވާނީ އެމީހުން. އަދި އެމީހުން ދަޢުވާ ކުރަން ބޭނުން ނަމަ ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ދަޢުވާ ހުށައެޅުމަށް ވެސް އަންނަން ވާނީ ހަމަ އެމީހުން.

20 ނޫނީ އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީކޯޓުގެ ކުރިމައްޗަށް ގެންގޮސް ކުރެވުނު ޝަރީޢަތުގައި އަޅުގަނޑާއި މެދު ސާބިތު ކުރެވުނީ ކޮން ކުށެއް ތޯ މިތާނގައި މިވާ މީހުން ކުރެން ތިޔަބޭފުޅާ އައްސަވާބައްލަވާ.

21 އާއެކޭ. އަޅުގަނޑު އެ ކޯޓުގެ ކުރިމައްޗަށް ގެންދެވުމުން ވެސް އަޅުގަނޑު ބުނީން. ’⁠ތިޔަބައިމީހުން މިއަދު އަހަރެން ތިޔަ ކުށްވެރިކުރަނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެއޭ ބުނެގެންނޭ.⁠‘ އަޅުގަނޑު މިހެން ބުނިކަމަށް އަޅުގަނޑު އެއްބަސްވަން.⁠“

22 ގަވަރުނަރު ފެލިކުސް އީސާގެފާނާއި އެކަލޭގެފާނު އެންގެވި ބަސްފުޅުތާކާ ބެހޭ ވާހަކަތަކުގެ ޚަބަރުތައް ވަނީ އައްސަވާ އޮޅުންފިލުއްވާފައެވެ. ދެން އޭނާ އެހިސާބުން މެދު ކަނޑާލާ ވިދާޅުވިއެވެ. ”⁠ކޮމާންޑަރު ލިސިޔާހު އައުމުން އަހަރެން ކަލޭގެ ޝަރީއަތް ވަކި ގޮތަކަށް ނިންމާނަން.⁠“

23 ދެން ގަވަރުނަރު ފެލިކުސް ޕައުލް ބެލެހެއްޓުމާއި ހަވާލުވެ ހުރި ސިފައިންގެ ގާޑަށް އެންގީ ޕައުލް ރަނގަޅަށް ބެލެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް ވަކި ވަރަކަށް މިނިވަންކަންދީ އަދި އޭނާގެ ރައްޓެހިން އޭނާއަށް ބޭނުން އެއްޗެއް ގެނެސް ދިނުމުގެ ހުއްދަ ވެސް ދިނުމަށެވެ.


ޕައުލް ދުރުސިލާ އާއި ފެލިކުސްގެ ކުރިމައްޗަށް ގެންދެވުން

24 މީގެ ދެތިން ދުވަސް ފަހުން ގަވަރުނަރު ފެލިކުސް އޭނާގެ އަނބިކަނބަލުން ދުރުސިލާ ގޮވައިގެން އައެވެ. ދުރުސިލާ އަކީ ބަނީއިސްރާއީލު މީހެކެވެ. ފެލިކުސް އެންގެވީ ޕައުލް ގެނައުމަށެވެ. ޕައުލް އައިސް އަލްމަސީޙު އީސާގެފާނާއި ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެއްސެވިއެވެ.

25 ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“

26 ގަވަރުނަރު ފެލިކުސް އުންމީދުކޮށްގެން ހީކުރީ ޕައުލް އޭނާއަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭނެކަމަށެވެ. އެހެން ހީކޮށް އޭނާ ވަރަށް ގިނަ ފަހަރުމަތިން ވެސް ޕައުލް އާއި ބައްދަލު ކުރިއެވެ.

27 މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ