Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

މަންދޫބުންގެ މަސައްކަތް 12 - ކިތާބުލް މުޤައްދަސާ


އީމާންވެ ތިބި މީހުންނަށް އިތުރު އަނިޔާތައް

1 މި ދުވަސްވަރު ހެރޮދު އަގުރިޕާ ރަސްގެފާނު އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބައެއް މީހުންނާއި މެދު ވަރަށް އަނިޔާވެރިކޮށް ކަންކޮށް އެމީހުން ހައްޔަރުކޮށް ހެދިއެވެ.

2 އީސާގެފާނުގެ މަންދޫބުންގެ ތެރެއިން ޔޫޙަންނާގެ ބޭބެ ޔާމިޒު ގަތުލު ކުރުމަށް ވެސް ހެރޮދު ރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރިއެވެ.

3 ޔާމިޒު ގަތުލު ކުރުމުން އެކަންތަކާ ބަނީއިސްރާއީލުގެ ބޮޑުން އުފާވެ ހިތްހަމަ ޖެހުނުކަން ހެރޮދުއަށް އެނގުމުން އޭނާ ޕަތަރަސް ވެސް ހައްޔަރު ކުރުމަށް އަމުރުކުރިއެވެ. އޭނާ ޕަތަރަސް ހައްޔަރު ކުރީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރުއެވެ.

4 ޕަތަރަސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު އޭނާ ގާޑު ކުރަން ހަތަރު ސިފައިންގެ ހަތަރު ގުރޫޕެއް ބޭތިއްބިއެވެ. ހެރޮދު ރަސްގެފާނު ގަސްތުކުރީ އެޢީދު ފާހަގަކޮށް ނިމުމުން އާއްމުންގެ ކުރިމައްޗަށް ގެނެސް އޭނާޔާ މެދު ޝަރީއަތް ކުރުމަށެވެ.

5 ޕަތަރަސް ޖަލުގައި ހައްޔަރު ކުރެވުމާއި އެކު އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ މީހުން އޭނާއަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ހިތުގެ އަޑިން ކެނޑިނޭޅި ދުޢާ ކުރަމުން ގެންދިޔައެވެ.


ޕަތަރަސް ޖަލުން ސަލާމަތްކުރުން

6 ޕަތަރަސް އާއްމުންގެ ކުރިމައްޗަށް ޝަރީޢަތަށް ނެރެވުނު ދުވަހުގެ ކުރީ ރޭ އޭނާއަށް އޮތީ ނިދިފައެވެ. އޭނާގެ ދެ ފަރާތުގައި ދެ ސިފައިން ފޯރިއަށް ތިއްބެވެ. އޭނާގެ ދެ އަތުގައި ވަނީ ހިލިހިލާ ވެސް ޖެހިފައެވެ. އަދި އޭނާ އިން ގޮޅީގެ ދޮރުމަތީގައި ވެސް ސިފައިން ފޯރިމަރަމުން ދިޔައެވެ.

7 ދެން ކުއްލިއަކަށް ވިދުވަރެއް ފަދަ އައްޔެއް އެ ގޮޅި ތެރެއަށް އެޅިގެންދިޔައެވެ. އަދި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު އެތާނގައިވިއެވެ. އެމަލާއިކަތާ ޕަތަރަސް ހޭލެއްވުމަށް އޭނާ ގައިގައި ކޮއްޓާލާފައި ވިދާޅުވިއެވެ. ”⁠އަވަސް ކުރޭ ތެދުވޭ.⁠“ އެވަގުތު ޕަތަރަސްގެ އަތުގައިވާ ހިލިހިލާ ނެއްޓުނެވެ.

8 ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ހެދުންލާ. ފައިވާނަށް އަރާ.⁠“ ޕަތަރަސް މަލާއިކަތާ ވިދާޅުވި ފަދައިން ކަން ކުރިއެވެ. ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ސާލު ވެސް ގައިގައި އޮޅާލާ. އަދި އަހަރެންނާއި އެކު އާދޭ.⁠“

9 ޕަތަރަސް މަލާއިކަތާ އާއި އެކު ދިޔައެވެ. ނަމަވެސް އޭނާއަށް އެމަލާއިކަތާ އެކުރެއްވި ކަންތައް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. އޭނާ ހީކުރީ މިހުރިހާ ކަމަކީ ހުވަފެނެއް ފަދަ ކަމެއްކަމުގައެވެ.

10 އެމީހުން އެތާނގައި ފޯރިއަށް ތިބި ސިފައިންގެ ދެބައި ވެސް ކަޑަތުކޮށް ދިޔައެވެ. އަދި އެމީހުން އެތާގެ ބޭރުގައިވާ ބޮޑު ދަގަނޑު ދޮރާށި ކައިރިއަށް އައުމާއި އެކު އެ ދޮރާށި އަމިއްލެއަށް ހުޅުވުނެވެ. ދެން އެމީހުން އެ ތަނުން ނުކުމެގެން ވަކިހިސާބަކަށް ހިނގާފައި ދިޔަތަނާ ކުއްލިއަކަށް އެމަލާއިކަތާ ޣައިބުވިއެވެ.

11 ދެން އެވަގުތު ޕަތަރަސްއަށް މި ވާނުވާ އެނގިއްޖެއެވެ. އޭނާ އަމިއްލަ ނަފްސަށް ބުންޏެވެ. ”⁠މިއީ ހަމަ ތެދެއް. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ ފޮނުއްވާ އަހަރެން ހެރޮދުގެ ކިބައިންނާ އަދި ބަނީއިސްރާއީލު މީހުން އަހަރެންނަށް ދިނުމަށް ބޭނުންވި އަނިޔާއިން އެ ސަލާމަތް ކުރެއްވީ.⁠“

12 ޕަތަރަސްއަށް މި ވީނުވީ ގޮތް އެނގުމުން އޭނާ ދިޔަގޮތަށް ދިޔައީ ޔޫޙަންނާގެ މަންމަ މަރިޔަމުގެ ގެއަށެވެ. މި ޔޫޙަންނާގެ އަނެއް ނަމަކީ މަރުކުސްއެވެ. އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ތެރެއިން އެތައް ބަޔަކު އެގެއަށް އައިސް ދުޢާ ކުރުމަށް ތިއްބެވެ.

13 ޕަތަރަސް އެގޭ ބޭރުދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވުމަށް އައީ އެގޭގައި ގެންގުޅޭ ރޮދާ އޭ ކިޔުނު އަންހެންކުއްޖެކެވެ.

14 އޭނާއަށް ޕަތަރަސްގެ އަޑު އިވުމުން ވީ އުފަލުން ދޮރު ހުޅުވަން ވެސް ހަނދާން ނެތި ދުވެފަ ގޮސް ގޭތެރޭގައި ތިބި މީހުން ކާރީގައި ޕަތަރަސް އެ ގޭ ދޮރުމަތީ ހުރި ވާހަކަ ބުންޏެވެ.

15 އެންމެން ބުންޏެވެ. ”⁠ކަލޭ މޮޔަވީތަ؟⁠“ ނަމަވެސް މި ކުއްޖާ ކުރުނުކޮށް އެހެން ބުނަމުން ދިއުމުން އެމީހުން ބުންޏެވެ. ”⁠ތިޔަ ވާނީ އޭނާގެ މަލާއިކަތާ ކަމަށް.⁠“

16 ޕަތަރަސް ހުއްޓާނުލާ ދޮރުގައި ޓަކިދެމުން ދިޔައެވެ. ދެން އެންމެފަހުން އެމީހުން އައިސް ދޮރު ހުޅުވިއެވެ. އަދި ޕަތަރަސް އެތާހުއްޓާ ފެނުމުން ހައިރާންވެ އަންތަރީސް ވިއެވެ.

17 ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.

18 އަނެއްދުވަހު ފަތިހު ޖަލުގައި ފޯރިއަށް ތިބި ސިފައިންގެ މީހުންނަށް ޕަތަރަސްއަށް ވީނުވީއެއް ނޭނގި ކަންބޮޑުވެ ވަރަށްބޮޑަށް ހާސްވިއެވެ.

19 ދެން ހެރޮދު ރަސްގެފާނު ސިފައިންނަށް ޕަތަރަސް ހޯދުމަށް އަމުރުކުރިއެވެ. ނަމަވެސް އެމީހުންނަކަށް ޕަތަރަސް ވީތަނެއް ނުހޯދުނެވެ. ދެން އޭނާ ޖަލު ބަލަހައްޓަން ތިބި ސިފައިންނާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ފަހު އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރިއެވެ. ދެން މިއަށް ފަހު ހެރޮދު ދުވަސްކޮޅަކަށް ޖުދެއާކަރަ ދޫކޮށް ގޮސް ކައިސަރިޔާގައި ހުއްޓެވެ.


ހެރޮދުގެ މަރު

20 ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.

21 ދެން މި ބައްދަލުވުމަށް ވަކި ދުވަހެއް ކަނޑައަޅުނެވެ. އަދި އެ ކަނޑަ އެޅުނު ދުވަހު ހެރޮދު ރަސްގެފާނު އެ ރަސްގެފާނުގެ ޝާހީ ހެދުންކޮޅު ތުރުކުރައްވާ ވަޑައިގެން އެ ރަސްގެފާނުގެ ތަޚުތު ކޮޅުގައި އިށީނދެވަޑައިގެން އެމީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަދެއްކެވިއެވެ.

22 އެމީހުން ގޮވަން ފެށިއެވެ. ”⁠ތިޔަބޭފުޅާ ތިޔަ ވާހަކަފުޅު ދައްކަވަނީ އިންސާނަކު ފަދައިންނެއް ނޫން. ތިޔަބޭފުޅާ ތިޔަ ވާހަކަފުޅު ދައްކަވަނީ ކަލާނގެއަކު ފަދައިން.⁠“

23 ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.

24 މާތްރަސްކަލާނގެ ބަސްފުޅުތަކާއި އެކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ފެތުރެމުން ދިޔައެވެ. އަދި އެ ޚަބަރުފުޅު އަހާ އެކަލާނގެއަށް އީމާންވަމުން ދިޔަ މީސްތަކުންގެ އަދަދު އިތުރުވަމުން ދިޔައެވެ.

25 ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ