Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2 - ކިތާބުލް މުޤައްދަސާ


މާތްސާހިބާ އެނބުރި ވަޑައިގަތުން

1 އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމާ ބެހޭގޮތުން ބުނަމެވެ. އެކަލޭގެފާނާއި ބައްދަލު ކުރުމަށް އަހަރެމެން އެތަނަށް އެއްތަން ވާނަމެވެ. ވީމާ، އަޚުންނާއި އުޚުތުންނޭވެ!

2 މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.

3 ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.

4 އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.

5 އަހަރެން ތިޔަބައިމީހުންނާއި އެކުގައި ވީ ހިނދު މި ވާހަކަތައް ކިޔައިދިން ހަނދާން ތިޔަބައިމީހުން ނުވޭހެއްޔެވެ؟

6 އެހެނީ، މިކަންތައް ނުހިނގައި މި ހިނދު ހިފަހައްޓާފައި ވަނީ ކޮން އެއްޗެއް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. ވިޔަސް އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވުމަށް ކަނޑައަޅުއްވާފައިވާ ވަގުތުގައި އޭނާ ފައުޅު ވާނެއެވެ.

7 މި ބޮޑު ދުޝްމަން ފަރާތުގެ ނުފޫޒު މިހާރު ވެސް ސިއްރުން ދުނިޔޭގައި ހިނގަމުން ދެއެވެ. ނަމަވެސް ކޮންމެވެސް ފަރާތަކުން އޭނާ ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ހިފަހައްޓާފައިވީ ފަރާތް އޭނާއާއި ދުރަށް ޖެހި ވަޑައިގެންނެވުމުގެ ކުރިން އޭނާ ފައުޅެއް ނުވާނެއެވެ.

8 އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.

9 މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ.

10 ހަމައެހެންމެ އޭނާ އެކި ވައްތަރުގެ މަކަރުވެރި ނުބައި އަމަލުތަކުން ގެއްލެނިވެގެން ވާނޭ ފަރާތްތައް މޮޔަ ހައްދާނެއެވެ. އެބައިމީހުން ގެއްލެނިވެގެން ވާނީ ސަލާމަތް ވުމުގައިވާ ތެދުވެރިކަމަށް ލޯބި ކުރުމާއިމެދު އިންކާރު ކުރުމުގެ ސަބަބުންނެވެ.

11 ވީމާ މި ބޮޑު ދުޝްމަން ފަރާތުގެ ދޮގު ވާހަކަތަކާއި މަކަރުވެރިކަމުގައި ޖެހި ދިއުމަށް މާތްރަސްކަލާނގެ އެމީހުންނަށް ޖައްސަވާނެއެވެ.

12 އެކަމުގެ ނަތީޖާއެއްގެ ގޮތުން ޙަޤީޤަތް ގަބޫލުކުރުމުގެ ބަދަލުގައި ނުބައިވެގެންވީ އަމަލުތަކަކީ ހިތްގައިމު ކަންތައްތަކެއް ކަމުގައި ގަބޫލު ކުރި ހުރިހާ އެންމެންނަށް ޢުޤޫބާތް ލިބޭނެއެވެ.


ތިޔަބައިމީހުން ވަނީ ދިންނެވުމަށްޓަކައި ޚިޔާރު ކުރައްވާފަ

13 މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.

14 ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުމުގައާއި، ދިންނެވުން ދެއްވުމަށްޓަކައި މާތްރަސްކަލާނގެ ބޭނުން ކުރެއްވީ ހެޔޮޚަބަރުފުޅުން އަހަރެމެން އިއްވަމުން ގެންދިޔަ ވަޢުޡުތަކެވެ. އެހެންކަމުން އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޖަލާލަތުކަމުގައި ތިޔަބައިމީހުންނަށް ޙިއްސާ ކުރެވޭނެއެވެ.

15 ވީމާ އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިން ތެދު ޙަޤީޤަތުގެ މަތީގައި ހިފަހައްޓައި ސާބިތުވެ ތިބޭށެވެ. އަހަރެމެންގެ ވަޢުޡުތަކާއި އަދި އަހަރެމެން ފޮނުވި ސިޓީތަކުގައި ވާ ކަންތައްތަކަށް ކައިރިން ބަލައި އީމާންތެރިކަމުގައި ދެމި ތިބޭށެވެ.

16-17 އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ