Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

2 ޞަމޫއީލް 3 - ކިތާބުލް މުޤައްދަސާ

1 ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.


ދާއޫދުގެފާނަށް ދަރިން ލިބިވަޑައިގަތުން

2 ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ޔަޒްރަޢީލުގެ އަޚީނޫޢަމުގެ ބަނޑުން ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. އެ ދަރިކަލުންނަކީ އަމްނޫން އެވެ.

3 ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.

4 ހަތަރުވަނަ ދަރިކަލުންނަކީ އަދޫނިއްޔާއެވެ. އެ ދަރިކަލުންގެ މަންމައަކީ ހައްޖީތު އެވެ. ފަސްވަނަ ދަރިކަލުންނަކީ ޝަފަތިޔާ އެވެ. އެދަރިކަލުންގެ މަންމައަކީ އަބީތާލް އެވެ.

5 ހަވަނަ ދަރިކަލުންނަކީ ޔަތުރައާމް އެވެ. މި ދަރިކަލުންގެ މަންމައަކީ ޢަޖްލަތު އެވެ. މި ހަ ބޭފުޅުން ވެސް ލިބިވަޑައިގެންނެވީ އެކަލޭގެފާނު ޙަބްރޫނުގައި ހުންނަވަނިކޮށެވެ.


އަބްނައިރު ދާއޫދުގެފާނާ ގުޅުން

6 ޝާއުލްގެފާނުގެ އާއިލާގެ މީހުންނާއި ދާއޫދުގެފާނުގެ އާއިލާގެ މީހުންގެ ދެމެދުގައި މި ކުރެވުނު ހަނގުރާމައިގެ ސަބަބުން ޝާއުލްގެފާނުގެ ގާތް މީހުންގެ ތެރޭގައި އަބްނައިރުގެ ބާރު ގަދަވެފައިވެއެވެ.

7 މިއިރު ޝާއުލްގެފާނުގެ ޖާރިޔާއަކު އުޅުނެވެ. އެއީ އައްޔާގެ ދަރި ރިސްފާއެވެ. އިޝްބޫސަތު އަބްނައިރުއާ ދިމާއަށް ބުންޏެވެ. ”⁠ކަލޭ އަހަރެންގެ ބައްޕަގެ ޖާރިޔާއާއެކު ނަހަމަ ގުޅުމެއް ހިންގަނީ ކީއްވެ؟⁠“

8 މިހެން ބުނުމުން އަބްނައިރު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ”⁠އަހަރެން ކަލޭގެ ބައްޕައަކަށް އާއިލާގެ މީހަކަށް ތިމާގެމީހަކަށް ރައްޓެއްސަކަށް މިހާތަނަކަށް ހަރާންކޯރު ވެފައެއް ނޯންނާނެ. ކަލޭ އަސްލުގައި ވެސް ހީކުރަނީތަ އަހަރެން މީ ޔަހޫޛާގެ ކުއްތާއެއް ކަމަށް؟ އަހަރެން އެހެންނަމަ ކަލޭ ދާއޫދާ ހަވާލު ކުރާނެތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޭ ތިޔަ ބުނަނީ އަހަރެން ކަލޭގެ ބައްޕަގެ ޖާރިޔާއަކާއެކު ގުޅުމެއް ހިންގަނީއޭތަ؟

9-10 ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.⁠“

11 އަބްނައިރު މިހެން ބުނުމުން އިޝްބޫސަތު ގަންނާކުރެއްވި ބިރުން އެކައްޗެކޭ ވެސް ނުބުންޏެވެ.

12 ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”⁠މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!⁠“

13 ”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“

14 ދެން ދާއޫދުގެފާނު އިޝްބޫސަތުގެ ގާތަށް ޚަބަރާއިގެން މީހުން ފޮނުވިއެވެ. ”⁠އަހަރެން ސަތޭކަ ފިލިސްޠީނީންގެ ޚިތާނު ކުރި ހަންކޮޅު ދީގެން ގަނެފައިވާ އަހަރެންގެ އަނބިމީހާ މީކާލް އަނބުރާ އަހަންނަށް ދީ!⁠“

15 މިހެން ބުނުމުން އިޝްބޫސަތު މީހުންތަކަކަށް އެންގިއެވެ. ”⁠ދޭ، ގޮސް ލައިޝްގެ ދަރި ފަލްތިއީލް އިނދެގެން އުޅޭ މީކާލް ގޮވައިގެން އާދޭ!⁠“

16 އެމީހުން މީކާލް ގޮވައިގެން ދާން ފެށުމުން ފަލްތިއީލް އެމީހުންގެ ފަހަތުން ރޮމުން ރޮމުން ބަހޫރީމްއާ ހަމަޔަށް އަޔެވެ. ދެން އަބްނައިރު އޭނާއާ ދިމާލަށް ބުނެއްޕެވެ. ”⁠އަނބުރާލާފައި ގެޔަށް ދޭ!⁠“ ދެން އޭނާ އަނބުރާލާފައި ގެޔަށް ހިނގައްޖެއެވެ.

17 އަބްނައިރު އިސްރާއީލުގެ ބޮޑުންނާ ޚިޔާލުބަދަލުކުރިއެވެ. ”⁠ކަލޭމެންގެ ވެރިޔަކަށް ދާއޫދުގެފާނު އިސްކުރަން ކަލޭމެން ބޭނުންވެގެން އުޅޭތާ ކިތަންމެ ދުވަހެއް.

18 މިހާރު މިއޮތީ އެދުވަސް އައިސްފައި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ދާއޫދުގެފާނު މެދުވެރި ކުރައްވައި ފިލިސްޠީނުންނާއި އިސްރާއީލުގެ އެހެނިހެން ވެސް އަދާވާތްތެރިންގެ ކިބައިން އިސްރާއީލް ރައްކާތެރި ކޮށްދެއްވާނެ ކަމަށް.⁠“

19 އަބްނައިރު މި މޭރުމުން ބަންޔާމީންގެ މީހުންނާ ވެސް ވާހަކަ ދައްކައިފިއެވެ. ދެން އިސްރާއީލީންނާއި ބަންޔާމީންގެ ވެރިން ބޭނުންވާ ގޮތުގެ ވާހަކަ ދާއޫދުގެފާނަށް ދެންނެވުމަށް އޭނާ ޙަބްރޫނަށް ހިނގައްޖެއެވެ.

20 އަބްނައިރު ދިޔައިރު ސިފައިންގެ ވިހި މީހުން ވެސް އޭނާއާ އެކު ގެންދިޔައެވެ. އެ އައި އެންމެންނަށް ދާއޫދުގެފާނު ޖާފަތެއް ދެއްވިއެވެ.

21 އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!⁠“ ދެން ދާއޫދުގެފާނު ސަލާމަތްކަމާއެކު އަބްނައިރު ދިޔަ ދެއްވިއެވެ.


ޔުއާބު އަބްނައިރު މަރާލުން

22 ޔުއާބާއި ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުން ރަށަކަށް ހަމަލާދީފައި ގިނަ އަދަދަކަށް ޣަނީމާ މުދާ ހިފައިގެން އަތުވެއްޖެއެވެ. އޭރު ދާއޫދުގެފާނު ވަނީ އަބްނައިރު ސުލްޙަވެރިކަން މަތީ ފޮނުއްވާ ލައްވާފައެވެ.

23 ޔުއާބްއާއި އެކު އައި ހަނގުރާމަވެރިން އެތަކެތި ހިފައިގެން އައުމުން ދާއޫދުގެފާނު އަބްނައިރު ސުލްޙަވެރިކަމާއެކު ފޮނުއްވާލި ޚަބަރު މީހުން އައިސް އޭނާގެ ގާތު ބުނެފިއެވެ.

24 ޔުއާބު ދާއޫދުގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ. ”⁠ތިޔަ ކުރެއްވީ ކީއްތޯ؟ އަބްނައިރު ކަލޭގެފާނުގެ ކައިރިއަށް އައީމާ ކަލޭގެފާނު އޭނާ ސަލާމަތުން ފޮނުއްވާ ލެއްވީ ކީއްވެތޯ؟ މިހާރު އޭނާ ގޮސް ނިމިއްޖެ!

25 ކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވާތޯ ނައިރުގެ ދަރި އަބްނައިރު އެއައީ ކަލޭގެފާނުގެ ކަންތައް ހުރިނެތްގޮތް ބަލަން ކަމެއް؟ އޭނާ އެއައީ ކަލޭގެފާނު ކުރައްވާ ނުކުރައްވާ ކަންތައް ބަލަން.⁠“

26 މިހެން ބުނެފައި ޔުއާބު އެތަނުން ހިނގައްޖެއެވެ. އޭނާ ގޮސް މީހުން ފޮނުވައިގެން އަބްނައިރު ސީރާ ވަޅުދޮށުގައި ހުއްޓާ ހޯދައިފިއެވެ. މިކަމެއް ދާއޫދުގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

27 އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.

28 ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ނައިރުގެ ދަރި އަބްނައިރުގެ ލޭ އޮހުރުމުގައި އަހަރެންނާއި އަހަރެންގެ ރަސްކަމުގެ އަތެއް ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާނެ.

29 އަބްނައިރުގެ ލޭ އޮހޮރުމުގެ ސަޒާ ޔުއާބުއާއި އޭނާގެ ބައްޕަގެ އާއިލާގެ މައްޗަށް ފޮނުއްވާށި. އެގޭގައި ޖުޒާމުބަލި ޖެހި، ނުވަތަ ފާރުހެދި ދޮސްގަނެފައިވާ މީހަކު، ނޫނީ ދަނޑިބުރިއެއް ވިއްދައިގެން ހިނގާ މީހަކު ނުވަތަ ކަނޑިއެއްގެ މައްޗަށް ނުވެއްޓޭ މީހަކު ނޫނީ ބަނޑުހައި ހޫނުކަމުގައި ހުރި މީހަކު ނެތް އިރެއް ނުދައްކަވާށި.⁠“

30 މިހާރު ޔުއާބްއާއި އަބީޝާއި މިވަނީ ޖިބްޢޫންގައި ހިނގި ހަނގުރާމައިގައި އޭނާގެ ކޮއްކޮ މަރާލެވުމުގެ ބަދަލު ހިފާފައެވެ.

31 ދެން ދާއޫދުގެފާނު ޔުއާބްއާއި އޭނާއާ އެކުގައި ތިބި އެންމެންނަށް އެންގެވިއެވެ. ”⁠ކަލޭމެން އެންމެން ވެސް ހެދުން ވީދައި މޮޅިވެރިކަމުގެ ސާލު ލާ. އަދި އަބްނައިރުއާ މެދު ހިތާމަފާޅު ކުރޭ.⁠“ އަބްނައިރުގެ ގަބުރު ގެންދިޔައިރު ދާއޫދު ރަސްގެފާނު ވެސް އެގަބުރުގެ ފަހަތުން ވަޑައިގެންނެވިއެވެ.

32 ދެން އެމީހުން ޙަބްރޫންގައި އަބްނައިރު ވަޅުލައިފިއެވެ. ދާއޫދުގެފާނު އެ ގަބުރުސްތާނުގައި ހުންނަވައި ހަރު އަޑުން ކީރިތި ކުރެއްވިއެވެ. އަދި ދެންތިބި މީހުން ވެސް ބާރަށް ރުއެވެ.

33 ދެން ރަސްގެފާނު މިކަމުގެ ހިތާމައިގައި މިޅެން ވިދާޅުވިއެވެ. ”⁠އަބްނައިރު މޮޔައެއްގެ ގޮތުގައި މަރުވާންވީ ކީއްވެ ހެއްޔެވެ؟

34 ކަލޭގެ އަތް ބަނދެވިފައެއް ނެތެވެ. ކަލޭގެ ފަޔަކު ހިލިހިލާއެއް ނެތެވެ. ކަލޭ މަރާ ވައްޓާލެވިފައި ވަނީ ނުލަފާ ގާތިލެއްގެ އަތުންނެވެ.⁠“ ދެން އެއެންމެން ވެސް ހަރުއަޑުން ރޯން ފަށައިފިއެވެ.

35 އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“

36 ދާއޫދުގެފާނު މި ކުރެއްވި ކަންތައް އެމީހުން އުފަލާއެކު ފާހަގަ ކުރިއެވެ. އަދި އެނޫނަސް އެކަލޭގެފާނު ކުރައްވާ ހުރިހާ ކަމެއް ވެސް މީސްތަކުން ބަލައިގަންނަނީ ހިތްހަމަ ޖެހުމާއެކުގައެވެ.

37 އެދުވަހު ނައިރުގެ ދަރި އަބްނައިރު މަރާލުމުގައި ދާއޫދުގެފާނުގެ އަތްޕުޅެއް ނުވާކަން އިސްރާއީލުގެ އެންމެންނަށް އެނގިއްޖެއެވެ.

38 ދެން ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ ވަޒީރުންނަށް ވިދާޅުވިއެވެ. ”⁠މިއަދު މަރުވެގެން އެ ވެއްޓުނީ އިސްރާއީލުގެ ގަދަފަދަ ވެރިޔެއް ކަން ކަލޭމެންނަކަށް ނޭނގޭތަ؟

39 އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ