Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

2 ޞަމޫއީލް 17 - ކިތާބުލް މުޤައްދަސާ


ހޫޝާއީގެ މަޝްވަރާ

1 އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުނެއްޕެވެ. ”⁠ބާރަހާސް މީހުން އަހަރެން ހޮވަންތަ؟ މިރޭ އަހަރެން ދާއޫދު ހުރިތަނަކަށް ހިނގައިދާނަން.

2 އޭނާ އެންމެ ވަރުބަލިވެ ނިކަމެތިވާ ވަގުތު ބަލާފައި އަހަރެން އޭނާއަށް ހަމަލާދޭނަން. އަހަރެން ގޮސް ހަމަލަދޭން ފެށީމާ އޭނާ ބިރުގެންފާނެ. ދެން އޭނާގެ މީހުންތައް ދުވެ ފިލައިފާނެ. އެކަމަކު އަހަރެން ގޮސް މަރާލާނީ ހަމަ އެކަނި ރަސްގެފާނު.

3 ދެން ފިރިމީހާގެ ގާތަށް އަނބިމީހާ ގެންނަ ފަދައިން އެކަލޭގެފާނުގެ މީހުންތައް ކަލޭގެފާނުގެ ގާތަށް އަހަރެން ގެނެސްފާނަން. އަހަރެން ގޮސް އެންމެ މީހަކު މަރާލީމާ މިހުރިހާ ކަންތަކެއް ނިމިދާނެ.⁠“

4 މި ރޭވުން އަބްޝާލޫމްއާއި އިސްރާއީލީންގެ ބޮޑުންނަށް ވަރަށް ކަމު ހިނގައްޖެއެވެ.

5 އެކަމަކު އަބްޝާލޫމް ބުންޏެވެ. ”⁠އަރުކީންގެ ހޫޝާއީއަށް ގޮވާބަލަ. އޭނާ ބުނާ އެއްޗެއް ވެސް އަހާލަން ވާނެއެއްނު؟⁠“

6 ހޫޝާއީ އަބްޝާލޫމްގެ ގާތަށް އަތުވެއްޖެއެވެ. އަބްޝާލޫމް ހޫޝާއީ ކުރެން އެއްސެވެ. ”⁠އަޚީތޫފަލު މި ދިން ލަފައާ އެއްގޮތަށް އަހަރެމެން ކަންތައް ކުރަންވީތަ؟ އެގޮތް ކަމު ނުދަންޏާ ކަލެއަށް ފެންނަ އެއްޗެއް ވެސް ބުނެބަލަ.⁠“

7 ހޫޝާއީ ޖަވާބު ދިނެވެ. ”⁠މި ފަހަރު އަޚީތޫފަލު ދިން މަޝްވަރާއެއް ކަމަކު ނުދޭ.

8 ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެ، ކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ މީހުންނަކީ ގަދަފަދަ ހަނގުރާމަވެރި ބައެއް ކަން. އެމީހުންނަކީ ދަރިންކޮޅު ގެއްލިފައިވާ ވަލު ސާރިދޯޅަތަކެއް ފަދަ ނުރައްކާތެރި ބައެއް. އެހެންނޫނަސް ކަލޭގެފާނުގެ ބައްޕާފުޅަކީ ހަނގުރާމައިގެ ރޭވުންތެރި ކުޅަދާނަ ހުނަރު ވެރިއެއް. އެކަލޭގެފާނު މީހުންތަކުގެ ތެރޭ ރޭގަނޑަކު ނުހުންނަވާނެ.

9 އެކަލޭގެފާނު މިހާރު ވެސް ހުންނަވާނީ ހޮހަޅައެއްގައި ނޫނީ ކޮންމެވެސް ތަނެއްގައި ފިއްލަވާ. އެމީހުން ނުކުމެ ތިބޭކަލުންނަށް ހަމަލަދޭން ފަށައިފިއްޔާ އަޑުއަރާނީ ދާއޫދުގެފާނުގެ މީހުން އަބްޝާލޫމްގެ މީހުން މަރަމުން އެބަ ގެންދެޔޭ.

10 އޭރުން ހަނގުރާމަވެރިންގެ ތެރޭގައި ތިބި ސިންގާތަކެއްފަދަ ހިތްވަރު ގަދަ މީހުން ވެސް ބިރުން ވިރިގެންދާނެ. އެގޮތަކީ އިސްރާއީލުގެ އެންމެންނަށް ވެސް އެނގޭނެ ކަލޭގެފާނުގެ ބައްޕާފުޅަކީ ކިހާ ވަރުގަދަ ހިތްވަރުފުޅު ގަދަ ހަނގުރާމަވެރި ފަހުލަވާނެއްކަން.

11 އަހަރެންގެ ލަފަޔަކީ ކަލޭގެފާނު އިސްރާއީލާއި ދާނުން ފެށިގެން ބިއުރުސަބްޢައާ ދެމެދުގެ އެންމެން އެއްކުރައްވައިގެން ވަޑައިގަތުން. އެއީ ގޮނޑުދޮށުގައިވާހައި ދޮންވެލިފުއްހާ ގިނަ ބައެއް. އެ އެންމެން ގޮވައިގެން ކަލޭގެފާނު ވަޑައިގަތުން.

12 އޭރުން ދާއޫދުގެފާނު ކޮންމެ ތަނެއްގައި ފިއްލަވާ ހުންނެވިޔަސް އެކަލޭގެފާނު އަތުލައިގަނެވިދާނެ. އަދި ހަނގުރާމަވެރިންތަކަކާއެކު އަހަރެމެން ގޮސް ފަތިހު ބިމަށް ފައިބައިގަންނަ ޝަބްނަމް ތިކިތަކެއް ފަދައިން އެކަލޭގެފާނަށް ހަމަލަ ދޭނީ. ދެން އަހަރެމެން ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުންތައް މަރާލާނީ. އެކަކު ވެސް ދުނިޔެއަކު ބަހައްޓާނެ ކަމެއް ނެތް.

13 ދާއޫދުގެފާނު ސަހަރު ތެރެއަށް އަރާވަޑައިގެންފިއްޔާ އިސްރާއީލީން އެންމެން ގޮސް އެސަހަރުގެ ފާރުތަކުގައި ވާބައްދައި މުޅި ސަހަރު ފުނޑުފުނޑުކޮށް ވާދީގެތެރެއަށް އުކާލާނީ. ފަރުބަދައެއްގެ މަތިން ގާކޮޅެއް ވެސް ހޯދާ ނުފެންނަ ވަރު ކޮށްލާނީ.⁠“

14 އަބްޝާލޫމްއާއި އިސްރާއީލުގެ އެންމެން ބުނެއްޕެވެ. ”⁠ހޫޝާއީގެ މަޝްވަރާ އަޚީތޫފަލުގެ މަޝްވަރާއަށް ވުރެން މާ ކަމުދޭ.⁠“ މިހެން އެމީހުން ބުނީ މާތްރަސްކަލާނގެ އިރާދަފުޅު އެގޮތުގައި ވާތީއެވެ. މާތްރަސްކަލާނގެ ރޭއްވެވުމުގައި ވަނީ އަޚީތުފުލުގެ މަޝްވަރާ ބޭކާރު ކޮށްލައްވައި އަބްޝާލޫމު ނައްތަވާލެއްވުމެވެ.

15 ހޫޝާއީ ގޮސް މިވާހަކަތައް އިމާމު ސަދޫގާއި އިމާމު އަބިޔާތަރުގެ ގާތު ބުނެފިއެވެ. އަދި އަޚީތޫފަލު އަބްޝާލޫމާއި އިސްރާއީލުންގެ ބޮޑުންނަށް ދިން ލަފާގެ ވާހަކަތައް ވެސް ކިޔައިދީފިއެވެ.

16 ހުޝާއީ ބުންޏެވެ. ”⁠އަވަހަށް މި ޚަބަރު ދާއޫދުގެފާނާ ހަމަޔަށް ފޯރުކުރޭ. ދަންނަވާ، ހަނަފަސް ސަހަރާގެ ކޯރުގެ އަނގަމަތީ އައްސޭރީގައި ނުތިއްބަވާށޭ. ކޯރު ހުރަސް ކުރައްވާ ވަޑައިގެން އަނެއް ފަރާތަށް ވަޑައިގަންނަވާށޭ. އޭރުން ކަލޭގެފާނާއި ކަލޭގެފާނުގެ މީހުންތައް ނައްތައެއް ނުލެވޭނެޔޭ.⁠“

17 އަބިޔާތަރު އިމާމުގެ ދަރި ޔޫނަތައިން އާއި ސާދޫގުގެ ދަރި އަޚީމައަޒް ގޮސް ހަދާ ގޮތަކީ ޢައިނި ރޫޖަލްއަވަށުގެ އޮހޭފެންގަޑުގެ ކާރީގައި މަޑުކޮށްލައިގެން ތިބެނީއެވެ. އެއީ އެމީހުން ސަހަރު ތެރެއަށް ވަންނަތަން މީހަކަށް ފެނިދާނެތީއެވެ. ދެން އެ ފެންގަނޑު ދޮށަށް ދާ ނޯކަރު އަންހެން ކުއްޖަކު ލައްވާ ދާއޫދުގެފާނަށް ދަންނަވަންވާ ވާހަކައެއް އެކުއްޖާލައްވާ އަންގަމުން ގެންދަނީއެވެ. ޔޫނަތައިންއާއި އަޚީމައަސް ދާއޫދުގެފާނަށް މި ހުރިހާ ރޭވުމެއްގެ ޚަބަރު މިގޮތުން ފޯރުކޮށްދެމުން ގެންދިޔައެވެ.

18 މިހެން އުޅެނިކޮށް ކޮންމެވެސް ޒުވާން ސޮރަކަށް ޔޫނަތައިންއާއި އަޚީމައަސް ފެނިގެން އަވަހަށް ދުވެ ގޮސް އަބްޝާލޫމަށް މިޚަބަރު ދީފިއެވެ. ދެން ޔޫނަތައިންއާއި އަޚީމައަސް އަވަހަށް ގޮސް ބަހޫރީމް އަވަށުގެ މީހެއްގެ ގޭގެ ގޯތީގައި ހުރި ވަޅަކަށް ފައިބައިފިއެވެ.

19 އެވަގުތު އެގޭ ވެރިމީހާގެ އަންހެނުން އެވަޅުގެ މަތީގައި އެއްޗެއް އަޅައި އޭގެ މަތީގައި ގޮދަންތައް އަވީލާން ފަށައިފިއެވެ. އެއީ އެކަކަށް ވެސް ޝައްކުވިޔަ ނުދިނުމަށެވެ.

20 ދެން އަބްޝާލޫމްގެ ސިފައިން އަންހެންމީހާގެ ގާތަށް އައިސް އެހިއެވެ. ”⁠އަޚީމައާސްއާއި ޔޫނަތައިން ކޮބައިތަ؟⁠“ އަންހެންމީހާ ބުންޏެވެ. ”⁠އެމީހުން އެއޮތް ފެންނަ ކޯރު ހުރަސްކޮށް ހިނގައްޖެ.⁠“ ދެން އަބްޝާލޫމްގެ ސިފައިން ޔޫނަތައިންއާއި އަޚީމައަސް ފެނޭތޯ ހޯދަން ހިނގައްޖެއެވެ. އެމީހުން ހޯދާހޯދާ ވެސް ނުފެނިގެން ސިފައިންގެ މީހުން އެނބުރި ޖެރޫސަލަމަށް ހިނގައްޖެއެވެ.

21 އަބްޝާލޫމް ފޮނުވި ސިފައިން ދިޔައިމާ ޔޫނަތައިންއާއި އަޚީމައަސް އެވަޅުން އަރައިފިއެވެ. ދެން އެމީހުން ދާއޫދު ރަސްގެފާނުގެ އަރިހަށް ހިނގައްޖެއެވެ. އެމީހުން ގޮސް ދެންނެވިއެވެ. ”⁠އަވަހަށް ކޯރު ހުރަސް ކުރައްވައި ވަޑައިގަންނަވާ!⁠“ ދެން އެމީހުން އަޚީތޫފަލު ދިން ލަފާގެ ވާހަކަ އެކަލޭގެފާނަށް ދަންނަވައިފިއެވެ.

22 އިރުއެރިއިރު ދާއޫދުގެފާނާއި ދެންތިބި އެންމެން ކޯރު ހުރަސްކޮށް އުރުދުންގެ ފަޅިއަށް ހިނގައްޖެއެވެ.

23 އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.

24 އަބްޝާލޫމާއި އޭނާގެ މީހުން އުރުދުން ކޯރު ހުރަސް ކުރިއިރު ދާއޫދުގެފާނު މަޙަނާއިމަށް ވަޑައިގެންފިއެވެ.

25 ދެން އަބްޝާލޫމްގެ ސިފައިންގެ ވެރިޔަކަށް އޭރު ހުރި ޔުއާބުގެ މަޤާމަށް ޢަމާސާ ލައިފިއެވެ. އަމާސާއަކީ ޔަޘްރާކިޔާ އިސްރާއީލުގެ މީހެއްގެ ދަރިއެކެވެ. އޭނާގެ މަންމަ އަކީ ޔަޘްރާގެ އަންހެނުން އަބީޖާއިލްއެވެ. އެއީ ނަޙާޝްގެ އަންހެންދަރިފުޅެވެ. އަދި އޭނާއަކީ ޔުއާބުގެ މަންމަ ސަރޫވިޔަތުގެ ކޮއްކޮއެއް ވެސް މެއެވެ.

26 އަބްޝާލޫމްއާއި އިސްރާއީލީން ގޮސް ޖިލްޢާދުގައި ފޭލިގެ ޖަހައިފިއެވެ.

27 ދެން ދާއޫދުގެފާނު މަޙަނާއިމަށް ވަޑައިގެންފިއެވެ. އޭރު ރައްބާ އަވަށުގެ ނާޙިސުގެ ދަރި ޝޫބީއާއި ޢައްމޫނީންނާއި ލޫދުބާރު އަވަށުގެ އައްމީއޭލްގެ ދަރި މަކީރުއާއި ރޫޖަލީމު އަވަށުގެ ޖިލްޢާދުގެ ބަރުޒިއްލާއި،

28-29 އެތިން މީހުން ބުންޏެވެ. ”⁠ހަނަފަސް ސަހަރާގައި ތިބި މީހުން ތިބޭނީ ވަރަށް ވަރުބަލިވެ ބަނޑުހައިވެ ފެންބޮވައިގެންފައި.⁠“ އެހެންވެ އެމީހުންނާއެކު ތިބި މީހުން ދާއޫދުގެފާނުގެ ގާތަށް ކާބޯތަކެތި ހިފައިގެން އަތުވެއްޖެއެވެ. އެމީހުން ގެންދިޔަ ތަކެތީގެ ތެރޭގައި އެނދުތަންމައްޗާއި، ގުޅިފުޅިތަކާއި، އަދި ގިނަ އަދަދެއްގެ ކާބޯތަކެތި ގެންދިޔައެވެ. އެމީހުންގެނައި ތަކެތީގެ ތެރޭގައި ގޮދަނާއި ބާރުލީއާއި އާޓާފުށާއި، ކެއްކި ކާނާއާއި ހަނާކުރި ގޮދަނާއި ތޮޅިއާއި ބަދަނާއި މާމުޔާއި ހުތްކިރާއި ކަންބަޅިތަކާއި ގެރިކިރު ޗީޒު ގެނެސްފައި ހުއްޓެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ