Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2 - ކިތާބުލް މުޤައްދަސާ


ތިސަލޯނިކާގައި ޕައުލް ކުރި މަސައްކަތް

1 އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ ކައިރީގައި އަހަރެމެން ހޭދަކުރި ދުވަސްތަކަކީ ތިޔަބައިމީހުންނަށް ބޭކާރު ވެގެން ދިޔަ ދުވަސްތަކެއް ނޫންކަން ތިޔަބައިމީހުން ދަނެއެވެ.

2 ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.

3 ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ގަބޫލުކުރުމަށް މީސްތަކުންނަށް އަހަރެމެން އިލްތިމާސްކުރީ ނުބައި މަގްސަދެއްގައި ނޫނީ މަކަރުހެދުމަކަށްމެ ނުވަތަ އޮޅުވާލުމަކަށް ވެސްމެ ނޫނެވެ.

4 ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.

5 ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ.

6 ތިޔަބައިމީހުންގެ ކިބައިން ވިޔަސް އަދި އެއްވެސް ބައެއްގެ ފަރާތުން ވިޔަސް އިންސާނީ ތަޢުރީފް ކުރުންތަކަކަށް އަހަރެމެން ނުބަލަމެވެ. އަލްމަސީޙުގެ މަންދޫބުންގެ ގޮތުގައި ތިޔަބައިމީހުންނާއި އެކުގައި އަހަރެމެންވީ ހިނދު ކަންތައްތައް ކުރުމަށް ތިޔަބައިމީހުންނަށް އަމުރު ކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެންވީ ކަމުގައި ވިޔަސް އެފަދައިން އަހަރެމެން އަމަލު ނުކުރަމެވެ.

7 ނަމަވެސް ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން މަޑުމައިތިރި ކަމާއިއެކުގައި ވީމެވެ. މަޔަކު އޭނާގެ ދަރިންނާއިމެދުގައި އަޅާލުން ބަހައްޓާ އުސޫލުންނެވެ.

8 ތިޔަބައިމީހުންނާއިމެދު އަހަރެމެން ނުހަނު އަޅާލުން ބެހެއްޓީމެވެ. އަދި އަހަރެމެން ނުހަނު ލޯބިވާ ބައެއްގެ ގޮތުގައި ތިޔަބައިމީހުން ވެއްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ދިންހިނދު އަހަރެމެންގެ ޙަޔާތު ވެސް ތިޔަބައިމީހުންނަށް ދިން ފަދައިންނެވެ.

9 އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.

10 އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން ވޭތުކުރީ މާތް، ތެދުވެރި، އަދި ބަދުނާމެއް ނެތް ޙަޔާތެކެވެ. މިއީ ތެދު ބުނުމެއް ކަމުގައި ތިޔަބައިމީހުން ހެކިވާނެއެވެ. އަދި ހަމައެހެންމެ، މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ.

11 ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު އަހަރެމެން ހިތިހިތުމަކީ ބަފަޔަކު އެމީހެއްގެ އަމިއްލަ ދަރިންނާއި މެދުގައި ހިތާހިތުން ފަދައިންނެވެ.

12 އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.

13 އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.

14 އަދި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ޤައުމުގެ މީހުންގެ އަތްދަށުން ތިޔަބައިމީހުންނަށް ނާއިންސާފުން އަނިޔާލިބުނެވެ. މިގޮތުން ތިޔަބައިމީހުން ތަޖުރިބާ ކުރަމުން ތިޔަދަނީ ޖުދެއާ ކަރައިގެ މާތްރަސްކަލާނގެ މަސީޙީ ޖަމާޢަތްތަކުގެ މީހުންނަށް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ މީހުންކަމަށްވާ ޖުދެއާ ކަރައިގެ މީހުންގެ ފަރާތުން ނާއިންސާފުން ލިބުނުފަދަ އަނިޔާތަކެވެ.

15 އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.

16 ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ޕައުލު އެމީހުންގެ ގާތަށް އައުމަށް އެދުން

17 ކުޑަހިނދުކޮޅަކަށް އަހަރެމެން ތިޔަ އަޚުންނާއި އުޚުތުންނާއި ވަކިކޮށްފައިވީ ނަމަވެސް އަހަރެމެންގެ ވިސްނުން ވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަހަރެމެން އެކަކު އަނެކަކަށް ކުރިމަތިން ފެނި ބައްދަލުވުމަށް ނުހަނު އެދެމުން ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ގަދައަޅައި އަހަރެމެން މަސައްކަތް ކުރީމެވެ!

18 ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް އަހަރެމެން ވަރަށްބޮޑަށް އެދެމެވެ. އަހަރެން، ޕައުލް، ގިނަފަހަރު ދެވޭތޯ ބެލީމެވެ. ނަމަވެސް ޝައިތާނާ އެކަމަށް ހުރަސްއެޅިއެވެ.

19 އަހަރެމެންގެ މާތްސާހިބާ އީސާގެފާނު ވަޑައިގަންނަވާހިނދު އަހަރެމެންގެ އުންމީދަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އުފާކުރުވާ އަދި އަހަރެމެންގެ ބޮލުގައި އެޅޭނެ ފަޚުރުވެރި ތާޖަކީ ކޮބާހެއްޔެވެ؟ އެއީ ތިޔަބައިމީހުންނެވެ.

20 އާނއެކެވެ. އަހަރެމެން އުފާކޮށް ފަޚުރުވެރި ކުރުވަނީ ތިޔަބައިމީހުންނެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ