Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

1 ޞަމޫއީލް 31 - ކިތާބުލް މުޤައްދަސާ


ޝާއުލްގެފާނު އަވަހާރަވުން

1 ފިލިސްޠީނުންނާއި އިސްރާއީލީންގެ ދެމެދު ހަނގުރާމަ ހިނގަމުން ދަނީއެވެ. އޭރު އިސްރާއީލީން ފިލަން ދުވަމުން ދެއެވެ. ފިލިސްޠީނުން ޖިލްބޫއަ ފަރުބަދައިގެ މަތީގައި އެމީހުން ފަހައި މަރައި ވައްޓަމުން ދެއެވެ.

2 އެމީހުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ ފަހަތުން ގޮސް ގަދަޔަށް ހަނގުރާމަކޮށް އެކަލޭގެފާނުގެ ތިން ދަރިން ކަމަށްވާ ޔޫނަތައިންއާއި އަބީނާދާބު އާއި މަލްކިޝޫޢު މަރާލައިފިއެވެ.

3 ހަނގުރާމަ އެންމެ ހޫނު ވެފައި ވަނީ ޝާއުލްގެފާނުގެ ވަށައިގެންނެވެ. ދުނިދަނޑި ޖަހާ މީހުން ޝާއުލްގެފާނަށް އަމާޒުކޮށް ދުނިޖަހައި އެކަލޭގެފާނު ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

4 ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.⁠“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ.

5 އެކަލޭގެފާނު އަވަހާރަވީތަން ފެނުމުން ހަތިޔާރު އުފުލާމީހާ ވެސް އެގޮތުގެ މަތިން ކަންތައް ކޮށް އޭނާ ވެސް އެކަލޭގެފާނާއެކު މަރުވެއްޖެއެވެ.

6 އެހެންކަމުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާއާއި އަދި އެކަލޭގެފާނާއި އެކުގައި ތިބި އެންމެން އެކަށް އެދުވަހު މަރުވެ ދިޔައެވެ.

7 އުރުދުން ކޯރުގެ އަނެއްފަރާތުގައި އާއި ވާދީގެ ތެރޭގައި ތިބި މީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންތައް މަރުވެ އިސްރާއީލީންގެ ލަޝްކަރު ފިލަންދާތަން ފެނުމުން އެމީހުންގެ އަވަށްތައް ދޫކޮށް ގޮސް ފިލައިފިއެވެ. ދެން ފިލިސްޠީނުން އައިސް އިސްރާއީލީންގެ އަވަށްތަކަށް ވެރިވެގެންފިއެވެ.

8 އަނެއް ދުވަހު ފިލިސްޠީނުން ހަނގުރާމައިގެ މައިދާނުގައި ހުރި ބޭނުން ހިފޭތަކެތި ބަލާ ދިޔައިރު އެމީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ މަރުވެފައިވާ މަސްގަނޑު ފެނުނެވެ.

9 އެމީހުން ޝާއުލްގެފާނުގެ ބޯ ކަނޑައި އެކަލޭގެފާނުގެ ދަހަނާކޮޅު ބާލުވައިފިއެވެ. އެމީހުންނަށް މި ލިބުނު ކާމިޔާބީގެ އުފާވެރި ޚަބަރާއިގެން ފިލިސްޠީނުންގެ ބުދުފައްޅިތަކަށާއި އަވަށްތަކުގެ މީހުންގެ ގާތަށް ފޮނުވިއެވެ.

10 އެމީހުން ޝާއުލްގެފާނުގެ ދަހަނާ ކޮޅު ޢަޝްތާރޫތު ފައްޅީގެ ތެރޭ އެލުވައިފިއެވެ. އަދި ޝާއުލްގެފާނުގެ ހަށިކޮޅު ބައިތު ޝާންގެ ފާރުގައި އަޅުވައިފިއެވެ.

11 ޖިލްޢާދުގެ ޔާބީޝްގެ މީހުންނަށް ފިލިސްޠީނުން މި ކުރި ކަންތަކުގެ ޚަބަރު އިވުމުން،

12 އެމީހުންގެ ހިތްވަރުގަދަ މީހުން މުޅި ރޭ ހިނގާފައި ބައިތު ޝާން އަށް ގޮސް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ މުޅަމަސްތައް ބައިތު ޝާންގެ ފާރުތަކުން ނަގައިގެން ޔާބީޝްއަށް ގެންގޮސް އެތަނުގައި އެ ހަށިތައް އަންދައިފިއެވެ.

13 އެމީހުން އެ ކަށިތައް ނަގައި ޔާބީޝްގެ ތަމަރިސްކު ގަހުގެ ބުޑުގައި ވަޅުލައިފިއެވެ. އަދި ހަތްދުވަހު ރޯދައަށް ތިބެއްޖެއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ