Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

1 ޞަމޫއީލް 12 - ކިތާބުލް މުޤައްދަސާ


ޞަމުއީލްގެފާނުގެ ވަދާއީ ތަގްރީރު

1 ދެން ޞަމޫއީލްގެފާނު ބަނީއިސްރާއީލުގެ އެންމެނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. ”⁠ކަލޭމެން އެދުނު ކަންތައް އަހަރެން މިވަނީ ހަމަޖައްސައި ދީފައި. ކަލޭމެން އެދުނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް. އެކަން އެވަނީ ކޮށް ދީފައި.

2 އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން.

3 އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.⁠“

4 ދެން އެ އެންމެން ބުނެއްޕެވެ. ”⁠ނޫން. ކަލޭގެފާނު ދުވަހަކު ވެސް އަޅުގަނޑުމެންނަށް ކެއްސެއް ދީ އަޅުގަނޑުމެންނަށް ދެރަ ގޮތެއް ހައްދަވައި އެއްޗެއް އަތުލައްވާފަ އެއް ނުވޭ.⁠“

5 ދެން ޞަމޫއީލްގެފާނު އެމީހުން ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނާ މެދު އަހަރެން ދެރަ ގޮތެއް ނަހަދައޭ ކަލޭމެން ތިޔަ ބުނަނީ މާތްރަސްކަލާނގެއާއި އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނު ހެކިކޮށް ނޫންތަ؟⁠“ އެމީހުން ބުންޏެވެ. ”⁠އާނ! މާތްރަސްކަލާނގެ ހެކިކޮށް މިބުނަނީ.⁠“

6 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއީ މޫސާގެފާނާއި ހާރޫނުގެފާނު ޚިޔާރު ކުރެއްވި ރަސްކަލާނގެ. އެއީ ކަލޭމެންގެ ކާބަފައިން މިޞްރުން ނެރުއްވައި މިންޖު ކޮށްދެއްވި ރަސްކަލާނގެ.

7 ކަލޭމެން މިތަނަށް އައިސް މާތްރަސްކަލާނގެ ޙަޟްރަތުގައި ކޮޅަށް ތިބޭ. ކަލޭމެންނަށާއި ކަލޭމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ކޮށްދެއްވާފައި ވާ ގިނަގުނަ ހެޔޮ ކަންތައްތަކުގެ ވާހަކަ ކަލޭމެންނާ ކުރިމަތިލައި އަހަރެން ކިޔާދޭނަން.

8 ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި.

9 އެކަމަކު އެމީހުންގެ މާތްރަސްކަލާނގެ މާތްކަލާނގެ މަތިން ހަނދާން ނައްތާލި. އެހެންވެ ފިލިސްޠީނުންނާއި، މުއާބުގެ ރަސްގެފާނާއި ޙާޞޫރު ރަށުގެ ސިފައިންގެ ވެރި ސީސަރާއާއި، ކަލޭމެންގެ ކާބަފައިންނާ ދެމެދު ކުރެވުނު ހަނގުރާމަތަކުން ބަލިވެ އެމީހުންގެ އަޅުވެތިކަމުގެ ދަށަށް ދާނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ކުރެއްވި.

10 ދެން ކަލޭމެންގެ ކާބަފައިން މާތްރަސްކަލާނގެ އަށް ދެންނެވި. ތިމަންމެންނަށް ފާފަ ކުރެވިއްޖެއޭ. ތިމަންމެން ބަޢަލް ކަލާނގެއާއި ޢަޝްތާރޫތު ކަލާނގެތަކަށް އަޅުކަން ކޮށްފީމުއޭ. މި މުސީބާތުން ސަލާމަތް ކޮށް ދެއްވާށޭ. ތިމަންމެން އިނބަރަސްކަލާނގެއަށް އަޅުކަން ކުރާނަމޭ.

11 ދެން މާތްރަސްކަލާނގެ ޔަރުއްބަޢަލް އާއި ބަރާކު އާއި ޔަފްތާޙު އާއި ޞަމޫއީލް ލައްވައި ބަނީއިސްރާއީލުން ސަލާމަތް ކުރައްވައި އަދާވާތްތެރިންގެ ކިބައިން ރައްކާތެރިކޮށް ދެއްވި.

12 ދެން ކަލޭމެންނާ ތޮޅެން ޢައްމޫންގެ ވެރި ނާޙިސް އަންނަތަން ފެނުމުން ކަލޭމެން ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެން ފަށައިފި. ކަލޭމެންގެ ރަސްކަލަކަށް ހުންނެވުމަށް މާތްރަސްކަލާނގެ ކަލޭމެންނަކަށް ކަމަކު ނުދިޔަ.

13 ނިކަން ދެކެބަލަ. މިހުންނެވީ ކަލޭމެން ކަލޭމެންގެ މައްޗަށް އިސްކޮށްފައިވާ ރަސްގެފާނު. ކަލޭމެން އެދުނު ފަދައިން މާތްރަސްކަލާނގެ މިވަނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދެއްވާފައި.

14 ކަލޭމެން މާތްރަސްކަލާނގެއަށް ބިރުވެތިވެ އެކަލާނގެއަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެ އެންގެވި ކަންތަކާ ދެކޮޅު ނުހަދައި، ކަލޭމެންނާއި ކަލޭމެންގެ މައްޗަށް ވެރިކަން ކުރާ ރަސްގެފާނު، ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެއަށް ތަބާވާނަމަ ހުރިހާކަމެއް ވެސް ހުންނާނީ ރަނގަޅަށް.

15 އެކަމަކު ކަލޭމެން ވެސް އެކަލާނގެއަށް އިންކާރުކޮށް ނުކިޔަމަންތެރި ވެގެންފި ނަމަ ކަލޭމެންގެ ކާބަފައިންނެކޭ އެއްފަދައިން ކަލޭމެންނާ މެދު ވެސް މާތްރަސްކަލާނގެ ދެރަގޮތް މެދުވެރި ކުރައްވާނެ.

16 މިހާރު ކަލޭމެން ހިމޭންވެ ތިބެ ކަލޭމެންގެ ލޮލުގެ ކުރިމައްޗަށް މާތްރަސްކަލާނގެ ގެންނަވާނެ މަތިވެރި ކަންތަކާ މެދު ފިކުރުކޮށްބަލަ.

17 މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“

18 ދެން ޞަމޫއީލްގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން ވަގުތުން ގުގުރާފައި ވާރޭ ވެއްސަވައިފި އެވެ. މިތަން ފެނިގެން އެމީހުން މާތްރަސްކަލާނގެއާއި ސަމޫއީލްގެފާނު ދެކެ ވަރަށް ބިރުގެންފި އެވެ.

19 ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“

20 ޞަމޫއީލްގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން ދެން ބިރު ނުގަނޭ. ކަލޭމެންނަށް ތިޔަ އޮތީ ގޯސް ހެދިފައި. ދެން ވެސް މާތްރަސްކަލާނގެއަށް ފުރަގަސް ނުދީ ކިޔަމަންތެރިވުން މަތީ ދެމިތިބޭ. އަދި ކަލޭމެން ހިތުގެ އަޑިން އެކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދޭ.

21 ބާޠިލް ބުދުތަކާ ދިމާއަށް ނުއެނބުރޭތި. އެހެނީ އެފަދަ ބުދުތަކަކީ ކަލޭމެންނަށް އެއްވެސް ފައިދާއެއް އެހީތެރިކަމެއް ދެވޭނެ އެއްޗެއް ނޫން. އެއަކީ އެއްވެސް ބާރެއް ހުރިއެއްޗެއް ވެސް ނޫން.

22 އެކަމަކު މާތްރަސްކަލާނގެ ވަނީ ކަލޭމެން ދޫކޮށް ނުލެއްވުމަށް ވަޢުދުވެ ވޮޑިގެންފައި. އެހެންކަމުން ކަލޭމެން އެއްލަވާލައްވައިފި ނަމަ އެކަން ވާނީ އެކަލާނގެ މަތިވެރި ނަންފުޅަށް ލިބޭނެ ހުތުރަކަށް. އެހެނީ އެކަލާނގެ ވަނީ ތިޔަބައިމީހުން ހޮއްވަވައި އިޚުތިޔާރު ކުރައްވާފައި.

23 އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.

24 އަހަރެންގެ ނަސޭހަތަކީ ކަލޭމެން ވެސް އެކަލާނގެއަށް ހިތުގެ ފުންމިނުން އަޅުކަންކޮށް މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމުގައި ދެމިތިބުން. ކަލޭމެންނާ މެދު އެކަލާނގެ ކޮށްދެއްވި ރަނގަޅު ކަންތަކުގެ މަތިން ހަނދުމަ ނައްތާނުލުން.

25 އެކަމަކު ކަލޭމެން ވިޔާނުދާ ކަންތައް ކުރަމުން ގެންދާނަމަ ކަލޭމެންނާއި އެކު ކަލޭމެންގެ ރަސްގެފާނު ވެސް މާތްރަސްކަލާނގެ ނައްތަވައި ލައްވާނެ.⁠“

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ