Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

1 ޞަމޫއީލް 11 - ކިތާބުލް މުޤައްދަސާ


ޝާއުލްގެފާނު ޔަބީޝް ސަހަރު އަތުލެއްވުން

1 އޭގެ މަސްދުވަސް ފަހުން ޢައްމޫނީންގެ ނާޙިސްއާއި އޭނާގެ ލަޝްކަރު އައިސް އިސްރާއީލުގެ ސަހަރެއް ކަމަށްވާ ޖިލްޢާދުގެ ޔާބީޝް ޙިސާރު ކޮށްފިއެވެ. ދެން ޔާބީޝްގެ މީހުން އައިސް ބުންޏެވެ. ”⁠ކަލޭމެން އަހަރެމެންނާ އެއްބަސްވުމެއް ހުށަހަޅައިފި ނަމަ އަހަރެމެން ކަލޭމެންނަށް އަޅުވެތި ވާން ތައްޔާރު.⁠“

2 ނާޙިސް ބުންޏެވެ. ”⁠ކަލޭމެންނާ މުޢާހިދާއެއް ކުރާނެ އޮތީ އެންމެ ގޮތެއް. އެއީ ކަލޭމެން އެންމެންގެ ކަނާތު ލޯ އުފުރާލުން. އެއީ އިސްރާއީލުގެ މީހުންނަށް ވޭން ދީ ނިކަމެތި ކޮށްލުމަށްޓަކާ.⁠“

3 ޔާބީޝްގެ ބޮޑުން ބުންޏެވެ. ”⁠އަހަރެމެންނަށް ހަތް ދުވަހުގެ މުހުލަތެއް ދީ. އޭރުން އަހަރެމެން އިސްރާއީލުގެ ހުރިހާ ހިސާބަކަށް މި ޚަބަރު ފޮނުވާނަން. އަދި އަހަރެމެންނަށް އެހީ ވާނެ ބަޔަކު ނުވިނަމަ އަހަރެމެން އެންމެން އައިސް ކަލޭމެންނަށް އަމާން ދޭނަން.⁠“

4 މަންދޫބުން ޝާއުލް އުޅުއްވާ ޖިބްޢާއަށް އައިސް މި ޚަބަރު އިއްވުމުން ރަށުގެ މީހުން ގަދަ އަޑުން ރޮއިގެންފިއެވެ.

5 އޭރު ޝާއުލް ދަނޑުން އެނބުރި ވަޑައިގަންނަވަނީ އެވެ. އެކަލޭގެފާނު ހުންނެވީ ގެރިތަކުގެ ފަހަތުގަ އެވެ. ރަށުގެ މީހުން ރޯ އަޑު އިވިގެން އެކަލޭގެފާނު މި ވެގެން އުޅޭގޮތެއް އައްސަވައިފި އެވެ. އެމީހުން އެހުރިހާ ވާހަކައެއް އެކަލޭގެފާނަށް ދަންނަވައިފި އެވެ.

6 އެވަގުތު މާތްކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފި އެވެ. އެކަލޭގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ.

7 އެކަލޭގެފާނު އެތަނުން ބޮޑު ދެ ގެރި ކޮށާ ކުދިކުދި ކުރެއްވުމަށް ފަހު އެއައި މީހުންގެ އަތުގައި އިސްރާއީލުގެ ކަންކޮޅުތަކަށް ފޮނުއްވިއެވެ. އަދި އެންގެވިއެވެ. ”⁠ޞަމޫއީލާއި ޝާއުލްއާއެކު ހަނގުރާމަ ކުރަން ނުނުކުންނަ ކޮންމެ މީހެއްގެ ގެރިތަކަށް ވެސް ވާނީ މިގޮތް.⁠“ މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ބިރުވެރިކަން ފޮނުއްވިއެވެ. ދެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އަތުވެއްޖެއެވެ.

8 ޝާއުލް ބާޒަޤަށް އެއްކުރި މީހުން ގުނިއިރު އޭގެ ތެރޭގައި އިސްރާއީލީންގެ ތިން ސަތޭކަ ހާސް މީހުންނާއި ޔަހޫޛާގެ ތިރީސް ހާސް މީހުން ތިއްބެވެ.

9 ޝާއުލްގެފާނު ޚަބަރު ގެނައި މީހުންނަށް އެންގެވިއެވެ. ”⁠ކަލޭމެން ގޮސް ޔާބީޝްގެ މީހުން ގާތު ބުނޭ. ’⁠މެންދުރުވާން ވާއިރަށް ކަލޭމެން ނާޙިޝްގެ މީހުންގެ އަތްދަށުން ސަލާމަތް ވާނެއޭ.⁠‘⁠“ މި ޚަބަރު ހިފައިގެން ޔާބީޝްއަށް ދިޔަ މީހުން ތިބީ އުފަލުން ފޮޅިފައެވެ.

10 އެމީހުން ނާޙިސްގެ މީހުން ގާތު ބުންޏެވެ. ”⁠އަހަރެމެން މާދަމާ ކަލޭމެންނަށް އަޅުވެތިވާން އަންނާނަން. އޭރުން ކަލޭމެން ހިތް އެދޭ ގޮތެއް އަހަރެމެންނަށް ހަދާ.⁠“

11 އޭގެ އަނެއް ދުވަހު އިރު ނާރަނީސް ޝާއުލްގެ ލަޝްކަރު ތިން ފިރުޤާއަކަށް ބަހާލައިގެން ހަނގުރާމައަށް ނުކުތެވެ. މެންދުރުން ނުވަނީސް ޢައްމޫނީންގެ މީހުންތައް މަރައި ހަފުސް ކޮށްފިއެވެ. ދެން ތިބި މީހުންތައް ބަލިވެގެން ދުއްވައިގެންފި އެވެ. އެމީހުންގެ ލަޝްކަރު ވިއްސިވިހާލިވެ އޭގެ ދެމީހަކު އެއްތަން ނުވެވޭ ވަރު ކޮށްފިއެވެ.


ޝާއުލްގެފާނުގެ ރަސްކަން ހަރުދަނާވުން

12 ދެން އިސްރާއީލުގެ މީހުން ޞަމޫއީލް ގާތު ދެންނެވިއެވެ. ”⁠ޝާއުލް ރަސްކަމަށް ކުފޫހަމަ ނުވެޔޭ ބުނި މީހުން ކޮބައިތޯ؟ އަހަރެމެންގެ ކުރިމައްޗަށް އެމީހުން ނެރުއްވާ. އޭރުން އެމީހުންނަށް މަރުގެ ރަހަ ދައްކައިދޭނަން.⁠“

13 ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“

14 ޞަމޫއީލް ވިދާޅުވިއެވެ. ”⁠އަހަރެމެން ޖިލްޖާލަށް ދާން ހިނގާ. އެ ސަހަރުގައި ޝާއުލް އަލުން ރަސްކަމަށް އިސް ކުރާނީ.⁠“

15 ދެން އެންމެން ޖިލްޖާލަށް ގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި އެރަށުގެ ރަސްކަމަށް ޝާއުލް އިސްކޮށްފި އެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ހުށަހަޅައި އިސްރާއީލުގެ އެންމެންނާއި ޝާއުލް އުފާ ފާޅުކުރަމުން ގެންދިޔައެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ