Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

1 ޞަމޫއީލް 10 - ކިތާބުލް މުޤައްދަސާ


ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވޭނެ ކަމުގެ ޚަބަރު

1 ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.

2 މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’⁠ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.⁠‘

3 ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ.

4 ދެން އެމީހުން ކަލޭގެފާނަށް ސަލާންގަލާން ކުރުމަށް ފަހު އެކަކު އޭނާގެ އަތުގައި ހުރި ޓުކުރިން ދެރޮށި ނަގައި ކަލޭގެފާނަށް ދޭނެ. ކަލޭގެފާނު އެ ނަންގަވާނެ.

5 ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން ބަޔަކު އަންނާނެ.

6 އެވަގުތު ކަލޭގެފާނުގެ މައްޗަށް ވެސް މާތްރަސްކަލާނގެ ރޫޙުފުޅު ވެރިވެ ވޮޑިގަންނަވާނެ. އަދި ކަލޭގެފާނު މުޅީން އެހެން މީހަކަށް ބަދަލުވެ އެމީހުންނާއެކު ޣައިބުބުނަން ފައްޓަވާފާނެ.

7 މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.

8 ދެން ކަލޭގެފާނު ޖިލްޖާލަށް ގޮސް ހަތް ދުވަސް ވަންދެން އެތާ ހުންނަވާ! އަހަރެން އަންނާނަން ކަލޭގެފާނުގެ ގާތަށް އަންދައި ޤުރުބާނީ ވެދުން ކުރާށާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ކުރުމަށް. އޭގެ ފަހުން ދެން ކަންތައް ކުރަން ވީ ގޮތް އަހަރެން ބުނެދޭނަން.⁠“

9 ޞަމޫއީލްގެފާނު އެތަނުން ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ މާތްކަލާނގެ ޝާއުލްގެ ހިތް ބަދަލު ކުރައްވައި އާ މީހަކަށް ހައްދަވައިފި އެވެ. އެދުވަހު ޞަމޫއީލް އެވިދާޅުވި ހުރިހާ ކަމެއް ވެސް އެ ގޮތަށް ހިނގައި ދިޔައެވެ.

10 ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ.

11 ޝާއުލް ދަންނަ މީހުންނަށް އޭނާ ވަޖިދުވާތަން ފެނިގެން އެކަކު އަނެކަކު ކުރެން އަހައިފޫއެވެ. ”⁠ޤައިޝްގެ ދަރިއަށް މިވީ ކީއް؟ މީނާއަކީ ވެސް އަނެއްކާ ނަބީ ބޭކަލަކީތަ؟⁠“

12 ފަރުބަދަ މަތީގެ މީހަކު ޖަވާބު ދިނެވެ. ”⁠ކީއްވެ އޭނާ ނަބީއަކަށް ނުވާންވީ؟ ދެން އެތިއްބެވި ބޭކަލުންނަކީ ވަކި ކޮން އާއިލާއަކުން އައި ބައެއްތަ؟⁠“ އޭގެ ފަހުން ”⁠ޝާއުލްއަކީ ވެސް ނަބީބޭކަލެއްތަ؟⁠“ މި ބަސް ހަރު ވެއްޖެއެވެ.


ޝާއުލް ރަސްކަލަކަށް ވުން

13 ޝާއުލްގެފާނު އެތަނުގައި ނަބީކަން ކުރެއްވުމުގައި ހުންނެވުމަށް ފަހު ފަރުބަދަމަތީގެ އުސް މަޤާމަށް އަރާ ވަޑައިގެންފިއެވެ.

14 ޝާއުލްގެފާނުގެ ބޮޑުބޭބެ އެކަލޭގެފާނާއި ނޯކަރު ކުރެން އެއްސެވެ. ”⁠ކަލޭމެން ދެމީހުން ދިޔައީ ކޮންތަނަކަށް؟⁠“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެމެންނަށް ހިމާރުތައް ނުފެނުމުން ދިޔައީ ޞަމޫއީލްގެފާނުގެ އަރިހަށް.⁠“

15 ބޮޑުބޭބެ އެއްސެވެ. ”⁠ކީކޭތަ ޞަމޫއީލްގެފާނު ވިދާޅުވީ؟ މަގޭގާތު ބުނެބަލަ.⁠“

16 ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ވިދާޅުވީ ހިމާރުތައް ފެނިއްޖެޔޭ.⁠“ އެކަމަކު އެކަލޭގެފާނަށް ރަސްކަން ލިބުނު ވާހަކައެއް ބޮޑުބޭބެގެ ގާތަކު ވިދާޅެއް ނުވެއެވެ.


ޝާއުލްގެފާނު ރަސްކަމަށް ހޮއްވެވުން

17 ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ.

18 ”⁠މިއީ މާތްރަސްކަލާނގެ އިސްރާއީލުންގެ ކަލާނގެ ބަސްފުޅު. ’⁠ތިމަންކަލާނގެ ތިޔަބައިމީހުން މިޞްރުގެ ރަސްކަމުގެ އަޅުވެތިކަމުންނާއި ކަލޭމެންނަށް ދުއްތުރާކުރި އެންމެންގެ ކިބައިން ކަލޭމެން މިންޖު ކުރައްވައި ސަލާމަތް ކުރެއްވީމު.⁠‘

19 މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.⁠“

20 ދެން ޞަމޫއީލްގެފާނު އިސްރާއީލުގެ ހުރިހާ ގަބީލާއެއް އެކަލޭގެފާނު ކުރިފުޅުމައްޗަށް ގެންނެވިއެވެ.

21 އެ ހުރިހާ ގަބީލާއެއްގެ ތެރޭން ގުރުއަތުން ހޮވުނީ ބަންޔާމީންގެ ގަބީލާއެވެ. ދެން އެ ގަބީލާގެ ތެރޭން ހޮވުނީ މަތުރީގެ އާއިލާއެވެ. އެ އާއިލާއިން ހޮވުނީ ޤައިޝްގެ ދަރި ޝާއުލް އެވެ. އެމީހުން ޝާއުލްގެފާނު ހޯދި އިރަކު އެކަލޭގެފާނެއް އެތާނކު ނެތެވެ.

22 ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އެ މީހާ މިތާނގައި ނެތީތޯ؟⁠“ އެކަލާނގެ އެންގެވިއެވެ. ”⁠އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.⁠“

23 ޝާއުލްގެފާނު ފިއްލަވައި އޮންނަވަނިކޮށް މީހުން ގޮސް އެކަލޭގެފާނު ގެންނަވައިފިއެވެ. އެކަލޭގެފާނު އެއެންމެންނަށް ވުރެން އެއް ފޫޓު ދިގެވެ.

24 ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.⁠“ ދެން މީހުން ”⁠ރަސްގެފާނު ޒިންދާބާދު⁠“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ.

25 ދެން ޞަމޫއީލްގެފާނު އެމީހުންނަށް ރަސްކަމުގެ ގަވާއިދުތައް އޮޅުން ފިލުވައި ދެއްވައި ފޮތެއްގައި އެވާހަކަތައް ލިއުއްވައި އަޅުކަމުގެ ޖަގަހައިގައި ބާއްވަވައިފިއެވެ. ދެން އެމީހުން ގޭގެއަށް ފޮނުއްވައިފިއެވެ.

26 ދެން ބާރުގަދަ ފަހުލަވާނުންގެ ތެރޭން ބަޔަކު ޝާއުލްގެ ފަހަތު ވުމަށް މާތްކަލާނގެ ހިތްޖައްސަވައިފި އެވެ. އެމީހުން ޝާއުލްއާއެކު ޖިބްޢާގައި ހުންނަ އޭނާގެ ގެޔަށް ހިނގައްޖެއެވެ.

27 އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”⁠މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.⁠“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ