Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -

ޕަތަރަސްގެ ފުރަތަމަ ސިޓީ 4 - ކިތާބުލް މުޤައްދަސާ


މާތްރަސްކަލާނގެ މަގުގައި ޙަޔާތު ވޭތުކުރުން

1 އެހެންވެ އަލްމަސީޙު ޖިސްމާނީ ގޮތުން ވޭން އުފުލެއްވިއެވެ. ތިޔަބައިމީހުން ވެސް އެކަލޭގެފާނު އުފުއްލެވިފަދަ ވޭނެއްގައި ވުމަށް ތައްޔާރުގައި ތިބޭށެވެ. ސަބަބަކީ އެފަދަ ވޭން ދައްކައިދެނީ ތިޔަބައިމީހުން ފާފަތަކުން އެއްކިބާ ވެގެންވާކަމެވެ.

2 އޭރުން ތިޔަބައިމީހުންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް އަމިއްލަ ނުބައިވެގެންވާ އެދުންތަކުން އެއްކިބާވެ ތިބެ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން މި ދުނިޔެ ވޭތުކުރެވޭނެއެވެ.

3 ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.

4 ތިޔަބައިމީހުންގެ ކުރީގެ ރަޙުމަތްތެރިން ކުރަމުން ދާ ނުބައި ނުލަފާ އަމަލުތައް ކުރުމަށް އެބައިމީހުންނާއި އެކުގައި ތިޔަބައިމީހުން ބައިވެރިނުވުމުން ހަމަ ޔަޤީނުން ވެސް އެ ރަޙުމަތްތެރިން ވަރަށް ބޮޑަށް ޙައިރާންވާނެއެވެ. އެހެންވީމާ، އެބައިމީހުންގެ ބަދުނާމު ކުރުން ތިޔަބައިމީހުންނާއި ކުރިމަތިވާނެއެވެ.

5 ނަމަވެސް ތިޔަބައިމީހުން ވިސްނާށެވެ. އެބައިމީހުން މާތްރަސްކަލާނގެ ޙަޟްރަތަށް ދާންޖެހޭނެއެވެ. އެކަލާނގެއީ ހުރިހާ އެންމެންނާއި މެދު އިންސާފު ކުރައްވާނެ ފަރާތެވެ. ދިރިހުރި ކަމުގައިވިޔަސްމެއެވެ. އަދި މަރުވެ ދިޔަ ކަމުގައި ވިޔަސްމެއެވެ.

6 ޖިސްމާނީ ގޮތުން މަރުވެދިޔަ ފަރާތްތަކާއިމެދު ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވައިދެވުނީ މިސަބަބަށްޓަކައެވެ. އެއީ އެބައިމީހުންގެ ޙަޔާތުގައި ކުރި އަމަލުތަކަށް ޖަޒާ ދެއްވުމަށެވެ. އަދި އެބައިމީހުންގެ ރޫޙު މާތްރަސްކަލާނގެ އާއި އެކުގައި ވޮޑިގެންވެއެވެ.

7 ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.

8 ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.

9 ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.

10 އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.

11 މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


މާތްރަސްކަލާނގެ ރަޙުމަތަށް އެދި މަސައްކަތް ކުރުން

12 މަގޭ އިޚުލާސްތެރި އެކުވެރިންނޭވެ. ތިޔަބައިމީހުން އިމްތިޙާނު ކުރުމަށްޓަކައި ދިމާވެދާނެ ދިލަގަދަ ވޭންތަކާ މެދު ޙައިރާން ނުވާށެވެ. އަދި އެފަދަ ކަންތައްތަކަކީ ތިޔަބައިމީހުންނާއި ބީރައްޓެހި ކަންތައްތަކެއް ކަމުގައި ވެސް ނުދެކޭށެވެ.

13 އޭގެބަދަލުގައި އުފާކުރާށެވެ. އަލްމަސީޙު އުފުއްލެވިފަދަ ދިލަގަދަ ވޭނާއި އަނިޔާތަކެއް އުފުލުމުގައި ތިޔަބައިމީހުން ވެސް ޙިއްސާ ކުރެވޭތީއެވެ. އެއީ މަތިވެރި ނޫރުފުޅާއިއެކު އަލްމަސީޙު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނަށް އުފާވެރިކަން ނިހާޔަތަށް ލިބިދޭނެތީއެވެ.

14 އަލްމަސީޙުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމު ކުރަމުން ދާނަމަ އެއީ ތިޔަބައިމީހުންނަށް ލިބިދެނިވި ނިޢުމަތެކެވެ. ސަބަބަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ނޫރު ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވާތީއެވެ.

15 މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.

16 ނަމަވެސް މަސީޙީއެއްގެ ގޮތުގައި ވުމުން ލިބިދޭނެ ވޭނާއި މެދު ލަދުވެތިނުވާށެވެ. ތިޔަބައިމީހުންނަށް މަސީޙީއެއްގެ ގޮތުގައި ވުމަށް ލިބިދިން ޝަރަފަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރާށެވެ.

17 އިންސާފު ކުރެވޭ ދުވަހުން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އެކަލާނގެ ދަރިންނަށް އިސްކަމެއްދެއްވަތެވެ. އަދި އަހަރެމެން މަސީޙީން ވެސް އެއްކިބާ ނުކުރައްވާ އެކަލާނގެ އިންސާފު ކުރައްވަތެވެ. ވީއިރު އެ ހެޔޮޚަބަރުފުޅާ މެދު އީމާންނުވެ ދެކޮޅުވެރިވީ ފަރާތްތަކާ މެދު ހުރި ބިރެއް އަދި ކިހާ ބޮޑުވާނެ ހެއްޔެވެ؟

18 މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠ޞާލިޙު އިންސާނާ އަށް ސަލާމަތްވެ ހުރުމަކީ އުނދަގޫ ކަމަކަށް ވާނަމަ. ނުބައި ނުލަފާ އަދި ފާފަވެރިން ހަމަ ޔަޤީނުން ވެސް ވާނީ ގެއްލެނި ކުރެވިގެންނެވެ.⁠“

19 އެހެންވީމާ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ކަމާއެކު ވޭން ތަހައްމަލު ކުރާނަމަ ތިޔަބައިމީހުން ވެސް ޚަލްގުކުރެއްވި ވަފާތެރި ކަލާނގެއަށް ފުރިހަމައަށް އީމާންތެރިވެ ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބޭން ވާނެއެވެ.

© (Active), Wycliffe Bible Translators, Inc. All rights reserved.

Wycliffe Bible Translators, Inc.
ကြှနျုပျတို့နောကျလိုကျပါ:



ကြော်ငြာတွေ