ޔޫޙަންނާގެ ފުރަތަމަ ސިޓީ 1 - ކިތާބުލް މުޤައްދަސާއީސާގެފާނަކީ ދިރުން ދެއްވާ ބަސްފުޅު 1 އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ. 2 ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ. 3 ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ. 4 ވީމާ، އަހަރެމެން މި ލިޔުންތައް ލިޔެ ތިޔަބައިމީހުންނަށް މިއަންގަނީ އަހަރެމެންނާއިއެކު ތިޔަ ބައިމީހުންގެ އުފާވެރިކަން ވެސް ފުރިހަމަ ވުމަށްޓަކައެވެ. މާތްރަސްކަލާނގެ އަހަރެމެންގެ އެންމެހާ ފާފަތައް ޢަފޫކޮށްދެއްވާ 5 ތިޔަބައިމީހުންނަށް އިޢުލާނު ކުރުމަށްޓަކައި އީސާގެފާނު އަހަރެމެންނަށް އުނގަންނަވައި ދެއްވި ޚަބަރުފުޅަކީ މިއީއެވެ. އެއީ މާތްރަސްކަލާނގެއީ ފުރިހަމަ އަލިކަމެވެ. އެކަލާނގެ ކިބަފުޅަކަށް އެއްގޮތަކަށް ވެސް އަނދިރިކަމެއް ނުވޭމެއެވެ. 6 އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ. 7 މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ. 8 އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ. 9 ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ. 10 އަހަރެމެން ފާފަވެރި ނުވާކަމުގައި ބުނާނަމަ، އަހަރެމެންނަށް އެ ބުނެވެނީ މާތްރަސްކަލާނގެ އަކީ ދޮގުފަރާތެއް ކަމުގައެވެ. އަދި އެކަލާނގެ ބަސްފުޅު އަހަރެމެންގެ ހިތްތަކުގައި ނުވާކަމުގައެވެ. |
© (Active), Wycliffe Bible Translators, Inc. All rights reserved.
Wycliffe Bible Translators, Inc.