ތީތުސްއަށް ސިޓީ 2:13 - ކިތާބުލް މުޤައްދަސާ13 އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.“
މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.“
އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.
އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.
އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.