ހާމަކޮށްދެއްވުންތަކެއް 3:12 - ކިތާބުލް މުޤައްދަސާ12 ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން. အခန်းကိုကြည့်ပါ။ |
އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.
ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.
އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.
ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.“
ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.“