15 ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ.
ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ.
މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.
ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ.
ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ.
ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ.
ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ.